ad_banner
އަންނާރު - ސުވަރުގޭގެ މޭވާއެއް، ދުނިޔޭގައި ފަރުވާއެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

3 ނޮވެންބަރު 2025

ސުވަރުގޭގެ އަންނާރު ދުނިޔޭގެ އަންނާރާ ވަރަށް ތަފާރުވާނެއެވެ.

ކީރިތި ޤުރްއާނުގެ އައްރަޙްމާނު ސޫރަތާއި އަލްއަންޢާމު ސޫރަތުގައި އަންނާރުގެ ވާހަކަ ތިން ފަހަރު ވާރިދުވެފައި ވެއެވެ. މި އާޔަތްތަކުގައި މާތް ﷲ އަންގަވައިފައިވާ ގޮތުގައި އަންނާރަކީ ސުވަރުގޭގެ މޭވާއެކެވެ. އައްރަޙްމާނު ސޫރަތުގެ 68ވަނަ އާޔަތުގައި އައިސްފައި ވެއެވެ. )فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ - އެ ދެ ތާނގައި މޭވާއާއި، ކަދުރުރުކާއި، އަދި އަންނާރު ވެއެވެ.(

އެހެނަސް ސުވަރުގޭގެ އަންނާރާ ދުނިޔޭގެ އަންނާރު ވަރަށް ތަފާތުވާނެއެވެ. ސުވަރުގެއިން ލިބޭ އަންނާރުގެ ޙަޤީޤަތެއް އެކަކަށް ވެސް ނޭނގޭނެތެވެ. ވައްތަރު އެއް ގޮތް ވިޔަސް ރަހަ ވެސް ރީތިކަން ވެސް ތަފާތުވާނެއެވެ. ސުވަރުގޭގެ މޭވާތައް ހުންނާނީ އަތްފޯރާފަށުގައެވެ. އިށީނދެ އިދެގެން ވެސް ކޮޅަށް ތެދުވެ ހުރެގެން އެ މޭވާ ބިނދެވޭނެއެވެ. އެއިން މޭވާއެއް ބިނދެލާ އިރަށް އެހެން މޭވާއެއް ނުކުންނާތެވެ. ހުހެއް ނުވާނެތެވެ. އެއަށް ވަކި މޫސުމެއް ވެސް ނޯންނާނެތެވެ. ރޭގަނޑާއި ދުވާލު ލިބޭނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. )كُلَّمَا رُزِقُوا مِنْهَا مِن ثَمَرَةٍ رِّزْقًا  قَالُوا هَٰذَا الَّذِي رُزِقْنَا مِن قَبْلُ  وَأُتُوا بِهِ مُتَشَابِهًا  - އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނާނެތެވެ. މިއީ ކުރީން ވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ. އެއުރެންނަށް އެ ފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ حالގައެވެ.( (سورة البقرة: 25)

އަންނާރު ގަސް

އަންނާރު ގަހަކީ ހައެއްކަ މީޓަރު އުހަށް ހެދޭ ،  ގޮފިތައް އެލިފައި ހުންނަ ގަހެކެވެ. މިއީ ވަރަށް ރީތި ރަތް މަލެއް ނުކުންނަ ގަހެކެވެ. މި ގަހުގެ މޭވާ (އަންނާރު)އަކީ ވަށް ބޯޅައެއްގެ ސިފަގައި ހުންނަ ބޭރު ތޮށިގަނޑު ވަރަށް ބޯ، އެތެރޭގައި ވަރަށް އޮށް ގިނަ މޭވާއެކެވެ. ޢާންމު ގޮތެއްގައި މި އޮށްތަކުގެ ކުލައަކީ ގަދަ ރަތްކުލައެވެ. އަންނާރު ގަހުގެ ފަތްތައް ޚަރީފު މޫސުމުގައި ހިކިވެ ވެރެއެވެ.

ޤަދީމީ މިޞްރު ބަހުން އަންނާރުގެ ނަމަކީ "ރުއްމަން"އެވެ.

މި ގަހުގެ މޭވާއާއި (ތޮށިގަނޑާއި ފުއްތައް) މި މޭވާގެ އެތެރޭގެ ހުދުބަޔާއި ގަހުގެ ތޮށިގަނޑާއި ގަހުގެ މަލަކީ ތަފާތު ބޭނުންތަކަށް އިސްތިއުމާލުކުރެވޭ އެއްޗެހިތަކެކެވެ.

މި ގަހުގެ އަސްލު ވާސައަކީ ހުޅަނގު ދެކުނު އޭޝިޔާއެވެ. ބާބިލްގެ އެލުވި ބަގީޗާގެ ފާރުތަކުގައި އަންނާރުގަސް ހައްދައިފައިވެއެވެ. އެމެރިކާގެ ކެލިފޯރނިޔާއާއި އީރާނާއި ސުޢޫދީ ޢަރަބިއްޔާގައި އަންނާރު ހެދެއެވެ.

 އަންނާރު އަޅައި ބަރާވެފައިވާ ރަތް އަންނާރުގަސްތަކެއް (ފޮޓޯ: https://bambooplants.ca)

ޤަދީމީ ޒަމާނުގައި އަންނާރު ބޭނުންކުރުން

އަންނާރަކީ ވަރަށް ޤަދީމީ ޒަމާނުއްސުރެ އިންސާނުން ބޭނުންކުރަމުން އައި ވަރަށް މީރު އަދި ވަރަށް ފައިދާހުރި މޭވާއެކެވެ. މިޞްރުގައި އަޚްނާތޫނުގެ ޒަމާނުގައި ތައްލުލް ޢަމާރަނާ ޤަބުރުސްތާނުގެ ފާރުތަކުގައި އަންނާރުގަސް ކުރަހައިފައި ވެއެވެ. މިޞްރުގެ ތާރީޚު ބުނާގޮތގައި ތުޙުތުމަސްގެ ދަރިފަސްކޮޅުގެ މީހުން އޭޝިޔާއިން މިޞްރަށް އައިއިރު އަންނާރު ގަސް ގެނެއެވެ. މިޞްރުގައި ވެރިކަން ކުރި ފިރްޢައުނުންނަކީ އަންނާރު ދިޔަ ފެލައިގެން ޚައްޞަ ބުއިމެއް ތައްޔާރު ކުރި ބައެކެވެ. ފިރްޢައުނީ ބޭސްފަރުވާގެ ތެރޭގައި އަންނާރު ވަރަށް ގިނައިން ބޭނުންކޮށްފައި ވެއެވެ. ޔޫނާނީ ތާރީޚު ޢިލްމުވެރިއެއްކަމުގައިވާ ހީރޯޑޮޓް ލިޔުއްވައިފައިވާ ގޮތުގައި މިޞްރުގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގެ ގޯތިތެރޭގައި އަންނާރު ގަސް ހައްދައިފައިވެއެވެ.

މީލާދީން ފުރަތަމަ ސައްތައިގައި ޔޫނާނީން، ބަނޑުތެރޭގައި އުފެދޭ ފަނިތައް ބޭރަށް ނެރުމަށް ޓަކައި އަންނާރު ބޭނުންކޮށްފައި ވެއެވެ. މީގެއިތުރަށް ކަހާއި ފާރާއި ޒަޚަމުތަކަށް ފަރުވާ ދިނުމަށް  އަންނާރު ތޮށި ބޭނުންކޮށްފައި ވެއެވެ. ހޮޑު މަނާކުރުމަށް ޓަކައި މިޞްރުގައި ޤަދީމީ ޒަމާނުގައި އަންނާރާއި އިނގުރު އެއްކޮށްގެން ބުއިމެއް ތައްޔާރުކޮށްފައި ވެއެވެ.

މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުން އަންނާރު ކާއިރު އޭގެ އެތެރޭގެ ދުލިފަށާއެކުގައި ކާށެވެ! އެއީ މަޢިދާ ސާފުކޮށްދޭ އެއްޗެކެވެ.]

ބާވަތްތައް

އަންނާރުގެ ތެރޭގައި ފޮނި ބާވަތްތަކާއި ހުތް ބާވަތްތަކާއި ހިތި ބާވަތްތައް ހިމެނެއެވެ. އަންނާރުގަސް މޭވާއަށް ޓަކަޔާއި ޒީނަތްތެރިކަމަށް ޓަކައި ހައްދައެވެ. ޒީނަތްތެރިކަމަށް ޓަކައި ހައްދާ އަންނާރު ގަހުގެ ނަމަކީ "ނާނާ"އެވެ.

މުސްލިމު ޑަކްޓަރުންނާއި އަންނާރު

ދާވޫދުލްއަންޠާކީ ވިދާޅުވިއެވެ:  އަންނާރުގައި އޮތީ މުޅިން ވެސް ފައިދާއެވެ. އެއީ ބެދިފައި ހުންނަ ތަންތަން ހުޅުވައިދޭ އެއްޗެކެވެ. އެއީ ކަހަށް ހުރި ފަރުވާއެކެވެ. އަންނާރުގެ ހުތް ބާވަތަކީ ކެއްސުމަށާއި ކަރުތެރޭގެ ރާޅުކަމަށާއި މޭގެ ރިއްސުންތަކަށް ހުރި ވަރަށް މޮޅު ފަރުވާއެކެވެ.

އަންނާރު ގަހުގެ މޫ ކައްކައިގެން ބުއިމަކީ ބޭރަށް ހިންގުން ހުއްޓުވުމަށާއި ކުޑަކުދީން ފަނިވުން މަނާކުރުމަށް  ދެވޭ ރަނގަޅު ފަރުވާއެކެވެ.  

އިބްނު ސީނާ ވިދާޅުވާގޮތުގައި : އަންނާރާއި މާމުޔަކީ ފާރުގަނޑު ހިއްކައިދޭ އެއްޗެކެވެ. ފޮނި އަންނާރަކީ ބަނޑު ހިކުން މަނާކުރާ އެއްޗެކެވެ.އޭނާ ވިދާޅުވެފައިވާ ގޮތުގައި އަންނާރު ރަނގަޅަށް ދޮންވުމުގެ ކުރިން ކެއުމުން މުލިއްސެއް ނުނަގާނެއެވެ. ހިތި އަންނާރަކީ ހުމަށް ރަނގަޅު ފަރުވާއެކެވެ.

އިބްނުލް ބީޠާރު ވިދާޅުވާ ގޮތުގައި : އަންނާރާއި މާމުއި އެއްކޮށްގެން ބުއިމުން ކަންފަތުގެ ރިހުން ކަނޑައިގެންދާނެއެވެ. އަންނާރު ފެނުގައި ކައްކައިގެން އަނގަ ދޮވުމަކީ ހިރުގަނޑުން ލޭ އައުން މަނާކުރާނެ ކަމެކެވެ. އަންނާރު ފަނި ލޮއި ކަންވާރެއްގައި ކައްކައިފާ ލޮލުގައި އުނގުޅުމުން ލޯ ކެހުން ހުއްޓި ލޮލުގެ އަލިގަދަކަން އިތުރުވެގެން ދާނެއެވެ.

އައްރާޒީ ވިދާޅުވާ ގޮތުގައި މޭފާރުވުން ހުއްޓުވުމަށާއި ހުންގަނޑު ފިލުވައިލުމަށް އަންނާރު ފެން ބޭނުން ކުރާށެވެ.

ޒަމާނީ ބޭސްވެރިކަން

ޒަމާނީ ބޭސްފަރުވާއާ ބެހޭ އިޚްޞާއީން (ސްޕެޝަލިސްޓުން) ވިދާޅުވާގޮތުގައި އަންނާރަކީ:

-        ހިތުގެ މަސްތައް ވަރުގަދަކޮށްދޭ އެއްޗެއް

-        ބޭރަށް ހިންގުމަށް އޮތް ފަރުވާއެއް. މިކަމަށް ޓަކައި އަންނާރުގެ އޮށްތަކާއި އެ އޮށްތަކާއެކުގައި އޮންނަ ހުދު ދުލިތައް ފެލައިގެން ބޯށެވެ.

-        އަންނާރަކީ ލޭ ސާފުކޮށްދޭ އެއްޗެއް.

-        ޗައިނާގެ ޑަކްޓަރުން ވިދާޅުވާގޮތުގައި ބޮޑުކަމުދާ ނަޖިހުގައި ލޭ ހުންނަނަމަ އަންނާރަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ.

-        އަންނާރަކީ ލޮލުގެ ބައެއް ބަލިތަކަށާއި ބޮލުގައި ރިއްސުމަށް ލިބިގެންވާ ފަރުވާއެކެވެ.

-        އަންނާރުގެ މަލަކީ ހިރުގަނޑުގެ ބަލިތަކަށާއި ދަތުގެ ބަލިތަކަށް ލިބިގެންވާ ފަރުވާއެކެވެ.

-        މަޢިދާގެ ބަލިތަކަށް ފަރުވާދިނުމަށް ޓަކައި އަންނާރުގެ ތޮށިގަނޑު ކުޑަ ކިރުފޮދަކާ އެކު ފުޑައިފައި ކޮންމެ ދުވަހަކު ހެދުނު ތެދުވެ އަދި  ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ބޯށެވެ.  އޭރުން މަޢިދާގެ ރިހުން ކެނޑިގެންދާނެއެވެ.

-        އަންނާރަކީ ލޭގެ ކްލޮސްޓްރޯލް ދަށްކޮށްދޭ އެއްޗެއް  

-        އަންނާރަކީ ގުރުދާގައި ހިލަ އުފެދުން މަނާކުރާ އެއްޗެއް.

-        ދިވެހި ބޭސްވެރިކަމުގައި އަންނާރަކީ އެންޓިބައޮޓިކެކެވެ.

-        ކުރުކޮށް ދަންނަވާ ނަމަ އަންނާރަކީ 11 ވަރަކަށް ބައްޔަށް ލިބިފައިވާ ރަނގަޅު ފަރުވާއެކެވެ.

ފުލޯކު ވާހަކަތަކުގައި އަންނާރު

-        ފާރިސްކަރައިގެ ލާމަސީލު ބަޠަލު އިސްފަންޑްރިޔާ އެކަކަށް ވެސް ބަލިނުކުރެވޭ ހަނގުރާމަވެރި އަސްވާރަކަށް ވީ އަންނާރު ކެއުމުންކަމަށް ބުނެވެއެވެ.

-        ގްރީކު މީހުންނަށް މި މޭވާ ޢީސާގެފާނުގެ އަށް ސައްތަ އަހަރު ކުރިން އެނގިފައި ވެއެވެ. ގްރީކުގެ މަޝްހޫރު ޝާޢިރު ހޯމީރޮސް އޭނާގެ އޮޑީސާގައި އަންނާރުގެ ވާހަކަ ގެނެސްފައި ވެއެވެ. ދުރު ޖަޒީރާތަކެއްގައި ދިރިއުޅޭ ވައިކިންގްސް ބަގީޗާގައި މި މޭވާ ހުށްޓެވެ.

-        ރޯމަނުންނަކީ އަންނާރު މުޤައްދަސް މޭވާއެއް ކަމުގައި ހަދައިގެން އުޅުނު ބަޔެކެވެ. އެ މީހުންގެ ގާތުގައި ޙަޔާތް ކުރިއަށް ގެންދިޔުމަށް ޓަކައި އަންނާރަކީ ވަރަށް މުހިންމު މޭވާއެކެވެ.

-     ޔޫނާނީންގެ ތިން އަންހެންކަލާނގެ ކަމުގައިވާ ހީރާއާއި އާޘީނާއާއި އަފްރޯޑައިޓްގެ ތެރެއިން އެންމެ ރީތީ ކޮން ކަލާނގެއެއްތޯ ބެލުމުގެ މަސްއަލައިގައި އުފެދުނު އަރައިރުން ނިމުނީ އަފްރޯޑައިޓަށް އަންނާރެއް ލިބުމުންނެވެ. އަފްރޯޑައިޓަކީ ރިތިކަމާއި ލޯބީގެ ކަލާނގެއެވެ. މި ކަލާނގެ ސައިޕްރަސްގައި އަންނާރުގަހެއް އިންދިކަމަށް ޔޫނާނީ ފުލޯކު ވާހަކަތައް ބުނެއެވެ.

-        އަންނާރަކީ އަރްމަނުންގެ ވަޠަނީ ރަމްޒެކެވެ. އަރްމީނިޔާގައި ކާވެނި ޙަފުލާތަކުގައި އަންނާރު އޮށްތައް ބިންމައްޗަށް އުކައެވެ. އެއީ އެ ދެމަފިރީންނަށް ދަރީން ލިބޭތޯ ކުރާ ކަމެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހޮޑު       ނ.    ދިރުވައިލުމަށް ފަހު، ނުވަތަ މައިދާޔަށް ދިޔުމަށް ފަހު އަނބުރައި އަނގަޔަށް އަންނަ ތަކެތި. vomitus, vomit

ވާސަ      ނ.    (1) އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި. (2) ދިރިއުޅޭ ތަން. (3) ދިރިއުޅޭ ވެށި. habitat

މައިދާ     ނ.    ކާތަކެތި ގޮސް ފުރަތަމަ އެޅޭ ގުނަވަން. މި ގުނަވަން އޮންނާނީ ކާތަކެތި ދަތުރުކުރާ ހޮޅިއާއި ހިމަގޮހޮރާއި ދެމެދުގައެވެ. މިއީ ކާއެއްޗެހި ހަޖަމުކުރުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ. މި ގުނަވަން އިންސާނުންނާއި މައިކަށި ހުންނަ ބައެއް ހައިވާނުގައި ވެސް އޮވެއެވެ.  

ސައްތަ     ނ.    ސަތޭކަ hundred

ޝާޢިރު    ނ.    ޅެން ހަދާ މީހާ، ނުވަތަ ޅެންވެރިޔާ. poet

ކޮމެންޓު