އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
17 ނޮވެންބަރު 2025
ދާރުއްސަލާމް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. . . . (ފޮޓޯ: އިސްލާމިކް ސްޓޫޑިއޯ)
އިސްލާމީ ވަޤުފުގެ ތާރީޚު މީގެ 1400 އަހަރުގެ ކުރިއާ ހަމައަށް ފޯރައެވެ. މި ކަން ފެށުނީ ދެމިގެންވާ ޞަދަޤާތަށް (ޞަދަޤަތުން ޖާރިޔާއަށް) ކައުސާހިބާ ދެއްވި ހިތްވަރުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ވަޤުފެއްކަމަށް ބެލެވެނީ ޤުބާ މިސްކިތެވެ. އެއީ ކައުރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ މަގުމަތީގައި ޤުބާގައި ބިނާކުރެއްވި މިސްކިތެވެ. އެއީ ވަޤުފު ބިނާއެކެވެ. އޭގެ ފަހުން ރުމާހުގައި ސައްޔިދުނާ ޢުޘްމާނުބްނު ޢައްފާން ބިނާކުރެއްވި ފެންވަޅަކީ މި ފަދަ ދެވަނަ ވަޤުފުކަމަށް ބެލެވެއެވެ.
ވަޤުފަކީ މިސްކިތާއި މަދަރުސާ ބިނާކުރުމާއި ތަޢުލީމީ ކަންކަމަށާއި އިޖުތިމާޢީ ޚިދުމަތްތަކަށް ހޭދަކުރުމަށް ޓަކައި ގާއިމުކުރެވޭ އިޖުތިމާޢި ފަންޑެކެވެ. ކައު އިތުރު ރަސޫލާގެ ޒަމާނުން ފެށިގެން ކުރިއަރަމުން އައި ވަޤުފުގެ މި ނިޒާމު، ހިޖުރައިން އަށްވަނަ ޤަރުނާ ހަމައަށް އައި އިރު އޮތީ ވަރަށް ބޮޑަށް ފުޅާވެފައެވެ. މި ނިޒާމުގެ ތެރެއިން ރިއަލް އެސްޓޭޓްގެ ވިޔަފާރި ވެސް ފެށި. މާލީ އާ ނިޒާމެއްގެ ގޮތުގައި ކުރިއަރައިގެން ދިޔައެވެ. ނަމަވެސް ވަޤުފުގެ ނިޒާމަށް، އިސްތިޢުމާރީ ބާރުތަކުގެ ސަބަބުން މީލާދީން 19ވަނަ ގަރުނުން ފެށިގެން ހީނަރުކަން އަންނާން ފެށިއެވެ. އަދި ފަހުންފަހުން އައިސް އެކި ސަރުކާރުތަކުން ވަގުފާ މެދު އިހުމާލުވާން ފެށިއެވެ.
މި ހުރިހައި ހުރަސްތަކަކާއި ގޮންޖެހުންތަކާ އެކު ވެސް ވަޤުފަކީ މުޅީން ހަލާކުކޮށް ނައްތައިނުލެވޭނެ ދާއިމީ ޞަދަޤާތުގެ ޢަމަލެއްކަމުގައި އިސްލާމީ މުޅި ތަރީޚުގައި ވެސް މިއަދާ ހަމައަށް ދެމިއޮތެވެ.
އާދޭހެވެ! ވަޤުފު ނުވަތަ އައުޤާފުގެ މި [މުއައްސަސާ]އަކީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން މުހިންމު މަފުހޫމެއްގެ ގޮތުގައި މިއަދާ ހަމައަށް އެބަ ދެމި އޮތެވެ. ހަގީގަތުގައި ވަގުފުގެ ގޮތުގައި އެއްޗެއް ނުވަތަ ތަނެއް ކަނޑައެޅި އިޢުލާނުކުރުމަށް ފަހު، އެ އެއްޗެއް ނުވަތަ ތަނެއް މީހަކަށް ދީ ނުވަތަ ވިއްކައެއް ނެހެދޭނެއެވެ. ވަގުފަކީ އެއަށްވުރެ މާ މުގައްދަސު އެއްޗެކެވެ.
މިއަދު ވަޤުފުގެ މި ނިޒާމަކީ ދެމިގެންވާ ޞަދަޤާތެއްގެ ގޮތުގައި އިސްލާމީ ޤައުމުތަކުގައި ފުޅާވަމުން އަންނަ ނިޒާމެކެވެ. މެލޭޝިއާއާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ވަޤުފުގެ ސަބަބުން ރައްޔިތުންނަށް ޙައްޖުގެ ދަތުރުގެ ބޮޑު ބައެއް ވަޤުފު ފަންޑުން ދައްކައިދެއެވެ. މިސްކިތްތަކަށް މުދިމުންނާއި އިމާމުން ލައްވައެވެ. އިސްލާމީ މަދަރުސާތަކާއި ހޮސްޕިޓާލުތައް ބިނާކޮށް ހިންގައެވެ.
ދިވެހިރާއްޖޭގައި ވެސް ވަޤުފުގެ ނިޒާމެއް ޒަމާނުއްސުރެ އޮތެވެ. މިސްކިތްތައް ބެލެހެއްޓުމަށާއި އިޖުތިމާޢީ އެހެންކަންކަމަށް، ރުއް ބާލުތަކާއި ހިންނެ ފަދަ ތަންތަނާއި ބައެއް ފަޅުރަށްރަށާއި ބިންބިން [ބޯގަ]އިގެ ނަމުގައި އަދި ވަޤުފުގެ ނަމުގައި ވެސް ދައުލަތުން ވަގުފުކޮށްފައި ހުއްޓެވެ. އަދި ރާއްޖޭގެ ފުރަތަމަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމަކަށް ކިޔައިފައިވަނީ ވެސް [ވުޒާރަތުލްއައުޤާފު]އެވެ. މި ކަމުން ވެސް ދިވެހިރާއްޖެއިން ވަޤުފުތަކަށް ދެއްވައިފައިވާ އަހަންމިއްޔަތު ސާފުވެއެވެ. ނަމަވެސް މުޅި ދުނިޔޭގައި ވެސް އައުޤާފުގެ ކަންކަމަށް އައި ހީނަރުކަމާ އެކު، އެ އޮއިވަރުގައި ވަޤުފުގެ ކަންކަމަށް ދިން ސަމާލުކަން މުޅީން ނެތިގެން ދިޔައެވެ. މާލޭގައި ހުރި ވަގުފު ބިންތައް ވެސް ކޮންމެވެސް ސަރުކާރަކުން، އއ. ތޮއްޑޫ ފަދަ ރަށްރަށަށް ބަދަލުކުރެއްވިއެވެ. އަދި މިސްކިތްތަކުގެ ބޯގަތަކާއި ވަގުފު ރަށްރަށް ވެސް އެ ގޮތްމިގޮތަށް ބަދަލުކޮށް ވަގުފުގެ ނިޒާމު ނައްލައިލެވުނެވެ. ހަގީގަތުގައި މިއީ ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ.
އިސްވެ ދަންނަވައިލެވުނު ފަދައިން ދިވެހިރާއްޖޭގައި ވަޤުފުގެ ކަންކަމަށް ދެވިފައި އޮތް އަހަންމިއްޔަތު ގާތްގަނޑަކަށް ނެތިފައިވަނިކޮށް މީލާދީން 2013އިން 2018އާ ދެމެދު އަނެއްކާ ވެސް ދިވެހި ސަރުކާރުން އައުޤާފަށް (ވަޤުފުތަކަށް) ޚާއްޞަ އިސްކަމެއް ދެއްވި ތަން ފެނުނެވެ. މި ކަން މިހެން އޮއްވައި، އަނެއްކާ 2023އިން ފެށިގެން، އާ ބާރަކާ އެކު، ވަގުފުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ސަރުކާރުން ދެއްވިކަން ފާހަގަކުރެވެއެވެ. މިހާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިއްޕަވައިފައިވަނީ ވަޤުފުގެ ނިޒާމު ހަރުދަނާކުރައްވައިގެން އިސްލާމީ ޚިދުމަތުގެ ދާއިރާ، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ފުޅާކުރެއްވުމަށެވެ.
