ad_banner
ނަޞްރުގެ ދުވަސް ފާހަގަކުރާންވީ ކީއްވެ؟

ޙުސައިން ޞަލާޙު ޔޫސުފު

4 ނޮވެންބަރު 2025

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ފުރަތަމަ ޙަރަކާތުގެ ގޮތުން ސިފައިންގެ އެންމެ އިސްވެރިޔާއާއި ސިފައިން އިސްލާމީ މަރުކަޒުގައި ފަތިސްނަމާދުކރައްވަނީ

1988ވަނަ އަހަރު ނޮވެންބަރު މަހުގެ ތިންވަނަ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް ވެސް ބިރުވެރިކަމާއި ނާމާންކަން ގެނުވި ދުވަހެކެވެ. އެ ދުވަސް ނިމިގެން ދިޔައީ ދިވެހި އެތައް ޢާއިލާއެއްގެ ލޮލުން ލޭކަރުނަ އޮހޮރައިލައިފައެވެ. މުޅި ދިވެހިރާއްޖެ ހިތާމައިގެ ފުންކަނޑަކަށް ޣަރަގުކޮށްލައިފައެވެ. ނަމަވެސް އެ ދުވަހަކީ ދިވެހީންނަށް ނަޞްރުލިބުނު ދުވަހެކެވެ. އެތައް ގޮތަކުން ނަޞްރު ލިބުނު ދުވަހެކެވެ. އެހެންކަމުން މި ޚާއްޞަ ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި އަޅުގަނޑުމެން މި އަންނަނީ ފާހަގަކުރަމުންނެވެ. މި ދުވަސް ނަޞްރު ދުވަހުގެ ގޮތުގައި ފާހަގަކުރާ އިރު، އުފެދޭ ސުވާލަކީ މި ދުވަސް އަހަރެމެން ފާހަގަކުރާންވީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އެހެންކަމުން މި ސުވާލަށް ކޮންމެވެސް ސިފައެއްގައި ޖަވާބުއެރުވޭތޯ ބަލާނަމެވެ. 

ނަޞްރުގެ ދުވަހަކީ މި ޤައުމުގެ ޒުވާނުންނަށް ލިބޭ ތާރީޚީ ފިލާވަޅެކެވެ. މި ފިލާވަޅުގައި ކިޔައިދޭ ވާހަކައަކީ ކޮބައިތޯއެވެ! އެ ފިލާވަޅުން ބުނެދެނީ ޤައުމުގެ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަކީ ވަރަށް ނާޒުކު އެއްޗެއްކަމެވެ. އަބަދުވެސް ވިސްނައި ފާރަވެރިނުވެވިއްޖެ ނަމަ ވަރަށް ފަސޭހައިން ބީވެގެން ހިނގައިދާނޭ އެއްޗެއްކަމެވެ. އެހެންކަމުން ކޮންމެ ދުވަސްވަރެއްގައި ވެސް ޤައުމުގެ މިނިވަންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި އަބަދު ވެސް ތައްޔާރަށް ތިބޭންޖެހޭނެކަމުގެ އިންޒާރު މި ހާދިސާއިން ދިވެހި ޤައުމަށް ދެއެވެ. އެ ދުވަހު އަޅުގަނޑުމެން އެންމެން ތިބީ މި ފަދަ ބިރުވެރިކަމެއް އަންނާނެކަމަށް ހުވަފެނުން ވެސް ނުދެކޭ ޙާލުގައެވެ. ނަމަވެސް އެ ހުވަފެނުން ހޭލައްވައިލައި، ޤައުމާ މެދު ޣާފިލުނުވުމަށް ހަނދާންކޮށްދިން ދުވަހަކީ އެއީއެވެ. އެއީ ކުޑަ ގައުމެއް، ބޮޑުގައުމެއް ބެލުމެއްނެތި ހަމަ ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް ޤައުމުގެ މިނިވަންކަމާއި ސުލްޙަމަސަލަސްކަން ނަގައިލައިފާނެ އެތައް ކަމެއް ދިމާވެދާނެކަން ދިވެހި އުންމަތަށް ހަނދާންކޮށްދޭ ދުވަހެކެވެ. އެހެންކަމުން ނަޞްރުގެ ދުވަސް ފާހަގަކުރާންޖެހެނީ އެ ދުވަހަކީ، ދިވެހީން މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވުމުގެ ގޮތުން، އަބަދު ވެސް ސަމާލުވެ ތިބުމަށާއި، އަބަދު ވެސް ފާރަވެރިވެ ތިބުމަށް ހަނދާންކޮށްދޭ ދުވަހަކަށްވީތީއެވެ. އަދި މި ތިބޭ ތިބުން ވާންވާނީ އެކުވެރިކަމާއި އެއްބައިވަންތަކަން މަތީ ތިބޭ ތިބުމަކަށެވެ. އެހެން ނޫނީ ބައިބައިވުން ފެށިގެން އަންނާނީ އަޅުގަނޑުމެންގެ ތެރެއިންނެވެ. އޭރުން އުފެދޭ ފިތުނައިގެ ހުޅުގަނޑުގައި ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. މެދުއިރުމަތީގެ ބައެއް ގައުމުތަކުން އެ ފެނުނީ މީގެ ބައެއް މިސާލުތަކެވެ. އެހެންކަމުން އެ ފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް ބުނެދޭ ދުވަހަކީ ނަޞްރުގެ ދުވަހެވެ.

