ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (5)

އައްޝައިޚު އިބްރާހީމް އަޙުމަދު

13 ނޮވެންބަރު 2025

ސިޔާސާ ޝަރުޢިއްޔާއަކީ ވަރަށް މުހިންމު ޢިލްމެކެވެ

(2025 ނޮވެންބަރު 06ވަނަ ޢަދަދާ ގުޅޭ)

ކީރިތި ޤުރުއާނަކީ އިސްލާމްދީނުގެ އާންމު މަޞްދަރެވެ. ﷲ ތަޢާލާގެ ފޮތެވެ. އެ ފޮތުގައި ވަކިވަކި ޙުކުމްތަކުގެ ތަފުޞީލުތައް ހިމެނިފައެއް ނުވެއެވެ. އެޔާ ޚިލާފަށް އެ ފޮތުގައި ވަނީ ދައުލަތުގެ އާންމު ކަންތައްތަކާއި ސާބިތު އަސާސްތަކާއި ކުއްލީ ގަވާއިދުތައް އޭގެ މައްޗަށް ބިނާވެފައިވާ ދައުލަތުގެ އާންމު ކަންކަން ހިންގާނެ އުޞޫލުތަކާއި ސިޔާސަތު ހިމެނިފައެވެ. މި ދެންނެވި އަސާސްތަކާއި ގަވާއިދުތައް އެއް އުންމަތާއި އަނެއް އުންމަތުގައި ނުވަތަ އެއް ޒަމާނާއި އަނެއް ޒަމާނެއްގައި ވަރަށް މަދު ކަމެއްގައި މެނުވީ ޚިލާފުވެފައެއް ނުވެއެވެ. އުންމަތްތަކުގެ ޒަމާނާއި ޙާލަތު ބަދަލުވުމާ ގުޅިގެން ހިނގާނެ ކަންތައްތަކުގެ ތަފުޞީލުތައް ކީރިތި ޤުރްއާނުގައި ހިމެނިފައެއް ނުވެއެވެ. އެ ކަން އެ ގޮތަށް ވެފައިވަނީ އުންމަތުގެ މަޞްލަޙަތު ފުޅާ ދާއިރާއެއްގައި ރައްކާތެރިކުރެއްވުމަށެވެ. އަދި ޙާލަތުގެ މައްޗަށް ރިޢާޔަތްކުރެވޭނެ ގޮތް އޮތުމަށެވެ. 

ވެރިކަމުގެ ނިޒާމާ މެދު ކީރިތި ޤުރްއާނުގައި ވެރިކަމުގެ ވައްތަރާއި ނިޒާމުގެ ވައްތަރާ މެދު ތަފުޞީލުކޮށް ވާހަކަދައްކައިފައެއް ނުވެއެވެ. އަދި ދައުލަތުގެ ބާރުތައް އޮންނާނެ ގޮތް ވެސް ތަފުޞީލުކޮށް ބަޔާންކުރައްވާފައެއް ނުވެއެވެ. އަދި އަހުލުލްޙައްލި ވަލްޢަޤްދިގެ މީހުން އިޚްތިޔާރުކުރާނެ ގޮތެއް ވެސް ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ޢަދުލުވެރި ވެރިއެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއް ސާބިތުކުރާންޖެހޭ ކަންކަމުގެ ނައްޞެއް ބަޔާން ވެފައިވެއެވެ. އޭގައި އުންމްތް ތަފާތުވިޔަސް ތަފާތެއް ނެތެވެ. ﷲ ތަޢާލާ ވަނީ މި ކަމުގައި ޢަދުލުވެރިކަން ވެރިކަމުގެ އަސާސެއްގެ ގޮތުގައި ލައްވައި އެ ކަމާ މެދު ވަޙީ ބާވައިލައްވައިފައެވެ. ފަހެ މާތް ވަޙީ ކުރައްވައިފައި ވެއެވެ. وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ [1] މާނައީ: "އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށް ވެސް، أمرކުރައްވަތެވެ."  އަދި ހަމަ އެ ފަދައިން މަޝްވަރާގެ މަތީން ވެރިކަން ހިންގުމަށް އަމުރުކުރެއްވިއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ. وَشَاوِرْهُمْ فِي الْأَمْرِ [2] މާނައީ: " އަދި، ކަންތަކުގައި ކަލޭގެފާނު އެ މީހުންނާ مشورة ކުރައްވާށެވެ! "  އަދި ހަމަ އެފަދައިން އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ މަތިން ވެރިކަން ހިންގުމަށް ދީން އޮތީ ގޮވައިލައިފައެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ. إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ[3] މާނައީ: "مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلحކުރާށެވެ!" މިއަސާސްތައް ފިޔަވައި މި ނިޒާމުގެ ތަފުޞީލީ ބައިތަކާ މެދު ޤުރްއާނުގައި އިތުރު ވާހަކަތަކެއް ބަޔާންކުރައްވައިފައި ނުވަނީ ވަލިއްޔުލްއަމުރަށް އެ ނިޒާމުގެ ކަންކަން ފުޅާ ދާއިރާއެއްގެ ތެރެއިން ބަޔާންކުރެއްވުމަށް ފަސޭހައެއް އޮތުމަށްކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އަދި އެ ބޭފުޅުންނަށް ވެރިކަމުގެ ކަންކަން ބައްޓަންކުރުން ފަސޭހަ ކުރެއްވުމަށެވެ. އެހެންވީމާ ޒަމާނާއި ޙާލަތާ ގުޅޭ ގޮތަށް މަޞްލަޙަތުގެ މަތީން ހަމަހަމަކަމާއި ޢަދުލާއި މަޝްވަރާގެ މަތީން ކަންކަންކުރުމަށް ދީނުގައި ފުރުޞަތު ތަނަވަސްކުރެއްވިއެވެ.

ޖިނާއީ ޤާނޫނުގެ ސިޔާސަތުގެ މައްޗަށް ބަލާ ނަމަ މުޖުރިމުން ކުރެ ފަސް ވައްތަރެއްގެ ޖަރީމާ ހިންގާ މީހުންނަށް ނޫނީ ކަނޑައެޅިފައިވާ ވަކި އަދަބުތަކެއް ނުވެއެވެ. މި ދެންނެވި ފަސްބާވަތުގެ މުޖުރިމުންނަކީ ﷲއާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް ބިމުގައި ފަސާދަ ކުރާ މީހުންނާއި ޙައްޤަކާއި ނުލައި މީހުން މަރާ މީހުންނާއި މުޙުޞަނު އަންހެނުންނަށް ޤަޛުފުކުރާ މީހުންނާއި  ޒިނޭކުރާ އަންހެނުންނާއި ފިރިހެނުންނާއި އަދި ވައްކަންކުރާ މީހުންނެވެ.

އެންމެހައި ޖަރީމާތަކަށް ބަލާ ނަމަ، ބޮޑެތި ކުށްތަކާއި ކުދި ކުށްތަކާއި ޤާނޫނާ ޤަވާޢިދާ ޚިލާފުވުން ފަދަ ކަންކަމަށް ދީނުގައި ވަކި އަދަބެއް ކަނޑައަޅުއްވައި ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެއް ނުވެއެވެ. އެޔާ ޚިލާފަށް މި ކަންކަން ދޫކުރައްވައިފައިވަނީ އެ ކަމުގެ ޢުޤޫބާތް ކަމުގެ ކުޑަބޮޑު މިނަށް ބެލުމާއެކު އެތަނެއްގެ އަމަން އަމާންކަން ރައްކާތެރިކުރުމަށާއި ކުށްވެރީން ބިރުވެތިވެ އެ ކަމުން ދުރުވާނެ ފަދަ ގޮތެއްގެ މަތީން ވަލިއްޔުލްއަމުރު އެ ކަން ކަނޑައެޅުއްވުމަށެވެ. ސަބަބަކީ މި ކަމަކީ ވެށި ތަފާތުވުމުން އުންމަތް ތަފާތުވުމުން ޒަމާން ތަފާތުވުމުން ތަފާތުވާނެ ކަންކަމަށް ވާތީއެވެ.  އެހެންވީމާ ޤައުމުގެ ވެރީންނަށް އެ ޤައުމުގެ  ޙާލަތާއި ގުޅޭ ގޮތުން ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމެވެ. އެއީ އެ ޢުޤޫބާތްދިނުމުގެ ބޭނުން ޙާޞިލުކުރުމަށެވެ. އެހެންވެ އެކަލާނގެ އިރުޝާދު ދެއްވައިފައިވަނީ އުންމަތް ތަފާތުނުވާނެ ގޮތުގެ މަތީން އާންމުކޮށެވެ. އެއީ ޢުޤޫބާތް އޮންނާންވާނީ ކުށުގެ މިންވަރުގެ މައްޗަށެވެ. ފަހެ މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِ[4] މާނައަކީ "އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ! " އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ. فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ[5] މާނައީ: "ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملةދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملةދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ!"

މުޢާމަލާތުގެ ޤާނޫނުގެ ސިޔާސަތުގައި  އެކިއެކި ބޭނުންތައް ފުއްދުމަށް ހުއްދަވާ ދަލީލުތަކާއި ޟުރޫރަތްތައް ނެތިކޮށްލުމަށް ގަނެ ވިއްކުމާ ކުއްޔަށް ހިފުމާ ރަހްނުކުރުން ފަދަ ކަންކަމުގެ ސިޔާސަތެއް އެކަށައަޅުއްވައިފައި ވެއެވެ. ފަހެ މާތްﷲ ވަޙީ ކުރައްވައިފައި ވެއެވެ.  يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ[6]  މާނައަކީ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ."  މުޢާމަލާތުގެ ވަކިވަކި ބައިތަކުގެ ތަފުޞީލީ ޙުކުމްތައް އުންމްތުގެ ވެރީން އެއުންމްތުގެ ޙާލަތުގެ މައްޗަށް ބިނާވާ ގޮތުގެ މަތީން ރައްޔިތުންގެ ރުހުމުގެ އަސާސްގެ މަތީގައި ތަފުޞީލު ކޮށްދެވޭނެ އުޞޫލާއި އެކަމުގެ ދޮރު ދީނުގައި ވަނީ ހުޅުއްވާ ދެއްވައިފައެވެ. ހަމަ އެފަދައިން ރުޅިވެރިކަމާއި ޢަދާވާތްތެރިކަމާއި ހަމަނުޖެހުން އެކުލެވޭ މުޢާމަލާތް މަނާކުރެއްވުމުގެ ނައްޞު އެކަލާނގެ ބަޔާން ކުރެއްވިއެވެ. އޭގައި ރިބާއާއި ޖުވާ ކުޅުންފަދަ ހަމަނުޖެހުން އުފެދިދާނެ ހުރިހާ މުޢާމަލާތެއް މަނާ ކުރެއްވިއެވެ. އަދި މީގައިވެސް ވަކިވަކި ކަންކަމުގެ ތަފުޞީލީ ޙުކުމްތައް ހިމަނުއްވާފައެއް ނުވެއެވެ.

މާލީ ނިޒާމުގެ ސިޔާސަތުގައި މުއްސަނދިން ފަޤީރުންނަށް ދިނުން ވާޖިބު ބަޔަކާއި އަދި ބަޔެއް މީހުން ބޮލެއްގެ މައްޗަށް ދޭންޖެހޭ ޓެކުހަކާއި މިބާވަތުން ހޭދަކުރުން ދީނުގެ ސިޔާސަތަކަށްވެ އެކަމުގެ ތެރެއިން ވާޖިބު ބަޔަކާއި ސުންނަތް ބަޔެއް ލެއްވިއެވެ.  އަދި ފަރުޟުބައިން ދޭންޖެހޭ 8 ބަޔެއް ލެއްވިއެވެ. މީގެ އަޞްލަކީ ބޭނުންޖެހިފައިވާ ފަރާތްތަކުގެ ބޭނުން ފުދިގެން ދިއުމާއި  އާންމު މަންފާތަކަށް ހޭދަކުރަންޖެހޭ ހޭދަކުރުމެވެ. އެހެންކަމުން މިފަދަ ގޮތަކަށް ލިބޭ ތަކެތިން އުންމްތުގެ ތެރޭގައި ހޭދަކުރާނެ ގޮތްތަކުގެ ތަފުޞީލުތައް ކީރިތި ޤުރްއާނުގައި ހިމަނުއްވާފައެއް ނުވެއެވެ. އަދި މިފަދަ ކަންކަން ހިންގަންވީ ފުރިހަމަ ތަފުޞީލީ ސިޔާސަތު  ދީނުގައި ބަޔާން ކުރެއްވިއެވެ.

ޚާރިޖީ ސިޔާސަތަށް ބަލާނަމަ މުސްލިމުންނާ ޣައިރު މުސްލިމުންގެ ގުޅުން ފުރިހަމަ ކުރެއްވިއެވެ. އެކަން އަންގަވައި ﷲ ވަޙީ ކުރެއްވިއެވެ. لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ، إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ [7]  މާނައަކީ "ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރީންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. اللَّه ، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރީންނެވެ."

ފަހެ ކީރިތި ޤުރްއާނުގައި އާންމު ކަންކަމުގެ ބައިތަކުގެ ތަފުޞީލުތައް ހިމަނުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެއީ ޤުރްއާނުގެ އުނިކަމެއް ކަމުގައެއް ނުވެއެވެ. އެހެންނަމަވެސް އެއީ ﷲ ތަޢާލާގެ ޙިކުމަތްފުޅުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއީ އުންމްތްތަކަށް އެބައިމީހުންގެ މަޞްލަޙަތާ ގުޅޭ ގޮތުގެ މަތީން ނިޒާމުތައް ބައްޓަން ކުރުމަށް ލެއްވެވި ފަސޭހައެކެވެ.  އެކަމަކު އެއީދީނުގެ ޙައްދުތަކަށް އަރައިގަތުމެއް ނެތި އެކުލަވާލާ ނިޒާމެކެވެ.

ދެވަނަ މަޞްދަރު: ރަސޫލާގެ ސުންނަތާއި ސީރަތު

ސުންނަތުގެ އިޞްޠިލާޙީ ތަޢުރީފުގައި އަލްއިމާމު އައްޝައުކާނީ ވިދާޅުވަނީ ސުންނަތަކީ ކީރިތިރަސޫލާ z ވިދާޅުވި ބަސްފުޅުތަކާއި ކުރެއްވި ޢަމަލުފުޅުތަކާއި  އަދި ތަޤްރީރު ތަކެވެ.[8]

މިއީ އިސްލާމުންގެ ސިޔާސަތު އެކަށައެޅުމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ.  މީގައި މުޖުތަމަޢުގެ އެންމެހައި ކަންކަން  ރޭވިގެން ދިއުން ހިމެނިފައިވީ ފަދައިން ވެރީންނާއި ރައްޔިތުންގެ ގުޅުމުގެ ސިޔާސަތު އެކުލެވިފައި ވެއެވެ. އަދި ހަނގުރާމައާއި ޞުލްޙައިގެ ޙާލަތުގައި އިސްލާމީ ދައުލަތާއި އެހެނިހެން ދައުލަތްތަކާ ދެމެދު ގުޅުން އޮންނަންވީ ގޮތުގެ ސިޔާސަތު ހިމެނިފައި ވެއެވެ.  ފަހެ މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ [9] މާނައީ:" އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"  (ނުނިމޭ)

 
މަރުޖާ:

[1]  ސޫރަތުއްނިސާ 58

[2]  ސޫރަތު އާލު ޢިމްރާން 159

[3]  ސޫރަތުލްޙުޖުރާތު 10

[4] ސޫރަތުއްނަޙްލު :126

[5]  ސޫރަތުލްބަޤަރާ 191

[6] ސޫރަތުއްނިސާ 29

[7] ސޫރަތުލްމުމްތަޙިނާ :8- 9

[8] - ޢަލާއުއްދީންޚަރޫޤާ،ފަލްސަފަތުއްތަޝްރީޢުލްއިސްލާމީ ވަމަދާ މުސާހިމަތިހާ ތުޖާހި ޢިލްމުލްޤާނޫނިލްމުޢާޞިރު:  (ޞ26)

[9]  ސޫރަތުލްޙަޝްރު: 7

ކޮމެންޓު