އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
14 ނޮވެންބަރު 2025
ކަދުރުރުއް ހައްދައިފައިވާ ބާލެއް: ކަނދުރުރުކުން އެ ރުކުގެ ފަނެއް ދޮންވެގެން ނުވަތަ ހިކިގެން ވެސް ނުވެއްޓޭނެއެވެ.
މާތް ﷲ އިންސާނާއާ އެހެން މަޚުލޫޤާތުން ތަފާތުކުރެއްވި ޚާއްޞަ އެއް ނިޢުމަތަކީ ވިސްނުމާއި ފިކުރުކުރުމުގެ ނިޢުމަތެވެ. އިންސާނާ މުކައްލަފަކަށް ވީ މި ނިޢުމަތުގެ ސަބަބުންނެވެ. އެއީ ހިދާޔަތުގެ ވަސީލަތެވެ. އެއީ އީމާންކަމުގެ ދޮރޯށްޓެވެ. ކީރިތި ޤުރްއާނުގައި އެތައް އާޔަތްތަކެއްގައި ވިސްނުމަށާއި ފިކުރުކުރުމަށާއި ބަލައިހޯދުމަށް އަންގަވައިފައިވެއެވެ. އެހެންކަމުން ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ފިކުރާއި ވިސްނުން ތަރައްޤީކުރުމަކީ ޝަރުޢީ ފަރީޟާއެކެވެ. ޙަޟާރަތީ ޟަރޫރަތެކެވެ. އިޖުތިމާޢީ މަސްއޫލިއްޔަތެކެވެ.
ތަންގީދީ ފިކުރަށް ރަސޫލާ ހިތްވަރުދެއްވުން
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "އެއް ދުވަހަކު އަހުރެމެން ރަސޫލާ rގެ އަރިހުގައި އިށީނދެގެން ތިއްބައި ރަސޫލާގެ އަރިހަށް ކަދުރުރުކުގެ ރުއްކުރިކޮޅެއް ގެނެވުނެވެ. އެކަލޭގެފާނު މި ފަރިއްކުޅުއްވަމުން ޙަދީސް ކުރެއްވިއެވެ. ((ِإِنَّ مِنَ الشَّجَرِ شَجَرَةً خَضْرَاء، لَمَا بَرَكَتُها كَبَرَكَةِ المُسْلِمِ، لاَ يَسْقُطُ وَرَقُهَا وَلاَ يَتَحَاتُّ، وتؤتي أكلها كلَّ حينٍ بإذنِ ربها، وَإِنَّهَا مَثَلُ الْمُسْلِمِ، فَحَدِّثُونِي مَا هِيَ؟» قال عبد الله: فَوَقَعَ النَّاسُ فِي شَجَرِ الْبَوَادِي، فَقَالَ القَوْمُ: هِيَ شَجَرَةُ كَذَا، هِيَ شَجَرَةُ كَذَا، وَوقعَ في نَفْسي أنها النَّخْلَةُ، فَجَعَلْتُ أُرِيدُ أَنْ أَقُولَهَا، فَإِذَا أَسْنَانُ الْقَوْمِ، فَأَهَابُ أَنْ أَتَكَلَّمَ وَأَنَا غُلاَمٌ شَابٌّ، ثُمَّ التَفَتُّ فَإِذَا أَنَا عَاشِرُ عَشَرَةٍ أَنَا أَحْدَثُهُمْ أصغَرُ القَومِ، وَرَأَيْتُ أَبَا بَكْرٍ وَعُمَرَ لاَ يَتَكَلَّمَانِ فَسَكَتُّ. فَلَمَّا لَمْ يَتَكَلَّمَا، قالوا: حدّثنا ما هيَ يا رسول الله؟ فقال رسول الله صَلَّى اللهُ عَلَيْهِ وَسَلَّمَ: «هيَ النَّخْلَةُ[1] - ހަމަކަށަވަރުން ގަހުގެ ތެރޭގައި އަބަދަށް ފެހި ގަހެއް ވެއެވެ. އޭގެ ފައިދާއާއި ހެޔޮކަން މުސްލިމެއްގެ ހެޔޮކަމާއި ފައިދާއާ އެއް ފަދައެވެ. އޭގެ ފަތްތައް ވެއްޓި ބުރަބުރައިގެންނެއް ނުދެއެވެ. އެ ގަހުގެ ވެރިރަސްކަލާނގެ އިޒުނަފުޅާ އެކު، ހުރިހައި ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ހަމަކަށަވަރުން އެ ގަސް މުސްލިމަކާ އެއް ފަދައެވެ. ފަހެ ތިޔަބައިމީހުން މިއީ ކޮން ގަހެއްކަން ނިކަން ބުނެ ބަލާށެވެ!