ދިވެހިރާއްޖެއަށް ނޮވެންބަރު 3ގެ ބިރުވެރި ހާދިސާ ކުރިމަތިވި އިރު އެ ދުވަސްވަރުގެ ޒުވާނުންނަކީ މި ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމާންކަމުގައި އުޅެމުން ދިޔަ ޒުވާނުންނެވެ. އޭގެ ކުރީން މި ފަދަ ބިރުވެރިކަމެއް ދިވެހީންގެ މި ޖީލުތައް ދެކިފައެއްނުވެއެވެ. އެންމެ ކައިރީން ވެސް އޮތީ އިނގިރޭސިންގެ ޙިމާޔަތުގައި އޮތް ދުވަސްވަރެވެ. އެ ދުވަސްތަކަކީ ވެސް ދިވެހީންގެ ދާޚިލީ މިނިވަންކަން އޮތް ދުވަސްވަރެކެވެ. އެހެންކަމުން ދިވެހީންނަށް މާ ބޮޑު ބިރުވެރިކަމެއް ތަޙައްމަލުކުރާކަށް ނުޖެހުނެވެ. ދިވެހީން އެފަދަ ބިރުވެރިކަމެއް ތަޙައްމަލުކުރީ ހޮޅީން ދިވެހިރާއްޖެ އަތްދަށުލައިގެން ތިބި ތިން މަސްދުވަހެވެ. އެހެންކަމުން މިފަދަ އަމާންކަމެއް ލިބިފައި އޮތް ގައުމެއްގެ ރައްޔިތުންނަކަށް ބޭރުގެ ބާޣީ ބަޔެއްގެ ޢުދުވާނަކަށް ވިސްނައިގެން ތިބޭހައި ދުރަކަށް ބުއްދިއެއް ނުދާނެއެވެ. އެއީ ތަބީޢީ ކަމެކެވެ. ނަމަވެސް ދުނިޔެ އައީ ބަދަލުވަމުންނެވެ. ދުރުންނާއި ކައިރީން އެކި ކަހަލަ ހަނގުރާމަތައް ހިނގަމުންނެވެ. ޤައުމުތަކުގެ އެތެރޭގައްޔާއި ބޭރުގައި ވެސް ހަނގުރާމަހިނގަމުންނެވެ.

ނަޞްރުގެ ދުވަސް އަހަރެމެންނަށް މި ކިޔައިދެނީ ތަޢުލީމީ ފިލާވަޅެކެވެ. ސުކޫލު މަދަރުސާތަކާއި ކޮލެޖު ޔުނިވަރސިޓީތަކުން ދިރާސާކޮށް ކިޔަވައިދޭންޖެހޭ ތަޢުލީމީ ފިލާވަޅެކެވެ. އެ ފިލާވަޅަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިލާވަޅެވެ. މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް ކުރާންޖެހޭ ކަންތައްތައް ކިޔަވައިދޭ ފިލާވަޅެކެވެ. ކޮންމެ ފަރުދެއްގެ ވިސްނުން ވެސް ހުންނާންވީ ގޮތް ބުނެދޭން ޖެހޭ ފިލާވަޅެވެ. ދުނިޔޭގެ ބަވަނަވުމުގެ ތެރެއިން ލައިގެން އައިސް ޤައުމަށް ފޯރާ ކަންތައްތަކުގެ ހެވާއި ނުބައި ދަސްކޮށްދޭނެ ފިލާވަޅެކެވެ. [ޖިއޯޕޮލިޓިކްސް]ގެ ވާދަވެރިކަނޑުގައި ފަރަށް ނާރައި މި ޤައުމު އަމާންކަމާ އެކު، ކުރިއަށްދާނެ ގޮތުގެ ފިލާވަޅެވެ. އެހެންކަމުން ނަޞްރުގެ ދުވަސް އަހަރެމެންނަށް ހަނދާންކޮށްދެނީ އަޅުގަނޑުމެންނަށް މިހެން ތިބޭވޭކަށް ނެތްކަމެވެ. އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓޭނީ ތަޢުލީމީ ގޮތުން ވެސް ޤާބިލު ދަރީންތަކެއް ނުވަތަ ޒުވާނުންތަކެއް ބިނާކުރެވިގެންކަމެވެ.

ނަޞްރުގެ ދުވަހު ދެން ހަނދާންކޮށްދޭ އަނެއް ފިލާވަޅަކީ ޒުވާނުންނަކީ ޤާބިލު ބަޔަކަށް ހެދުމުގެ ފިލާވަޅެވެ. ޤައުމަށް ބޭނުންޖެހިގެން ގޮވައިލައިފި ހިނދެއްގައި ޝަހީދު ޙުސައިން އާދަމް ފަދައިން ވަގުތުން އިޖާބަދޭނެ ފަދަ ޒުވާނުންތަކެއް ބިނާކުރުމުގެ މުހިންމު ފިލާވަޅެވެ. އަޅުގަނޑުމެން މިއަދު ނޭނގި ނަމަވެސް ދަނީ ޤައުމިއްޔަތާ ދުރަށެވެ. ޤައުމިއްޔަތާ ދުރަށް ދެވޭ ވަރަކަށް ވިސްނުން ބައްޓަންވަމުން އަންނާނީ ފަރުދީ ގޮތުން ލިބެން ހުރި ކާމިޔާބީތަކަށާއި ކުރިއެރުންތަކަށެވެ. އެހެންނަމަވެސް އެއީ މުޅި ޤައުމަށް ބަލާ އިރު، ގެއްލުން ހުރި ކަންކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ޤައުމިއްޔަތާ ދުރަށް ދާ ވަރަކަށް ޤައުމަށް ލިބޭ ގެއްލުމެއް ނުފެންނާނެއެވެ. ފެންނާނީ ތިމާއަށް ލިބެން އޮތް ފައިދާތަކެވެ. އެހެންކަމުން މިއަދުގެ ޖީލު، ޤައުމިއްޔަތުގެ ބަހާތައްކަމަށްވާ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި ދިވެހި ތާރީޚާއި ތަރިކައަށް އަހުލުވެރި ބަޔަކަށް ހަދާން އެބަޖެހެއެވެ. މިހާރު ފެށިފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" އެއީ މި ރޮނގުން ކުރިއަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. މި ފަދަ ޕްރޮގްރާމްތަކުގެ ތެރެއިން، މިއަދު ޤައުމުގެ ޒުވާނުންގެ ހިތްތަކުގައި އެ ޒުވާނާއަކީ މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ޒުވާނެއްކަމުގެ ވިސްނުން އަށަގަންނުވާން ޖެހެއެވެ. އެ ވިސްނުން ލައިދޭންޖެހެއެވެ. އެއީ މި ޤައުމުގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުއެޅިފައިވާ ޒުވާނެއްކަން ވިސްނައިދޭން ޖެހެއެވެ. އެހެންކަމުން ނަޞްރުގެ ދުވަހަކީ ދިވެހި ޒުވާނުންނަކީ ޤައުމަށް ލޯބިހުރި ދަރީންތަކެއް ބިނާކުރާށޭ ބުނެ މި ޤައުމަށް ހަނދާންކޮށްދޭ ދުވަހެކެވެ.

ނަޞްރުގެ ދުވަސް ބުނެދޭ އަނެއްކަމަކީ ދިވެހީންނަކީ ކޮންމެ ކަމަކަށް ވެސް ވިލުންތެރި ބަޔަކަށް ވުމުގެ ސިފައެވެ. ނަޞްރުގެ ދުވަހު ސިފައިން އެ ނެރުނު ހިތްވަރަކީ މި ދެންނެވި ވިލުންތެރިކަމުގެ ސިފަ ހުރިކަމުގެ ފުރިހަމަ މިސާލެކެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރުކޮށް ހޯދީ ނަޞްރެވެ. އަދި އެއަށް ފަހު އެ ހާލަތުން އަރައިގަތުމަށް ރޭވުންތެރިކަމާ އެކު، ދިވެހީން ތެދުވި ތެދުވުމެވެ. މިއަދު ވެސް އެ ސިފަ ދިވެހީންގެ ކިބައިން ފެންނާން އެބަޖެހެއެވެ. ވިލުންތެރި މުޖުތަމަޢެއް ބިނާކުރާން އެބަޖެހެއެވެ. ޤައުމުގެ ކަންކަމާ މެދު ވިސްނާ މުޖުތަމައެއް ބިނާކުރާންޖެހެއެވެ. ނަޞްރުގެ ދުވަސް ހަނދާންކޮށްދެނީ އަބަދުވެސް ސަމާލުވެ ތިބޭންޖެހޭކަމެވެ. ކޮންމެހެން ކަނޑިބަޑިއާއި މިސައިލުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ކުޅިހިނގާ މަގު ދަނެ ސަލާމަތުގެ އައްސޭރިއަށް އަބަދުވެސް ޤައުމާއިގެން ދަތުރުކުރާން އެނގޭނެ މީހުން އުފައްދާން ޖެހޭކަމެވެ. ހަރުދަނާ އިސްވާރުން ބިނާކުރާން ޖެހޭނެކަމެވެ. މިނިވަންކަމަކީ ތަބަކަކަށްލައިފައި ދިއްކޮށްލާ އެއްޗެއް ނޫނެވެ. އެއީ ހޯދާ އެއްޗެކެވެ. އެއަށް ފަހު އެތައް މަސައްކަތަކުން ދަމަހައްޓާ އެއްޗެކެވެ. އެހެންކަމުން އެ މަސައްކަތް ކުރާނެ އިސްވާރުން އުފައްދާންޖެހޭކަން ނަޞްރުގެ ދުވަސް އަޅުގަނޑުމެން އެންމެނަށް އެބަ ހަނދާންކޮށްދެއެވެ.

ބައިނަލްއަޤުވާމީ ގުޅުންތަކަކީ ވެސް މި ދުވަހު ހަނދާންނަށް ގެންނާން މަޖުބޫރު ކަމެކެވެ. އެއީ ރާއްޖެ ފަދަ ކުދި ގައުމުތައް އެކަނި ހާލާއިގެން ހުރިހައި ކަމެއް ކޮށްގެން އުޅެވޭނެކަމަށް ދުށުމަކީ މޮޔަކަމެކެވެ. މިއަދު ދުނިޔެއަކީ ގުޅި ލައިމެހިފައިވާ ތަނެކެވެ. އެއްވެސް ޤައުމަކަށް އެކަނިއެކަންޏަށް ނޫޅެވޭނެއެވެ. މި ބަނދެވުން އަންނަނީ ޚާރިޖީ ގުޅުންތަކުގެ ތެރެއިންނެވެ. ދޭދޭ ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކުގެ ތެރެއިންނެވެ. ބައިނަލްއަޤްވާމީ ޖަމްޢީއްޔާ، ޖަމާޢަތްތަކުގެ ތެރެއިން އުފެދޭ ގުޅުންތަކުންނެވެ. ނޮވެންބަރު 3ގެ ބިރުވެރި ހާދިސާއިން މި ޤައުމު ސަލާމަތްވެ ހިންދެމިލުމުގެ އަސްލަކީ އަވައްޓެރި ޤައުމުތަކާ އެކު، ދިވެހިރާއްޖެއިން ބޭއްވި ގުޅުމުގެ ހެޔޮ ނަތީޖާއެވެ. ބައިނަލްއަޤްވާމީ ގުޅުންތައް ރަނގަޅަށް ގެންދެވިފައިވާކަމުގެ ހެޔޮ ފާލެވެ. އެހެންކަމުން މިއަދު، ނަޞްރުގެ ދުވަހު ހަނދާންކޮށްދެނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމުކަމެވެ. އަދި ވިސްނުންތެރިކަމާ އެކު، އެ ކަން ކުރިއަށް ގެންދާންޖެހޭކަމެވެ. ހަމަ އެހެންމެ ބައިނަލްއަގުވާމީ ދުނިޔޭގައި، ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ލިބޭން އޮތް ކޮންމެ މަންސައެއްގައި އެ ވާހަކަދައްކަންޖެހޭ ކަމެވެ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް ކަށަވަރުކުރުމަށް ޓަކައި ދުނިޔޭގެ ޤައުމުތަކުގެ މަދަދާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ހޯދާންޖެހެއެވެ. މި ކަން ކުރެވޭނީ ޚާރިޖީ ދާއިރާ ވެސް ކުރިއަރުވައިގެންނެވެ. އެ ދާއިރާއިން ވެސް މީހުން ބިނާކޮށްގެންނެވެ. ދުނިޔެއަށް ލޯހުޅުވިފައި ތިބި ބަޔަކު އުފައްދައިގެންނެވެ. އެހެންކަމުން މި ދުވަސް ހަނދާންކޮށްދެނީ ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔެއާ އެކު ބާއްވާންޖެހޭ ގުޅުންތަކުގެ މުހިންމުކަމެވެ. އެ ގުޅުންތަކުގެ ތެރެއިން އެ ޤައުމުތަކަށް ވެސް އެނގިފައި އޮންނާންވާނެ އެކައްޗަކީ ދިވެހީން، އެބައިމީހުންގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއްގައި ދޫނުދޭނެކަމެވެ.

މި ދުވަހު ދެން ހަނދާންކޮށްދޭ އެއް ކަމަކީ ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކާ މެދު ވަރުގަދަ އިސްތިރާޖީ ގުޅުންތަކެއް އުފައްދައިފައި އޮންނާންޖެހޭކަމެވެ. ނަމަވެސް އެ ގުޅުން ވާންޖެހޭނީ ދިވެހީންނަށް ފައިދާ ކުރާނެ ގުޅުމަކަށެވެ. އެ ގުޅުން ވާންޖެހޭނީ "މޯލްޑިވްސް ފަސްޓް"ގެ ސިޔާސަތަށް ބުރަވާ ގުޅުމަކަށެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ ޤައުމު ވާންޖެހޭނީ އެހެން ޤައުމުތަކަށް ވެސް އިޙުތިރާމްކުރާ، އަދި އެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައިފާނެ ހުރިހައި ކަމަކުން ދުރުވެގެންވާ ބަޔަކަށެވެ. އެހެންކަމުން މިއީ ވެސް މި ދުވަސް ބުނެދޭ ފިލާވަޅެކެވެ.

މި ދުވަސް ހަނދާންކޮށްދޭ އަނެއް ކަމަކީ އަޅުގަނޑުމެންނަށް ވެސް ޢަލަމީ ޝަޚުޞިއްޔަތެއް (ގްލޯބަލް އައިޑެންޓީޓީއެއް) ލިބިފައި އޮތުމުގެ މުހިންމުކަމެވެ. މިއީ ވެސް އާދައިގެ ގައުމެއް ނޫންކަމުގެ މިސާލެވެ. ދިވެހީން ކުރާން އުޅެފިއްޔާ ޤައުމުގެ ސައިޒަށް ވުރެ ބޮޑެތި ކަންކަން ވެސް ދިވެހީން ކޮށްފާނެކަން އެނގިފައި އޮންނާންޖެހެއެވެ. ދިވެހިރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ނަގައިކިޔާ ގައުމެކެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ވާހަކަ ކުދި ގައުމުތަކުގެ އިސްވާރެއްގެ ގޮތުން އެންމެ ގިނަ މަންސަތަކުގައި ދައްކައި ދުނިޔޭގެ ސަމާލުކަން އެކަމަށް ހޯދަމުން އަންނަ ގައުމެކެވެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް މަރުކާއެވެ. (ބުރޭންޑެވެ.) އެހެންކަމުން ދިވެހީންގެ ގްލޯބަލް އައިޑެންޓިޓީ މިހާރަށް ވުރެ ވަރުގަދަކުރާންޖެހެއެވެ. އެއީ ހަމަ އެކަނި ޤައުމުގެ ސައިޒުން ވާކަމެއް ނޫނެވެ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރާ ގޮތުން ލިބެން އޮންނަ މޮޅެކެވެ. ދުނިޔޭގެ ޞުލްޙައަށް އެންމެ ބޮޑަށް މިހާރު މަސައްކަތްކުރަމުން އަންނަތަން ފެންނަ އެއްގައުމަކީ ޤަޠަރެވެ. އެއީ ބޮޑު ގައުމެއް ނޫނެވެ. ނަމަވެސް މުއްސަނދި ޤައުމެކެވެ. ޤަޠަރެކޭ އެއްވަރަށް މުއްސަނދި ޤައުމުތައް މެދުއިރުމަތީގައި އެބަހުއްޓެވެ. ނަމަވެސް ޞުލްޙައިގެ ކަންތައްތަކުގައި އުޅޭތަން ފެންނަނީ ޤަޠަރެވެ. އެހެންކަމުން އެ ޤައުމުގެ މިސާލު އަޅުގަނޑުމެން ވެސް ނަގަންޖެހެއެވެ. ދުނިޔޭގެ ފެންވަރުގެ އެފަދަ ބައްދަލުވުންތައް ބާއްވާ ޤައުމަކަށް މި ޤައުމު ހަދަން އެބަޖެހެއެވެ. މިއީ ކުރެވޭނެ ކަމެކެވެ. އޭރުން ބައިނަލްއަޤްވާމީ ދުނިޔޭގައި މި ޤައުމުގެ އަގު މަތިވާނެއެވެ. މި ޤައުމުގެ ގްލޯބަލް އައިޑެންޓީޓީއެއް އޮންނާނެއެވެ. އެހެންކަމުން ދުނިޔޭގައި ސަލާމަތާއި ރައްކާތެރިކަމުގައި އޮތުމަށް ޓަކައި ބައިނަލްއަޤްވާމީ ދުނިޔޭގައި ރަނގަޅު މަޤާމެއް އަޅުގަނޑުމެން ހޯދަންޖެހެއެވެ. ނަޞްރުގެ ދުވަސް ހަނދާންކޮށްދޭ އަނެއް ކަމަކީ މިއީއެވެ.

ނަޞްރުގެ ދުވަސް ބުނެދޭ އަނެއް ފިލާވަޅަކީ އެތެރޭގެ ހަމަޖެހުމެވެ. އެތެރޭގެ ހަމަނުޖެހުން ބޮޑުވާ ވަރަކަށް ބޭރުގެ ފަރާތްތަކުން މި ޤައުމަށް ފޯރުވާ ނުފޫޒު ބޮޑުވާނެއެވެ. އެހެންކަމުން އެތެރޭގެ ވަޙުދަތު ދެމެހެއްޓުމަށް ޓަކައި ދިވެހީންގެ ޤައުމިއްޔަތު ވަރުގަދަކުރާންޖެހެއެވެ. އެކަމަށް ޓަކައި މީޑިއާތަކުން ވެސް މަސައްކަތްކުރާންޖެހެއެވެ. އެކަމަށް ޓަކައި ތަޢުލީމީ މުއައްސަސާތަކުން ވެސް މަސައްކަތްކުރާންޖެހެއެވެ. އެކަމަށް ޓަކައި ކޮންމެ ސަރުކާރަކުން ވެސް ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. މިއީ ގޭތެރެއިން ފެށިގެން އަންނަން ޖެހޭ ކަމެކެވެ. އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ދަރިން ބޮޑުކުރުމާއި، ދިވެހިބަހަށާއި، ދިވެހީންގެތާރީޚާއި، އާދަކާދައަށް ލޯބިކުރުމަށް އެ ކުދިންނަށް ބުނެދޭންޖެހެއެވެ. މައިންބަފައިންގެ ހިތުގައި ވެސް އެ ލޯބި އޮންނަންޖެހެއެވެ. ދަރިންނަށް އެ ލޯބި ދެވޭނީ އޭރުންނެވެ. އަޅުގަނޑުމެންގެ އެކި ފަންނާނުން ވެސް ޤައުމިއްޔަތު ނަގަހައްޓައި ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ރޭޑިއޯ ޑްރާމާތަކާއި ޓީވީ ޑްރާމާތަކާއި އުފައްދާ ފިލްމުތަކުގައި ވެސް ޤައުމިއްޔަތުގެ ރަހަތައް ލެއްވިދާނެއެވެ. އަޅުގަނޑުމެން ބަލާ ހިންދީ ފިލްމުތަކުގައި ހުންނަ ފަދައިންނެވެ. ދިވެހީންގެ ގޮތް ދިވެހީން ބުނެ ނުދީ ނުވަތަ ދިވެހީން ދައްކައި ނުދީ ދެން އެ ގޮތްތައް ދައްކައިދޭން އެހެން ބަޔަކު އަންނާނެހެއްޔެވެ؟ ނާންނާނެއެވެ. އެހެންކަމުން މިއަދު، ނަޞްރުގެ ދުވަހު ބުނެދޭ އަނެއް ފިލާވަޅަކީ ދިވެހި ޤައުމިއްޔަތު ދިރުވާން ހަމަ ކޮންމެ ފަރުދަކު ވެސް އެ ފަރުދެއްގެ ފެންވަރުގައި މަސއްކަތްކުރާންޖެހޭ ކަމެވެ. ޢާއިލާތަކުގެ ފެންވަރުގައެވެ. ޖަމްޢިއްޔާ ޖަމާއަތްތަކުގެ ފެންވަރުގައެވެ. ރަށުފެންވަރުގައާއި ސުކޫލް ކޮލެޖު ޔުނިވަރސިޓީ ފެންވަރުގައެވެ. އަދި ވަކިން ޚާއްޞަކޮށް ޤައުމީ ފެންވަރުގައެވެ. އެއީ ޤައުމިއްޔަތަކީ އެންމެން އެކުގައި ބަދަހިކޮށް ތިބެން ބޭނުންވާ ވާފަށެވެ. އެ ވާފަށް ކަނޑައިގެން ގޮސްފިއްޔާ އެ ޤައުމެއް ރޫޅޭނެއެވެ. އެހެންކަމުން ނަޞްރުގެ ދުވަހު ބުނެދޭ މި ފިލާވަޅަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

އާދެ ނަޞްރުގެ ދުވަސް ފާހަގަކުރާންޖެހެނީ ދިވެހީންގެ ހިތްތަކުގައި ޤައުމިއްޔަތު ބިންވަޅުނެގުމަށެވެ. ދިވެހީން އެއްބައިވަންތަކުރުމަށެވެ. ދިވެހި ދަރިންނަކީ ދިވެހި ޤައުމުގެ ހުރިހާ ކަމެއްގައި އިސްވެ އުޅޭނެ ލީޑަރުންނަށް ހެދުމަށެވެ. ދިވެހީންނަކީ އެބައިމީހުންގެ މިނިވަންކަމާއި ސިޔާދަތު، ބޭރުދުނިޔެއާއި އޮންނަ އިސްތިރާޖީ ގުޅުންތަކުގެ ތެރެއިން ދަމަހައްޓައި ނަގަހައްޓާ ބަޔަކަށް ހެދުމަށެވެ. ހަރުދަނާ ޚާރިޖީ ސިޔާސަތެއް މި ކަންކަމަށް ބޭނުންވާތީ، އެ ކަން އެގޮތުގައި ކުރިއަށް ގެންދިއުމަށެވެ. ދިވެހީންގެ ހައިބަތާއި ގަދަރު ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑުކުރުމަށް ޓަކައި ދިވެހީންނަށް ޢަލަމީ ޝަޚުޞިއްޔަތެއް (ގްލޯބަލް އައިޑެންޓީޓީއެއް) ހޯދުމަށެވެ. ހަމަ އެއާ އެކު ދިވެހީންގެ އެތެރޭގެ ހަމަޖެހުން ދެމެހެއްޓުމަކީ ވަކިން ބޮޑަށް މުހިންމުކަމެއްކަން ބުނެދިނުމަށެވެ. އެހެންކަމުން ނަޞްރުގެ ދުވަސް ފާހަގަކުރާންޖެހެނީ އަޅުގަނޑުމެންގެ ދިވެހީންގެ ހިތްތަކުގައި މި ކަންކަން ފަނޑުނުވާނޭ ގޮތުން އަބަދުވެސް ބޭއްވުމުގެ ބޭނުމުގައެވެ.

 

ބައެއް ލަފުޒުގެ މާނަ:

އިސްވާރު    ނ.    (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ

ވިލުންތެރި    ނއ.   (1) ދެމުމެއް ފިތުމެއް ނުވަތަ ލެނބުމެއްގެ ފަހުން އެ އެއްޗެއް އިހު ހުރި ބައްޓަމަށް ނުވަތަ ހާލަތަށް ރުޖޫއަވުމުގެ ގާބިލުކަން ހުރި. (2) ދިމާވާ ދަތިކަމަކުން އަރައިގަނެ ކުރީން ހުރި ހާލަތަށް ރުޖޫއަވުމުގެ ގާބިލުކަން ހުރި.

ވިލުންތެރިކަން ނއނ.  (1) ދެމުމެއް ފިތުމެއް ނުވަތަ ލެނބުމެއްގެ ފަހުން އެ އެއްޗެއް އިހު ހުރި ބައްޓަމަށް ނުވަތަ ހާލަތަށް ރުޖޫއަވުމުގެ ގާބިލުކަން ހުރިކަން. (2) ދިމާވާ ދަތިކަމަކުން އަރައިގަނެ ކުރީން ހުރި ހާލަތަށް ރުޖޫއަވުމުގެ ގާބިލުކަން ހުރިކަން.

މަންސަ     ނ.    (1) ވަކި މައުޟޫޢަކަށް ގިނަ ބަޔެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބެން ހަދާ އިސްޓޭޖު ނުވަތަ އަށި.

މަރުކާ      ނ.    (1) ކުންފުންޏަކުން ނުވަތަ ކާރުޚާނާއަކުން ވިޔަފާރީގެ ދާއިރާގައި ގެންގުޅޭ ޚާއްޞަ ނިޝާން. (2) ޚާއްޞަ ކަމެއް ފާހަގަކުރުމަށް ޓަކައި ބޭނުންކުރާ ނިޝާނެއް.

ކޮމެންޓު