ކުރީން ވެސް ދެންނެވި ފަދައިން 2013ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން އައުޤާފަށް ޚާއްޞަ ސަމާލުކަމެއްދެއްވައިގެން ރާއްޖޭގައި މި ޒަމާނުގެ މަފުހޫމަށް [ދާރުލްއީމާނު]ގެ ނަމުގައި ފުރަތަމަ ބިނާކުރެވުނު ވަޤުފު ޢިމާރާތް ރަސްމީކޮށް ހުޅުވުނީ 2017 ޖަނަވަރީ 13ގައެވެ. މި ޢިމާރާތް ބިނާކުރެވިފައިވަނީ މާފަންނު މަދަރުސާގެ ހުޅަނގުން ހަމަ އެ ކޮށީގައެވެ. މި ޢިމާރާތުގެ އެކި ބައިތައް އޮފީސް ޖާގަތަކަށް ކުއްޔަށް ދޫކުރައްވައިގެން ލިބޭ އާމްދަނީ ހޭދަކުރައްވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި މިސްކިތްތައް ބިނާކުރުމަށާއި މިސްކިތްތަކުގެ އާބާތުރަފިލުވުމަށް ޓަކައެވެ.
ކުރީން ދާރުލްއީމާނުގެ ނަމުގައި ބިނާކުރެވުނު ވަގުފު އިމާރާތަށް ފަހު، މިއަދު މި ވަނީ މި ފަދަ އެހެން އިމާރާތެއް ބިނާކުރުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. [ދާރުއްސަލާމު]ގެ ނަމުގައި ހުޅުމާލޭގައި މި ބިނާކުރާ ޢިމާރާތަކީ މި ފަދަ ވަޤުފު ޢިމާރާތެކެވެ. މާލޭގެ މުހިންމު ހިސާބެއްގައި، ކިޔަވައިދޭ އިސްކޫލަކާއި އަޅުކަންކުރާ މިސްކިތެއްގެ ކައިރީގައި، [ދާރުލްއަރުޤަމު]ގެ ނަމުގައި ބިނާކުރާ ވަޤުފު ޢިމާރާތުގެ ބިންގާއެޅުން މި މަހު 19ވަނަ ދުވަހު އޮންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މީގެ އިތުރަށް [ބުރުޖުއްނޫރު] (ނުވަތަ ނޫރު ޓަވަރު)ގެ ނަމުގައި ވެސް މާލޭގައި އުސް ޢިމާރާތެއް ބިނާކުރެއްވުމަށް ޓަކައި ބިން ހަމަޖެހި ފުރިހަމަކުރައްވާން ޖެހޭ އިޖުރާއީ ކަންކަން މިހާރު ފުރިހަކުރައްވަމުން އެބަ ގެންދަވައެވެ. މާލޭ ސަރަހައްދުގައި ބިނާކުރެވޭ މި ބިނާތަކުގެ ސަބަބުން މާލޭގެ މަލަމައްޗަށް ޒީނަތްތެރިކަން އައުމުގެ އިތުރަށް، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އެހީވުމަށް ޓަކައި އަހަރެއްގެ މައްޗަށް އެތައް މިލިއަން ރުފިއާއެއް ލިބޭނެއެވެ. ނަތީޖާއަކަށްވާނީ ބަޖެޓުގެ ދަތިކަމުގެ ސަބަބުން އިސްލާމީ ކަންކަމަށް ޚަރަދުނުކުރެވި ތިބޭންނުޖެހުމެވެ. އިސްލާމީ ދަޢުވަތު ފެތުރުމާއި އިސްލާމީ އެހެނިހެން ޙަރަކާތްތަކުގެ ދުވެލި ބާރުވެ، އިސްލާމީ ޙަރަކާތްތައް ރާއްޖޭގައި އިތުރުވެގެން އައުމެވެ.
ފާހަގަކޮށްނުލައި ދޫކޮށްނުލެވޭނެ ހަގީގަތަކީ މި ފަހަކަށް އައިސް އިސްލާމީ އައުޤާފަށް ދިވެހި ދައުލަތުން ޚާއްޞަ އިސްކަމެއް ދެއްވި ކޮންމެ ހިނދެއްގައި ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ހުންނަވަނީ ޑރ. މުޙަންމަދު ސަޢީދު ޢަލީ ސަޢީދުކަމެވެ. މި ފަހަކަށް އައިސް ކޮންމެ ސަރުކާރަކުން ވެސް އައުޤާފަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކޮންމެ ހިނދެއްގައި ވަގުފުގެ ކަންކަން ކުރިއަށް ގެންދަވާން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވަނީ ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދެވެ.