އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
13 ނޮވެންބަރު 2025
ސަމިޓު ބޭއްވި ސޮކާ ނޮމް ޕެންހ ހޮޓާ
ތަމްހީދު
ކެމްބޯޑިއާއަށް އަޅުގަނޑު އެންމެ ފުރަތަމަ ދާން ފުރުޞަތު ލިބުނީ 2012ގައެވެ. އެއީ ސެމިނާރެއްގައި ބާއިވެރިވުމަށް ޓަކައި ކުރި ދަތުރެކެވެ. މިއަދު މި ލިޔަނީ އަޅުގަނޑު ކެމްބޯޑިއާއަށް ކުރި ދެވަނަ ދަތުރުގެ ވާހަކައެވެ.
ކެމްބޯޑިއާއަށް ކުރި ދެވަނަ ދަތުރާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބުނީ ފެބުރުވަރީ 15ގައެވެ. އެއީ ފެބުރުވަރީ 27ގައި ކެމްބޯޑީއާގެ ވެރިރަށް ނޮމްޕެންހގައި އޮންނަ ސަމިޓެއްގައި ބައިވެރިވަޑައިގަތުމަށް އެދިވަޑައިގެން "ރާބިޠަތުލްޢާލަމިލްއިސްލާމިއްޔާ" އިން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް ފޮނުއްވި ސިޓީގެ ނަކަލެއް އަޅުގަނޑަށް ލިބުމުންނެވެ. އަޅުގަނޑު ކެމްބޯޑިއާއަށް މި ދަނީ ވަޒީރަށް އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާން ދަތިފުޅުކަމުން އެ މަނިކުފާނުގެ ބަދަލުގައި އެ މަނިކުފާނުގެ ފަރާތްޕުޅުންނެވެ. އެއީ އިސްލާމްދީނާއި ބުދުދީނުގައިވާ ސަމާޙަތްތެރިކަމާއި އިޖުތިމާޢީ އެއްބައިވަންތަކަމާއި ސުލްޙަވެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި "ރާބިޠަތުލްޢާލަމިލްއިސްލާމިއްޔާ"ގެ ފަރާތުން ކެމްބޯޑިއާގައި ބާއްވާ ޚާއްޞަ ސަމިޓެއްގައި ބައިވެރިވުމަށް ޓަކައެވެ.
ޖަނަވަރީ 15ގައި އީ-ޓިކެޓާއި އީ-ވިސާއަށް އެދޭ އީ-ފޯމާއި އެއާ ބެހޭ މަޢުލޫމާތު ހިމެނޭ ލިޔުމެއް ވެސް ލިބުނެވެ. އެ ލިޔުންތަކަށް ރިޢާޔަތްކޮށް އަޅުގަނޑު އަދާކުރާންޖެހޭ ޒިންމާ އަދާކޮށް ނިންމައިގެން ހުރީއެވެ.
ދަތުރަށް ފެށުން:
އަޅުގަނޑުގެ ދަތުރާ ބެހޭ ޓިކެޓު ނަގައިފައި އޮތީ ޝަރިކަތުލްފާރިސުއްދައުލީ ލިއްސަފަރި ވައްސިޔާޙާ ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކުރައްވައި އިމާރާތުން (އެމިރޭޓުސް) އިންނެވެ. ޓިކެޓުގައިވާ ގޮތުން އަޅުގަނޑު މާލެއިން ފުރާން ހަމަޖެހިފައި އޮތީ 2025 ފެބުރުވަރީ 25ވަނަ ދުވަހު 22:55ގައި ދިވެހިރާއްޖެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރުޕޯޓުންނެވެ. އެހެންވީމާ ބައިނަލްއަގުވާމީ އުދުހުންތަކުގައި ތިންގަޑިއިރުކުރީން ޗެކިންކުރާން ފަށާނެކަން އަޅުގަނޑަށް އެނގޭތީ މީހަކު އިރުޝާދު ނުދިނަސް މި ކަން ނޯޓުކޮށްލައިފީމެވެ.
2025 ފެބުރުވަރީ 25 ދުވަސް ނިމި ޖެހިގެން އައި ބުދަވިލޭރޭ ޢިޝާ ނަމާދު ގޭގައި ކޮށްލައިގެން ފޮށިދާގީނާ ހިފައިގެން 20:15ގައި ގެއިން ނައްޓައިލައިފީމެވެ. 20:45 އެ ހައިކަންހައި އިރު އެއަރުޕޯޓަށް ވާސިލުވެވިއްޖެއެވެ. ނަމަވެސް ޗެކިންގެ އިޖުރާތު ފުރިހަމަކުރުމަށް ފަހު، މަތީންދާބޯޓަށް އެރުނީ 22:50ގައެވެ. އެއީ ބޯއިން 777-300އީއާރުގެ ގައިގަނޑުފަލަ މަތީންދާ ބޯޓެކެވެ. އެ އުދުހުމަށް ދީފައިވާ ނަންބަރަކީ EK 0653އެވެ. ތާވަލުކުރެވިފައި އޮތީ ކުރީން ވެސް ދެންނެވި ފަދައިން 22:55ގައި ފުރާށެވެ. ނަމަވެސް ފުރުނީ 23:26ގައެވެ. ވަރަށް އަމާން ދަތުރަކަށް ފަހު ދުބާއީ އެއަރުޕޯޓަށް ބޯޓު ޖެއްސީ އެތާ ގަޑީން ފަތިހު 3:15ގައެވެ. އާދޭހެވެ! މިއަދަކީ ފެބްރުވަރީ 26ވަނަ ދުވަހެވެ. މާލެއިން ފުރީ 25ވަނަ ދުވަހުއެވެ.
ދުބާއީ އެއަރުޕޯޓުގައި މައުމޫލު މާފު ފިހާރަތަކަށް ވަދެ ތަންތަން ބަލައިލައި ހަދާން އުޅެނިކޮށް ބޯޓަށް އަރާން ގޮވައިފިއެވެ. އެހެންކަމުން ލަސްނުވެ ބޯޓަށް އަރައިފީމެވެ. މިއީ ވެސް ހަމަ ދުބާއީއަށް އައި ވަރުގެ ގައިގަނޑުފަލަ އެ މަރުކާގެ މަތީންދާ ބޯޓެކެވެ. އެ އުދުހުމަށް ދީފައިވާ ނަންބަރަކީ EK 0348އެވެ. ދުބާއީއިން ބޯޓު ފުރީ އެތާ ގަޑީން 4:50ގައެވެ. (އެއީ މާލޭ ގަޑީން 3:50އެވެ.)
އިރުކޮޅަކުން ކުޑަ ދޮރުން ބޭރު ބަލައިލި އިރު ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވެފައިވާ ތަން ފެނުމުން 5:45ގައި ފަތިސްނަމާދުކޮށްފީމެވެ. މާ ގިނަ އިރެއް ނުވެ، ހެނދުނުގެ ނާސްތާ ގެނެސްދީފިއެވެ. 6:30ގައެވެ. އޭރު އަދި އިރުގެ އަލިކަމެއް ދުނިޔެ މައްޗަކުން ނުފެނެއެވެ.