ޢަބްދުﷲގެފާނު ވިދާޅުވިއެވެ. ގިނަ ބަޔަކު ހީކުރީ އެއީ ސަހަރާގެ ގަހެއްކަމަށެވެ. ފަހެ މީސްތަކުން ދެންނެވިއެވެ. އެއީ މިވެނި ގަހެކެވެ. އެއީ އެވެނި ގަހެކެވެ. އެކަމަކު އަހުރެންގެ ހިތަށް އެރިއެވެ. އެއީ ކަދުރުރުކެވެ. އެ ވާހަކަ ދަންނަވައިފާނަމޭ ހިތަށްއެރިއެވެ. އެ ތާނގައި ގައުމުގެ ހަރު ބޭކަލުން ތިއްބެވިއެވެ. އަހުރެން ކުޑަ ކުއްޖަކަށް ވާތީ ވާހަކަދައްކާން ޖެހިލުންވިއެވެ. އެއަށް ފަހު، އަހުރެން އެކި ފަރާތްފަރާތަށް ބަލައިލީމެވެ. އަހުރެންނަކީ ދިހަ މީހުންގެ ތެރެއިން ދިހަވަނަ މީހާއެވެ. ޢުމުރުން އެންމެ ހަގު މީހާއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އެއްޗެއް ވިދާޅުނުވެ ތިއްބެވިއެވެ. މިހެންވެ އަހުރެން ހަނުއިނީއެވެ. އެ ދެ ބޭކަލުން އެއްޗެއް ވިދާޅެއް ނުވެއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ގަހުގެ ވާހަކަ ވިދާޅުވެ ދެއްވާށެވެ! އެހިނދު ރަސޫލުﷲ r ޙަދީސްކުރެއްވިއެވެ. އެއީ ކަދުރު ރުކެވެ.))
ޢަބްދުﷲ ބުނު ޢުމަރު ވިދާޅުވިއެވެ. މަޖިލިސް ނިމުމުން އަހުރެމެން ތެދުވީމުއެވެ. އަދި އަހުރެންގެ ބައްޕައަށް ދެންނެވީމެވެ. ލޯބިވާ ބައްޕާއެވެ! އަޅުގަނޑުގެ ހިތަށް، އެއީ ކަދުރުރުކެއް ކަމަށް އެރިއެވެ. އެކަލޭގެފަނު ވިދާޅުވިއެވެ. ތިބާ ވާހަކަދެއްކުން މަނާކުރީ ކޮން ކަމެއްހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. ތިޔަބޭކަލުން ވާހަކަފުޅުނުދައްކަވައި ތިއްބެވީތީއެވެ. ކަލޭގެފާނު ވެސް އަދި އަބޫބަކުރުގެފާނު ވެސް ތިއްބެވީ އެއްޗެއް ވިދާޅުނުވެއެވެ. އަޅުގަނޑު ކުޑަ ކުއްޖަކަށް ވާތީ ވާހަކަދައްކާން ލަދުގަތީއެވެ. ހަނުއިނީ މިހެންވެގެންނެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ތިބާ އެ ބަސް ބުނި ނަމަ ރަތް ޖަމަލެއް ލިބުމަށް ވުރެ އަހުރެންނަށް އެ ކަން ލޮބުވެތިކަން ބޮޑުވީހެއެވެ.
ކަދުރުރުއް މުސްލިމަކާ އެއް ގޮތްކުރެއްވުން
ރަސޫލާ صلى الله عليه وسلم މުސްލިމު އިންސާނާ އެއާ އެއް ވައްތަރުކަމަށް ސިފަކުރެއްވި ކަދުރުރުކަކީ ސާބިތު ހަރުދަނާ ގަހެކެވެ. އޭގެ މޫތައް ފުނަށް ފައިބާ ގަހެކެވެ. ވައިރޯޅިއާ އެކު، އެ ގަސް ފަރާތްފަރާތަކަށް ނުލެނބޭނެއެވެ. އެއީ ހުރިހައި މޫސުމެއްގައި ހުރިހައި ޙާލަތުތަކެއްގައި ވެސް އޭގެ ފައިދާ ލިބޭ ގަހެކެވެ. ރުކުގެ ހުރިހައި ބައިތަކަކުން ވެސް އިންސާނާއަށް ފައިދާ ލިބެއެވެ. މި ގަހުގެ ފަންތައް ވެއްޓި ބުރަބުރައިގެންނެއް ނުދެތެވެ. މުއުމިން އިންސާނާއަކީ މި ފަދަ ސާބިތު އިންސާނެކެވެ. އޭނާގެ ފަރާތުން އަބަދު ވެސް ލިބޭނީ ފައިދާއާއި ލާބައެވެ. އީމާންކަން މަތީ އޭނާ ސާބިތުވެ ހުންނާނެއެވެ. އޭނާގެ ވިސްނުން ޙަޔަވީވާނެއެވެ. އައުވެއައުވެ ހުންނާނެއެވެ. އޭނާ އަބަދު ވެސް ހެދި ބޮޑުވެ ފާގަތިކަން މަތީ ދެމިހުންނާނެއެވެ.
ނަބިއްޔާ r އެކަލޭގެފާނުގެ މަޖިލިސްތައް ވިސްނުމާއި ފިކުރުގެ ބައްދަލުވުމަކަށް ހައްދަވައެވެ. މީސްތަކުންނަށް މައްސަތައް ހުށައަޅުއްވައި އެ މީހުންގެ ވިސްނުން ހަނުލައްވައި ތޫނުކުރައްވާން މަސައްކަތްޕުޅުކުރައްވައެވެ. މި ޒަމާނުގެ ޢިލްމުވެރީން މި ފަދަ ބައްދަލުވުންތައް ސިފަކުރައްވައި ވިދާޅުވަނީ އެއީ "ބޯ ގޭނުމުގެ ބައްދަލުމެއް"[2]ކަމަށެވެ. މީސްތަކުން ޙައިރާންވެ އެކި މީހުން އެކި ގޮތަށް ޖަވާބުދޭން ފެށުމުން ރަސޫލާކުރެއްވި މި ސުވާލަށް ޖަވާބުދެއްވިއެވެ.
ކަދުރުރުކަކީ އޭގެ ހެޔޮކަން ބޮޑު އޭގެ ހިޔާ ދާއިމަށް ލިބޭ އޭގެ މޭވާ ރަނގަޅު ގަހެކެވެ. ކަދުރު ރުކުގެ ލަކުޑިއަކީ ގެދޮރު ހެދުމަށް ބޭނުންކުރާ، އަދި ފެން ޖެހުނަސް އަވަހަށް ފީނުވާ ލަކުޑިއެކެވެ. އޭގެ ފަނާއި ފަންތޮށްޓާއި އިލޮށްޓަކީ ވެސް ބޭނުން ހިފޭ އެއްޗެއްސެވެ. ކަދުރު އޮށަކީ ޖަމަލުގެ ކާނާއެކެވެ. އެހެންވީމާ މި ގަހުން އެއްލައިލެވޭ އެއްޗެއް ނެތެވެ. ކަދުރާއި ކަދުރުރުކުގެ ވާހަކަ ތަފާތު ސިފަސިފައިގައި ޤުރްއާނުގައި އައިސްފައިވެއެވެ.
ހަމަ އެ ފަދައިން މުއުމިނުންނަކީ ހެވާއި ލާބައިން ފުރިފައިވާ ބަޔެކެވެ. އެމީހުންގެ ބަރަކާތަކީ އާންމު އެއްޗެކެވެ. މުސްލިމަކީ ނަމާދުކުރާ މީހެކެވެ. ރޯދަހިފާ މީހެކެވެ. ޤުރްއާން ކިޔަވާ މީހެކެވެ. ޒިކުރުކޮށް ﷲ ހަނދުމަކުރާ މީހެކެވެ. ޞަދަޤާތްދީ ހެޔޮފޯރުވާ މީހެކެވެ. ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ މީހެކެވެ. އޭނާގެ ފުށުން އޮތީ އަމާންކަމާއި ރައްކައުތެރިކަމާއި ސަލާމަތްތެރިކަމެވެ.
އޭނާއަކީ ޚުލްޤު ރިވެތި މީހެކެވެ. މީހުންނާ ގުޅި ލާމެހިގެން އުޅޭ މީހެކެވެ. އޭނާއާއެކު އިށީނުމުގައި އޮތީ ފައިދާއެވެ. މަޝްވަރާކުރުމުގައި އޮތީ ފައިދާއެވެ. އޭނާއާ އެކުވެރިވުމުގައި އޮތީ ފައިދާއެވެ. އޭނާއާއެކު ދަތުރުކުރުމުގައި އޮތީ ފައިދާއެވެ. އޭނާއާއެކު މަސައްކަތްކުރުމުގައި އޮތީ ފައިދާއެވެ. އޭނާއަށް އެހީތެރިވުމުގައި އޮތީ ހެވާއި ލާބައެވެ. އޭނާގެ ފަރާތުން ލިބޭ މަޢުލޫމާތަކީ ކޮއްތެކެވެ. އޭނާގެ ފޭރާމަކީ ތަޤްވާވެރިކަމެވެ. އޭނާގެ ފައިދާއާއި ލާބަ އޭނާގެ މުއްސަނދިކަމުގައި ވެސް އަދި ފަޤީރުކަމުގައި ވެސް ކެނޑިގެން ނުދެތެވެ. ދުޅަހެޔޮކަމުގައި ވެސް އަދި ބަލިމަޑުކަމުގައި ވެސް ނެތިގެން ނުދެތެވެ.
