ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
4 ނޮވެންބަރު 2025
އިސްލާމީ ޚިލާފަތު ހަލާކުކޮށްލީ އަރަބި ޚާއިނުންގެ ބޮލަށް އެރިގެން އިނގިރޭސީންނެވެ.
ތިޔަ ފެނިވަޑައިގަންނަވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1916 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި، ފުރަތަމަ ރަސްމީ ޢަރަބި ސަމިޓްކަމަށްވާ [ކުވައިތު ކޮންފަރެންސް]ގެ ފޮޓޯއެކެވެ. އެ ކޮންފަރެންސުގެ މަގުސަދަކީ އިނގިރޭސިވިލާތުން ޢިރާޤަށް އަރައިގަތުމަށް އެހީތެރިވުމެވެ. އެ ދުވަސް ތާއަބަދަށް ހަނދާންކޮށްދޭ، މަދުން ނޫނީ ނުފެންނަ އެ ފޮޓޯގައި، އޭރު ނަޖުދުގެ އަމީރު، ފަހުން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބުދުލްޢަޒީޒް އާލު ސަޢޫދާ އެކު، އެ ފެންނަނީ އަހުވާޒުގެ ޝީޢީ އަމީރު ޚަޒަޢަލްކަޢުބީ، އަދި ކުވައިތުގެ އަމީރު ޖާބިރު ބިން މުބާރިކް އައްޞަބާޙެވެ. އެ މީހުންނާ އެކު، ދެން އެ ފޮޓޯގައި އެ ތިބީ ޢަރަބި ގަލްފްގެ އިނގިރޭސި ގަވަރުނަރު ޔަހޫދީ ސަރ ޕާރސީ ކޮކްސްއާއި އޭނާގެ މުޝީރު، އިނގިރޭސި ލިޔެކިޔުންތަކުގައި [ގަލްފްގެ ކިންގު މޭކަރ]ގެ ނަމުން މަޝްހޫރު އިނގިރޭސި ޖާސޫސެއްކަމަށްވާ ގަރޓުރޫޑް ބެލް ނަމަކަށް ކިޔާ މީހެކެވެ. އެ ސަމިޓުގައި ގަލްފުގެ ގާތްގަނޑަކަށް 100 ވަރަކަށް ޢަރަބި ޝަޚުޞިއްޔަތުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޝެހެޒާދާއިންނާއި، އިސްވާރުންނާއި، ޢަރަބި ޤަބީލާތަކުގެ ޝެއިޚުން ހިމެނޭ އިރު، އޭގެ ތެރޭގައި މުޠީރު، ޡަފީރު، އަދި ޢަޖުމާން ޤަބީލާގެ ޝެއިޚުން ހިމެނެއެވެ.
އިނގިރޭސިވިލާތުން އެ ސަމިޓަށް ގޮވައިލި ނަމަވެސް، އިނގިރޭސި ރެކޯޑްތަކުގައި ފަހުން ލިޔެފައިވާ ގޮތުގައި، އެ ސަމިޓުގެ ޙަޤީޤީ މަޤުޞަދަކީ، އިނގިރޭސިވިލާތުން ޢިރާޤު އިސްތިޢުމާރުކުރުމާއި އަދި އުސްމާނީ ޚިލާފަތާ ދެކޮޅަށް ވިލާތުން ކުރާ ހަނގުރާމައިގައި އެހީތެރިވުމެވެ.
މި ކަން ފެށުނީ އުސްމާނީ ޚިލާފަތާއި، އިނގިރޭސީންނާ ދެމެދު 1916ވަނަ އަހަރު ކުރެވުނު "ކޫތު އަލްޢިމާރާތު" ހަނގުރާމައިގެ ފަހުންނެވެ. އެ ހަނގުރާމައިގައި އުސްމާނީ ޚިލާފަތުން ވަނީ ހުތުރު ބައްޔަކުން އިނގިރޭސީން ބަލިކޮށްފައެވެ. އެ ހަނގުރާމައިގައި، އިނގިރޭސި ސިފައިންނާއި، އޮފިސަރުންނާއި، އަދި ޖެނެރަލުންގެ އެތައް ހާސް ބަޔަކު އަސީރުކުރެވުނެވެ. އަދި ޢިރާޤުގެ ދިފާޢުގައި، އުސްމާނީ ޚިލާފަތުގެ ލަޝްކަރުން ދެއްކީ އާދަޔާ ޚިލާފު ހިތްވަރަކާއި ސާބިތުކަމެކެވެ. އޭގެ އިތުރަށް ދެކުނު ޢިރާޤުގެ ޝީޢީން ވަނީ އިނގިރޭސި އިސްތިޢުމާރީންނަށް އެއްބާރުލުންދިނުމަށް ދެކޮޅުހަދައިފައެވެ. ޝިޔަޢީ އިލްމުވެރިން ވަނީ އިސްލާމީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކުރާ އިނގިރޭސި އިސްތިޢުމާރީންނާ ދެކޮޅަށް ޖިހާދުކުރުމަށް ގޮވައިލައި ފަތުވާތަކެއް ނެރެފައެވެ. އަދި އޭގެ ސަބަބުން، ޢިރާޤުގެ ސުންނީ ޢަރަބި ޤަބީލާތަކާއި އަދި ޝިޔަޢީ ޤަބީލާތަކުން އުސްމާނީންނާ އެކު ހަނގުރާމަކުރިއެވެ.
އެ ކޮންފަރެންސްގައި ޔަހޫދީ ޕާރސީ ކޮކްސް ވަނީ ތިރީގައިވާ ޒިންމާތައް ޢަރަބި ޣައްދާރުންނާ ޙަވާލުކޮށްފައެވެ.
1. ނަޖުދުގެ އަމީރު (އަދި ފަހުން ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު) ޢަބުދުލްޢަޒީޒް އާލު ސުޢޫދު: މީނާއާ ޙަވާލުކޮށްފައި ވަނީ ސަހަރާގެ އެތެރޭގައި އުސްމާނީ ކާބޯތަކެއްޗާއި، ހަތިޔާރު ފޯރުކޮށްދޭ ސަޕްލައި ލައިންތައް ހުއްޓުވައި، އުސްމާނީ ޚިލާފަތުގެ ވިލާޔަތެއްކަމަށްވާ، ސުޢޫދީ ޢަރަބިއްޔާގެ ޙާއިލުގައި ހުންނަ އުސްމާނީ ޚިލާފަތުގެ އަމީރު އަލް ރަޝީދާއި ހަނގުރާމަކޮށް، ޢިރާޤުގައި ތިބި އުސްމާނީ ލަޝްކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދެވޭގޮތް ހެދުމެވެ. އެއާ އެކު، އިސްތިޢުމާރީންނަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
2. އަޙުވާޒުގެ އަމީރު ޚަޒުޢަލްކަޢުބީއާ ޙަވާލުކޮށްފައި ވަނީ އުސްމާނީ ލަޝްކަރާއި، ޢިރާޤުގެ ޝީޢީންގެ ހަރަކާތްތަކާ ބެހޭ ގޮތުން ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އަދި އޭނާ އިނގިރޭސި އިސްތިޢުމާރީ ސިފައިންނަށް އޭނާގެ ސަރަޙައްދު ހުޅުވައިލުމެވެ. އަދި އެ ސަރަޙައްދު ބޭނުންކޮށްގެން އިނގިރޭސި އިސްތިޢުމާރީ ސިފައިން ވަށައިލުމުގެ ފުރުޞަތު އުސްމާނީންނަށް ހުއްޓުވުމެވެ. އޭގެއިތުރަށް އަޙުވާޒުގެ ޝީޢީންނަށް އިނގިރޭސި އިސްތިޢުމާރީ ޤާފިލާތަކަށް ޙަމަލާދީ އަރައިގަތުން ހުއްޓުވުމެވެ. އޭނާ، އެ ހުރިހައި ޚިދުމަތްތަކެއް އިސްތިޢުމާރީންނަށް ކުރުމުން، އެންމެފަހުން އިނގިރޭސިވިލާތުން އޭނާއަށް ދިން ހަދިޔާއަކީ، ޝަރީފް ޙުސެއިންގެ ޙިޖާޒުގެ ރަސްކަން، އާލު ސަޢޫދުންނަށް ހަވާލުކުރި ގޮތަށް، އޭނާގެ ޤައުމު ފާރިސީ އީރާނާ ޙަވާލުކުރުމެވެ.
3. ކުވައިތުގެ އަމީރު ޖާބިރު ބިން މުބާރިކު އައްޞަބާޙު: މީނާއާ ޙަވާލުކޮށްފައިވަނީ، ޢަރަބި ސަމިޓް ބޭއްވުމުގެ އިތުރަށް، އޭނާގެ ސަރަޙައްދަކީ ބަޙުރައިނުން އަންނަ އިނގިރޭސި އިސްތިޢުމާރީ ސިފައިން މަޑުކުރާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. ޢިރާޤުގައި ހުރި އުސްމާނީ މަޤާމުތަކާ ބެހޭ ތަފުސީލީ ޖާސޫސީ މައުލޫމާތު ފޯރުކޮށްދީ، ބަހުރައިނުން އަންނަ އިނގިރޭސި އިސްތިޢުމާރީ ސިފައިން ކުވައިތުން ޢިރާޤަށް ފުރައިގެން ދާންދެން އެ މީހުންގެ އޮޕަރޭޝަންތަކަށް މަގުފަހިކޮށްދިނުމެވެ.
މި ޒިންމާތައް ޢަރަބި ޚާއިނުންނާ ޙަވާލުކުރުމަށްފަހު، ޕާރސީ ކޮކްސް އެ ތަނުގައި ހާޒިރުވެ ތިބި ހުރިހައި އެންމެން، އިނގިރޭސިވިލާތަށް ފުރިހަމައަށް ވަފާތެރިވާނެކަމުގެ ކަށަވަރުކަން ހޯދިއެވެ. އަދި އުސްމާނީ ޚިލާފަތާ ދެކޮޅަށް އިނގިރޭސި އިސްތިޢުމާރީ ސިފައިންނަށް ތާއީދުކޮށް އެ މީހުންނާ އެކު، ހަނގުރާމަކުރާނެކަމުގެ އަހުދު ކަށަވަރު ހޯދިއެވެ. އިނގިރޭސީންނަށް ކުރާ އަސްކަރީ އަދި ސިޔާސީ ހިދުމަތްތަކުގެ ބަދަލުގައި ޢަރަބި ކޮންމެ ވެރިޔަކާއި، ޢަރަބި ޤަބީލާތަކުގެ ޝެއިޚުންނަށް ލިބޭނެ ރިޝްވަތާއި، މާލީ ޢިނާޔަތްތަކުގެ ޢަދަދާ ބެހޭ ގޮތުން ވެސް، އެއްވެސް ލަދުވެތިކަމެއް ނެތި މަޝްވަރާތައް ކުރިއަށްގެންދިޔައެވެ. އެ މަސައްކަތްތައް ފުރިހަމަކުރުން ކަށަވަރުކުރުމަށްޓަކައި ޕާރސީ ކޮކްސް ގަލްފުގެ ވެރިންނާއި، ޤަބީލާތަކުގެ ޝެއިޚުންގެ މެދުގައި ނުނިމި ހުރި މައްސަލަތައް ޙައްލުކޮށް، ޢިރާޤު ދިފާޢުކުރާ އުސްމާނީ ސިފައިންނާ ދެކޮޅަށް ބޭނުންކުރެވޭނެ އެކަށީގެންވާ ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުމަށް އެ މީހުންނާ އެކު އެއްބަސްވުމަކަށް އައެވެ.
ފަހުން ޢަރަބި ބޮޑު ބަޣާވާތަށް ތައްޔާރުވުމުގެ ގޮތުން، ކުރީން އިނގިރޭސީންނާ އެކު އިއްތިހާދުވި މައްކާގެ އަމީރު ޝަރީފު ޙުސެއިން ބިން ޢަލީއާ ބެހޭ ގޮތުން އެއްޗެއް ދަންނަވާ ނަމަ، އެ ސަމިޓުގައި އޭނާ ބައިވެރިއެއް ނުވެއެވެ. ނަމަވެސް އެ ސަމިޓުގެ ހުރިހައި ޤަރާރުތަކަށް ފުރިހަމައަށް އަދި ޝައްކެއް ވެސް ނެތް މިންވަރަށް ތާއީދުކުރާކަން އިޢުލާންކޮށް، ސަމިޓުގައި ބައިވެރިވުމަށް އޭނާއަށް ދަޢުވަތު ނުދިނުމުން ނުރުހުން ފާޅުކޮށްފައިވެއެވެ. ހަމަ އެއާ އެކު، އުސްމާނީންނާ ދެކޮޅަށް ހާޒިރުވެ ތިބި މީހުންނާ އެކު މަސައްކަތްތައް ކޯޑިނޭޓް ކުރާން ތައްޔާރަށް ހުރިކަމަށް އޭނާ އިޝާރާތް ކުރިއެވެ. މި ގޮތުން ކުވައިތު ކޮންފަރެންސުން އުފަންކުރުވި ޤަރާރުތަކާއި ފީލްޑް މިޝަންތަކުގެ ސަބަބުން ޚަލީޖުގައި އިނގިރޭސިވިލާތުގެ ބާރުތައް އަލުން އިންތިޒާމުކޮށް، އުސްމާނީ ޚިލާފަތާ ދެކޮޅަށް އާ ސަރަޙައްދުތަކެއް ހުޅުވިގެން ދިޔައެވެ.
އޭގެ ހަތަރު މަސް ފަހުން، ޢިރާޤުގެ ސަރަހައްދު ދިފާޢު ކުރަމުން ދިޔަ އުސްމާނީ ޚިލާފަތުގެ ލަޝްކަރުގެ ލައްކައަކަށް ވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލުމަށް ފަހު، އިނގިރޭސީންގެ ބާރުގެ ދަށަށް ޢިރާޤުގެ ބަޣުދާދު ގެނައީ، 1917ވަނަ އަހަރުގެ މާޗް މަހުގެ 11ވަނަ ދުވަހުއެވެ. 1916ވަނަ އަހަރުގެ ކުވައިތު ކޮންފަރެންސަކީ، އެ ސަރަހައްދުގެ ތާރީޚުގައި މަޙުވަރީ ވަގުތުކޮޅެއްކަމުގައި ވެގެން ދިޔައީ، އެއީ ފުރަތަމަ ރަސްމީ ޢަރަބި ސަމިޓަށްވުމަކުންނެއް ނޫނެވެ. އެކަމަކު، އެއީ ހުޅަނގުގެ އިސްތިޢުމާރީ ޤައުމުތަކުގެ ޚިދުމަތުގައި ޢަރަބީންގެ ވަފާތެރިކަން ބަހައިލުމަށް ބޭއްވި ފުރަތަމަ ސަމިޓަށްވުމެވެ. އެ ހިސާބުން، ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ޚަލީޖުގެ ކުރިމަގު ބައްޓަންކުރާނެ ސިޔާސީ ޚިދުމަތުގެ މުޅިން އައު މަރުޙަލާއެއް ފެށިގެން ދިޔައެވެ. އޭގެ ފަހުން ޢަރަބި ސަމިޓްތައް ބާއްވައި، އެ ސަމިޓްތަކުގެ ހުރިހާ ނަތީޖާއަކުން ފެނިގެން ގޮސްފައިވަނީ، އިނގިރޭސީންނާއި އެމެރިކާނުންނާއި، އަދި ދުނިޔޭގެ ސަހުޔޫނިއްޔަތުގެ މަސްލަހަތަށް ޢަރަބީން ޚިދުމަތްކޮށްފައިވާ ތަނެވެ.
މަރުޖާ:
1. ޢަބުދުލްޢަޒީޒު އައްރަޝީދު، ދަ ޕޮލިޓިކަލް ހިސްޓްރީ އޮފް ކުވައިތު، ޤުރުޠާސް ޕަބްލިޝިންގ ހައުސް، ކުވައިތު
2. މުޙައްމަދު އަލްއަޙުމަރީ، ޢަރަބި އަޙުވާޒް: އަ ރީޑިންގ އިން ހިސްޓްރީ އެންޑް ޕޮލިޓިކްސް، އަލް ރަޔާޙު ސެންޓަރ ފޯރ ސްޓަޑީޒް
3. ޖަރޓްރޫޑް ބެލް، ދި އެރެބްސް އޮފް މެސޮޕޮޓޭމިއާ، ލަންޑަން، 1917.