ad_banner
ބޮޑު ގަނޑުވަރު މަރާމާތުކުރުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

9 ނޮވެންބަރު 2025

ބޮޑުގަނޑުވަރު

ބޮޑު ގަނޑުވަރު މަރާމާތުކުރާންވެގެން، އެ ކަން ކޮށްދޭނޭ ބަޔަކު ހޯދާން އިއުލާނުކުރެވުނެވެ. އެ މަޝްރޫއުގެ މަސައްކަތް ލިބޭތޯ ގިނަ ކުންފުނިތަކުން ކަމާ ބެހޭ ފަރާތަށް ސިޓީއާއި ކަމާ ބެހޭ ލިޔުންތައް ހުށަހެޅިއެވެ.

އެ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ކުންފުންޏެއް ކުރު ލިސްޓުކުރެވުނެވެ. އޭގެ ތެރޭގައި ޖަޕާނުގެ ކުންފުންޏަކާއި އިންޑިޔާގެ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ހިމެނެއެވެ. ދެން، އެ ކުންފުނީގެ މަންދޫބުން، ކަމާ ބެހޭ އިދާރާއަށް ގެނެސް، ސުއާލުކުރެވުނެވެ.

ފުރަތަމަ ޖަޕާނު ކުންފުނިން ހުށަހަޅައިފައި އޮތް ހުށަހެޅުމަށް ބަލައިފައި އިދާރާގެ ވެރިޔާ ބުންޏެވެ.

ވެރިޔާ: ބޮޑު ގަނޑުވަރު މަރާމާތުކުރުމަށް ޚަރަދެއްގެ ގޮތުގައި ކަލޭމެންގެ ކުންފުނީން ހުށަހަޅައިފައި މި އޮތީ އެއް ލައްކަ ޑޮލަރެވެ. އޭގެ ތަފުސީލެއް ދެވިދާނެހެއްޔެވެ؟

ޖަޕާނުގެ މަންދޫބު: ތަކެތި ގަތުމަށް ފަންސާސް ހާސް ޑޮލަރު ދާނެއެވެ. ދެން، މަސައްކަތުގެ އަގަށް އަންދާޒާކޮށްފައި އެ އޮތީ ސާޅީސް ހާސް ޑޮލަރެވެ. ބާކީ ދިހަ ހާސް ޑޮލަރު އެއީ ކުންފުންޏަށް ފައިދާވާނެ އަދަދެވެ.

ދެން، އިންޑިޔާގެ ކުންފުނީގެ މަންދޫބު ގެނެސް ހަމަ އެ ސުއާލު ކުރެވުނެވެ.

ވެރިޔާ: ބޮޑު ގަނޑުވަރު މަރާމާތުކުރުމުގެ ޚަރަދަށް ކަލޭމެންގެ ކުންފުނީން ހުށަހަޅައިފައި މި އޮތީ އަށްޑިހަ ހާސް ރުފިޔާއެވެ. އޭގެ ތަފުސީލެއް ދެވިދާނެހެއްޔެވެ؟

އިންޑިޔާގެ މަންދޫބު: ފަންސާސް ހާސް ޑޮލަރު އެ އޮތީ ތަކެތީގެ ޚަރަދަށް ދާނެކަމަށް ލަފާކުރާ އަދަދެވެ. ދެން، މަސައްކަތުގެ އަގަށް ވިހި ހާސް ޑޮލަރެވެ. ބާކީ ދިހަ ހާސް އެއީ ކުންފުންޏަށް ފައިދާވާނެކަމަށް ލަފާކުރެވޭ ވަރެވެ.

އެންމެ ފަހުން ދިވެހި ކުންފުނީގެ މަންދޫބު ގެނެވުނެވެ. އަދި، ވެރިޔާ ކުޑަކޮށް ހައިރާން ވެލައިފައި ބުންޏެވެ.

ވެރިޔާ: ބޮޑު ގަނޑުވަރު މަރާމާތުކުރުމަށް ކަލޭމެންގެ ކުންފުނީން ހުށަހަޅައިފައި މި އޮތީ ވަރަށް ވެސް ބޮޑު އަދެދެކެވެ. ދެ ލައްކަ އަށްޑިހަ ހާސް ޑޮލަރެވެ. އޭގެ ތަފުސީލެއް ދެވިދާނެހެއްޔެވެ؟

ދިވެހި މަންދޫބު: އާނއެކެވެ. އެއް ލައްކަ ޑޮލަރު އެއީ ވެރިޔާއަށެވެ. އަނެއް ލައްކަ އެއީ އަހަންނަށެވެ. ދެން، ބާކީ އޮންނާނީ އަށްޑިހަ ހާސް ނޫން ހެއްޔެވެ؟ އެހެންވީމާ އަހަރުމެން ދެން އިންޑިޔާ ކުންފުންޏާ މަޝްރޫއު ހަވާލުކުރާނީއެވެ!

ވެރިޔާ ވެސް ބޯޖަހައިލައިފައި އެންމެ ރަނގަޅު ގޮތަކީ ދިވެހި ކުންފުންޏާ މަޝްރޫއު ހަވާލުކުރުންކަމަށް ވިސްނި، އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރިއެވެ!

ކޮމެންޓު
ކޮމެންޓުތައް
ސުހާނާ
11 ނޮވެންބަރު 2025 06:20
އިންޑިޔާގެ ކުންފުނިން ހުށަހެޅިކަމަށް ލިޔެފައިވަނީ އަށްޑިހަ ހާސް ރުފިޔާ. ނަމަވެސް ޚަރަދުގެ ތަފުސީލުގައި ރުފިޔާގެ ބަދަލުގައި ލިޔެފައިވަނީ އަށްޑިހަ ހާސް ޑޮލަރު.