އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
20 ނޮވެންބަރު 2025
އިސްރާއީލުން ލުބުނާނަށް ރޭ ދިން ޢުދުވާނީ ޙަމަލާ
ޢަރަބި އަދި އިސްލާމީ ގައުމުތަކަށް އިސްރާއީލު ދަސްނުވަނީ ކީއްވެބާވައެވެ؟ އެ މީހުންނާ އެކު ސުލްހަ ގާއިމު ކުރާން އެއްބަސްވުން އެކުލަވައިލާ އިރު، އެ މީހުންގެ ސުލޫކާއި ގަބޫލުކުރާ ގަބޫލުކުރުންތަކާ މެދު ނުވިސްނަނީ ކީއްވެބާވައެވެ؟ ނަމަވެސް އެ ގައުމުތަކަށް ނުވިސްނޭ އެއްޗެއް އަޅުގަނޑަށް ވިސްނޭނެކަމަށް ގަބޫލުކުރާނީ ވެސް ވަކި ކިހިނެއްހެއްޔެވެ؟
އިސްރާއީލުގެ ތާރީޚަށް ބަލާ އިރު، އެ މީހުންނަކީ ވައުދަށް ޙުރުމަތްތެރިކޮށް ހިތައިފައިވާ ބަޔެއް ނޫނެވެ. އެހެންކަމުން މުސްތަގުބަލުގައި ވެސް އެ މީހުންނަކީ ވައުދަށް ޙުރުމަތްތެރިކޮށް ހިތާނެ ބަޔެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެމީހުންގެ ޝައިޠާނީ ގަބޫލުކުރުމަކީ [އެއީ މާތް ﷲ ހެއްދެވި އެންމެ މާތް މާ މަތިވެރި މަޚުލޫޤުންނެވެ. އެ މީހުންގެ ދީނުގެ މީހުން ފިޔަވައި އެހެން މީހަކު މަރައިލުމަކީ އެ މީހުންނަށް ފާފައެއް ނޫނެވެ. ވާޖިބެކެވެ. ފަލަސްތީނީންނަކީ އިންސާނުންނެއް ނޫނެވެ. އެއީ ޖަނަވާރު އިންސާޏުންނެވެ. އަދި ފަލަސްތީނުގެ ބިމަކީ އިސްރާއީލު މީހުންނަށް މާތް ﷲ ވަޢުދުކުރައްވައިފައިވާ ބިމެކެވެ. އެ ބިން ކޮންމެ ގޮތަކުން ވެސް ހޯދުމަކީ އެ މީހުންގެ މައްޗަށް އޮތް މުގައްދަސު ވާޖިބެކެވެ.]
މި ފަދަ ނުބައި ޝައިޠާނީ ގަބޫލުކުންތަކެއް ގެންގުޅޭ ބަޔަކު، އެހެން ބަޔަކާ އެކު ކުރާ އެއްބަސްވުމަކަށް ޢަމަލުކުރާނެކަމަށް ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އެ މީހުން އެ ގެންދަނީ އެ މީހުން ގަބޫލުކުރާ [ބޮޑު އިސްރާއީލު] ބިނާކުރުމަށް ޓަކައި ކައިރީގައި ހުރި ބިންތައް ފޭރުމުގެ މަސައްކަތް ރޭޥުންތެރިކަމާއި އަނިޔާވެރިކަމާއެކު ކުރަމުންނެވެ. ފަލަސްތީނު އެ އޮތީ ސުންނާފަތިކޮށްލައިފައެވެ. ދުވަހަކު ވެސް ފަލަސްތީނުގެ ދައުލަތެއް ވުޖޫދުނުވާނެ ގޮތަށް ޢަރަބި ގައުމުތަކުގެ ރުހުމާ އެކު އެމެރިކާއިން އެ ވަނީ އެއްބަސްވުމެއް ފައްކާކޮށްފައެވެ. އެމެރިކާގެ ފުރިހަމަ މަދަދާ އެކު، ސޫރިއާގައި ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށް އެ ތާނގެ ދުވަސްވަނީ ދުއްވައިލައިފައެވެ. ގޯލާންގެ އުންބިންތައް ވަނީ ފޭރިގެންފައެވެ.
ލުބުނާނު ފޭރިގަތުމަށް ޓަކައި މިހާރު ވެސް އަސްކަރީ ޙަމަލާތައް ދެނީއެވެ. ސުލްހައިގެ އެއްބަސްވުމޭ ކިޔައިގެން ފާޑެއްގެ ލިޔުމެއްގައި ސޮއިކޮށްފައި އޮއްވައެވެ. އިއްޔެއާއި ރޭ ދަންވަރު ވެސް ދެކުނު ލުބުނާކަށް ވައިގެ ގިނަ ޙަލަމާތަކެއް އިސްރާއީލުން ވަނީ ދީފައެވެ. އެ މީހުން ދިން ޙަމަލާއެއްގައި 14 މީހަކު މަރުވެފައި ވަނިކޮށް އަނެއްކާ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ.
އަނެއްކޮޅުން އެތައް ބަޔަކު ޝަހީދުވެ، ޒަޚަމުވި ވައިގެ އެތައް ޙަމަލާތަކެއް އިއްޔެއާއި ރޭވެސް ޣައްޒާގެ ރަފަޙާއި ޚާނު ޔޫނިސަށް ވަނީ ދީފައެވެ.
އަދި ލުބުނާނުގައި ހުރި ފަލަސްތީނުގެ ރެފިޔުޖީ ފޭލިގެއަކަށް މި ދިޔަ އަންގާރަ ދުވަހު ޙަމަލާދީ މަދުވެގެން 13 މީހަކު ޝަހީދުކޮށްލިއެވެ. އަދި ލުބުނާނުގެ އެތައް ސިޓީއަކަށް ވެސް ޙަމަލާދީ އެތައް ބަޔަކު ވަނީ މަރައިލައިފައެވެ.
މި ވަރުން ނިމުނީކީ ނޫނެވެ. އެ މީހުންގެ އަނިޔާވެރި ޙަމަލާތައް މިހާރު ވެސް ކުރިއަށްގެންދަނީއެވެ. އިއްޔެ އެކަނި ވެސް ޑުރޯނު ޙަމަލައެއްގައި ފަލަސްތީނުގެ 23 މީހަކު ޝަހީދުކޮށްލިއެވެ.
ޓުރަންޕުގެ މަކަރުވެރި [ސުލްޙައިގެ] އެއްބަސްވުން އެކުލަވައިލި ފަހުން އެކަނި ވެސް ޣައްޒާއަށް މިހައި ތަނަށް 393 ޙަމަލަ ވައިގެ މަގުން ވަނީ ދީފައެވެ. މި ބާރުގަދަ އަނިޔާވެރި ޙަމަލާތަކުގައި 280 މީހުން ޝަހީދުވެ 672 މީހަކު ވަރަށް ބޮޑަށް ޒަޚަމުވެފައިވެއެވެ. މި ކަމާ ގުޅިގެން އެ ބުނާ [ސުލްޙައިގެ އެއްބަސްވުން] ވުޖޫދުގައި އޮތްކަމަކަށް ހަމަބުއްދި ހުރި އެކަކު ވެސް މިހާރު ގަބޫލެއް ނުކުރެއެވެ.
ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން ޣައްޒާގައި ހިންގި ނަސްލުހޭދުގައި މިހައި ތަނަށް މަދުވެގެން 69513 މީހުން ޝަހީދުވެ 170745 މީހަކު ޒަޚަމުވެފައިވާކަމަށް މީޑިއާއަށް ހާމަވެފައިވާ ތަފާސްހިސާބުތަކުން ސާބިތުވެއެވެ.
އެމެރިކާގެ ރައީސު ޑޮނަލްޑް ޓުރަންޕު ވަނީ ޣައްޒާގައި އަނިޔާވެރި ޙަމަލާ ހުއްޓައި ސުލްޙަ ގާއިމުވެއްޖެކަމަށް އިޢޫލާނުކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ ފަސާދަވެރި ޝައިޠާނީ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ބުނަނީ އެ މީހުން ޣައްޒާގައި ހިންގާ [ހަނގުރާމަ] އަދި ނުނިމޭކަމަށެވެ.
ވީމާ، އިސްރާއީލާ އެކު ސުލްޙަވެރިކަމެއް ގާއިމެއް ނުކުރެވޭނެއެވެ. އެ މީހުންގެ ފުށުން ދުނިޔެއަށް ހަމަޖެހުމެއް ގެންނާން ބޭނުން ނަމަ، އަދި އެ މީހުންގެ އަނިޔާވެރިކަމުން މުސްލިމުން ސަލާމަތްކުރާން އެދޭ ނަމަ، ދުނިޔޭގެ މުސްލިމު ހުރިހައި ގައުމަކުން ޙަމާސާއި އީރާނާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ޖިހާދުކޮށް އެ މީހުން ގިއްގަޅުވައިލުން ނޫން ގޮތެއް ނެތެވެ. ނަމަވެސް މިއީ ދުނިޔޭގެ އޮއިވަރަށް ބަލާ އިރު، އަދި ވުން އެކަށީގެންވާ ކަމެއް ނޫނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މުސްލިމުންނަށް ވެފައި މި ތިބީ ފަހެ ކޮން ގޮތެއްހެއްޔެވެ؟ (މަޢުލޫމާތު: އަލްޖަޒީރާ)
ލަފުޒެއްގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު. genocide