އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
5 ނޮވެންބަރު 2025
މަތީ ކަރަންޓު ނަގާ ތަކެތި މި ގޮތަށް ކަރަންޓު ވާގަނޑަށް ޖެހުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމެކެވެ.
އަޅުގަނޑުމެން ކޮންމެ މީހެއްގެ ގޭގައި ވެސް ކަރަންޓު ވާގަނޑުގެ އެކަތި ނުވަތަ ދޭތި އޮވެއެވެ. އެއީ ކަންކަން ކޮށްލާން ފަސޭހަވާ ކަމެކެވެ.
ތެދުފުޅެކެވެ. މިއީ ދަށް ކަރަންޓު ބޭނުންވާ އަދާތުތައް ބޭނުންކުރާން ވަރަށް ފަސޭހަ ކަމެކެވެ. މިސާލަކަށް ކަރަންޓު ބައްތިއާއި ފޯނު ޗާޖަރާއި ރައުޓަރާއި މޯޑަމްތަކާއި ގަޑިއާއި ގޭމުތަކާއި ޕްރިންޓަރު ފަދަ ތަކެތި ބޭނުންކުރާ އިރު ބޭނުންކުރާން ފަސޭހައެވެ. ނަމަވެސް މި ފަދަ ކަރަންޓު ވާގަނޑު ބޭނުންކޮށްގެން މަތީ ކަރަންޓު ބޭނުންވާ އަދާތުތައް ބޭނުންކުރާ ނަމަ، މި ފަސޭހަކަން ބޮޑު ގެއްލުމަކާއި ނުރައްކަލަކަށް ބަދަލުވެދާނެކަން ހަނދާން ބަހައްޓާން ޖެހެއެވެ. އެ ފަދަ އާލަތްތަކާއި އަދާތުތައް ހަލާކުވުމާއި އަލިފާން ރޯވުން ފަދަ އެތައް ކަމެއް ދިމާވެދާނެއެވެ. އެހެންކަމުން އަޅުގަނޑުގެ މި މަގާލުގައި އަޅުގަނޑު މި ބަލައިލަނީ ކަރަންޓު ވާގަނޑުތަކާ އެއް ގޮތަކަށް ވެސް ގުޅައިގެން ނުވާނެ ބައެއް އަދާތުތަކުގެ ވާހަކައެވެ. އެހެންކަމުން މި ދަންނަވާ ބާވަތުގެ އެއްވެސް އެއްޗެއް ކަރަންޓު ވާގަނޑަށް ނުޖެއްސެވުމަށް އިލްތިމާސްކުރަމެވެ.
1. ބަދިގޭ ސަމާނު:
މާސްޓަރ އިލެކްޓްރީޝަނެއްކަމުގައިވާ މާސްޓަރ ލުބީ ބުނާ ގޮތުގައި މައިކްރޯވޭވް އަވަނާއި ޓޯސްޓަރާއި ކޮފީ މެޝިނާއި މިކްސަރ (ނުވަތަ ބްލެންޑަރ)އާއި ލަހުން ކައްކާ ކުކަރާއި އެއަރ ފްރަޔަރ ފަދަ ތަކެތި ގުޅާން ޖެހޭނީ ސީދާ ފާރުގައި ހުންނަ ސޮކެޓާއެވެ. މި ފަދަ އެއްވެސް އެއްޗެއް ކަރަންޓުވާގަނޑަކަށް ޖަހައިގެންނުވާނެއެވެ. ސަބަބަކީ މި ފަދަ ތަކެއްޗަކީ އާންމުކޮށް ހުންނަ ކަންރަންޓު ވާގަނޑަށް ލިބިފައިވާ ބާރަށް ވުރެ މަތީ ކަރަންޓު ހުންނަ ތަކެއްޗެވެ. މި ފަދަ ވާގަނޑާ ގުޅާން ވާނީ ކުދިކުދި އާލަތެވެ. ކުދި އާލަތް ޖަހަން ބޭނުންކުރިޔަސް ބޭނުންކޮށް ނިމުމާ އެކު، ސުވިޗު ކަނޑައިލާން ހަނދާންކުރާންޖެހޭނެއެވެ. އެއީ އެ ތަކެތި ހަލާކުވިޔަނުދިނުމަށް ޓަކައެވެ. އަދި އެކި ހިރަސްތަކާއި ހިނގައިފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް ޓަކައެވެ.
2. ސިއްހީ އާލަތްތައް:
ސިއްޙީ ޚިދުމަތެއް ދިނުމަށް ޓަކއި ބޭނުންކުރާ ކަރަންޓު އަބަދު ވެސް ނަގާންޖެހޭނީ ސީދާ ފާރުގައި ހަރުކޮށްފައި ހުންނަ ސޮކެޓުންނެވެ. ސިއްޙީ ޚިދުމަތުގައި ބޭނުންކުރާ ހަމަ އެއްވެސް އާލަތެއް ހަމަ އެއްވެސް ހާލެއްގައި ކަރަންޓު ވާގަނޑަކާ ގުޅައިގެންނެއްނުވާނެއެވެ. އެހެނީ މި ފަދަ އާލާތްތަކާއި މެޝިންތަކަކީ ފުރާނަ ސަލާމަތްކުރުމާ ގުޅިފައިވާ ތަކެއްޗެވެ. މި ފަދަ ތަކެތި ކަރަންޓު ވާގަނޑާ ގުޅާ ނަމަ، ބަރާބަރަށް މަސައްކަތްނުކުރުމާއި ގެއްލުންވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. އަދި އެ މެޝީންތަކުން ދައްކާ ނަތީޖާއަކީ ބަރާބަރު ނަތީޖާއަކަށް ނުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުވާނެއެވެ. ވީމާ ޞިއްޙީ ޚިދުމަތުގައި ނުވަތަ ހޮސްޕިޓަުތަކުގައި ބޭނުންކުރާ ކޮންމެ މެޝިނަކާއި އާލަތެއް ގުޅާންވާނީ ސިދާ ފާރުގައި ހުންނަ ސޮކެޓުތަކާއެވެ. ކަރަންޓު ވާގަނޑާ ގުޅަިގެނެއް ނުވާނެއެވެ.
3. އެއަރކޮންޑިޝަނަރު ނުވަތަ ގޭތެރޭގައި ބޭނުންކުރާ ހީޓަރާއި ޑީހިޔުމިޑިފަޔަރ ފަދަ ތަކެތި:
މި ޒަމާނުގައި ހުންނަ ހީޓަރު ފަދަ ތަކެތި ހަދައިފައި ހުންނަނީ ވަރަށް ރައްކާތެރި ބައިތަކެއް ހިމަނައިފައެވެ. ބޭރުން އެ އާލަތް ފިނިކޮށްދޭނެ ނިޒާމަކާ އެކީގައެވެ. ނަމަވެސް މީގެ މާނައަކީ އެއީ އެއްވެސް ހިރާހެއް ނެތް ތަކެއްޗަށް ވުމެއް ނޫނެވެ.
މި ފަދަ އާލަތްތައް ކަރަންޓު ވާގަނޑަށް ތަހައްމަލުކުރެވޭ ވަރަށްވުރެ މަތީ ކަރަންޓު ބައެއް ފަހަރު ބޭނުންވެދާނެއެވެ. އެހެންކަމުން ސޮކެޓު ވިރުމާއި މި ފަދަ އާލަތްތައް ހަލާކުވުމާއި އަލިފާން ރޯވުމުގެ ހިރާސް އޮވެއެވެ. ވީމާ މި ބާވަތުގެ އާލަތެއް ސީދާ ފާރުގައި ހުންނަ ސޮކެޓަށް ނޫނީ ނުގުޅައްޗެވެ.
4. އެއް ވާގަނޑާ އަނެއް ވާގަނޑު ގުޅަމުން ގެންދިޔުން:
ބައެއްފަހަރު ކަންޓު ވާގަނޑު (ނުވަތަ އެކްޓެންޝަން ކޯޑު) އެހެން ވާގަނޑަކާ ގުޅާ ތަން އެބަ އާދެއެވެ. ލޫބީ ބުނާ ގޮތުގައި މިއީ މީހުން ވަރަށް ގިނައިން ކޮށް އުޅޭ ކަމަކަށް ވިޔަސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އެ ވާގަނޑަށް ބުރަ ބޮޑުވެ (އޯވަރލޯޑުވެ) އަލިފާން ހިފުމުގެ ހިރާސް ވަރަށް ބޮޑަށް އޮންނަ ކަމެކެވެ. މި ފަދަ ގޮތަކަށް ކަރަންޓު ބޭނުންކުރާން ޖެހިއްޖެ ނަމަ، ފަލަ ވާގަނަޑެއް ޚިޔާރުކުރައްވާށެވެ! ނުވަތަ ރަނގަޅީ ހަމަ އެއް ގޮތަކަށް ވެސް މި ގޮތަށް އެއް ވާގަނޑަށް އަނެއް ވާގަނޑު ނުޖެއްސެވުމެވެ. [ރައްކާވެ ތިބިއްޔާ ދަތުރެވެ.]
5. ބޯހިއްކާ އާލަތާއި ހުރިހައި ބާވަތެއްގެ އިސްތިރި:
ލުބީ ބުނާ ގޮތުގައި ބޮލުގެ އިސްތަށިގަނޑާ ބެހޭ އަދާތުތައް ކަރަންޓު ވާގަނޑާ ގުޅާ ނަމަ ފަހަރަކު އެކަތި ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއް ވާގަނޑަކަށް ގިނަ އާލަތްތައް ގުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ފަހަރެއްގައި ކުއްލި ގޮތަކަށް ކަރަންޓު ވާގަނޑަކަށް ގުޅާން ޖެހުނަސް ބޭނުންކޮށް ނިމުމުން ލުއްސައިލައި ނުވަތަ ނިއްވައިލައި ނުވަތަ ކަރަންޓު ކަނޑައިލައި ހަދާންވާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ހިރާސް ނ. (1) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. (3) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް.
އަދާތު ނ. (1) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލާތް. (2) އާލަތް
އާލަތް ނ. މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި.