Advertisement

މާވަށު ކަނޑޫފާ އަލުން އިޢާދަކުރުން ލާޒިމެވެ.

މާވަށުކަނޑޫފާ (ފައިލް ފޮޓޯ)

ހައްދުންމަތީ މާވަށުގައި މިހާރު ގާތްގަނޑަކަށް ނެތިފައިވާ ކަނޑޫފާ އަލުން އިޢާދަކުރުމަކީ މިއަދުގެ ޖީލަށް ލާޒިމު ކަމެކެވެ. އެއީ މާވަށުގެ ފަޚުރެކެވެ. އެއީ މާވަށުގެ ތާރީޚެވެ. މާވަށުގެ އަޞްލެވެ. އެ ރަށުގެ ސަގާފީ ތަރިކައެކެވެ. އެއީ ކީއްވެގެންތޯއެވެ؟ ބައެއް ސަބަބުތައް އަންނަނިވި ފޮޅުވަތްތަކުގައި ހާމަކޮށްލެވޭތޯ ބަލާނަމެވެ.

އާދޭހެވެ! ރާއްޖޭގެ ރަށްރަށަށް ނަން ދީފައި ހުރީ ނުވަތަ ނަން ކީފައި ހުރީ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްގެންކަމަށް ފެންނާން އެބަ ހުއްޓެވެ.

1.   ރަށުގެ ސިފަ

2.   ރަށުގެ ބޮޑުމިން

3.   ފެންނަ ފެނުން

4.   ރަށް އޮންނަ ޖުޣުރާފީ ނުކުތާ

5.   ރަށް އާބާދުކުރެވުނު ނުވަތަ ގާއިމުކުރެވުނު މުއްދަތު (ރަށުގެ އުމުރު)

6.   ރަށުގެ ޚާއްޞިއްޔަތު (ޚާއްޞަ ސިފަތައް)

7.   އެ ރަށަކުން ލިބޭން ހުންނަ ވަސީލަތްތައް

8.   ރަށުގެ ހާލަތު ނުވަތަ ހަގީގަތް

9.   ރަށުގެ މާއްދީ ނުވަތަ މާނަވީ ސިފަ

10.  ރޫޙާނީ ކޮންމެވެސް ޚިޔާލެއް.

ރަށްރަށުގެ ނަންތަކަކީ އެތައް ސަތޭކަ ނުވަތަ އެތައް ހާސް އަހަރެއްގެ ކުރީއްސުރެ ކިޔަމުން އައިސްފައި ނަންތަކަކަށް ވާތީ ޒަމާންތައް ދައުރުވަމުން އައުމުގައި ނަމުގެ ބައެއް އަޑުތަކަށް ހިސާބަކަށް ބަދަލު އައިސްފައި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރާންޖެހެއެވެ. މިސާލަކަށް ހައްދުންމަތީ ހިތަދޫއަށް ކުރީން ކިޔަނީ ސިތަދޫއެވެ. ފަހުން ސީނު ހާއަކަށް ބަދަލުވެގެން ހިތަދޫއަށް ބަދަލުވީއެވެ. އެހެންކަމުން ބައެއް ރަށްރަށުގެ ނަމުން މިހާރު އެކަށީގެންވާ މާނައެއް ނުފެނި ވެސް ހިނގައިދާނެއެވެ. ނަމަވެސް ރަށްރަށަށް ނަންތައް ދީފައިހުރީ ނުވަތަ ނަން ކިޔަމުން އައިސްފައިވަނީ އިސްވެ ދެންނެވުނު ދިހަ ނުކުތާގައި ބަޔާންކޮށްފައިވާ ކޮންމެވެސް ކަމަކަށް ނުވަތަ ސިފައަކަށް ރިޢާޔަތްކޮށްގެންކަމީ ތާރީޚީ ހަގީގަތެކެވެ.

މި ދެންނެވި އުޞޫލުން ހައްދުންމަތީ މާވަށަށް "މާވަށް" ކިއިފައިވަނީ އެ ރަށް ކޮންމެ ދިމާއަކުން ފެނުނަސް ހަމަ އެއް ދިގު މިނެއްގައި މަލަ ފެންނާތީކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އެއީ ކުރީން ވަށްކޮށް އޮތް ރަށަކަށް ވާތީ އެ ނަން ކިޔުނީއެވެ. ފަހުން ތިން ފަރާތަކުން ގިރަމުން ގޮސް ތިން މުއްޔަކަށް ވީއެވެ. ނަމަވެސް ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ އެ ރަށުގައި އޮންނަ ބޮޑު ކަނޑޫފަލަކާ ގުޅިގެން ކިޔިފައިވާ ނަމެކެވެ. "މާވަށް" މި ލަފުޒުގެ މާނައަކީ "ކަނޑޫފާ އޮންނަ ރަށް" ކަމަށް ވެއެވެ.

މި ކަމާ ބެހޭ ގޮތުން އަޅުގަނޑު ދިރާސާކޮށްލުމުން މާވަށުގެ ނަން ކިއިފައިވާ ގޮތާ އެންމެ ކައިރި ގޮތަކީ ފަހުން މި ދެންނެވީކަމަށް ގަބޫލުކުރެވުނެވެ. އެއީ ކަނޑުފާ އޮންނަ ރަށެވެ. މި ކަން އަޅުގަނޑަށް ޔަގީންވީ، ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އަޅުގަނޑު ގާތު ދާދިފަހުން ވިދާޅުވި ވާހަކަފުޅަކުންނެވެ. އަޝްރަފް އަޅުގަނޑާ ފޯނުން ގުޅުއްވައި މާވަށުގައި ކަނޑޫ ފަލެއް އޮވޭތޯ ސުވާލުކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ވަރަށް ބޮޑު ކަނޑޫ ފަލެއް ކުރީން މާވަށުގައި އޮތެވެ. މިހާރު އެ ތާނގައި ހުރީ ދެތިން ކަނޑޫގަހެކެވެ. ކަނޑޫގަސްތައް ހުރިތަން އަދިވެސް ހަމަ ކިސަޑު ބިމެއްގެ ގޮތުގައި އެބަ އޮތެވެ. އޭނާ އެ ސުވާލުކުރެއްވި ސަބަބަކީ މާވަށަށް ހުވަދުއަތޮޅު ބައެއް ރަށްރަށު މީހުން ކިޔަނީ "މާވަޓާ" ކަމަށް ވެފައި، އަޝްރަފު ވިދާޅުވާ ގޮތުގައި ހަގީގަތުގައި "މާވަޓާ"އަކީ ކަނޑުލުގެ ވަކި ބާވަތަކަށް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގައި ކިޔާ ނަމަކަށް ވާތީއެވެ. އެހެންވީމާ "މާވަޓާ"އަކީ ކަނޑޫފާ އޮންނަ ރަށަށް ވުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. މި ފަދަ ޓަވިޔަނިތައް މިހާރު މި ހުންނަނީ ށަވިޔަނި ސުކުނަށް ބަދަލުވެފައެވެ. ހުވަދު އަތޮޅުގެ ބަސް ދިރާސާކޮށްލުމުން މި ކަން ވަރަށް ރީތިކޮށް ހާމަވެއެވެ. ވީމާ މާވަށަށް މާވަށޭ ކިޔުނީ ކަނޑުފަލަށް ނިސްބަތްކޮށްކަން އެއްވެސް ޝައްކެއް ނެތި ސާބިތުވެއްޖެއެވެ. އެއީ މާވަޓާއެވެ. މާވަށެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކަނޑޫފާ ހުންނަ އިރު، މާވަށަށް ނަން ދިނުމުގައި "ކަނޑޫފާ" (މާވަޓާ) ޚާއްޞަވީ ކީއްވެގެންތޯއެވެ؟ ރަނގަޅު ސުވާލެކެވެ. މި ސުވާލަށް މަންޠިޤީ ޖަވާބެއް ވެސް އެބަ އޮތެވެ.

ރާއްޖޭގައި ކަނޑޫފާތައް ގިނައިން ހުންނަނީ އުތުރުގެ އަތޮޅުތަކުގައެވެ. މެދު ރާއްޖެތެރެއާއި ދެކުނުގެ މަދު ރަށެއްގައި މި ފަދަ ތަނެއް އޮތަސް އެ ފަދަ ތަންތާނގައި ގިނައިން ހުންނަނީ ކަނޑުލެއް ނޫނެވެ. ރަނޑުލެވެ. ނުވަތަ ބޮޑަވަތްކެވެ. ރަނޑުލާއި ބޮޑަވަތްކަކީ ދިވެހީން ކައި އުޅޭ ބާވަތެއް ނޫނެވެ. ނަމަވެސް ކަނޑުލަކީ އިރުކޮއްތަށް ކައި އުޅުނު މައިގަނޑު ކާނާއެކެވެ. ހައްދުންމަތީގައި ވެސް މި ފަދަ ކަނޑުފާތައް ހުރި ރަށްރަށް އެބަ ހުއްޓެވެ. ނަމަވެސް އެ ތަންތާނގައި ކަނޑުލެއް ނުހުރެއެވެ. ހުންނަނީ ރަނޑުލެވެ. މާވަށު ކަނޑޫފަލުގައި ހުންނަނީ ހަމައެކަނި ކަނޑުލެވެ. ބޮޑަވަތްކެއް ރަނޑުލެއް ނުހުރެއެވެ. ވީމާ، ހައްދުންމަތީގެ ރަށެއްގައި ބޮޑު ކަނޑޫފަލެއް އޮތުމަކީ އެ ކަނޑޫފާ ޚާއްޞަވާ ސަބަބެކެވެ. އެއީ އެ ރަށަށް ލިބިފައިވާ ޚާއްޞަ ސިފައެކެވެ. ޚާއްޞިއްޔަތެކެވެ. އެހެންކަމުން އެ ތަނަށް ނިސްބަތްކޮށް ރަށަށް ނަން ދިނުމަކީ، އެންމެ އެކަށީގެންވާ ގޮތެވެ.

މާވަށުގައި މި ދެންނެވި "މާވަޓާ" ގަސްތައް (ކަނޑޫގަސްތައް) ހުރި ތަން މިހާރު ކޮބައިބާވައެވެ!؟ މިއީ މި ޖީލުގެ ވަރަށް ގިނަ ބަޔަކު ކޮށްފާނެ ސުވާލެކެވެ . އެތަން، މާވަށު ކަނޑޫފާ، 1980ގެ އަހަރުތަކުގެ ތެރޭގައި ވެސް މާވަށުގައި އޮތެވެ. ވަރަށް ގަސް ބޯ ބޮޑު ކަނޑޫ ފަލެކެވެ. ގަސް ގިނަ ކަމުން ދުވާލު މެންދުރު ވަގުތުގައި ވެސް އެ ގަސްތަކުގެ ތެރެއަކަށް އަތްވެއް ނުދެއެވެ. އެ ތަނަށް އަޅުގަނޑު ކިތަންމެ ފަހަރަކު ވަދެ ކަނޑޫ ބިނދެ ހެދީމެވެ. މާވަށު މީހުން އެ ތަނަށް ކަނޑޫފަލެކޭ ނުކިޔައެވެ. ކިޔައި އުޅުނީ "ކަނޑުލުތެރެ"އެވެ. އަޅުގަނޑު މީހަކާ އިން ފަހުން ވެސް އަންހެނުންނާއެކު ވެސް "ކަނޑުލުތެރެ"އަށް ގޮސް ބައިވަރު ކަނޑޫ ބިނދެގެން ކަނޑުލު ބޯކިބާ އަޅައި ވެސް އުޅުނީމުއެވެ. އޭރު އެއީ މާވަށު މީހުން ކާ ވެސް އެއްޗެކެވެ. ހިތި ފިލުވައި ފެނު ކައްކައިގެން ހުނިލައިގެން ގަރުދިޔަ އަޅައިގެން ނުވަތަ ހަކުރު ލައިގެން މޮޑެގެން ކައި ހަދައެވެ. އަދި ކަނޑުލު ފޮނި ބޯކިބާއަކީ އާދަޔާ ޚިލާފަށް މީރު، މަޝްހޫރު ބޯކިބަލެކެވެ.