މި ޙަދީސުން ލިބޭ ބައެއް ފައިދާތައް
- މި ޙަދީސްފުޅުން ކީރިތި ރަސޫލާ rގެ ތަޙްލީލީ ފިކުރުފުޅާއި ނާގިދު ފިކުރުފުޅާއި މިނިވަން ވިސްނުންފުޅުގެ މަންހަޖު އެނގެއެވެ.
- އިބްނު ޢުމަރުގެ ބަސްފުޅުން ރަސޫލާ ކުރެއްވި ސުވާލާ މެދު އެކަލޭގެފާނުގެ ނަފްސުގައި ވިސްނަވަމުން ދިޔަ ގޮތް އެނގުނެވެ. މިއީ ދާޚީލީ ތަފްކީރުގެ ރިވެލިވުމެކެވެ.
- މިއީ ކައުރަސޫލާ އެކަލޭގެފާނުގެ މަދުރަސާގައި ތިބި ވިސްނުން ތޫނު ދަރިވަރުންނާއި ހުނަރުވެރި ދަރިވަރުން ފާހަގަކުރެއްވުމަށް ޓަކައި ގެންގުޅުއްވި އުސްލޫބެކެވެ. މި ފަދަ އަރަތްތަކާއި ތައުގީދު މަސްއަލަތައް ދޭތެރެދޭތެރެއިން އެކަލޭގެފާނު އެކަލޭގެފާނުންގެ އަޞްޙާބުންގެ މަޖިލިސްތަކަށް ހުށައަޅުއްވަވައެވެ.
- ޝުބްހާބުތަކާއި ދޮގު މަޢުލޫމާތު ގިނަވެ ފުނިޖެހިފައިވާ ޒަމާނެއްގައި ރަނގަޅު ވިސްނުމަކީ ޟަރޫރަތެކެވެ.
- ލޯ ބަނދެގެން ކޮޕީކުރުމާއި ބާޠިލު ކަންތައްތަކުގެ ދަޅައިން ދަރިން ސަލާމަތް ކުރުމަށް ޓަކައި ލިބިގެންވާ އަމާން ބަންދަކީ، ވިސްނައި ފިކުރުކުރުން - ޚާއްޞަކޮށް ނާގިދު ފިކުރު - ތަރައްޤީކުރުމެވެ.
- ދޭހަވުން ފަސޭހަކޮށްދިނުމަށް ޓަކައި އެއް ވައްތަރުގެ އެއްޗެހީންނާއި ކަންތައްތަކުން މިސާލުޖެހުމަކީ ބޭނުންތެރި ކަމެކެވެ.
- އެއްޗެއް އެއްޗަކާ ވައްތަރުވުމަކީ އޭތީގެ ހުރިހާ ސިފަތަކެއް އަނެއް އެތީގައި ހުރުން ލާޒިމު ކަމެއްނޫނެވެ. ކަދުރު ރުކަކީ އިންސާނުން ފަދަ ދިރޭ އެއްޗެއްނޫނެވެ. އެއީ ވިސްނުމާއި ބުއްދި ހުރި އެއްޗެއް ވެސް ނޫނެވެ.
- މަސްލަޙަތެއް ގެއްލިގެންދާ އިރު، ހަނުހުރެގެން ނުވާނެއެވެ. ޢުމަރުގެފާނު އެ ކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނު ހަނުހުންނެވުމަށް، ޢުމަރުގެފާނު އެދިވަޑައިނުގަތީ މިހެންވެގެންނެވެ.
(ނުނިމޭ)
ބައެއް ލަފުޒުގެ މާނަ:
ބާލު ނ. (1) އެއް ވައްތަރެއްގެ ގިނަ ގަސްތަކެއް ތަރުތީބުން ހައްދައިފައިވާ ތަން. (2) އެއްވައްތަރެއްގެ ގިނަ ގަސްތަކެއް ހެދިފައިވާ ތަން.
މަރުޖާ: