އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
7 ނޮވެންބަރު 2025
ބޮޑާކަމާ އެކު ފަިދޮށުގައި ހެދުންދަމާ މީހުންނާއި ކަލަގޮވާ މީހުންނާއި ދޮގު އިޝްތިހާރުކޮށްގެން މުދާވިއްކާ މީހުންނަށް ﷲ ބައްލަވައިވޮޑިއެއްނުގަންނަވާނެއެވެ.
(2025 އޮކުޓޫބަރު 31ގެ ޢަދަދާ ގުޅޭ)
އަލްއިމާމުއްޝާފިޢީ ވިދާޅުވިއެވެ. ((ކަލަގޮވުމަކީ ހިތަށް ލޮންސިއެއް ހަރައިލުމަށް ވުރެ ވޭންގަދަ ކަމެކެވެ.)) ތިބާގެ އަނބިމީހާއާ ދަރީންނަށް ތިބާކުރާ ހޭދައިގެ ވާހަކަ ގިނަގިނައިން އެ މީހުން ގާތުގައި ނުދައްކާށެވެ. އެ މީހުންގެ ޙަޔާތް ފާގަތިކޮށްދިނުމަށް ޓަކައި ތިބާ މި ކުރާ ހޭދައިގެ ވާހަކަ ގިނަގިނައިން ދެއްކީމާ އެ މީހުން ހިތުގައިޖެހޭނެއެވެ. އެއީ އެ މީހުންނާ އެކު ރިވެތިކޮށް މުޢާމަލާތުކުރުމަށް އެންގެވި އެންގެވުމާ ޚިލާފު ކަމެކެވެ. އެ މީހުންނަށް ހޭދަކުރުމަކީ ތިބާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ތިބާ މި ވާޖިބު އަދާކުރަނީ ﷲގެ ޙަރަތުން ސަވާބަށް އެދިއެވެ.
ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވަޞިއްޔަތްކުރައްވަމުން ވިދާޅުވިއެވެ. ((ދަރިފުޅާއެވެ! ދެ ކަމެއް ހަނދުމަނުކުރާށެވެ! އެހެން މީހުން ތިބާއަށް ކުރާ ގޯނާތަކާއި ތިބާ އެހެންމީހުންނަށް ކޮށްދޭ ހެޔޮކަންތަކެވެ.))
އެއް ދުވަހަކު މީހަކު ބުންޏެވެ. ((އަހުރެން ތިބާއަށް އިޙުސާންތެރިވީމެވެ. މިވެނި އެވެނި ކަމެއްކޮށްދިނީމެވެ.)) މި އަޑު އިބްނު ސީރީނަށް އިވިވަޑައިގަތުމުން ވިދާޅުވިއެވެ. ((ތިބާ ހަނުހުންނާށެވެ! ކޮށްދޭ ހެޔޮކަންތައް ގުނައި ޢަދަދުކުރުމުގައި ހެވެއް ނެތެވެ.))
މީހުންނަށް ކަލަގޮވާ މީހާގެ ޙާލަކީ މިއެވެ. އެހެންވީމާ ﷲއަށް ކަލަގޮވާ މީހާގެ ޙަލާ މެދު ނިކަން ވިސްނައިލައި ބަލާށެވެ. މާތް ﷲ މީހަކަށް ތަނަވަސްކަން ދެއްވައި ހެޔޮ ކަންކަމަށް ހޭދަކުރުމަށް ތައުފީޤުދެއްވި މީހާއަކީ ކިހައި ނަސީބު ރަނގަޅު މީހެއްހެއްޔެވެ؟ އެހެނަސް މި މީހާ ﷲއަށް ކަލަގޮވާން ފަށައިފި ނަމަ އެއީ މިސްކީނެކެވެ. އެއީ ޙާލުގައި ޖެހިފައިވާ މީހެކެވެ. އެ މީހާ މަޖިލިސްތކުގައްޔާއި މަންސަތަކުގައްޔާއި ސިންތާތަކުގައި އޭނާގެ މޮޅު ވާހަކަދައްކާނެތެވެ. މިވެނި މަޝްރޫޢެއް ނުވަތަ މިވެނި ދަރުމަ މުއައްސަސާއެއް ޤާއިމުވެ ކުރިއަށް ދަނީ މަގޭ މަސައްކަތުންނެވެ. އަހުރެން ނެތް ނަމަ އެ މަޝްރޫޢު ކުރިއަކަށް ނުދާނެތެވެ. އަހުރެންގެ ތަޖުރިބާއާއި އެހީ ނުލިބުނު ނަމަ އެ ޖަމްޢިއްޔާއަށް އެ މުއައްސަސާއަށް އެއްވެސް އަރުތައެއް ޙާޞިލެއްނުކުރެވޭނެއެވެ. އޭނާއަށް މި ކަން ކުރެވުނީ ﷲ ދެއްވި ހެޔޮ ތައުފީޤުގެ ސަބަބުންކަން އޭނާއަކަށް ނޭނގުނެވެ.
މާތް ﷲ ރަޙްމަތްލެއްވި ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް މީހަކު ދެންނެވިއެވެ. ((جزاك اللهُ عن الإسلامِ خيرًا – މާތް ﷲ އިސްލާންދީނުގެ ފަރާތުން ކަލޭގެފާނަށް ހެޔޮ ޖަޒާދެއްވާށިއެވެ!)) އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ((ﷲ ގަންދީ ބުނަމެވެ. ތިބާ ތިޔަ ފަދައިން ނުބުނާށެވެ. އެހެނެއްކަމަކު ބުނާށެވެ. جزى اللهُ الإسلامَ عني خيرًا – އަހުރެންގެ ފަރާތުން މާތްﷲ އިސްލާންދީނަށް ހެޔޮކަން ދެއްވާށިއެވެ!))
ދޮގުހުވާކޮށްގެން މުދާ ވިއްކާ ވިޔަފާރިވެރިޔާ
ޤިޔާމަތްދުވަހުން މާތްﷲ އޭނާއަށް ބައްލަވައިވޮޑިނުގަންނަވާ ، އޭނާއަށް ބަސްވަޙީނުކުރައްވާ އޭނާގެ ފާފަތައް ފުއްސަވައިނުދެއްވާ އޭނާއަށް ވޭންދެނިވި ޢަޒާބު ދެއްވާ ތިން މީހުންގެ ތެރެއިން ތިންވަނަ މީހަކީ ވިޔަފާރިވެރިޔާއެވެ. ކުޑަވިޔަސް ބޮޑުވިޔަސް ތަފާތެއް ނެތެވެ. ކުޑަ ފިހާރައެއް ހިންގާ މީހަކަށް ވިޔަސް ބޮޑުފިހާރައެއް ހިންގާ މީހަކަށް ވިޔަސް ތަފާތެއް ނެތެވެ. މުދާ ގަޑުކޮށް ވިއްކާ މީހެކޭ ކުދިކޮށް ވިއްކާ މީހެއްގެ ތަފާތެއް ނެތެވެ.
އެހެނަސް އެއީ ކޮންމެ ވިޔަފާރިވެރިއެއް ނޫނެވެ. އެއީ އޭނާގެ މުދާތައް އިޝްތިހާރުކުރުމުގައި ދޮގު ހުވައިކޮށް އެ މުދާ ރަނގަޅުވާނެކަމަށާއި އެއަށް ވުރެ ރަނގަޅު އެ ބާވަތުގެ އެހެން މުދަލެއް ނުހުންނާނެކަމަށާއި މިއީ އެންމެ ހެޔޮ އަގުކަމަށް ބުނެ ގަންނަ މީހާއަށް އޮޅުވައިލާ މީހާއެވެ. ދޮގުހުވައިކުރުމަކީ ބޮޑު ފާފައެކެވެ.
އެ ކަމުގައި ހުވައަށް އިހާނެތިވުމާއި ﷲގެ އަމުރުފުޅާ ޚިލާފުވުންވެއެވެ. ﷲ عزوجل ވަޙީކުރެއްވިއެވެ. ((وَٱحْفَظُوٓا۟ أَيْمَٰنَكُمْ [1] - އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ!)) ﷲ سبحانه ގެ އެހެން ބަސްފުޅެއްގައި އެންގެވިއެވެ. ((وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَٰنِكُمْ[2] - ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށް އެޅޭ ހުރަހެއްކަމުގައި، اللَّه ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ!))
އެކަމުގައި މީހުންގެ މުދަލާއި ފައިސާ ބާޠިލުގޮތުގައި ކެއުންވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ[3] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! ))
މި ބާވަތުގެ ހުވައަށް ޢިލްމުވެރިން ޣަމޫސް ހުވައިގެ ނަން ދެއްވައިފައި ވެއެވެ. އެއީ މި ބާވަތުގެ ހުވާގެ ސަބަބުން ހުވާކުރާމީހާ ފާފައިގެ ތެރެއަށް ގެނބިގެންދާތީއެވެ. އެއީ އިންސާނަކު އޭނާގެ އަޚާގެ މުދާ ބާޠިލުގޮތުގައި (ޙައްޤަކާނުލައި) ކެއުމަށް ޓަކައި ކުރާ ހުވައަކަށް ވާތީއެވެ. ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَنْ حَلَفَ عَلَى يَمِينٍ يَقْتَطِعُ بِهَا مَالَ امْرِئٍ مُسْلِمٍ هُوَ عَلَيْهَا فَاجِرٌ لَقِيَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ[4] - މުސްލިމެއްގެ މުދަލުން އެތިކޮޅެއް ނެގުމަށް ޓަކައި ހުވާ ކުރާ މީހަކީ އެކަމުގެ ސަބަބުން ފާފަވެރިވެފައިވާ މީހެކެވެ. އޭނާ ﷲއާ ބައްދަލުކުރާނީ އެކަލާނގެ އޭނާދެކެ ކޯފާވެވޮޑިގެންވާ ޙާލުގައެވެ.))
އޭނާ މިވެނި އެއްޗެއް ގަތް ކަމަށް ނުވަތަ މިވެނި އެއްޗެއް ދިން ކަމަށް ނުވަތަ މިފަދަ ކަމެއް ކޮށްދިންކަމަށް ބުނެ އޭނާގެ ބަސްތެދުކުރުމަށް ޓަކައި ކުރާ ހުވަޔަކީ ޣަމޫސް ހުވައެވެ. ޢަދާވަތްތެރިވުމުގެ ގޮތުން ނުވަތަ ހަސަދަވެރިކަމުން ނުވަތަ އޭނާއަށް އެއްޗެހިނުކިޔާ ކަމަށް ބުނެ ކުރާ ދޮގު ހުވަޔަކީ ޣަމޫސް ހުވައެވެ. އޭގެ ސަބަބުން މުސްލިމު އަޚާގެ ޙައްޤަކަށް އަރައިގަނެވޭތީއެވެ. ކޮންމެ ދޮގު ހުވައަކީ ޣަމޫސް ހުވައެކެވެ. އެކަމުގެ ފާފައިގެ މިންވަރު އޮންނާނީ އެކަމުގެ ސަބަބުން ލިބޭ ގެއްލުމާއި އަނިޔާގެ މަތީގައެވެ.
މީހަކު އަތުން ދަރަންޏެއް ނަގައިފައިވާ މީހާ އެ ދަރަންޏާ އިންކާރުކުރުމާއި މީހަކު އަތުގައި އޮތް ކަތިވަޅިއެއް ބޭނުންކޮށްލައިފާ ގެނައުމަށް ގެންގޮސް އެކަމާ އިންކާރު ކުރުމަށް ޓަކައި ދޮގު ހުވާކޮށްފިނަމަ އެއީ ޣަމޫސް ހުވައެވެ.
ދޮގު އިޝްތިހާރުތަކުގެ ސަބަބުން ވިކޭ މުދަލުން ބާޠިލު ގޮތުގައި ތިބާއަށް ލިބޭ ފައިސާގައި މާތް ﷲ ބަރަކާތެއް ނުލައްވާނެތެވެ. އެއީ އެއިން ބަރަކާތް ނިގުޅައިގަންނަވައިފައިވާ ފައިސާކޮޅެކެވެ. މި ކަން ބަޔާންކުރައްވައި ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. (الحَلفُ منفقَةٌ لِلسِّلْعَةِ، مَمْحَقَةٌ لِلْبَرَكَةِ [5] -ހުވާކުރުމުން މުދާ އިޝްތިހާރު ވިޔަސް އެއީ ބަރަކާތް ނެތިގެންދިޔުމެކެވެ.)) އެއިން ބަރަކާތް ގެންދަވައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ފިހާރައިގައި ރޯވެ މުދާކޮޅު ހުލިވެދާނެއެވެ. ވަގަކު ވަދެ މުދާކޮޅު ވަގަށް ނަގައިފާނެއެވެ.މުދާކޮޅު އުފުލާ އޮޑި ފެތި އަޑިއަށް ހިނގައިދާނެއެވެ. ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. (( إيّاكُمْ وكَثْرَةَ الحَلِفِ في البَيْعِ، فإنَّه يُنَفِّقُ، ثُمَّ يَمْحَقُ[6] – ގަނެވިއްކުމުގައި ގިނަގިނައިން ހުވައިކުރުމާ ތިޔަބައިމީހުން ސަމާލުވާށެވެ! ހަމަ ހަމަކަށަވަރުން އެ ކަމުން އިޝްތިހާރު ވިޔަސް އެއީ ބަރަކާތް ނައްތައިލާ ކަމެކެވެ.)9
މިއަދުގެ ވިޔަފާރިވެރީންނަށް މިއީ ވަރަށް މުހިންމު އިރުޝާދުތަކެކެވެ. އަޅުގަނޑުމެންގެ މާތް ޞަޙަބީން ފަދަ ވިޔަފާރިއަކަށް ވެވޭތޯ ބަލާށެވެ! ދުނިޔެއަށް ޓަކައި ވިޔަފާރިކޮށް އާޚިރަތް ނަގައިލާ މީހަކަށް ނުވާށެވެ! އެންމެ ފުރަތަމަ މަސައްކަތް ކުރަންވާނީ އާޚިރަތުގެ ފައިދާއަށެވެ. އެއާއެކު ދުންޔަވީ ފައިދާއަށެވެ. ހުވާނުކޮށް މުދާ ވިއްކާށެވެ. ތިބާގެ މުދަލުގައި ހުރި ސިފަތައް ހާމަކޮށް މުދާ ވިއްކާށެވެ! ތިބާގެ މުދަލަށް ސަނާ ނުކިޔާ އެ މުދާ ވިއްކާށެވެ! އެކި މީހުންނަށް އެކި އަގުގައި އެ މުދާ ނުވިއްކާށެވެ!
ﷲގެ މި ބަސްފުޅު ހަނދާނުގައި ބަހައްޓާށެވެ. ((كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ [7]- ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ.)) (ނިމުނީ)
ބައެއް ލަފުޒުގެ މާނަ:
ކަލަގޮވުން މ. ތިމާ އަނެކަކަށް ކޮށްދީފައި ހުންނަ ހެޔޮކަންތަކުގެ ވާހަކަ ހިތާނުވެގެން އެ މީހާއާ ދިމާއަށް އެ ވާހަކަތައް ދެއްކުން.
މުއައްސަސާ ނ. އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފައި ހުންނަ އިދާރާ. institution
ލޮންސި ނ. ހަނގުރާމައިގެ ހަތިޔާރެއް. މިއީ ހިމަ ދަނޑިއެއްގެ ކޮޅުގައި ތިލައެއް ލައިފައި ހުންނަ އެއްޗެކެވެ.
ސިންތާ ނ. (1) ކަމަކާ ބެހޭ ގޮތުން ދިރާސާކޮށް މަޝްވަރާކުރުމަށް ބާއްވާ ކުދި ބައްދަލުވުން. discussion (2) ކަމަކާ ދޭތެރޭގައި ފަރުވާތެރިކަމާއެކު ވިސްނާ ވިސްނުން. deliberation
މަރުޖާ: