ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (4)

އައްޝައިޚު އިބްރާހީމް އަޙުމަދު

6 ނޮވެންބަރު 2025

ސިޔާސާ ޝަރުޢިއްޔާއަކީ ވަރަށް މުހިންމު ޢިލްމެކެވެ.

 

(2025 އޮކްޓޫބަރު 22ވަނަ ޢަދަދާ ގުޅޭ)

ހަމަ އެ ފަދައިން ޞަހީޙައިނިގައި އަނަސްގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. أَنَّ جَارِيَةً وُجِدَ رَأْسُهَا قَدْ رُضَّ بَيْنَ حَجَرَيْنِ ، فَسَأَلُوهَا مَنْ صَنَعَ هَذَا بِكِ ، فُلَانٌ؟ حَتَّى ذَكَرُوا الْيَهُودِيَّ ، فَأَوْمَتْ بِرَأْسِهَا ، فَأُخِذَ الْيَهُودِيُّ فَأَقَرَّ ، فَأَمَرَ بِهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُرَضَّ رَأْسُهُ بِالْحِجَارَةِ[1] މާނައީ: "ހަމަކަށަވަރުން ޔަހޫދީއަކު އޭނާގެ ޖާރިޔާގެ ބޯ ދެހިލަގަޑުގެ ދެމެދަށް ލައި ޗިސްކޮށްލިއެވެ.  މި ޙާލަތުގައި އެ ޖާރިޔާ ރަސޫލާގެ އަރިއަހަށް ގެންދެވުނު އިރު ފުރާނަ ހުރިކަމުގައި ވެއެވެ. ދެން އެކަލޭގެފާނު އެ ޖާރިޔާއާ ސުވާލުކުރެއްވިއެވެ. ކަބުލޭގެއަށް މިހެން ހެދީ ކާކުހެއްޔެވެ؟ މިވެނި އެވެނީ މީހާހެއްޔެވެ؟ ދެން މިހެން ގޮސް އެ ޔަހޫދީގެ ނަން ވެސް ވިދާޅުވިއެވެ. މި ހިނދު އެ ޖާރިޔާ ބޮލުގެ އިޝާރާތެއްކޮށް އޭނާކަމަށް ބުންޏެވެ. މި ހިނދު ރަސޫލާގެ އަރިއަހަށް އެ ޔަހޫދީ ގެނެސް އެ ކަމާ މެދު ސުވާލުކުރެއްވުމުން އޭނާ އެ ކަމަށް އިޢުތިރާފުވިއެވެ. ދެން ރަސޫލާ އަމުރުފުޅުކުރެއްވީ ދެ ހިލަގަނޑު ދެމެދު ބާއްވައި އޭނާގެ ބޯވެސް އެ ގޮތަށް ޗިސްކޮށްލުމަށެވެ."

އަދި ހަމަ އެ ފަދައިން ޞަޙީޙައިނިގައި ވާރިދުވެފައިވާ އުއްމު ސަލަމާގެ ޙަދީޘަކީ ވެސް އެކަލޭގެފާނުގެ ސިޔާސީ މަސައްކަތްޕުޅު ހާމަވާ ޙަދީޘެކެވެ. ފަހެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. عَنْ أُمِّ سَلَمَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّمَا أَنَا بَشَرٌ وَإِنَّكُمْ تَخْتَصِمُونَ إِلَيَّ وَلَعَلَّ بَعْضَكُمْ أَنْ يَكُونَ أَلْحَنَ بِحُجَّتِهِ مِنْ بَعْضٍ وَأَقْضِيَ لَهُ عَلَى نَحْوِ مَا أَسْمَعُ فَمَنْ قَضَيْتُ لَهُ مِنْ حَقِّ أَخِيهِ شَيْئًا فَلَا يَأْخُذْ فَإِنَّمَا أَقْطَعُ لَهُ قِطْعَةً مِنْ النَّارِ [2] މާނައީ: އުއްމުސަލަމާ ރަސޫލާގެ އަރިހުން ރިވާކުރެއްވިކަމަށް އެ ކަމަނާ ޚަބަރު ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަކީ އާދަމުގެދަރިއަކީމެވެ. ތިމަންކަލޭގެފާނުގެ އަރިއަހަށް މައްސަލައެއްގައި އެ މީހަކު އަޔެވެ. ފަހެ ކަލޭމެންގެ ތެރެއިން ބައެއް މީހުން ވާހަކަދެއްކުމުގައި އަނެއް މީހާއަށް ވުރެ މާ ފުރިހަމައެވެ. އެ މީހާ އެ ދައްކާ ވާހަކަތަކުގެ މައްޗަށް ބަލައި ތިމަންކަލޭގެފާނަށް އޭނާއަކީ ތެދުވެރިއެއްކަމުގައި ބެލެވި އޭނާގެ ކޮޅަށް އެ ޙުކުމް ނިންމަވަމެވެ. މުސްލިމެއްގެ ޙައްޤެއް އެ ލިބެންވާ މީހާ ނޫން އަނެއް މީހަކަށް ތިމަންކަލޭގެފާނަށް ޙުކުމްއިއްވެވިއްޖެ ނަމަ ފަހެ އެ މީހަކު އޭގައި ނުހިފާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އޭނާއަށް އެ ޙުކުމް އިއްވުނީ ނަރަކައިގެ އަލިފާނުން ބައެކެވެ."

އިސްވެދިޔަ ވާހަކަތަކަށް ދަލީލުކުރާ ތަފާތު އެތައްއެތައް ކަމަކާ ގުޅޭ އެތައް ޙަދީޘްތަކެއްވެއެވެ. އެ ގޮތުން ބައިޢަތުގެ ޙަދީޘާއި ބަސްއަހައި ކިޔަމަންވުމުގެ ޙަދީޘާއި ޤަޟާގެ މައްސަލަތަކާ ގުޅޭ ޙަދީޘްތަކާއި ޙައްދުގެ މައްސަލަތަކާ ގުޅޭ ޙަދީޘްތަކާއި މުޢާހަދާ ނުވަތަ އެއްބަސްވުންތަކާ ގުޅޭ ޙަދީޘްތަކާއި އަދި މި ނޫން ވެސް މި ފަދަ މައްސަލަތަކުގެ ޙަދީޘްތައްވެއެވެ.

އިސްލާމީ ވެރިކަމުގެ ކަންކަމަށް މުސްލިމުން ދިން އަހައްމިއްޔަތުގެ ތެރޭގައި ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމުން ފަސްދާނުވެޑުވުމުގެ ކަންތައްތައް ކޮށް ނިންމުމުގެ ކުރީން މުސްލިމުންގެ ވެރިއެއްގެ ގޮތުގައި ޚަލީފާކަމަށް ބޭފުޅަކަށް ބައިޢަތުހިއްޕެވުން ވިއެވެ. މިއީ އިސްލާމްދީނާއި ސިޔާސަތާ ގުޅުން ހުރި މިންވަރުގެ ފާޅުކަން ބޮޑު އަލިގަދަ ދަލީލެކެވެ. ހަމަ އެ ފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޝަރީޢަތް ހިންގުމަށް އިސްލާމީ ވެރިކަމެއް ޤާއިމުކޮށްފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އިސްލާމީ ޢިލްމުވެރީން ވަނީ އިޖުމާޢުވެފައެވެ. އަދި މި ކަމާ ގުޅޭ ގޮތުން އެ ޒަމާނާއި މި ޒަމާނުގައި ވެސް ވަނީ ފޮތްތައް ލިޔުއްވައިފައެވެ.

މި ތާނގައި މި ކަމާ ގުޅިގެން އޮރިއެންޓަލިސްޓުންގެ ޖަމާޢަތެއްގެ ބަޔަކު ބުނެފައިވާ ބަސްތައް ހިމަނައިލުމަކީ މުހިންމު ކަމެކެވެ. މި ގޮތުން އިސްލާމް ދިނާ ސިޔާސަތުގެ ގުޅުމާ މެދު އޮރިއެންޓަލިސްޓު ވެންޒޯ ގޯލްޑް ބުނެފައިވެއެވެ. "އިސްލާމްދީނަކީ ހަމައެކަނި ދީނެއް ނޫނެވެ. އެހެނަސް އެއީ ދީނަކާއި އެ ދީނާ ގުޅިފައިވާ ސިޔާސީ ނިޒާމެކެވެ." މި ޒަމާނުގެ ބައެއް ޒުވާނުން މި ކަންދޮގުކޮށް ދީނާއި ދައުލަތާ ވަކިކުރާން އުޅުނަސް އިސްލާމްދީނުގެ ފިކުރު ބިނާވެފައިވަނީ ދެ ކަމެއް ގުޅިގެންކަން ހާމަވެއެވެ. މި ދެކަން އެއް ކަމަކާ އަނެއް ކަމެއް ވަކިނުކުރެވޭނެހެން ގުޅިފައި ވެއެވެ.

ސްޓްރޯސްޓްމާން ބުނެފައިވަނީ އިސްލާމްދީނަކީ ދިނާ ސިޔާސީ ނިޒާމެއްކަމުގައެވެ. މި ދީނުގެ ބިންގާ އަޅުއްވާ ދެއްވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. މިއީ ނަމޫނާ ވެރިޔެކެވެ. ވެރިކަން ހިންގުމުގެކަންކަމުގައި ހަރުދަނާ ކުޅަދާނަ މާހިރެކެވެ.

ޗެޚްޓް ބުނެފައިވަނީ "އިސްލާމްދީނަކީ ދީނަކަށް ވުރެ ގިނަގުނަ ކަންކަން އޭގައި ހިމެނޭ ބައެއްކަމުގައެވެ. އޭގައި ސިޔާސީ އަދި ޤާނޫނީ ތިއަރީތައް ހިމެނެއެވެ. ކުރުކޮށް ބުނާ ނަމަ އެއީ ދީނާއި ދައުލަތް އޭގައި ހިމެނޭ ފުރިހަމަ ސަގާފަތެއް އެކުލެވޭ ނިޒާމެކެވެ."

އިސްލާމީ ސިޔާސީ ނިޒާމު ލިބިގަންނާނީ ކިހިނެއް؟

ހަމަކަށަވަރުން ތަފާތު މަޒުހަބުތަކުގެ އިސްލާމީ ޢިލްމުވެރީން ވަނީ އިސްލާމީ ސިޔާސީ ނިޒާމުގެ އަސާސްތަކާއި ޤަވާޢިދުތަކާއި ޙުކުމްތަކުގެ މައްޗަށް ލިޔުއްވައި ހައްދަވައިފައެވެ.  އެބައިމީހުން މިއަށް "އަލްވިލާޔާ" ނުވަތަ "އަލްއިމާމާ އަލްކުބްރާ"  ނުވަތަ "އައްސިޔާސާ އައްޝަރުޢިއްޔާ"  ނުވަތަ "އައްސިޔާސާ އަލްމަދަނިއްޔާ" ނުވަތަ "އަލްއަޙްކާމުއްސުލްޠާނިއްޔާ" މިފަދަ ނަންތައް ދެއްވައިފައި ވެއެވެ. ޝަރުޢީ މި ޢިލްމު ޢާންމު ގޮތެއްގައި ދެ ގޮތެއްގެ މައްޗަށް ބުރަވެފައި ވެއެވެ.

1-     އިސްލާމީ ފިޤްހު ފޮތްތަކާއި ލޮބުވެތި ރަސޫލާގެ ޙަދީޘްތައް އެކުލެވޭ ބައިތައް: މީގެ ތެރޭގައި  ޠަހާރަތާއި ނަމާދާއި ޒަކާތާއި ރޯދަޔާއި ކުންފުނިތަކާއި ގަނެވިއްކުމާއި މި ނޫން ބައިތައް ވެސް ހިމެނެއެވެ.  އަދި  ހަމަ އެހެންމެ މީގައި ވެރިކަމުގެ ކަންކަމާ ބެހޭ ބާބެއް ނުވަތަ އަޙްކާމުއްސުލްޠާނިއްޔާގެ މައްޗަށް އެކުލެވޭ ބާބެއް ނުވަތަ ދައުލަތުގެ ކަންކަމާ ބެހޭ ބާބެއް ހިމެނިފައި ވެއެވެ. އަދި ތަފްސީރު ފޮތްތަކާއި ޢަޤީދާގެ ފޮތްތަކުގައިވެސް  މިކަމާބެހޭ ގޮތުން ބައިތަކެއް އެކުލެވިފައި ވެއެވެ.

2-  ސިޔާސާ ޝަރުޢިއްޔާގެ ރޮނގުން ވަކިވަކިފޮތްތައް ލިޔެވިފައި ވެއެވެ. މީގެ ތެރޭގައި "އަލްއަޙްކާމިއްސުލްޠާނިއްޔާ"އާއި "އައްސުލޫކު ފީ ސިޔާސަތިލްމުލޫކި"އާއި "ތަސްހީލިއްނަޡަރި ވަތަޢުޖީލު  އައްޡަފަރި" މި ތިން ފޮތަކީ ވެސް އަލްއިމާމު އަލްމާވަރުދީ (އަވަހާރަވީ 450)ގެ ފޮތްތަކެވެ. އަދި (ހިޖުރައިން 458 ގައި އަވަހާރަވި) އަބީ ޔަޢުލާ ވެސް ވަނީ "އަޙްކާމިއްސުލްޠާނިއްޔާ"ގެ ނަމުގައި ފޮތެއް ލިޔުއްވައިފައެވެ. އަދި އަލްއިމާމު އަލްޖުވައިނީ (އަވަހާރަވީ 478) "ޣިޔާޘުލްއުމަމި"ގެ ނަމުގައި ވަނީ ފޮތެއް ލިޔުއްވައިފައެވެ. އަދި "އައްސިޔާސާ އައްޝަރުޢިއްޔާ"ގެ ނަމުގައި ޝައިޚުލްއިސްލާމް އަލްއިމާމު އިބްނު ތައިމިއްޔާ (އަވަހާރަވީ728) ފޮތެއް ލިޔުއްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ "އަލްޙިސްބާ"ގެ ނަމުގައި ފޮތެއް ލިޔުއްވައިފައި ވެއެވެ. އަދި އޭނާގެ ދަރިވަރު އަލްއިމާމު އިބްނު ޤައްޔިމު އަލްޖައުޒިއްޔާ ވަނީ "އައްޠުރުޤުލްޙިކަމިއްޔާ ފިއްސިޔާސަތިއްޝަރުޢިއްޔާ" މި ނަމުގައި ފޮތެއް ލިޔުއްވައިފައެވެ. މީގެ އިތުރަށް ހިޖުރައިން 733 ވަނަ އަހަރު އަވަހާރަވި އިބްނު ޖަމާޢާ ވަނީ "ތަޙްރީރިލް އަޙްކާމި ފީ ތަދްބީރު އަހްލިލްއިސްލާމި"ގެ ނަމުގައި ފޮތެއް ލިޔުއްވައިފައެވެ. އަދި އަލްއިމާމު އަލްޤަލަޢީ (އަވަހާރަވީ 630) ވަނީ "ތަހްޒީބުއްރިޔާސާ ވަތަރުތީބިއްރިޔާސާ" ގެ ނަމުގައި ސިޔާސާ ޝަރުޢިއްޔާގެ ފޮތެއް ލިޔުއްވައިފައެވެ. އަދި ހަމަ އެހެންމެ އަބީ ޢަބްދުﷲ ބުނުލްއަޒުރަޤު ވަނީ "ބަދާއިޢުއްސިލްކި ފީ ޠިބާޢިލްމަލިކި"ގެ ނަމުގައި މިމައުޟޫޢުގައި ފޮތެއް ލިޔުއްވައިފައެވެ. އަދި "އައްޝުހަބުއްލާމިޢާ ފިއްސިޔާސަތިއްނާފިޢާގެ ނަމުގައި އަބިލްޤާސިމު ބިން ރިޟްވާނު އަލްމާލިޤީ ލިޔުއްވި ފޮތާއި " އައްނަހްޖިލްމަސްލޫކި ފީސިޔާސަތިލް މުލޫކި"ގެ ނަމުގައި އައްޝީޒުރީ ލިޔުއްވި ފޮތާއި މި ފަދަ އެތައްއެތައް ފޮތްތަކެއް ހިމެނެއެވެ.

އިސްލާމްދީނުގެ ސިޔާސީ ނިޒާމުގެ މަޞްދަރުތައް

އިސްލާމްދީނުގައި ސިޔާސީ ނިޒާމު ބިނާވާންޖެހޭ މަޞްދަރުތަކެއްވެއެވެ. އެއީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިޖުމާޢާއި އިޖުތިހާދެވެ.

ފުރަތަމަ މަޞްދަރު: ކީރިތިޤުރްއާން

ކީރިތިޤުރްއާނަކީ ﷲގެ ރަސޫލާ eގެ މައްޗަށް ޢަރަބި ބަހުން ބާވާލައްވައިފައިވާ، އަލްފާތިޙާ ސޫރަތުން ފެށޭ އަދި އައްނާސި ސޫރަތަށް ނިމޭ އެފޮތް ކިޔެވުން އަޅުކަމެއްކަމުގައި ލައްވައިފައިވާ، އެ ފޮތުގެ އެންމެ ކުރު ސޫރަތް ފަދަ ސޫރަތެއް ގެނެސްނުގަނެވޭނެކަމަށް މީސްތަކުންނަށް ގޮންޖައްސަވައިފައިވާ، ތަވާތުރުކޮށް އަހަރެމެންނާއި ހަމައަށް އައިސްފައިވާ ކަލާމުﷲއެވެ.[3] ފަހެ މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ[4] މާނައީ: "އަދި اللَّه ބާވައިލައްވައިފައިވާ حكمން އެއުރެންގެ މެދުގައި ކަލޭގެފާނު حكمކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبعވެވަޑައިނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آيةން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާ މެދު ރައްކާތެރިވެވަޑައިގަންނަވާށެވެ!" އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّـهُ ۚ[5] މާނައީ: [ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވައިފައިވާ ގޮތުގެ މަތީން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ.] (ނުނިމޭ)

 

މަރުޖާ:

[1]  މުސްލިމް ބުނުލްޙައްޖާޖު، ޞަޙީޙު  މުސްލިމު : ޙަދީޘް ނަންބަރު 1672

[2] ރަވާހުލްބުޚާރީ ވަމުސްލިމު

[3] - ވަހްބާ އައްޒުޙައިލީ، އުޞޫލުލްފިޤްހުލްއިސްލާމި :  (ޞ 1/405)

[4]  ސޫރަތުލްމާއިދާ 49

[5]  ސޫރަތުއްނިސާ 105

ކޮމެންޓު