ad_banner
"ދިވެހިރާއްޖޭގެ އިސްލާމީ ޔުނވަރސިޓީއަކީ މިއަދު ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ ޢިލްމީ މުއައްސަސާއެއް." - މަތީތަޢުލީމާ ބެހޭ ވަޒީރު

ހުސައިން ނައުޝާދު

7 ނޮވެންބަރު 2025

ރޭ ބޭއްވި ދަސްވެނިވުމުގެ ޙަފުލާގެ ތެރެއިން.... : ޝަރަފުވެރި މެހުމާމާނއި ވައިސްޗާންސެލްރާއި ކައުންސިލު މެންބަރުން (ފޮޓޯ: ދ.އ.ޔ.)

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ޢިމާރާތުގެ ދަތިކަމާ އެކު ވެސް އެންމެ މަތީ ފެންވަރުގައި މުޅި ދިވެހި އުންމަތަށް ޢިލްމީ ޚިދުމަތް ފޯރުކޮށްދޭ އެންމެ މަތީ ދަރަޖައިގެ މުއައްސަސާއަކަށް ހައްދަވައިދިއެވެ. ހިޖުރީ ގޮތުން 15ވަނަ ގަރުނު ފެށުމާ އެކު އިންދުނު ކުޑަކުޑަ އޮށަކުން ފަޅައިގެން ހެދި ބޮޑުވި މި ޢިލްމީ ގަހުގެ ހިޔާ މިއަދު މުޅި ދިވެހި އުންމަތަށް ވަނީ ފަތުރައިފައެވެ. ދިވެހި އިސްލާމީ އުންމަތަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހައި ދާއިރާއަކުން މީހުން ތަމްރީނުކޮށް ތަރުބިއްޔަތުކުރުމުގައި އެ ޢިލްމީ މުއައްސަސާއިން ވަނީ ކާމިޔާބު ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އަދި ގެންދަވަނީ އެ ޚިދުމަތް އިތުރަށް ފުޅާކުރައްވައި ދިވެހީންގެ އިތުބާރު ހޯއްދަވައި ބަދަހިކުރައްވަމުންނެވެ. މިއަދު އިސްލާމީ ޔުނިވަރސިޓީއަކީ ދިވެހިރާއްޖޭގެ އެންމެ އިތުބާރުކުރާ ޢިލްމީ މަރުކާއަކަށް ވެއްޖެއެވެ.

މިއީ ހަމައެކަނި އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. މި ހަގީގަތް ދިވެހިރާއްޖޭގެ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ވެސް ގަބޫލުފުޅުކުރައްވައެވެ. ރޭ އިސްލާމީ ޔުނިވަރސިޓީއިން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ މި ކަން އިޢުލާނުކުރައްވައިފައެވެ. ރޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނވަރސިޓީއަކީ މިއަދު ދިވެހި ޤައުމު ފަޚުރުވެރިވާފަދަ ޢިލްމީ މުއައްސަސާއެއްކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު އެ ޔުނިވަރސިޓީ ވެފައިވަނީ ދިވެހި ޤައުމުގެ އުދަރެހުން ވިދަމުންދާ ދީނީ އަދި ދުނިޔަވީ ޢިލްމާއި އިސްލާމީ ވަހުދަތާއި ޤައުމީ ޚިދުމަތުގެ އަލިގަދަ ދަންމަރަކަށްކަށެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި  މިއަދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވެފައިވަނީ ޒަމާނީ ތައުލީމު ރާއްޖޭގެ އެކި ކަންކޮޅަށާއި މުޅި އިސްލާމީ އުންމަތައް ފޯރުކޮށްދޭ މަތީ ފެންވަރުގެ ޢިލްމީ މުޢައްސަސާއަކަށްކަމަށެވެ. ތެދުފުޅެކެވެ. އެ ޢިލްމީ ހިޔާވަހިކަމުގެ ދަށުން ސެޓުފިކެޓާއި ޑިޕްލޮމާއިން ފެށިގެން ބެޗްލާސް ޑިގްރީއާއި މާސްޓަރސްއާއި ޕީއެޗްޑީއާއި ހަމައަށް މިއަދު އެ ޔުނިވަރސިޓީއިން ތަފާތު ސަތޭކަ ވަރަކަށް ޕްރޮގްރާމް ހިންގަވައެވެ.ރާއްޖޭގެ މަތީ ފެންވަރުގެ ވަރަށް ގިނަ ޢިލްމުވެރީންނަކީ އެ ޔުނިވަރސިޓީއިން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ބޭފުޅުންނެވެ.  

ދިވެހިރާއްޖޭގެ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ރޭ ވިދާޅުވީ [މިއަދު އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ކުރިއަރައިފައިވާ، ދިވެހި ޤައުމު ފަޚުރުވެރިވާ ފަދަ ޢިލްމީ މުއައްސަސާއެއް]ކަމަށާއި [އައިޔޫއެމްގެ ތަސައްވުރުން ސާފުކޮށް ފެންނާން އޮތީ ދިވެހި ޤައުމަށާއި އިސްލާމީ އުންމަތައް ފުޅާ ދާއިރާއެއްގައި ފައިދާހުރި ޢިލްމު ފެތުރުމުގައި އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރާ ޔުނިވަރސިޓީއަކަށް ވުމުގެ އަޒުމު]ކަމަށެވެ. އަދި ހަމަ މި ފަދައިން މި [ޔުނިވަރސިޓީއިން އުފައްދާ އާލިމުންނާއި ހުނަރުވެރިންނަކީ އިސްލާމީ ޢިލްމު ކުރިއެރުވުމުގައްޔާއި ޤައުމީ ތަރައްޤީއަށް ވިސްނާ،  ބައިނަލްއަޤްވާމީ މަސްރަހަށް ލޯހުޅުވިފައިވާ، މާނަވީގޮތެއްގައި އުފެއްދުންތެރި، ފައިދާތަކެއްކުރާ، ނަޒާހަތްތެރި، އޯގާތެރި، ކަމަށްކަމޭހިތާ ބަޔެއްކަމުގައި ވުމަކީ] އެ ޔުނިވަރސިޓީގެ މުހިންމަތުގައި ބަޔާންކުރެވިފައިވާ ކަމެއްކަމަށް ވެސް ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.

ރޭ އިސްލާމީ ޔުނިވަރސިޓީއިން 2000އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެވިވެފައެވެ. ރޭ ބޭއްވި ދަސްވެނިވުމުގެ ޙަފުލާގައި ސުޢޫދީ ޢަރަބިއްޔާގެ ސަފީރު ބައިވެރިވެވަޑައިގެންފައިވުމަކީ އިސްލާމީ އުންމަތާއި އެ ޔުނިވަރސިޓީއާ އޮތް ބަދަހި ގުޅުން ހާމަކޮށްދިން ކަމެކެވެ.

ކުޑަވެސް ޝައްކެއްނެތެވެ. މާޒީގައި އެތައް ބަޔެއްގެ މިންނެތް މަސައްކަތާއި ޤުރުބާނީގެ ނަތީޖާއެއްގެ ގޮތުން މިއަދު ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އެ ވަނީ ދަރިވަރުންގެ އިތުރަށް މުޅި ދިވެހި ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ހައްދަވައިފައެވެ. މިއަދު އިސްލާމީ ޔުނިވަރސިޓީއިން ދަސްވެނިވުމަކީ ކޮންމެ ދިވެހި ދަރިވަރެއްގެ ޝަރަފަކާއި ފަޚުރެއްކަމަށްވަނީ ވެފައެވެ.

މިހާރު ވެސް މި ޢިލްމީ ހިޔާވަހިކަމުގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވައިލައްވައިފައެވެ. އަންނަ 2026ވަނަ އަހަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވިފައެވެ. އަންނަ ޑިސެންބަރު މަހުގެ 31ގެ ނިޔަލަށް މި ފުރުޞަތު އޮތްކަމަށް އެނގިފައިވެއެވެ. ވީމާ، ލަސްނުކުރައްވައި މި ފަޚުރުވެރި ޢިލްމީ މުއައްސަސާގެ ދަސްވެންޏަކަށްވާން ލިބޭ މި ފުރުޞަތުގެ ބޭނުން ހިފަމާތޯއެވެ!

ކޮމެންޓު