Advertisement

ސުކޫލުތައް: ވޭޕުގެ ދުމުން ކޮށިއެރިޔަ ނުދެމާތޯއެވެ!

12 Dec 2023 | 14:38
.

ތާހާ ސަލީމް

ސިނގިރެޓާއި ވޭޕު ވެސް "ކޫލެއް" ނޫނެވެ. ނިސްބަތުން ދުންފަތުގެ އިސްތިއުމާލުކުރުން ދަނީ މައްޗަށެވެ. ވަކި އުމުރެއް ވަކި ޖިންސެއް ނެތެވެ.  ވޭޕުގެ ބާޒާރަކަށް ސުކޫލުތަކުގެ ކުދީން ވެސް ހަދައިފިއެވެ. ސުކޫލުތަކުގެ ހަތަރު ފާރު ތެރެއަށް މި ތަކެތި ވަދެއްޖެއެވެ. މި ކަމުން ދަރިވަރުން ސަލާމަތްކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅާން ޖެހެއެވެ.

ހުއްޓުވާން ކުރެވޭނީ ކޮންކަމެއް؟ 

މި ފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ކުލާސްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާ އެ ގުރޭޑެއްގެ ލީޑިން ޓީޗަރާއި ސުކޫލުގެ ވެރީންގެ ކޮންމެ ބޭފުޅެއްގެ ހަތަރު ލޯފުޅު ހުންނާން ޖެހެއެވެ. އަދި ހަވަނަ ހިއްސުގެ ބޭނުން ހިއްޕަވާން ޖެހެއެވެ. ކުދީން ކުލާހުން ފާޚާނާއަށް ދާއިރު އެހެން ކުލާހެއްގެ ކުއްޖަކަށް އިޝާރާތެއް ދިނުމުން އެ ކުލާހުން ކުއްޖަކު ނުކުމެގެން ދާދިޔުން ބައެއް ފަހަރު މި ކަހަލަ ކަމެއްގެ އިޝާރާތަކަށް ވެދާނެއެވެ. އެކަމަކު މިއީ އަމިއްލަ ތަޖުރިބާއާ އިހުސާސުގެ ތެރެއިން ވިސްނުންތެރިކަމާއެކު ނޫނީ ފިޔަވަޅެއް އެޅުން ބުއްދިވެރި ކަމަކަށް ނުވެދާނެއެވެ. 

ފާޚާނާއަށް ދާ ކޮންމެ ކުއްޖަކީ އެކަހަލަ ކަމެއްގައި އުޅޭ ކުއްޖަކަށް ނުވާނެތީއެވެ. މި ކަމުގައި ރަނގަޅުވާނީ 'ޕެޓާން'އެއް ފެނޭތޯ ބެލުމެވެ. ފެނިއްޖެ ނަމަ، ލީޑިންގ ޓީޗަރު ނުވަތަ އިސް ވެރިއެއްގެ ސަމާލުކަން ހޯއްދަވާށެވެ!

ކުދީންގެ އިންޓަވަލް ގަޑިއާއި "ލަންޗް" ގަޑި ފަދަ ގިނަ ކުދީން އެއް ތަނަކަށް ޖަމާވާ ގަޑިތަކުގައި ޑިއުޓީގައި ތިއްބަވާ ޓީޗަރުން ވަރަށް ރަނގަޅަށް ކުދީންގެ ހަރަކާތްތައް ބައްލަވައެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ޓީޗަރުން ބައި ހައްދަވައިގެން އެކަކު އަނެކަކާ ވާހަކަފުޅު ދައްކަވަން ތިއްބަވައެވެ. އެހެން ވާނަމަ ޑިޔުޓީގަ ތިއްބެވުމުގެ މަގުސަދު ގެއްލުނީއެވެ. މި ވަގުތަކީ  ގަނާކުރުމާއި، އަދި ކުރިން ދެންނެވިފަދަ ވޭޕު ސާމާނު ޖީބުން ޖީބަށް ދިޔުމުގެ ފުރުސަތު ބޮޑު ވަގުތަކަށް ވެދާނެއެވެ. އެހެންވީމާ ޓީޗަރުންގެ 'ވިތިޓްނަސް' ވަރަށް ރަނގަޅުވާން ޖެހެއެވެ. 

"ސާކަލް ޓައިމް"އަކީ މުހިންމު ވަގުތެކެވެ. ކޮންމެ ދުވަހެއްގެ ވެސް ކިޔެވުން ފެށުމުގެ ކުރީން ޓީޗަރާއެކީ މުޅި ކުލާސް ވަށް ބުރަކަށް އިށީންނަނީ ކުލާހުގެ އެކި ކަންކަމުގައި މަޝްވަރާކޮށް ކުރިއަށް ދާނެ ގޮތް ކުދީންގެ ބައިވެރިވުމާއެކު ނިންމާށެވެ. މި މަޝްވަރާގައި ޓީޗަރަކީ ވެސް ބައިވެރިއެކެވެ. މި ކަމުގެ އެންމެ މުހިންމު ކަމަކީ ކުދީންގެ އޯނަޝިޕް އޮތުމެވެ. މި ގަޑީގައި މަޝްވަރާކުރާން ކުދީން ބޭނުންނުވާ ކަންތައްތައް ވެސް ހުރެދާނެއެވެ. އެ ކަހަލަ ކަންތައް އެނގުމަށް ޓަކައި ކުރެވިދާނެ ކަމަކީ އެ މައުލޫމާތު ދޭ ކުދީންގެ ނަން ނުޖަހައި ދިމާވާ މައްސަލަތައް ކަރުދާސް ކޮޅެއްގައި ލިޔެ ފޮއްޓަކަށް ލާނީއެވެ. އަދި ފަހުން ޓީޗަރު އެ މައުލޫމާތު ބަލައި އެ ކަމަށް އަޅާން ޖެހޭ ފިޔަވަޅެއް އަޅާނީއެވެ. 

ދަރިވަރުންގެ ދަބަހުން ވެސް މިހާރު ވޭޕުކުރާން ބޭނުންކުރާ ސާމާނު ފެނެއެވެ.<br>

ކުދީން ސުކޫލަށް ގެންނަ ތަކެތި މޮނީޓަރުކުރުން:

ސުކޫލުތަކުގެ ކުދީން ސުކޫލަށް ގެންނަން ޖެހޭ ތަކެތި ސުކޫލު ވަގުތު ތާވަލުން އެނގޭނެއެވެ. ދެން އިތުރަށް ބޭނުންވާ ގަލަމާއި ފަންސުރާއި ފަރުގާލު ފޮށި ފަދަ ސާމާނު އެއީ ސުކޫލަށް ގެންނަ އާންމު ސާމާނެވެ. އެ ނޫން އެއްޗެއް ސުކޫލަށް ނުގެންދެވޭނެކަން ބައެއް މައިންބަފައިން ކުދީންނަށް އާންމުކޮށް ކިޔައިދެއްވައެވެ. އަދިވެސް އިތުރަށް ކިޔައިދެއްވާށެވެ. އަދި މިހާރު ކިޔައި ނުދެއްވާ ނަމަ، އެ ކަން ފެއްޓެވުން ރަނގަޅުވާނެއެވެ. 

އަޅުގަނޑުމެންގެ ދަރީންނަށް އަޅުގަނޑުމެން ވަރަށް އިތުބާރުކުރަމެވެ. އިތުބާރުކުރާން ވެސް ޖެހޭނެއެވެ. އެހެންނަމަވެސް މުޖުތަމަޢުން ފެންނަ ނުރަނގަޅު ކަންތައްތައް މި ހިނގަނީ ހަމަ ކޮންމެވެސް މައެއްގެ ނުވަތަ ބަފައެއްގެ ދަރިއެއްގެ ފަރާތުން ނޫންތޯއެވެ؟ އެހެންވީމާ، ކޮންމެވެސް ވަރަކަށް ތިމާގެ ދަރިފުޅަށް ވެސް ގޯހެއް ހެދިދާނެކަން ގަބޫލު ކުރައްވާށެވެ! ކުޑަކުޑަ އިންސައްތައެއް އެ ކަމަށް ދެއްވާށެވެ!

ކުދީން ބޮޑެވެ ތަސައްރަފު ފުދޭ ވަރަކުން މައިންބަފައިންގެ ތަނަވަސްކަން ހުރިވަރަކުން ކުދީންނަށް އަމިއްލަ ކޮޓަރީގައި އުޅެވެއެވެ. ނަމަވެސް ކުދީންގެ ދަބަސް އަދި ގެންގުޅޭ އެހެން އެއްޗިއްސަކީ ވެސް ބައްޕަ ނުވަތަ މަންމަ ނުވަތަ ބޭބެ އާ ދައްތަ ވެސް ދޭތެރެއަކުން ބަލާލާނެ އެއްޗެއްކަން ކުދީންނަށް އެނގުން ރަނގަޅުކަމަށް ފެނެއެވެ. ވަކި އުމުރަކަށް އަންނަންދެން ކުދީން ގެ ކަންކަން ކޮންމެ ވެސް ވަރަކަށް ބަލަމުން ދިޔުން މުހިންމެވެ.

ހޭލުންތެރި ކުރުވަމާ!

މުޖުތަމައުގައި ދިމާވާ މައްސަލަތަކާއި އަދި އެހެނިހެން ވެސް ކަންކަމާ ގުޅޭ ގޮތުން ކުދީންނަށް މައިންބަފައިން ނަސޭހަތްތެރިވުން މުހިންމެވެ. ކުލާސް ކުދީންނާއެކު ނުވަތަ ބޮޑެތި މީހުންނާއެކު މައިންބަފައިންނާ ނުލައި ކުދީން ތަންތަނަށް ދާ އިރު، މި ކަންކަން ހަނދާން ކޮށްދިނުން ރަނގަޅުވާނެއެވެ. މިސާލަކަށް ކުލާސް ކުއްޖެއްގެ ޕާޓީއަކަށް ދަރިފުޅު ފޮނުވާ އިރު، ނުވަތަ ގެންގޮސް ލާ އިރު، އެ ގެންދަނީ ހަމަ ވަރަށް އިތުބާރުކުރާ ބެލެނިވެރިއެއްގެ ގެއަށެވެ. ބަލައި ދަނީ ވެސް އެ ގެއަށެވެ. އެކަމަކު އެ ޕާޓީގައި ބައެއް ފަހަރު ކުލާސްކުދީން ނޫން ކުދީން ވެސް އުޅެއެވެ. ސިނގިރޭޓް ، ވޭޕް، ވީޑް ކަހަލަ އެއްޗެއްސަށް ދަރިފުޅު ތައާރަފުވެއެވެ. އަދި މި ތަކެތި ގެއަށް ގެނައުން ވެސް އެކަށީގެންވެއެވެ. މިއީ ކޮންމެ ފަހަރެއްގައި ދިމާވާ ކަންކަމެއް ނޫނެވެ. އަދި މިހެން ވެދާނެކަމަށް އެއްވެސް ތަނަކަށް ދަރިފުޅު ނުފޮނުވުމަށް ވުރެ ވެސް ރަނގަޅީ މި ކަހަލަ ކަންތައް ދިމާވެދާނެކަން ވިސްނައިދީ އެ ފަދަ ކަންކަމުން ރައްކާތެރިވާށާއި އެ ކަންކަމުން ދުރުވުމަށް ނަސީހަތް ތެރިވުމެވެ. ވާނުވާ މައިންބަފައިންނަށް އެނގުމެވެ. 

ކުދީންނާ އެކީގައި ކޮނެމެވެސް ބޭނުންތެރި ވަގުތު ކޮޅެއް ކޮންމެ ހަފުތާއަކު ވެސް ހޭދަކޮށްލައްވާށެވެ! އެ ވަގުތުގައި ކުއްޖާގެ އުމުރާ ގުޅޭ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަދައްކާލުން ރަނގަޅުކަމަށް ފެނެއެވެ. ބޭނުމަކީ ހޭލުންތެރިކުރުވުމެވެ. އަދި މައިންބަފައިންނާއި ދަރިންގެ މެދުގައި ގާތް ގުޅުމެއް އުފެއްދުމެވެ.

އެޑިޓަރުގެ ނޯޓް
ޠާހާ ސަލީމަކީ ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެކެވެ. މޮޅު ލިޔުންތެރިއެކެވެ. ބަސްމޮށުންތެރިއެކެވެ. އިނގިރޭސިބަހާއި އިސްކޫލު ހިންގުމުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޠާހާ ސަލީމު އިޖުތިމާޢީ ދާއިރާއިން ބޮޑަށް ލިޔުއްވަނީ އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިންނެވެ. ތާހާ ސަލީމް ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1993 އަހަރުގެ މެދު ތެރޭގައެވެ. ކިޔަވައިދެއްވާން އުޅުއްވުމަށްފަހު ސުކޫލު ހިންގެވުމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1998 ވަނަ އަހަރުއެވެ. ސުކޫލުތައް ހިންގެވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު، މާލެގަައި ސުކޫލުތަކުގައި މަސައްކަތްކުރައްވާން ފެއްޓެވީ 2007 ވަނަ އަހަރުން ފެށިގެންނެވެ. ކިޔެވުމާއި ތަމުރީނުތަކުގައި ހޭދަކުރެއްވި މުއްދަތުގެ އިތުރަށް ޖުމުލަ ހަތް އަތޮޅެއްގެ އަށް ސުކޫލެއްގައި ބާވީސް އަހަރު މަސައްކަތްކުރައްވައިފައި ވެއެވެ. އެންމެ ފަހުން މަސައްކަތްކުރެއްވީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ޕުރިންސިޕަލެއްގެ މަގާމުގައެވެ. ތާހާ ސަލީމް ވަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމުރީނު ހޯއްދަވައިފައެވެ. މީގެ އިތުރަށް އެހެނިހެން ގައުމުތަކުގެ ކިޔަވައިދިނުމާއި ސުކޫލު ހިންގުމުގެ ދާއިރާގެ މައުލޫމާތާއި ތަޖުރިބާ ހޯއްދެވުމުގެ ގޮތުން އޭނާ ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ސުކޫލުތަކަށް ޒިޔާރަތްކުރައްވައިފައެވެ. އޭގެ ތެރޭގައި ސުރީލަންކާ، އިންޑިޔާ، ސިންގަޕޫރު، މެލޭޝިޔާ، އިނގިރޭސިވިލާތް، އެމެރިކާ އަދި ފިންލޭންޑްގެ ސުކޫލުތައް ހިމެނެއެވެ. ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވީ ހަމަ އެކަނި މަސައްކަތްކުރެއްވި ސުކޫލުތަކުގައި އެކަންޏެއް ނޫނެވެ. އެ ގޮތުން ތާހާ ސަލީމް ވަނީ ރާއްޖޭގެ ވަރަށް ގިނަ ސުކޫލުތަކުގެ ސުޓާފް ޑިވެލޮޕްމަންޓަށް އެހީވެދެއްވައިފައިވެއެވެ. އޭގެ ތެރޭގައި، މާލެއާއި އަތޮޅުތަކުގެ ވިއްސަށް ވުރެ ގިނަ ސުކޫލު ހިމެނެއެވެ.

Advertisement

ކޮމެންޓް