މާގިނަ އިރުތަކެއް ނުވެ، 10:30ގައި ބޯޓުގެ ފަޅުވެރި ކުއްޖަކު އައިސް ކާން ބޭނުންވަނީ ކޯއްޗެއްތޯ ސުވާލުކޮށްލިއެވެ. ދެން އަޅުގަނޑު ފާހަގަކުރި ތަކެތި ހިފައިގެން ގެނެސް ބަހައްޓައިދީފިއެވެ. ހިސާބަކަށް ކައިލައިގެން އަރާމުކޮށް އޮށޯވެލީ ނިދައިލެވޭތޯއެވެ. ވުނަދާނަ ސަރަހައްދުން ޓިކެޓު ނަންގަވައިދެއްވައިފައިވާތީ ވަރަށް އަރާމުކޮށް، ހަމަ ދެ ފައި ދަމައިލައިގެން، ނިދައިލެވެއެވެ. އަޅުގަނޑު އޮށޯތް ތަން ފެނިގެން ފަޅުވެރި ކުއްޖަކު އައިސް ގޮދަޑިއެއް ބޭނުންތޯ ސުވާލުކޮށްލުމުން އާނއެކޭ ބުނީމާ ގޮދަޑިއެއް ގެނެސް އަޅައިދީފިއެވެ. އަދި އިތުރު ބާލީހަކަށް އެދުނީމާ ބާލީސް ވެސް ގެނެސްދިނެއެވެ. ދެން ހަމަ ރަނގަޅަށް ނިދައިލީއެވެ.
ދަތުރުގެ މެދުތެރެއިން:
ހޭލެވުނީ 12:00 އެހާކަން ހައި އިރު، ފަޅުވެރިކުއްޖަކު ކޮއްޓައިލީމައެވެ. އެއީ ބޯޓު ސިންގަޕޫރަށް ޖައްސާންވެގެން އިށީނދެ އިން ގޮނޑި ކުރީން ހުރި ގޮތަށް ރުޖޫޢަކޮށް ސަލާމަތީ ކަމަރުއަޅާން ގޮވި ވާހަކަ ބުނެ ހަނދާންކޮށްލައިދޭން ވެގެންނެވެ.
ކޮންމެއަކަސް ސިންގަޕޫރު ގަޑީން މެންދުރު ފަހު، 15:44ގައި ޗަންގީ އިންޓަރނޭޝަނަލް އެއަރުޕޯޓުގައި މަތީންދާބޯޓު ޖައްސައިފިއެވެ. ޓިކެޓުގައި އޮތް ގޮތުން އަޅުގަނޑު ޖެހެނީ ބޯޓުގައި މަޑުކޮށްލާށެވެ. ސިންގަޕޫރަށް އައި ބަޔަކު ނަމަ ފައިބައި، ސިންގަޕޫރުން ފުރާ ބަޔަކު އެރީމާ ފުރާ ގޮތަށެވެ. އެހެންވެ އަޅުގަނޑު މަޑުކޮށްލީމެވެ. ނަމަވެސް ބޯޑުގެ ފަޅުވެރިކުއްޖަކު އައިސް އެންމެން ފައިބާން ޖެހޭކަމަށް ބުނެފިއެވެ. ނަމަވެސް އަޅުގަނޑު ބުނީ މި ބޯޓުގައި ދަންޏާ، އަދި ހަމަ މިހާރު ފުރަންޏާ ފެއިބުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ. އޭނާ ބުނީ ތިޔައީ ރަނގަޅު ވާހަކައެއްކަމަށާއި ނަމަވެސް ސިންގަޕޫރުން ގެންގުޅޭ ސަލާމަތީ ހަރުކަށި ގަވާއިދުގެ ދަށުން އެއަރުޕޯޓުގައި މަޑުކޮށްލާ ކޮންމެ ބޯޓެއް ސަލާމަތީ ގޮތުން އަލުން ޗެކުކުރާނެކަމަށެވެ. އަދި މި ބޯޓަށް އެރި ފާހަށް އަލުން އެރޭނެކަމަށެވެ. ދެން އަޅުގަނޑަށް ވެސް ވާނީ ހަމަ އެހެން މީހުންނަށް ވެސް ވާ ގޮތެއްތާއޭ ވިސްނައިފައި ފޭބީއެވެ. ބޯޓުން މީހުން ބޭލީ އަނެއްކާ ހަމަ ބޯޓަށް އަރާންޖެހޭ 15 ނަންބަރު ދޮރޯށި ކުރިމައްޗަށެވެ. ކެމްބޯޑިއާއަށް އެ ބޯޓުން ދާ މީހުން އެ ތާ މަޑުކުރުމަށް ފަހު އެހެން ފަސިންޖަރުން އަނެއްކޮޅަށް ގޮސް ފޮށިދާގީނާތައް ލިބިގަތުމަށް ޓަކައި ދާން އެންގިއެވެ.
އަޅުގަނޑުމެން ފުރަނީ ހަމަ، އައި ބޯޓުން އައި ގޮނޑީގައި އިނދެކަމަށް ވިޔަސް ސިންގަޕޫރުގެ ސަލާމަތީ ހަރުކަށި ގަވާއިދުގެ ދަށުން ސަލާމަތީ ފާސްކުރުން އޮތެވެ. ކަމަރު ބާލުވައި ޖީބުތައް ހުސްކުރުވައިގެންނެވެ. އަދި އަޅުގަނޑު އިން ގޮނޑި ވެސް ބަދަލުކޮށް އެހެން ބަރިއަކުން ގޮނޑިއެއް ހަމަޖައްސައި އަލުން ބޯޓަށް އަރާ ފާސް ދިނެވެ. ކުރީން އަޅުގަނޑު އިނީ 10 އޭގައެވެ. ސިންގަޕޫރުން ފުރި އިރު، އަޅުގަނޑަށް ހަމަޖެއްސީ 9 އޭ ގޮނޑިއެވެ. 10 އޭއަށް އެހެން އެއް ޢާއިލާއެއްގެ ބަޔަކު ގެންނާން ވެގެން ބަދަލުކޮށްލީކަމަށް ބުންޏެވެ.
ކެމްބޯޑިއާއަށް ދިޔުމަށް ޓަކައި ސިންގަޕޫރުގެ ޗަނގީ އެއަރުޕޯޓުން ބޯޓު ފުރީ މާލޭގަޑިން 5:40 އެހާކަންހައި އިރުއެވެ. މި ފަހަރު އުދުހުމުގެ ނަންބަރު ބަދަލެއް ނުކުރެއެވެ. ބޯޓު ނައްޓައިލުމާ އެކު، ފުރަތަމައަށް ކުރި ކަމަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމުޢުކޮށް ޤަޞްރުކޮށްލުމެވެ. ނަމާދުކުރާން އިންދައި ފަޅުވެރި ކުއްޖަކު ދެތިން ފަހަރަށް އައިސް ބަލައިލިއެވެ. ކާނެ އެއްޗެއް ދޭން ވެގެންކަމަށް ހީވިއެވެ.
އިރުއޮއްސުމުގެ ކުރީން 6:10 ވީއިރު ރޭގަނޑު ކޮއްތު ގެނެސްފިއެވެ. ކައި ނިމިގެން ހަމަޖެހިނުލެވި އުޅެނިކޮށް ކެމްބޯޑިއާ ގަޑިން 7:50 އެހާކަންހައި އިރު ނޮމްޕެންހ އިންޓަރނޭޝަނަލް އެއަރުޕޯޓުގައި ބޯޓު ޖައްސައިފިއެވެ.
ނޮމްޕެންހ އެއަރުޕޯޓުގައި:
އަޅުގަނޑުގެ އަތުގައި ޑިޕްލޮމެޓިކު ޕާސްޕޯޓެއް އޮތަސް ވަކި ޚާއްޞަ ގޮތެއް އަޅުގަނޑުގެ ނަފުސަކަށް ނުދެކެވެ. އެހެންވެގެން އާންމުން ވެސް ނުކުންނަ ދޮރޯށިތަކުން ނުކުމެގެން އިމިގްރޭޝަން ކައުންޓަރާ ހިސާބަށް ދެވުމުގެ ކުރީން އަޅުގަނޑު މަޑުކުރުވައިފިއެވެ. އިމިގްރޭޝަން އޮފިސަރެކެވެ. ވިސާ ކޮބައިތޯ ސުވާލުކުރިއެވެ. އިލެކުޓްރޯނިކު ވިސާގެ ނަކަލެއް އަޅުގަނޑުގެ އަތުގައި އޮތީމާ ދައްކައިލައިފީމެވެ. އަލުން ފޮޓޯ ނަގައި އޮންލައިނުކޮށް ފޯމެއް ފުރާން ޖެހޭނެކަމަށް ބުނުމުން އެ ބުނާ މޭޒުކައިރީގައި ހުރެ ފޯމު ފުރަމުން ގޮސް ނޮމްޕެންގައި ހުންނަ އެޑްރެހާއި އެ ރަށުން ގުޅޭނެ މީހެއްގެ ނަންބަރު ޖަހާންޖެހިގެން ހުއްޓުން އަރައިފިއެވެ. މި ދެ ފޮޅުވަތް ނުފުރައި ފޯމު ހުށައެއް ނޭޅެއެވެ. އައި ބޭނުން އެހީމާ ބުނެދިފީމެވެ.
އެހިސާބުން އިމްތިޠާއަށް ފޯނުން ގުޅައިގެން މި ވާހަކަ ދަންނަވައިފީމެވެ. ގުޅޭނެ ނަންބަރެއް އިމްތިޠާއުފޮނުއްވިއެވެ. އަދި އިމްތިޠާޢު އިންނެވީ އިސްޓޫޑިއޯއެއްގައި ރެކޯޑިންގއެއްގައިކަމަށްވާތީ ޒިދުނާއާ ގުޅައިގެން ކުރިއަށް ދާން އެންގެވިއެވެ.
ނަމަވެސް އަޅުގަނޑު ޒިދުނާއަކާ ނުގުޅަމެވެ. އަޅުގަނޑު ލަސްވާތީ އުޅޭން ޖެހޭ ކަމެއް ނެތެވެ. އަޅުގަނޑު މަޑުކުރުވި އިމިގްރޭޝަން އޮފިސަރަށް ރާބިޠާގެ ސިޓީ ދައްކައިލީމާ، އިމިގްރޭޝަން ކޮށިގަޑުދޮށަށް ދާން ބުނެފިއެވެ. އެ ތަނުން ޕާސްޕޯޓާއި ވިސާ ބަލައިފައި އެހެން އަންހެން އޮފިސަރަކާ ސުވާލުތަކެއްކުރީމާ، އެ މީހާ ބުނީ މި ސަމިޓުގެ މަޢުލޫމާތު އޭނާއަށް އެނގިފައިވާ ކަމަށާއި ހުންނަ އެޑުރެސް ނޭނގުނަސް ރަނގަޅުވާނެކަމަށެވެ. ދެން ވަރަށް ހިނިތުންވެލުމަށް ފަހު، އެތެރެވާން ހުއްދަ ދީފިއެވެ.
ހިޔާވަހިކަން:
ރަސްމީ ގޮތުން ހުރިހައި އިޖުރާތެއް ފުރިހަމަކުރުމަށް ފަހު، ކެމްބޯޑިއާއަށް އެތެރެވެވުނު ތަނާ ރާބިޠަތުލްޢަލަމިއްއިސްލާމިއްޔިގެ އޮފިޝަލެއްކަމުގައިވާ މުޙަންމަދު ޙުސައިން ގުޅައިފައި އަޅުގަނޑު ނުފެނިގެން އުޅޭ ވާހަކަ ބުންޏެވެ. އެ މީހުން އަޅުގަނޑާ އިސްތިގުބާލުކުރާން ތިބީ ހިރިޔާމާލަމުގައެވެ. އެހެންކަމުން އަޅުގަނޑު ހޯދުމަށް ޓަކައި އެދުނީ އަޅުގަނޑުގެ ނަފުސީއެއް ފޮނުވާށެވެ. ނަފުސީއެއް ފޮނުވުމުން އޭނާއާއި އެހެން ދެ މީހަކު އަތުވެއްޖެއެވެ.
އެ މީހުން އަޅުގަނޑާ އިސްތިގުބާލުކުރާން ތިބީ ކުރީން ވެސް ދެންނެވި ފަދައިން ހިރިޔާ މާލަމުގައެވެ. އަޅުގަނޑު ނިކުތީ އާންމު ދޮރޯށީން އާންމުންނާ އެކީގައެވެ. އެހެންކަމުން އަޅުގަނޑަށް އިސްތިޤުބާލުކުރާން މާބޮޑި ހިފައިގެން ތިއްބަސް އެ ތަނުން އެ މީހުންނާ ދިމާނުވީއެވެ. ދެން އެ މީހުންނާ އެކު، އަޅުގަނޑު ބަލައި އައިސް އޮތް ކާރު ކައިރިއަށް ގޮސް ދަތުރު ހަމަޖެހި، ދާންޖެހޭ ހޮޓަލަށް ދެވިއްޖެއެވެ. ކާރުގައި އަޅުގަނޑާ އެކު، ދިޔަ ވިއްސަކަށް އަހަރުގެ އަންހެންކުއްޖަކު އަމިއްލައަށް ތަޢާރުފުވެލުމަށް ފަހު ތިމަންނައަކީ ދިވެހިރާއްޖޭގެ މަންދޫބުގެ ހާޒިރު ދެރިޔަ (ލޭޑީ-އިން-އެޓެންޑެންސް)ކަމަށް ބުންޏެވެ. އެއީ ނޫރު ޢައިނީ ނަމަކަށް ކިޔާ މުސްލިމު ކުއްޖެކެވެ. އޭގެ ފަހުން އެ ކުއްޖާ ހުރިހައި ކަމެއްގައި މަގު ދައްކައި އެހީތެރިވެދީ އިރުޝާދުދީ ހަދައެވެ. ބޭނުން ކޮންމެ ވަގުތަކު ގާތުގައި ހުރެއެވެ. ދާން ބޭނުންވާ ކޮންމެ ތާކަށް ގެންގޮސްދެއެވެ. ވަރަށް މަދަދުވެރި ނިޔަނެތި ކުއްޖެއެކެވެ. އެއީ އިސްލާމީ ޝަރީޢަތާއި ޤާނުނުގެ ދާއިރާއިން ކިޔަވަމުން ގެންދާ ދަރިވަރެކެވެ. އެއީ އެނާގެ ފަހު ސެމެސްޓަރެވެ.
ނޫރު ޢައިނީ އަޅުގަނޑު ގޮވައިގެން ދިޔައީ ވަރަށް ބޮޑު ހޮޓަލަކަށެވެ. ރޯސްވުޑް ނޮމްޕެންހ ނަމަކަށް ކިޔާ ބޮޑު މާސިންގާ ހޮޓަލެކެވެ. އެ ހޮޓަލުން އަޅުގަނޑަށް ހަމަޖައްސައިފައިވަނީ 29ވަނަ ބުރީން 13ވަނަ މާލަމެވެ. މާލަމޭ މި ދެންނެވި އެއީ އާދައިގެ ކޮޓަރިއަކަށް ނުވާތީއެވެ. އެ ކޮޓަރީގައި ބޮޑު ސިޓިންރޫމަކާއި ނިދާ ކޮޓަރިއަކާއި ފެންވަރާ ބަޔަކާއި ދެ ފާޚާނާއާއި މި ނޫން އެތައް ބައިތަކެއް ހިމެނިފައިވާތީއެވެ. އެއީ ރާއްޖޭގައި މި ހުންނަ ވަރުގެ ހައެއްކަ ކޮޓަރި ހަދައިލެވޭ ހައި ބޮޑު ޖާގައެކެވެ. ޢައިނީ ބުނި ގޮތުން އެ ހޮޓަލުން ރިޔާސީ ސޫޓެއް ހަމައެކަނި ޚާއްޞަކޮށްފައި ހުރީ އަޅުގަނޑަށް އެކަންޏެވެ. މިއީ އަޅުގަނޑުމެންގެ ވަޒީރަށް އޮތް އިޙުތިރާމްކަމަށް ނޫނީ އަޅުގަނޑެއް ނުދެކެވެ.
އިތުރު ކަމެއް ބޭނުން ނަމަ ތިމަންނައާ ގުޅާށޭ ބުނެ ހެޔޮއެދުމުގެ ސަލާމަށް ފަހު ނޫރު ޢައިނީ ގެޔަށް ދިޔައީއެވެ.
ނޫރު ޢައިނީ ގެޔަށް ގޮސް އަނެއްކާ މެސެޖެއް ކޮށްލިއެވެ. "މާދަމާ ރަސްމިއްޔާތަށް ދިޔުމަށް ޓަކައި 7:00އަށް ތައްޔާރުވެގެން ހުރުން އެދެމެވެ. އަޅުގަނޑު ބަލައި ދާނަމެވެ."
އިރުކޮޅަކުން 21:11ގައި ރަބިޠާގެ ފަރާތުން ޑރ. މުޙަންމަދު ޙަސަން ޢަރަބިބަހުން ވަޓުސްއެޕު މެސެޖެއް ފޮނުއްވިއެވެ. އަދި ފަތިހު 04:13ގައި އިނގިރޭސި ބަހުން ވަޓުސްއެޕު މެސެޖެއް ކުރެއްވިއެވެ. ދެ މެސެޖުގައި ވެސް ވިދާޅުވެފައިވަނީ މަގުމަތީގެ ތޮއްޖެހުމަށް ބަލައި ހެނދުނު 7:10ގައި ޑރ. މުޙަންމަދު މަޖުދޫއީއާ އެކު މޮޓޮރުކޭޑުގައި ސަމިޓު އޮންނަ ހޮޓަލަށް ދިޔުމަށް ޓަކައި ދަތުރަށް ފާށާނެ ވާހަކައާއި އެ ގަޑިއަށް ތައްޔާރުވުމަށެވެ.
އަޅުގަނޑު މަޣުރިބު ނަމާދާއި ޢިޝާނަމާދު ޖަމުޢުކޮށް ޤަޞްރަށް ކޮށްލުމަށް ފަހު ފެންވެސްނުވަރައި ނިދީއެވެ. ހޭލެވުނީ ފަތިހު 5:30ގައެވެ.
އަޅުގަނޑު ތައްޔާރުވެގެން 7:00އަށް ރޯޒްވޫޑް ހޮޓަލުގެ ކުރިމައްޗަށް ނިކުމެއްޖައީމެވެ. އޭރު ތިން ކާރާއި ބަހެއް ތައްޔާރަށް އޮތެވެ. އަޅުގަނޑު އެރުވީ ކާރަކަށެވެ. އަޅުގަނޑުގެ ކާރުގެ ކުރީ ގޮނޑިއަށް އެރީ ނޫރު ޢައިނީއެވެ. ސަމިޓު އޮންނަ ހޮޓަލަށް އަޅުގަނޑުމެން ދިޔައީ މޮޓޯކޭޑުގައެވެ.
ސަމިޓު:
މިއަދަކީ ފެބުރުވަރީ މަހު 27 ވަނަ ދުވަހެވެ. ސަމިޓު އޮންނަ ހޮޓެލް ކަމަށްވާ "ސޮކާ ނޮމް ޕެންހ" ހޮޓަލަށް އަޅުގަނޑުމެންނަށް ދެވުނީ 8:00 އެހައިކަންހައި އިރަށެވެ. އޭރު މި ކަމަށް ޓަކައި ކެމްބޯޑިއާ ސަރުކާރުން އެކުލަވައިލައިފައިވާ ޚާއްޞަ ކޮމެޓީގެ މެންބަރުން އަޅުގަނޑުމެންގެ އިސްތިޤުބާލުގައި ތިއްބެވެ. އަޅުގަނޑުމެންނަށް އިރުޝާދު ދެވުނީ ބޮޑުވަޒީރު ވަޑައިގަތުމުން އެ މަނިކުފާނުގެ އަރިހުގައި ފޮޓޯއެއް ނެގުމަށް ޓަކައި ތައްޔާރުކުރެވިފައިވާ އިސްޓޭޖުގައި ތަރުތީބުވުމަށެވެ. ކޮންމެ މީހަކު ހުއްޓި ހުންނާން ނަންބަރެއް ޖަހައިފައި ހުއްޓެވެ. އަޅުގަނޑުގެ ޖާގައަކަށް ބުނީ ބޮޑުވަޒީރު ހުންނަވާ ސަފުގެ އަށްވަނަ ނަންބަރެވެ. އެއީ ވާތްފަޅީގެ އެންމެ ދުރުން ދެވަނައެވެ.
