ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
20 ނޮވެންބަރު 2025
ޝައިޚު މުޙަންމަދު އައްޠާޙިރު ބްނު ޢާޝޫރާ
ޝައިޚު މުޙައްމަދު އައްޠާހިރު ބްނު ޢާޝޫރަކީ، ޓިއުނީޝިއާގެ އެންމެ އިސް މުފްތީއެވެ. އެ ޤައުމުގެ އެންމެ ބޮޑު ޢާލިމު އަދި ފަޤީހެވެ. އަދި، އޭނާއަކީ އެ ޤައުމުގެ އެންމެ ބޮޑު މިސްކިތުގެ ޝައިޚު އަދި އިމާމެވެ. އޭގެ އިތުރަށް، އޭނާއަކީ އިސްލާމީ މަޣުރިބުގެ މާލިކީ މަޒުހަބުގެ އިސް މުޢައްލިމެވެ. ޝެއިޚު މުޙައްމަދު އައްޠާހިރު ބިން ޢާޝޫރަކީ އެއްވެސް ބިރުފުޅުގަތުމެއް، ސިހުންފުޅެއް ނެތި ޙައްޤު ބަސް ވިދާޅުވި، ހިތްވަރުގަދަ ބޭފުޅެކެވެ. އިސްތިޢުމާރީންގެ ދުވަސްވަރު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށް، ދީނި ވަޢުޡު ވިދާޅުވުމުގެ ހުއްދަ، އެތައް ފަހަރަކު ބާޠިލުކުރެވުނެވެ.
ޓިއުނީޝިއާގެ މިނިވަންކަމަށް ފަހު، ޚުދުމުހުތާރު ވެރިޔާ ޙަބީބު ބުރުޤީބާ އިސްކޮށް ހުރެގެން އުފެއްދި، އައު ޢަލްމާނީ ވެރިކަމާ ދެކޮޅަށް ތެދުވެ ވަޑައިގަތުމުން، ސަރުކާރާއި ޝައިޚުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެހެންނަމަވެސް، ޝައިޚު ހުންނެވީ، އެ ޤައުމުގެ ޢިލްމުވެރިންގެ އެންމެ ކުރީ ސަފުގައެވެ.
ހުކުރު ޚުޠުބާ ދެއްވުމަށް، ޒައިތޫނާ މިސްކިތަށް ވަޑައިގަތުމުގެ ކުރީން، ސަހަރުގެ ޒަމާންވީ ބާޒާރުތަކުގެ ތެރެއިން ހިންގަވައިފައި ވަޑައިގަތުމަކީ ޝައިޚުގެ އާދަފުޅެކެވެ.
އެ ގޮތަށް ވަޑައިގަތް ދުވަހެއްގައި، އެ ޤައުމުގެ މިނިވަންކަމަށް ފަހު، އިސްލާމީ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ މުސްލިމު އަންހެނުންތަކެއް ބުރުގާ ނާޅައި، ޒީނަތްތެރިކަން ފާޅުކޮށް، ފިރިހެނުންނާ އެކު ބާޒާރުތަކުގައި މަސްހުނިވަމުން ދިޔަ މަންޒަރު ފެނިވަޑައިގަތެވެ. އެ ދުވަހު، އޭނާ ހެކިވެވަޑައިގަތީ، ޞަލީބީ ލަޝްކަރުތަކަށް އެތައް ޒަމާނެއް ވީއިރު ވެސް، ޙާސިލުނުކުރެވުނު ކަންތައްތައް ޙާޞިލުވަމުން ދިޔަ ހިތްދަތި މަންޒަރެވެ. އެ މަންޒަރު ފެނިވަޑައިގަތުމުން، އޭނާގެ ހިތްޕުޅަށް ވަރަށް ތަދުފުޅުވިއެވެ. މިއަދު، އެ ނުބައި ފާޙިޝު ޢަމަލުތައް ފެތުރެމުން އެ ދަނީ، އަންހެނުން ބުރުގާއާއި ހިޖާބުއެޅުން މަނާކޮށް ޙަބީބު ބުރުޤީބާ ނެރުނު ރަސްމީ ޤަރާރެއްގެ ބާރުގައެވެ.
އެ ތާރީޚީ ދުވަހު، ޝައިޚު ޠާހިރު ބިން ޢާޝޫރު، ޒައިތޫނާ މިސްކިތުގެ މިމްބަރަށް އަރައިވަޑައިގެން، ކޯފާވެވަޑައިގެން ހުންނަވައި، ފުރަތަމަ ޚުޠުބާގައި، ހުކުރު ނަމާދުގެ ޖަމާޢަތަށް ހާޒިރުވެ ތިބި މީހުންނަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ. [ބާޒާރުތަކުގައި ޢައުރަ ނިވާނުކޮށް އޮރިޔާމުން އުޅެނީ ކޮން ބަޔެއްގެ އަނބީންތަކެއްހެއްޔެވެ؟] ޖަމާޢަތަށް ހާޒިރުވެ ތިބި މީހުން ހިމޭނުން ތިއްބެވެ. އޭނާ އަނެއްކާ ވެސް ކޯފާގެ ރާގެއްގައި ސުވާލު ތަކުރާރުކޮށްލެއްވިއެވެ. [ބާޒާރުތަކުގައި ޢައުރަ ނިވާނުކޮށް އޮރިޔާމުން އުޅެނީ ކޮން ބަޔެއްގެ އަންހެން ދަރީންތަކެއްހެއްޔެވެ؟] އަނެއްކާވެސް އެއްވެސް މީހަކަށް ޖަވާބެއް ދޭން ނުކެރުމުން، ޝެއިޚު އިށީނދެ ވަޑައިގަތެވެ. އެއަށް ފަހު ދެވަނަ ޚުޠުބާއަށް ތެދުވެވަޑައިގެން ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ އަނބީން ބަރަހަނާވެފައި ތިބޭ ޙާލު، ތިޔަބައިމީހުން ކުރާ އެއްވެސް އަޅުކަމެއްގައި، އެއްވެސް ހެވެއް ނުވެއެވެ.] އެހެން ވިދާޅުވެފައި، ހުކުރު ނަމާދަށް ސަފުތައް ސީދާކޮށް [ނަމާދު ޤާއިމުކުރުމަށް] އެންގެވިއެވެ.
އެހެންކަމުން، އިސްލާމީ ތާރީޚުގައި އެންމެ ކުރު ހުކުރު ޚުޠުބާއެއް، އެންމެ ފުރަތަމަ ދެއްވިކަމަށް ބުނެވެނީ ޓިއުނީޝިއާގެ ޝެއިޚު މުޙައްމަދު އައްޠާހިރު ބިން ޢާޝޫރެވެ.
ޠާހިރު ބިން ޢާޝޫރު ވަނީ ޓިއުނީޝިއާގައި އެތައް އިމްތިޙާނަކާއި، މުޞީބާތްތަކެއް ތަޙައްމަލުކުރައްވައިފައެވެ. ޝައިޚު ވަނީ އޭނާގެ ޙަޔާތްޕުޅު އިސްލާމީ ޢިލްމު ފެތުރުއްވުމަށް ވަޤުފުކުރައްވައިފައެވެ. އޭނާ ވަނީ، ޙަބީބު ބުރުޤީބާ ދީނީ މުޢައްސަސާތައް އެކަހެރިކޮށް، އެއްފަރާތްކޮށް، ޒައިތޫނާ މިސްކިތް ބަންދުކޮށް، ވަޤުފުތައް އުވައިލައި، ތަޢުލީމީ ނިޒާމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއް ހުޅަނގުގެ ގޮތްތަކަށް ބަދަލުކުރި ކުރުން، ފުރަތަމަ ފަހަރަށް ދެކެވަޑައިގެންފައެވެ. ޒަމާނީކުރުމާއި، ތަރައްޤީއާއި، ފާގަތިކަމާއި، ތަނަވަސްކަމުގެ ނަމުގައި އަނިޔާވެރި ބުރުޤީބާ ހިންގި މަޝްރޫޢުތަކުން، ޓިއުނީޝިއާގެ މުސްލިމުންނަށް އޮޅުވައިލީއެވެ. އެމީހުން މަގު ފުރެއްދީއެވެ.
ފާޅުކަން ބޮޑު ގޮތެއްގައި މުސްލިމުން ރުޅިއެރުވުމަށް ޓަކައި، ބަރަކާތްތެރި ރަމަޟާން މަހު ރޯމާދުވާލު، ރޯދަމަހުގެ ޙުރުމަތް ކަނޑައިލައި، ޖޫސްތައްޓެއް ހިފައިގެން ބުރުޤީބާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ހުރެ، ރޯދަހިފުމަކީ އިޤުތިޞާދީ ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއެޅޭ ކަމެއްކަމަށް ބުނެ، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދަކުރާނޭ ފަތުވާއެއް ނެރެދެއްވުމަށް މަޝްހޫރު ޢިލްމުވެރިޔާ ޠާހިރު ބިން ޢާޝޫރުގެ ކިބައިން އެދުނެވެ. ޝައިޚު ޠާހިރު ބިން ޢާޝޫރު ރައްޔިތުންނާ މުޚާޠަބުކުރައްވައި، ތިރީގައި މިވާ އާޔަތް ވިދާޅުވެ ދެއްވިއެވެ.
)يَٰأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَىٰ ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ. (އަލްބަޤަރާ: 183) [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށް ޓަކައެވެ.] (
އަދި، ޠާހިރު ބިން ޢާޝޫރު ނިންމަވާ ލައްވަމުން ވިދާޅުވިއެވެ. [މާތް ﷲ ގެ ވަޙީ ބަސްފުޅަކީ ޙައްޤު ތެދެވެ. އަދި ބުރުޤީބާ ދޮގު ހަދައިފިއެވެ.] އެއަށްފަހު، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ރޯދަ ދޫކޮށްލުމަށް އަމުރުކުރާކަށް ބުރުޤީބާއަކަށް ނުކެރުނެވެ.
ޝެއިޚް މުޙައްމަދު އައްޠާހިރު އިބުނު ޢާޝޫރު އަވަހާރަވީ، ފަރަންސޭސި އިސްތިޢުމާރުގެ ކުރިމަތީގައި އަހަރުތަކެއް ވަންދެން ސާބިތުކަމާއެކު ޖިހާދުކުރެއްވުމަށް ފަހު، އޭގެ ފަހުން ޓިއުނީޝިއާގެ މުޖުތަމަޢުން އިސްލާމް ދީނުގެ ނުފޫޒާއި، ބާރު ކަނޑުވައިލުމަށް މަސައްކަތްކުރި އައު ޢަލްމާނީންނާއި، ބުރުޤީބާގެ ވެރިކަމާ ދެކޮޅަށް ކުރި ބުރަ މަސައްކަތްޕުޅުތަކަށް ފަހު، ޢަލްމާނީ ވެރިކަމުގެ ފަރާތުން އަހަރުތަކެއް ވަންދެން އޭނާ އެކަހެރިކޮށްލެއްވުމަށް ފަހުއެވެ. ޝެއިޚް ޠާހިރު ބިން ޢާޝޫރުގެ ޙަޔާތްޕުޅުގެ ފަހުގެ އަހަރުތަކުގައި އުޅުއްވީ ހިތާމައާއި ހިތްދަތިކަމުގައެވެ. އޭނާގެ ޤައުމު، ޓިއުނީޝިއާއިން އީމާންކަން ދޫކޮށްލައި، އިސްލާމްދީން އެއް ފަރާތްކޮށް، ދީނީ މުއައްސަސާތަކުގެ ދައުރު އުވައިލުމަށް މަސައްކަތްކުރި ބުރުޤީބާގެ ޢަލްމާނީ ފިކުރު، ރައްޔިތުން ގަބޫލުކުރި ތަން ފެނިވަޑައިގަތުމުން، އޭނާގެ ސިކުނޑިފުޅާއި ހިތްޕުޅު ހަލާކުވިއެވެ.
ޝައިޚު ޠާހިރު ބިން ޢާޝޫރު އަވަހާރަވީ 12 އޮގަސްޓް 1973 ގައި، ޢުމުރުފުޅުން 94 އަހަރުފުޅުގައި، އިސްލާމް ދީނާއި ޤައުމަށް ދިމާވި ކަންކަމުގެ ހިތިކަން ހިތްޕުޅުގައި ޖަމާކުރައްވައިގެން އޮންނަވަނިކޮށެވެ. ނަމަވެސް، އޭނާގެ ހަނދާންތައް އައު ކުރެވޭނީ ޢިލްމާއި، އީމާންކަމުގެ އަލިގަދަ ދަންމަރެއްގެ ގޮތުގައެވެ. އޭގެ އިތުރަށް، ޓިއުނީޝިއާއާއި، އިސްލާމީ މަޣުރިބާއި، އަދި ހަމަކަށަވަރުން މުޅި އިސްލާމީ ދުނިޔެއަށް ޢިލްމުގެ އަލިކަން ފެތުރުއްވި ބޮޑު ޢާލިމެއްގެ ގޮތުގައެވެ. މިއަދު އަޅުގަނޑު، އޭނާގެ މަތިން ހަނދާން އައުކޮށް، އޭނާގެ ފާފަތައް ފުއްސަވައި، ރަޙުމަތް ލެއްވުން އެދި، މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ބުރުޤީބާއާއި ޢަލްމާނީ އެ ފަދަ ހުރިހައި އަނިޔާވެރި، ވެރިންނަށް ލަޢުނަތް ލައްވާށިއެވެ! އާމީން.
މަރުޖާ:
އަލްޖަޒީރާ ނެޓް އެންސައިކްލޮޕީޑިއާ: "މުޙައްމަދު އައް ޠާހިރު ބިން ޢާޝޫރު: އިސްލާމީ ފިޤުހު ޢިލްމުވެރިޔާ އަދި ޓިއުނީޝިއާގެ މުޢައްލިމު"