ހުސައިން ނައުޝާދު
15 ނޮވެންބަރު 2025
މެދުއިރުމައްޗަކީ އެމެރިކާއާއި ވިލާތުގެ ގައުމުތަކަށް މުހިންމު ސަރަހައްދެކެވެ. ސަބަބަކީ އެ ރަޙައްދުގައި މާތް ﷲ ލައްވައިފައިވާ ޤުދުރަތީ މުއްސަނދިކަމެވެ. އެހެންކަމުން އެ ސަރަހައްދުގެ ތެލާއި މަޢުދަންތަކުން ނަފާ ހޯދުމަކީ އެ މީހުންގެ އަބަދުގެ އެދުމެވެ. އެފުރިކާގެ ފަގީރު ގައުމުތަކާއި މެދުއިރުމަތީގެ ގާތްގަނޑަކަށް ހުރިހައި ގައުމެއްގައި އެ މީހުން އަސްކަރީ މަރުކަޒުތައް ބިނާކޮށް ތަފާތު އެއްބަސްވުންތައް ގާއިމުކުރަނީ އެހެންވެގެންނެވެ. އެހެންކަމުން މެދުއިރުމަތީގައި ވަކިހިއްޕައިގެން ތިބުމަކީ އެ މީހުންގެ އެންމެ ބޮޑު ބޭނުމެވެ.
އެމެރިކާއާއަކީ ދުނިޔެއޭ މި ކިޔާ ބޯޅައިގެ އަނެއް ފަރާތުގައި އޮންނަ ގައުމެއްކަމަށްވާތީ އަސްކަރީ ގޮތުން ވެސް އެ މީހުންނަށް ދުނިޔޭގެ މި ފަޅީގެ ގައުމުތަކަށް ބާރުފޯރުވުމަކީ މެދުއިރުމަތީގައި އެ މީހުންގެ ވުޖޫދު ނެތި ކުރެވޭނެ ކަމެއް ނޫނެވެ. ހަގީގަތުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔާ ޣައިރުޤާނޫނީ ދައުލަތެއް ގާއިމުކުރުމުގެ އެއް ބޭނުމަކީ ވެސް މެދުއިރުމަތީގައި އެ މީހުންގެ ވުޖޫދު ގާއިމުކުރުމެވެ.
އެމެރިކާގެ ފުރިހަމަ މަދަދާއި އެއްބާރުލުމާ އެކު، ޣައްޒާ ތަޅައި ސުންނާފަތިކޮށްލުމަށް ފަހު، އެ ތަން ބިނާކުރުމުގެ ނަމުގައި ހިންގާ ޙަރަކާތުގެ ތެރެއިން މި ފަހަކަށް އައިސް އިވުނު އެއް އަޑަކީ ޣައްޒާ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ބިނާކުރާން އުޅޭ ވާހަކައެވެ. އެއީ ތެދަކަށްވުމަކީ ކައިރި ކަމެކެވެ.
ނަމަވެސް ޕެންޓަގަންގެ އިސް އޮފިޝަލަކު މި ދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ ޣައްޒާ ސަރަހައްދުގައި އެމެރިކާގެ އެއްވެސް ލަޝްކަރެއްގެ ވުޖޫދެއް ނޯންނާނެކަމަށެވެ. ހަމަ މިއާ އެކު، އޭނާ އެއްބަސްވި ގޮތުގައި ފަލަސްތީނުގެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފައުޖެއް ގާއިމުވެ ބޭއިތިއްބުމާ ބެހޭ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް އެބަދެއެވެ. އެ ބުނާ [ބައިނަލްއަގުވާމީ]ގެ މާނައަކަށްވާނީ އެމެރިކާގެ ކޮންޓުރޯލު އޮންނަ ބައިގަނޑެކެވެ.
އެމެރިކާގެ އަސްކަރީ ވުޖޫދެއް ޣައްޒާ ސަރަހައްދުގައި ގާއިމުވެ ތިބޭން ރާވާކަމުގެ ޚަބަރު އިސްރާއީލުގެ މީޑީއާތަކުން ވެސް ފެތުރިއެވެ. ނަމަވެސް ޕެންޓަގަންގެ އިސް އޮފިޝަލު ބުނީ އިސްރާއީލުގެ މީޑިއާތަކުން ފެތުރި އެ ޚަބަރަކީ ތެދު ވާހަކައެއް ނޫންކަމަށެވެ. މި ކަމުގެ ތަފުސީލެއް އޭނާއެއް ނުދެއެވެ. މި ވާހަކަ މިހެން ބުނުމާ އެކު އޭނާ އިޢުތިރާފުވި ގޮތުގައި ރޭވުންތައް ރާވާ ޖަމާޢަތެއްގެ ގޮތުން އެމެރިކާގެ އަސްކަރީ މީހުން ބައިނަލްއަގުވާމީ ބައިވެރީންނާ އެކު މަސައްކަތްކުރަމުން ގެންދަނީ އޭގެ ބަދީލެއްގެ ގޮތުން ބައިނަލްއަގުވާމީ ފައުޖެއް އެ ސަރަހައްދުގައި ބޭއްވުމާ ބެހޭ ކަންތައްތަކުގައެވެ. މި ފައުޖުވާނީ ކުރިމަގުގައި އެ ތާނގައި ގާއިމުކުރާ [ހަމަޖެހުން ގާއިމުކުރާ ބައިނަލްއަގުވާމީ ބާރު] (އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް – އައިއެސްއެފް)ގެ ބައެއްކަމަށެވެ.
[އައިއެސްއެފް އުފެއްދުން ވާނީ އެމެރިކާގެ ރައީސްގެ ސުލްޙައިގެ ދަތުބީރަށް އެހީތެރިވާ ބާރަކަށެވެ.] އެމެރިކާގެ އޮފިޝަލް އިތުރަށް ބުނެފައިވެއެވެ. ނަމަވެސް ހަމަ އެއާ ވިއްދައިގެން އޭނާ ބުނީ [އެމެރިކާގެ ލަސްކަރެއް ޣައްޒާއަކަށް ނުގެންދާނެ]ކަމަށެވެ. [މި ކަމަށް ބާރުދީ މީޑިއާގައި ކުރާ ކޮންމެ ރިޕޯޓަކީ ކަނޑައެޅިގެން ދޮގެކެވެ.]
ނަމަވެސް އިސްރާއީލުގެ މީޑީއާތަކުން ކުރީން ބުނެފައިވަނީ އެމެރިކާއިން ތަދުބީރުކޮށްފައިވަނީ 500 މިލިއަން ޑޮލަރުގެ އަގުހުރި އަސްކަރީ މަރުކަޒެއް ގާއިމުކުރާންކަމަށާއި އެއީ ޣައްޒާގެ ސަރަހައްދީ އިމުގެ ކައިރީގައި އެތައް ހާސް ލަޝްކަރަކަށް ޖާގަ ތަނަވަސްވާނެ މަރުކަޒެއްކަމަށެވެ.
މި ވާހަކަތަކުންނާއި އެމެރިކާގެ އޮފިޝަލުގެ ވާހަކަތަކުން ދޭހަވަނީ ސީދާ ޣައްޒާއޭ ކިޔާ ސަރަހައްދުގައި ނޫނަސް ޣައްޒާއާ އިންވެގެން އިސްރާއީލުގައި ނުވަތަ އެހެން ގައުމެއްގައި ނަމަވެސް އެމެރިކާއިން އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ ތަދުބީރެއް ރާވައިފައި އެބަ އޮތްކަމެވެ. ކުރީން ޓުރަންޕު ދައްކައިފައިވާ ވަހަކަތަކަށް ބަލާ އިރު ވެސް އެމެރިކާގެ ވުޖޫދު އެ ސަރަހައްދުގައި ބޭއްވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. އޭރުން ފަލަސްޠީނަށް ނިކަމެތިކަން ލިބުން ނޫން ކަމެއް ނުވާނެއެވެ. އެހެނީ އެމެރިކާއަކީ އިސްރާއީލުގެ އެންމެ ގާތް މިތުރުކަމަށް ވާތީ، އިސްރާއީލަށް މޮޅުވާ ގޮތަކަށް ނޫނީ އެމެރކާއަކުން އެއްވެސް ކަމެއް ނުކުރާނެއެވެ.
ހިތާމައަކީ އަދިވެސް ޢަރަބި ގައުމުތަކުން އެމެރިކާ ޖަހާހައި ބެރަކަށް ނަށަމުންދާތީއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޣައްޒާ ހަނަގުރަމައިގެ ކުރީން އެމެރިކާއިން ކަށަވެތިކަން ދީފައިވާ ގޮތުގައި [އެމެރިކާގެ މި މަޝްރޫޢަކީ [އިސްރާއީލު ސަރަހައްދުގައި އެމެރިކާއިން ގާއިމުކުރާ ފުރިހަމަ އަސްކަރީ މަރުކަޒަކަށްވާނެއެވެ. އިސްރާއީލުން ޣައްޒާގައި ހިންގި ދެ އަހަރުގެ ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލުގައި އެމެރިކާގެ ވައިގެ ދިފާއީ ނިޒާމު (ތާޑް) ގާއިމުކުރިއެވެ. އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ މިސައިލާއި ޑްރޯނު ވައްޓައިލާން މި ނިޒާމު ބޭނުންކޮށްފައިވެއެވެ.
އެހެންކަމުން ޣައްޒާގައި އެމެރިކާގެ މަރުކަޒެއް ގާއިމު ނުކުރިޔަސް އިސްރާއީލުގައި އެ ފަދަ މަރުކަޒެއް ގާއިމުކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އޭރުން އެކަކު ދައްކާވާހަކައެއް ވެސް ދޮގެއް ނުވެއެވެ.
[އިސްރާއީލުގެ ފަސްގަނޑުގައި އެމެރިކާގެ ވައިގެ މަރުކަޒެއް ގާއިމުކުރުމުން ކަށަވަރުވަނީ އިސްރާއީލާއި ޣައްޒާއާ ދެމެދު ހިނގި ހަނގުރާމައާއި އަރައިރުންތަކުގައި އެމެރިކާގެ ފުރިހަމަ ބައިވެރިވުން އޮތް މިންވަރެވެ.] އިސްރާއީލުގެ އޮފިޝަލަކު ބުނެފައިވެއެވެ.