ނުވައެއް ޖަހާން 10 ވަރަކަށް މިނިޓަށް ވީތަނާ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ހުން މަނެޓު ވަޑައިގެން ކުރީ ސަފުގެ މެދުގައި ހުއްޓިވަޑައިގަތުމާ އެކު، ފޮޓޯ ނެގުމުގެ ކަންތައް ހިނގައިގަތެވެ. ފޮޓޯ ދަންފަޅި ނިމުމާ އެކު އެންމެން ސަމިޓު އޮންނަ މާލަމަށް ވަންނާން އިރުޝާދު ދެވުނެވެ. ކޮންމެ މީހަކު އިށީންނާން ޖެހޭ ގޮނޑީގައި އެ މީހެއްގެ ނަން ޢަރަބި ބަހުންނާއި އިނގިރޭސިބަހުން މަޤާމާއި ގައުމުގެ ނަމާއެކު ލިޔެފައި ހުއްޓެވެ. އަޅުގަނޑަށް ޖާގަ ދިނީ އެންމެ ފުރަތަމަ ބަރީންނެވެ. އަޅުގަނޑަށް ވަރަށް ބޮޑަށް ހުރިހައި ބައިވެރީން ވެސް އިޙުތިރާމްކުރިއެވެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް އޮންނަ އިޙުތިރާމުކަމާ މެދަކު ޝައްކެއް ނެތެވެ. އަޅުގަނޑު ދިޔައީ އެ މަނިކުފާނުގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުންކަމަށް ވާތީއެވެ.
ސަމިޓުގެ އިފުތިތާޙީ ތަޤުރީރުދެއްވީ ޑރ. ޢުޘްމާން ޙަސަނެވެ. އެއީ ކެމްބޯޑިއާގެ އިސްލާމީ ކަންތައްތަކާ ބެހޭ ޚާއްޞަ އިދާރާގެ ވެރިޔާއެވެ. އަދި ސީނިއާރ މިނިސްޓަރެވެ. މީގެ އިތުރަށް އޭނާއަކީ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖުލިސްގެ މެންބަރެކެވެ.
އޭނާގެ ވާހަކައިގައި ބައްލަވައިލެއްވީ މި ސަމިޓުގެ ސަބަބުން ކެމްބޯޑިއާގެ ދީންތަކުގެ މެދުގައި ހަމަޖެހުން ގާއިމުވާނެކަމުގެ މައްޗަށެވެ. ސަގާފީ ދީނީ އަދި ނަސްލީ ހަމަޖެހުމުގެ ނަމޫނާއެއްކަމަށް ކެމްބޯޑިއާ ވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ދެން ވާހަކަފުޅުދެއްކެވީ ސަމިޓު ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން ބޮޑުވަޒީރު ހުން މަނެޓެވެ. އޭނާ ވިދާޅުވީ ޚުމަރ ދަރިކޮޅުގެ މުސްލިމުންނަކީ ވެސް ކެމްބޯޑިއާގެ ފުރިހަމަ ރައްޔިތުންކަމަށާއި އެ މީހުންގެ ދީނީ އަޅުކަންތަކާއި ސަގާފީ އެންމެހައި ހަފުލާތައް ބާއްވާން ގާނޫނުން ފުރިހަމަ ޙައްގު އެ ލޮބުވެތި ރައްޔިތުންނަށް ވެސް ދެވިފައިވާނޭކަމަށެވެ.
އަދި ޚުމަރ-އިސްލާމީ މުއައްސަސާތަކަށް ސަރުކާރުން ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ. މާރިޗު މަހު އޮންނަ މި ފަދަ ދެވަނަ ސަމިޓަކަށް ވެސް އޭނާ ހާޒިރުވެވަޑައިގަންނަވާނޭކަމަށް ވެސް ވިދާޅުވިއެވެ. ބޮޑުވަޒީރު ހުން މަނެޓަކީ ކުރީގެ ބޮޑުވަޒީރު ހުން ސެންގެ ދަރިކަލުންނެވެ. ކަން ދިމާވި ގޮތުން ހުން ސެންގެ އަރިހުގައި ފޮޓޯއެއް ނެގުމުގެ ފުރުސަތު އަޅުގަނޑަށް 2012ގައި ވަނީ ލިބިފައެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅަށް ފަހު، ދެން އޮތީ ކަނޑައެޅިފައިވާ މައުޟޫޢުތަކަށް ކަނޑައެޅިފައިވާ މުޤައްރިރުން ތަޤުރީރުކުރެއްވުމެވެ. ކޮންމެ ތަޤުރީރެއް ނިމުމުން ސުވާލުކުރުމުގެ ފުރުޞަތު ވެސް ދެވުނެވެ. ނަމަވެސް ސުވާލުކުރުން ވަރަށް ނެތްކަން ފާހަކަކޮށްލެވުނެވެ. ހުރިހައި މައުޟޫޢެއްގައި ވެސް ބޭފުޅުންގެ ވާހަކަފުޅުތައް ވެސް އަމާޒުކުރެއްވީ ހުރިހައި ޢަޤީދާއެއްގެ މީހުން އެކުގައި މުޖުތަމަޢުގައި ސުލްޙައާއި އަމާންކަމާއި ކެތްތެރިކަމާ އެކު އެއް ބަޔަކު އަނެއް ބަޔެއްގެ ގަބޫލުކުރުންތަކަށް އިޙުތިރާމް ކޮށްގެން އަމާންކަމާއި އެކުވެރިކަމާ އެކު ދިރިއުޅުމުގެ މައްޗަށެވެ. ރިޕޯޓު މާ ދިގުވެދާނެތީ ކުރުކޮށްލުމަށް ޓަކައި އެކި ބޭފުޅުންގެ ވަކިވަކި ވާހަކަފުޅުތަކަށް އަޅުގަނޑު އަލިއަޅުވައެއް ނުލާނަމެވެ.
ނަމަވެސް މި ހޮޓަލުގައި ވެސް މުސްލިމުން ނަމާދުކުރާން ވަރަށް ބޮޑު ކޮޓަރިއެއް މުސައްލަ އަޅައި ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ސިޓިން ރޫމުގައި ވެސް ގިބުލަ ފާހަގަކޮށްފައިވާކަން ފާހަގަކުރެވުނެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު އަޅުގަނޑު ކުރީ އެ ތާނގައެވެ.
ޖުމުލަ 40 ގައުމަކުން 200 ވަފުދު ހިމެނޭހެން 1000 ބައިވެރީން މި ސަމިޓުގައި ހާޒިރުވެ ތިއްބެވެ. ބައިނަލްއަގުވާމީ މެހުމާނުންނާއި ޑިޕްލޮމެޓުންނާއި ކެމްބޯޑިއާގެ މުސްލިމު މުޖުތަމަޢުން 800 އިސްވާރުން މި ސަމިޓުގައި ބައިވެރިވިކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހުރިހައި ބައިވެރީންނާ ބެހޭ ތަފުސީލެއް އަޅުގަނޑަކަށް ނުހޯދުނެވެ. އެ ފަދަ ލިޔުމެއް ވެސް ލިބޭ ގޮތެއް ނުވިއެވެ.
މެންދުރު ކެއުމަށް މެދުކަނޑައިލި ވަގުތު އަޅުގަނޑުގެ ގޮނޑިމަތީގައި އޮތް ދަބަސް ގެއްލުނުކަން އެއީ ވެސް ލިޔެކިޔުމުން ލިބޭން ހުރި ބައެއް މަޢުލޫމާތު އަޅުގަނޑަށް އުނިވި ސަބަބެކެވެ. އަޅުގަނޑުގަނޑު އިން ގޮޑީގައި އޮތް ދަމަސް ގެއްލުނު އިރު އެ ތާނގައި އިށީނދެގެން އިނީ ސްރީލަންކާގެ މަންދޫބެވެ.
ކޮންމެއަކަސް ހަވީރު ފަހެއް ޖެހި އިރު ބުދުދީނުގެ ހާމުދުރުން ކިޔެވި ކިޔެވެއްޔަކުން (ފާޑެއްގެ ލަވައެއް) ސަމިޓު ރަސްމީކޮށް ނިމުނުކަން އިޢުލާނުކުރިއެވެ. ނަސީބަކުން އެއްވެސް މުސްލިމަކު އެ ކަމުގައި ބައިވެރިވެ އަތް އުފުލައި، ކޮޅަށް ތެދުވެ ހަދައިފައެއް ނެތެވެ.
ސަމިޓު ނިމުނީމާ ހަވީރު ސައިގެ ކަންތައް ނިމިގެން ނުކުމެ ބައެއް ގައުމުތަކުގެ ބައިވެރީންނާ އެކު ފޮޓޯނެގުމާއި އެޑްރެސް ކާޑު ބަދަލުކުރުން އޮތެވެ. ނަސީބު ދެރަކަމުން އަޅުގަނޑުގެ އެ ފަދަ ކާޑެއް ނެތެވެ. އެއީ ވުޒާރާއިން އެ ފަދަ ކާޑެއް ހައްދަވައިނުދެއްވައި އޮއްވައި އަޅުގަނޑު އަމިއްލައަށް ރަސްމީ ކާޑެއް ހެދުމަކީ ރަނގަޅު ކަމެއްކަމަށް އަޅުގަނޑަށް ނުފެނިގެން އަޅުގަނޑުގެ ކާޑެއް ނެހެދީއެވެ. ނަމަވެސް ވަރަށް ގިނަ މީހުން ވަޓުސްއެޕް ނަމްބަރު ނޯޓުކޮށް ހެދިއެވެ.
ނިމިގެން ނުކުތް އިރު، އަޅުގަނޑުގެ ޙަވާލުދާރު، ނޫރު ޢައިނީ، އަޅުގަނޑު ހޮޓަލަށް ގެންދާން ކާރު ތައްޔާރުކޮށްގެން ހުންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. ދާންވީތޯ ސުވާލުކުރުމުން ފޮޓޯ ނަގައި ނިމިއްޖިއްޔާ ދާންވީއޭ ބުންޏެވެ.
ބަހުރުވަ:
މި ބައިނަލްއަގުވާމީ ސަމިޓުގެ ނަން ފޮތިގަނޑުގައި އެންމެ ފަލަކޮށް އެންމެ ގަދައަށް ފެންނާން ހުރީ ކެމްބޯޑިއާގެ ބަހެވެ. ދެން ޢަރަތްބެވެ. ދެން އިނގިރޭސިއެވެ. ސަމިޓުގެ މައިގަނޑު ބަހަކީ ވެސް އިނގިރޭސިއެވެ. ދެން ޢަރަތްބެވެ. ނަމަވެސް ކެމްބޯޑިއާ (އެ މީހުން އަދި ވެސް ކިޔަނީ "ކެމްޕޫޗިއާ")ގެ އެންމެން ވާހަކަދެއްކީ ރަށު ބަހުންނެވެ. ތަރުޖަމާނު ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފައި ވެއެވެ.
އެނބުރި ރޯޒްވޫޑަށް ދިޔުން:
އިރު އޮއްސި 7:10 އެހާ ކަންހައި އިރު ރޯޒްވުޑް ހޮޓަލަށް އާދެވުމާ އެކު އިތުރުކަމެއް ބޭނުންތޯ ޢައިނީ ސުވާލުކޮށްލިއެވެ. ދެން ވަކި ޚާއްޞަ ކަމެއް ނެތޭ ބުނުމުން މާދަމާ ހެނދުނު ބާޒާރަށް ގޮސްލާން ބޭނުންތޯ ވެސް އަހައިލިއެވެ. އަޅުގަނޑު ކުޑަކޮށް އަރާމުކޮށްލާން ބޭނުންވާތީ ހެނދުނު 11 ޖަހައި، އެހައިކަންހައި އިރު، ބާޒާރަށް ދާންވީ ނޫންހޭ ބުނީމެވެ. އެންމެ ރަނގަޅޭ އެ ގަޑިއަށް ކާރުގައި ތިމަންނަ އަންނާނެކަމަށް ބުނެ، ސަލާންކޮށްފައި އޭނާ ދިޔައީއެވެ.
ރޭގަނޑުކައިގެން ދެ ނަމާދުކޮށްލައިގެން ދެން އަޅުގަނޑު ނިދީއެވެ. ހެނދުނު ސައިގެ ކަންތައް ނިންމައިލާން ދިޔަ ވަގުތު މެލޭޝިއާގެ ދެ ޕްރޮފެސަރަކާ ބައްދަލުވެ ވަރަށް އެކުވެރި މާހައުލެއްގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އަޅުގަނޑަށް ހިސާބަކަށް މެލޭބަހުން ވާހަކަދައްކާން އެނގޭތީ އެ ކަމާ އެ މީހުން ވަރަށް އުފާކުރިއެވެ. ޕްރޮފެސަރު ޑރ. މުޙަންމަދު ޒައިން މޫސާއަކީ ކެމްބޯޑިއާގައި ވަޒީފާ އަދާކުރައްވާ ބޭފުޅެއްކަން އެނގުނެވެ. އޭނާ ކެމްބޯޑިއާ ބަހަށް ވެސް ވަރަށް ކުޅަދާނަމެއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު 11:00 ގައި ނޫރު ޢައިނީ ގުޅައިފައި ތިމަންނަ މި ހިރި އައިހޭ ބާޒާރަށް ދާންވީ ނޫންހޭ ބުނީމާ ނުކުމެ އޭނާއާ އެކު، ބޮޑު މާރުކޭޓަށް ކާރުގައި ދިޔައީމެވެ. ނަމަވެސް އެއީ ހިނގައިލައިފައި ވެސް ދެވޭހައި ކައިރި ތަނެއްކަން އެނގިގެން މި ތަނަށް ފައިމަގުގައި ވެސް އާދެވޭނެ ނޫންހޭ ބުނީމެވެ. ނަމަވެސް އޭނާ ސަމާސާއަކަށް ބުނީ ތިމަންނާއަށް މި ތާކަށް ހިނގައިފައެއް ނާދެވޭނެޔޭއެވެ. ގަޑިއެއްހައި އިރު ބާޒާރުގައި އުޅުމަށް ފަހު ހޮޓަކަށް އައިސް އެއަރުޕޯޓަށް ދާން ބޭނުމީ ކޮން ގަޑިއެއްގައިތޯ އައިނީ ސުވާލުކުރިއެވެ. ޗެކިން ފެށެނީ 6:30ގައިކަމަށް ވާތީ ހައެއް ޖަހާއިރު ރަނގަޅުވާނެތާއޭ ބުނީމެވެ. 6:30ގައި ވެސް އެންމެ ރަނގަޅުވާނެކަމަށް ޢައިނީ ބުނި ނަމަވެސް އޭނާ 6:00 ގައި އަތުވެއްޖެއެވެ. އައުމާ އެކު އަޅުގަނޑު އޭނާއާ އެކު، އެއަރުޕޯޓަށް ދާން ހޮޓަލުން ޗެކުއައުޓު ކުރުމަށް ފަހު ނިކުމެގެން ދަތުރަށް ފެށީއެވެ.
އެއަރުޕޯޓުގައި:
ޓުރެފިކު ބާރު ބޮޑުކަމުން އަށެއްކަ މޭލު ދުރުގައި އޮންނަ ނޮމް ޕެންހ އިންޓަރނޭޝަނަލް އެއަރުޕޯޓަށް ދެވުނީ އެއް ގަޑި އިރު ފަހުން 7:30ގައެވެ. އެއަރު ޕޯޓަށް ދިޔަ ތަނާ އަޅުގަނޑުގެ ލަގެޖާއި ޕާސްޕޯޓު "އަތުލައިގެން" މީހަކު ހިނގައްޖެއެވެ. އަޅުގަނޑު ކުޑަކޮށް ޖެހިލުންވެފައި އެއީ ކާކުތޯ ޢައިނީ ގާތު އެހީއެވެ. އޭނާ ބުނީ އެއީ "ކޮމެޓީ"ގެ މެންބަރެއްކަމަށެވެ. ޗެކިން ކަންތައް ނިންމައިލުމަށް ފަހު، މަތީންދާ ބޯޓަށް އަރާ ފާސް ހިފައިގެން އޭނާ އައިސް އަޅުގަނޑު ވީއައިޕީއަށް ގެންގޮސް ސޯފާއެއްގައި ބޭންދިއެވެ. އަޅުގަނޑު ފިޔަވައި މި ސަމިޓަށް އައި ހުރިހައި އެންމެން މިހާރު ވަނީ ފުރައިގެން ގޮހެވެ. އެހެންވެ އަޅުގަނޑު އެ ތާނގައި އެކަނި ނީންނާން ވެގެން ނުކުމެ، ޢައިނީއާއި އޭނާގެ އެކުވެރި ކޮމެޓީ މީހުންނާ އެކީ އެ މީހުން ގެންގުޅުނު ކޭކާއި މަދާއި މި ފާޑުގެ ތަކެތި ކެއުމުގައި ބައިވެރިވީމެވެ. އެ މީހުން އަޅުގަނޑާ އެކު ވަރަށް ގިނަ އިން ފޮޓޯ ނަގައި ހެދިއެވެ. އަދި ނަންބަރު ވެސް ނޯޓުކުރިއެވެ. ދެން އިރުކޮޅަކުން ކުޑަވަރެއްގެ ޖިޕެއްގައި އަޅުގަނޑު ގޮވައިގެން ނޫރުޢައިނީ ދިޔައީ ޕްލާޒާ ޕްރިމިއަމް ލައުންޖަށެވެ. އެ ތަނަށް އަޅުގަނޑު ވައްދައިފައި ސަލާމްކޮށްފައި އޭނާ ދިޔައީއެވެ. އެ މާލަމުން އަޅުގަނޑު ކައިގެން އެރީ ސީދާ ބޯޓަށެވެ. ކުރީން އެ ކުދީން އޮތީ ޗެކިންގެ ހުރިކަމަކާއި ސަލާމަތީ ޗެކުކުރުން ވެސް ނިންމައިފައެވެ.
ބަރާބަރު 9:30ގައި ބޯޓު ފުރިއެވެ. އެއީ ހަމަ ފުރާން އޮތް ގަޑިއެވެ. މިއީ ވެސް ކުރީން ދަތުރުކުރި ފަދަ ބޯއިން 777 މަރުކާގެ ގައިގަނޑު ފުޅާ މަތީންދާ ބޯޑެކެވެ. ދެ ގަޑިއިރަށް ފަހު ސިންގަޕޫރަށް ޖެއްސީ ރާއްޖޭ ގަޑީން 9:30ގައެވެ. އެއީ ސިންގަޕޫރު ގަޑީން 12:30ކަމަށް އެ މީހުން ބުންޏެވެ.
ސިންގަޕޫރުގެ ސަލާމަތީ ހަރުކަށި ގަވާއިދުގައިވާ ގޮތުގެ މަތީން ބޯޓުން ފައިބައި، އެއް ގަޑި އިރު، ފުރާ ގިމަތައިގައި މަޑުކުރާން ޖެހުނެވެ. އަލުން ބޯޓަށް އެރުނީ ހަމަ ސަލާމަތީ ޗެކުކުރުމަށް ފަހުގައެވެ. ހަމަ އެ މަތީންދާ ބޯޓެވެ. ހަމަ އެ ގޮނޑިއެވެ.
ރާއްޖޭ ގަޑީން 11:00ގައި ސިންގަޕޫރުން ފުރައިގެން ދާންޖެހުނީ ދުބާއީއަށެވެ. އަށެއްކަ ގަޑިއިރުގެ ދިގުދަތުރަކަށް ފަހު ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގައިބޯޓު ޖެއްސީ ދުބާއީގަޑީން ފަތިހު 5:15ގައެވެ. ފަތިސްނަމާދުކުރީ ބޯޓުގައެވެ. ރޯދަހިފާން ޖެހުނީ ވެސް ޖައްވުގެ ތެރޭގައި އިނދެއެވެ. އާ ތަޖުރިބާއެކެވެ. ހާރުކާން ބޭނުން ވެގެން ވަރަށް ބަނޑުހައިވެއްޖޭ ބުނީމާ ވަރަށް ގިނަ ސާމާނު ގެނެސްދިނެވެ.
މާލެއަށް ދާން ފުރީ ދުބާއީ ގަޑީން 10:15ގައެވެ. މާލެ އާދެވުނީ މާލޭ ގަޑީން 14:50ގައެވެ. މާލެއަށް ކުރި ދަތުރަކީ ބޯޓު ވަރަށް ގަދައަށް ތެޅުވި ދަތުރެކެވެ. މާލެއައިސް ގެއަށް ވަދެވުނީ 15:30 އެހާކަންހައި އިރުގައެވެ.
ކޮންމެއަކަސް ވަރަށް ގިނަ ތަޖުރިބާ ލިބުނު، ކެމްބޯޑިއާއަށް އަޅުގަނޑުކުރި ދެވަނަ ދަތުރު، މި ހިސާބުން ނިމުނީއެވެ.
ފާހަގަކުރެވުނު ވަރަށް ޚާއްޞަ ކަމެއް.
އެންމެ ފަހުން ކެމްބޯޑީއާގައި ބޯހިމެނި ހިސާބުތަކަށް ބަލާ އިރު، ކެމްބޯޑިއާގެ ޖުމުލަ އާބާދީއަކީ 17.8 މިލިއަން މީހުންނެވެ. ސީދަލަށް ދަންނަވާ ނަމަ، މި އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށް ބަލާ އިރު، އެ ގައުމުގެ އާބާދީއަކީ 17,201,724 އެވެ. މީގެ ތެރެއިން %97.1 އިންސައްތައަކީ ބުޑިސްޓުންނެވެ. ދެން އެންމެ ގިނައީ މުސްލިމުންނެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާ އިރު، ކެމްބޯޑިއާގައި ތިން ލައްކައަށް ވުރެ ގިނަ މުސްލިމުން އެ ގައުމުގެ ކަންކޮޅުތަކުގައި އަމާންކަމާއެކު އެބަ ދިރިއުޅެއެވެ. ނަމަވެސް އެއީ މުޅި އާބާދީގެ އެންމެ %2 އެވެ. ނަޞާރާއީންގެ އާބާދިއަކީ އެންމެ %0.3އެވެ. ބާކީ ދެން ހުރި ހުރިހައި ދީނެއްގެ އާބާދީގެ ނިސްބަތަކީ %0.5އެވެ.
މިއީ ހަގީގަތްކަމަށް ވިޔަސް އެ މީހުން މުސްލިމުންނަށް ހާދަހާ އިޙުތިރާމެއް ކުރެއެވެ. މި ސަމިޓަށް ގޮސް މެހުމާނުން ތިބި ހުރިހައި ހޮޓަލެއްގައި ކީރިތި ޤުރުއާނުގެ މުސްޙަފު ކޮޕީއަކާއި ނަމާދުކުރާނެ މުސައްލައަކާއި ގިބުލަ ފާހަކަކޮށްދޭ ކުރެހުމެއް ފެންނާން ހުއްޓެވެ. އަދި ސަމިޓު އޮތް ސޮކާ ނޮމް ޕެންހ ހޮޓަލުގައި ވެސް ވަރަށް ބޮޑު ޖާގައެއްގައި ރީތިކޮށް ދޫލަ އަޅައި ނަމާދުކުރާން ތައްޔާރުކޮށްފައި ވެއެވެ.
މީގެ އިތުރަށް ބައިނަލްއަގުވާމީ އެއަރުޕޯޓުގައި ނަމާދުކުރާން ޚާއްޞަކޮށްފައިވާ ތަން، ހަމަ ގައިމު ވެސް ރާއްޖޭގައި ބިނާކުރާ މެދުމިނުގެ މިސްކިތަކަށް ވުރެ ކުޑައެއްނުވާނެއެވެ. މިއީ ސައްތައިންސައްތައޭ މި ކިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ސަރުކާރުން ޢިބުރަތް ލިބިގަންނާން ޖެހޭ ފަދަ ކަންކަމެވެ.
ތަޝައްކުރު:
މި ފުރުޞަތު ދެއްވިކަމަށް ޓަކައި އަޅުގަނޑުމެންގެ ލޮބުވެތި ވަޒީރަށް ވަރަށް އިޚުލާޞްތެރިކަމާ އެކު މި ޝުކުރު ދަންނަވަނީ މިފަދަ އިތުރު ފުރުޞަތަކަށް އުންމީދުކުރަމުންނެވެ. އަދި މި ކަމުގެ އިންތިޒާމުތަކުގައި އެހީތެރިވެދެއްވިކަމަށް ޓަކައި އައްޝައިޚު އިމްތިޠާއު ޢައްބާސަށާއި އަލްފާޟިލާ ޒިދުނާ އިސްމާޢީލު ވެސް މި ޝުކުރުގައި ޝާމިލުކުރަމެވެ.
މި ލިޔުމުގައިވާ ބައެއް ލަފުޒު މާނަކޮށްފައިވާ ގޮތް
ހާޒިރު ނއ. އަންނަ އައުން. ހުންނަ ހުރުން. attend, present
ހިރިޔާމާލަން ނ. ވައިގެބަނދަރާއި ޖަލްސާކުރާ މާލަން ފަދަ ތަންތަނުގައި ޚާއްޞަ ބޭބޭފުޅުންނަށް ކަނޑައަޅައިފައި ހުންނަ އިންތިޒާރީ ކޮޓަރި. VIP launge
ހިލޭ ނއ. އަގަކާނުލައި. free
މައުމޫލު ނ. އިމްޕޯޓު ޑިޔުޓީ.
ފާސް ނ. ތަނަކަށް ވަންނާން ހުއްދަދީ ރަސްމީ ފަރާތަކުން ދޫކުރާ ކުޑަ ލިޔުމެއް. pass (މި މާނައެއް އަދި ރަދީފަކު ނެތެވެ.)
ދެރިޔަ ނ. އަންހެނާ. lady
ގައިގަނޑު ނ. ދިރޭއެއްޗެހީގެ ހަށިގަނޑުގެ މައިގަނޑު ބައި. މި ބައިގައި ބޮލާއި، ކަރާއި، އަތްފަޔާއި ފިޔަގަނޑު ފަދަ ހަށިގަނޑާ ގުޅިފައިވާ އެހެން ބައިތަކެއް ނުހިމެނެއެވެ. body(2) އުޅަނދެއްގެ މައިގަނޑު ބައި. މި ބައިގައި އޮނިގަނޑު ފިޔަވައި އެހެން ބައިތަކެއް ނުހިމެނޭނެއެވެ. body (ދެވަނަ މާނަ ރަދީފުގައި ހިމެނިފައެއް ނުވާނެއެވެ.)