މާވަށު ކަނޑޫފާ ނުވަތަ ކަނޑުލުތެރެއަކީ، މިއަދުގެ ޒުވާނުން ކިޔާ ގޮތުންނަމަ "ކިލާގަނޑަކީ"، މާވަށުގެ ތާރީޚާ ސަގާފަތާ ގުޅިފައިވާ މުހިންމު ތަނެކެވެ. ނަމަވެސް ތަނުގެ މުހިންމުކަން ވިސްނައިދޭނެ ބަޔަކު ނެތުމުގެ ސަބަބުން އެ ތަނަށް އިހުމާލުވެވުނީއެވެ. ނުވަދިހައިގެ އަހަރުތަކާ ހަމައަށް އައި އިރު އެ ތަނުން އެއްވެސް ކޮންޓްރޯލެއް ނެތި، އެ މީހަކު ބޭނުން ވަރަކަށް ގަސް ކަނޑަމުން ގޮސް މުޅި "ކަނޑުލުތެރެ" ހުސްވީއެވެ. ކަނޑޫފާ އުވުނީއެވެ. 2000ގެ އަހަރުތަކާ ހަމައަށް އައި އިރު އެ ތާނގައި ހުރި ކަނޑޫ ގަސްތައް ހުސްވީއެވެ. "ކިލާގަނޑަކަށް" ވީއެވެ. ކުރީން ވެސް ދެންނެވި ފަދައިން ދެތިން ކަނޑޫގަހެއް ނޫނީ މިއަދަކު އެ ތަނަކުން ފެންނާކަށް ނެތެވެ. މިއަދު އެ ތަނުން މުޅީންހެން ފެންނަނީ އެކި މީސްމީހުން އިންދައި ހައްދާ އޮޅުއަލައާއި ކޭލާއި ރުކާއި މި ބާވަތުގެ ގަސްގަހާގެހީގެ ބާވަތްތަކެވެ.

ކޮންމެއަކަސް މާވަށުގެ ނަމާއި މި ކަނޑޫފަލާ ގުޅި، ލައިމެހިފައިވާލެއް ބޮޑުކަމުން ކަނޑޫފާ އަލުން އިޢާދަކުރުމަކީ ކުރާންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. މިއީ ހިންގާންޖެހިފައިވާ ބިދަ ބޮޑު މަޝްރޫޢެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން އެ ކަމުގެ މުހިންމުކަން ބޮޑެވެ. ކުރީން އެއީ ރޭރާއި އިރުވައިހުދާއި މި ނޫނަސް ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ވާސައެކެވެ. ނަމަވެސް މިއަދު އެ ތަނުން ދޫންޏެއް ނުފެނެއެވެ. ހަމަގައިމުވެސް އަޅުގަނޑަކަށް ނުފެނުނެވެ. އެހެންކަމުން ތިމާވެށީގެ ގޮތުން، ޤުދުރަތީ ދިރުންތައް އާލާކުރުމުގެ ގޮތުން، އެއީ މުހިންމު ތަނެކެވެ. ތާރީޚީ ގޮތުން އެއީ ރަށުގެ ނަމާ ގުޅިފައިވާ މުހިންމު ތަރިކައެކެވެ. ސަގާފީ ގޮތުން ބަލާއިރު، ކަނޑުލުން ހަދާ ކާތަކެތި ޚާއްޞަކޮށް ކަނޑުލު ފޮނިބޯކިބާ އެއީ، "ލާމު ގޮޅަރިހަ" ފަދައިން މާވަށުގެ ވަރަށް ޚާއްޞަ އެއްޗެކެވެ. އިޤުތިޞާދީ ގޮތުން ބަލާއިރު ކަނޑުލަކީ ކެއުމަށް ބޭނުންކުރާ އެއްޗަކަށް ވާތީ ލިބޭ އާމްދަނީއިން ދެކޮޅު ޖެއްސުމުގައި "ކަނޑުލުތެރެ"އިން މުހިންމު ދައުރެއް އަދާކޮށްދޭނެއެވެ. އަދި މި ޒަމާނުގެ ގޮތަށް ވަކި ރޭވުމެއްގެ ދަށުން އެ ތަން ފަރުމާކޮށް ތަރައްގީ ކުރެވިއްޖެ ނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ވެސް އެ ތަނުން ނަފާ ހޯދިދާނެއެވެ.

އަޅުގަނޑުގެ އުންމީދު އެބަ އޮތެވެ. މީގެ ދުވަސްކޮޅެއް ކުރީން މާވަށުގެ މުއައްސަސާތަކާ އަތޮޅު ކައުންސިލުގެ ފަރާތުން ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެއްގައި އަޅުގަނޑަށް ވެސް މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެލުމުގެ ފުރުޞަތު ލިބުނެވެ. އެހެންކަމުން އެ ބައްދަލުވުމުގައި، މާވަށު ކަނޑޫފާ އަލުން ދިރުވައި އާލާކުރުމުގެ ގަސްތާއި ރޭވުމެއް އޮތްކަމަށް މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ވިދާޅުވި ވިދާޅުވުމަކީ ލިބުނު އުންމީދެކެވެ. އަދި އެތަން ޙިމާޔަތްކުރުމަށް ޓަކައި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު ވަކި ސަރަހައްދެއް ކަނޑައަޅައިފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ. މި ކަމަށް ޓަކައި ބޭނުންވަނީ ރަށު ކައުންސިލާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަދުބީރެކެވެ. ރޭވުމެކެވެ. ދެން ޒުވާނުންނާއި ރައްޔިތުންގެ އެއްބާރުލުމެވެ. މި ކަމަށް ޓަކައި ހޭލުންތެރިކަމުގެ ކަމާކެމިތަކެއް ހިންގާންޖެހެއެވެ. ކަނޑޫފަލަކީ މާވަށަުގެ ތާރީޚާއި ސަގާފަތަށް ޓަކައި އަލުން އިޢާދަކުރާންޖެހިފައިވާ ތަނެއްކަން ރަށުގެ ރައްޔިތުންނަށް ވިސްނައިދޭން އެބަޖެހެއެވެ. އެކަން ރައްޔިތުން ގަބޫލުކުރާންޖެހެއެވެ.

ކޮންމެއަކަސް "ކަނޑޫފާ އޮންނަ ރަށް" އެއީ ހަގީގަތުގައި ވެސް ކަނޑޫފަލެއް އޮންނަ ރަށަކަށް ވާން އެބަ ޖެހެއެވެ. މާވަށް މާވަށަކަށް ވާނީ އޭރުން ނެވެ. "މާވަޓާ" އަލުންބަލުން ދިރުވައި އާލާކޮށް އެ ތަން ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ، ދެމެހެއްޓޭނެ ތަދުބީރެއްކުރެވި، ރޭވުމެއް ރޭވި އެ ރޭވުން ތަންފީޒުކުރެވިގެންނެވެ. މި ހުރިހައި ސަބަބުތަކަށް ޓަކައި މާވަށު ކަނޑޫފާ އަލުން އިޢާދަކުރުން ލާޒިމެވެ.

________________

ބައެއް ލަފުޒުގެ މާނަ:

ވާސަ:  1. ދިރިއުޅޭ ތަން، 2. ދިރިއުޅޭ ވެށި، 3. އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި

ކަމާކެމި: ކަމ،ެއްގައި އެކުލެވިގެންވާ ހުރިހާ ކަމެއް (ޕުރޮގްރާމު)

Advertisement

ކޮމެންޓް