އަސްމާ އަބޫބަކުރު
2 ނޮވެންބަރު 2025
(އެންމެ ފަހު ބައި)
[އަހަރެން ގޯސްކޮށްފައި މާޒިން ތިޔަ ހެން ވާހަކަ ދައްކާންވާނީ ފުރަތަމަ އަހަރެން ކައިރީ ތިޔަ ވެގެން އުޅޭ ގޮތެއް ވެސް ބުނެފައި. ދެމަފިރިން ދޭތެރޭގައި އަންނަ ހިތްނުތަނަވަސްވުންތައް ޙައްލުކުރާން ކަންތައް ތިޔަ ކުރަނީ އެންމެ ރަނގަޅަކަށް ނޫން. މާޒިން ބޭނުން ނޫނިއްޔާ އަހަރެން މިގެއަކު ނުހުންނާނަން.] އައިޝާ ކޮޓަރިއަށް ގޮސް ފޮށްޓަށް އެއްޗެހި އަޅައިގެން ދާން ތައްޔާރުވެގެން ނިކުތީ އެންމެން ސިޓިންގރޫމްގައި ތިއްބައެވެ.
[އައިޝާއަކަށް މިގެއަކުން ނުދެވޭނެ.] ޖަމީލާގެ އަޑަށް ސިހުން އެކުލެވިފައިވާ ގޮތަކަށް މީރާއަށް ބަލައިލެވުނެވެ.
[މަންމަ އެ ހައި ހިތްހަމަ ނުޖެހޭ ޅީދަރިފުޅު ފޮނުވައިލާން މިއަށް ވުރެ ވަކި ފަސޭހަ ވަގުތެއް ނާންނާނެ. ދޮންބެ އެ ހުރީ އައިޝާއާ ގުޅޭ ގޮތުން އަހަރެން ދެއްކި ހުރިހައި ވާހަކައެއް ގަބޫލުކޮށްގެން.] މީރާ ހިތާހިތުން ކިޔަމުން ދިޔައެވެ. އަދި އެ ވަރަކުން ވެސް މީރާއަކަށް މަޑަކުން ނުހުރެވުނެވެ.
[މަންމާ. އެހައި ވިޔާނުދާކޮށް އުޅޭ އިރު ވެސް މަންމަ ކީއްކުރަންތަ އައިޝާ ހިފަހައްޓާން ތިޔަ އުޅެނީ؟ އޭނާ ދިޔަދީބަލަ!] މީރާގެ ވާހަކައަށް ޖަމީލާ ހިތްހަމައެއް ނުޖެހުނެވެ.
[އައިޝާއެއް ނޫނޭ ވިޔާނުދާ އުޅުމެއް އުޅެނީ. މީރާއޭ. މީރާގެ އުޅޭ ނޫޅޭ ގޮތް މާޒިނަކަށް ނޭނގޭނެ. އަހަރެން ފައިނޭޅިފައި ބަލިވެގެން އޮތީމަ މީރާ އަހަރެން ދޫކޮށްލައިފައި ގައުމުތަކުގައި ބުރުޖެހިކަމެއް މާޒިނަކަށް ވެސް ނޭނގޭނެ. މިއަދު ތިޔަ ހުރިހައި ކަމެއް ސާފުކޮށްދޭނަން.] ޖަމީލާގެ ވާހަކަ އަޑު އިވުމުން މީރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމައަށް އެ ހުރިހާ ކަމެއް އެނގުނީ ކިހިނެއް ކަމެއް މީރާއަކަށް ވެސް ނޭނގެއެވެ. ކުއްލިއަކަށް ކަންބޮޑުވެގެން މީރާ ރޯންފަށައިފިއެވެ.
[މަންމަ ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް. މީރާ އަޅައިގަންނަމުން ރޮމުން ދިޔައެވެ. އަހަރެން މަންމައަށް އަޅައިލަން. މަންމަ ބަލިވެ އޮތީމާ ރަށުން ބޭރަށް ދިޔައީ މަންމައަށް އެހީތެރިވާން މީހަކު ހަމަޖައްސާފައި.] އެ ވަގުތު އެ ތަނަށް ޒަރީނާ ގެނެވުނެވެ.
[ޒަރީނާ ބުނެދީބަލަ އައިޝާއާ ރަމީޒާ ގުޅުމެއް އޮތިއްޔާ ބަދިގެ ތެރޭގައި ކަންތައްތައް ހިނގާ ގޮތް.] ޒަރީނާއަށް ބަލައިލެވުނީ އައިޝާއާ ދިމާއަށެވެ. ޒަރީނާ އެނގިފައިވާ ގޮތުގައި އެއްވެސް ކަމެއް އެ ދެ މީހުން މެދުގައެއް ނުހިނގައެވެ.
[އެއް ދުވަހަކު އައިޝާ އައިސް ބަދިގެއަށް ވަނުމުން ރަމީޒު އައި. އައިޝާއާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނި. އެކަމަކު އައިޝާ އެއްވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައީ.] ޒަރީނާގެ ވާހަކައިން މާޒިނަށް ނެގުނީ ނުބައި މާނައެކެވެ. ޒަރީނާ އެ ތަނުގައި ހުރުމުން އެއްވެސް އެއްޗެއް ނުބުނީ އައިޝާގެ މަކަރުވެރިކަމުންނޭ ހިތަށް އެރިއެވެ.
[ރަމީޒު ދިން މާބޮނޑި އައިޝާ ގެންގުޅުނީ އެހާ ލޯބިން. ޒަރީނައްތަ ކުރިމަތީ އެއްޗެއް ނުބުނި ކަމުގައިވިއަސް ދެ ފަހަރު ވެސް ރަމީޒު ދިން މާބޮނޑިގައި އައިޝާ ހިފީ ދެން ކީއްވެ؟] މާޒިން ހުރި ރުޅިއައިސްފައެވެ.
[ރަމީޒު ނުދޭ މާބޮނޑިއެއް.] އައިޝާ އެހުރީ އޮޅުމެއްގެ ތެރޭގައިކަން އެނގުމުން ޖަމީލާ އެދުނީ އައިޝާ ގާތުގައި ކަންވީ ގޮތް ކިޔައިދޭށެވެ.
[މަންމާ މިބުނީ ތެދަށް. އެއް ދުވަހަކު އަހަރެން އިސްކޫލުން އައިސް ކޮޓަރިއަށް ވަން އިރު މޭޒުމަތީގައި މޮބޮނޑިއެއް އޮތް. އަހަރެން ހީކުރީ މާޒިން ގެނެސް ބޭއްވި މާބޮނޑިއެއް ކަމަށް. އެ މާބޮނޑި އަދިވެސް ހުންނާނެ. ވާސްގައި ޖެހި ގޮތަށް.]
އެވަގުތު މީރާ ފޮނުވި ފޮޓޯ އައިޝާއަށް މާޒިން ދެއްކިއެވެ. މިހިރީ ރަމީޒު މާބޮނޑި ހިފައިގެން ދޮރުމަތީ.] މާޒިންގެ ވާހަކައަށް ޖަމީލާ ހިތްހަމަނުޖެހިގެން ހަޅޭއްލަވައިގަތެވެ.
[މާޒިން ކިތަންމެ ކިޔެވިއަސް ބޮލެއް ނުހުންނާނެ. ތިޔަ ހިސާބުން ނިންމާލައިގެންނުވާނެއްނު. ތިޔަ ފޮޓޯގައި އައިޝާ ހުރި ނަމައެއްނު ގަބޫލުކުރާންޖެހޭނީ. މީހަކު އެއްޗެއް ބުނާ އިރަށް ނޫނީ ފޮޓޯއެއް ދައްކާ އިރަށް ގަބޫލުކުރާންޖެހޭތަ؟" ޖަމީލާ އެހެން ބުނުމުން ވެސް މާޒިން ގަބޫލެއްނުކުރިއެވެ. މާޒިނަށް ފެނިފައިވަނީ އެންމެ މާބޮނޑިއެއް ވެސް ނޫނެވެ. އަދި އެންމެ ފޮޓޯއެއް ވެސް ނޫނެވެ. އައިޝާ ކޮޓަރި ދޮރުމަތީ ރަމީޒު ހުރި ފޮޓޯއާ މާބޮނޑި ހިފައިގެން ހުންނަ ފޮޓޯއެވެ. އައިޝާ ފުރަގަހުގައި ރަމީޒު ހުއްޓިހުރެ ނަގާފައި ފޮޓޯ ވެސް ފެނުނެވެ. އެ ފޮޓޯތަކުން ފެންނަ މަންޒަރުތަކާއި އައިޝާ މާބޮނޑި ހިފައިގެން އުޅުނު ގޮތުން މާޒިނަށް ގަބޫލު ކުރެވިފައި ވަނީ އެ ފޮޓޯތަކަކީ ޙަގީގަތްކަމުގައެވެ.
އެވަގުތު ޖަމީލާ ފޯނުން މީހަކަށް ގުޅިއެވެ. އަވަހަށް ގެއަށް އައިސްދިނުމަށް އެދުނެވެ. އެންމެންވެސް ހީކުރީ ބައްޕައަށް ގުޅީކަމަށެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ފެނުނީ ރަމީޒު އައި ތަނެވެ. މީރާ ހުރީ ކަންބޮޑުވެފައެވެ. މި ވަގުތު ރަމީޒު ގެއަށް އައުމުންނެވެ. ރަމީޒުގެ ފަހަތުން އެހެން މީހަކު ވެސް އައިސް ސަލާމް ގޮވައިލައިފިއެވެ. އެވަގުތު މީރާއަށް އޭނާ ފެނުމާ އެކު ހިތްހަމަ ނުޖެހި ރުޅިއައިސް ނަޒުވާ ގާތުގައި އެއްޗެއް ބުންޏެވެ. ނަޒުވާ އެ މީހާއާ ދިމާއަށް ދިޔައެވެ.
[މީރާ ކޮބާ؟ އޭނާ ބުނެގެން އަހަރެން ކޮށްދިން މަސައްކަތުގެ އަގު ނުލިބިގެން މި އައީ. މިއަދު ފުރާން އެބަޖެހޭ.] ނަޒުވާ ދައްކާ ވާހަކައެއް އެ މީހާ ގަބޫލެއް ނުކުރިއެވެ. އެންމެފަހުން ޖަމީލާ އެންގީ އެ މީހާ ސިޓިންގރޫމަށް ވެއްދުމަށެވެ.
[ކީއްކުރަން މީރާ ހޯދަނީ. މީރާ އެއިނީ. އެންމެނަން އިވޭ ވަރަށް ތިޔަ ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ.] މީރާ އިނީ ކަންބޮޑުވެގެން ގޮސް ގޮތްހުސްވާ ވަރުވެފައެވެ.
[މީރާ ބުނެގެން ކޮށްދިން މަސައްކަތުގެ އަގު ނުލިބިގެން އެ ހޯދަން މިއައީ. ދޭނަމޭ ދޭނަމޭ ބުނާތާ ދެތިން ދުވަސްވެއްޖެ.]
[ކުރި މަސައްކަތެއް ވެސް އޮންނާނެތާ.] ޖަމީލާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
[މީރާ ބުނެގެން ގެސްޓުހައުސް އަށް] ހުއްޓާލާ. ޖަމީލާ ގާތަށް އައި ރުޅީން އެ މީހާގެ ވާހަކަ ކުރިއަށް ގެންދިޔަކަ ނުދިނެވެ.
[ކިހާ ފައިސާއެއް؟] މީރާއާ ދިމާއަށް ކަޅިއަޅައިގެންފައި ޖަމީލާ އެހިއެވެ.
[ވިހި ހާސް ރުފިޔާ.] މީރާ ކުރަމުން ގެންދިޔަ ކަންތައް ޖަމީލާއަށް އޮތީ ކުރިން އެނގިފައެވެ. ނަޒުވާ ލައްވައި ޖަމީލާ ހުރިހައި ވާހަކައެއް ހޯދިއެވެ. ނަޒުވާ ކިޔައިދިން ގޮތުން ނަޒުވާ ގާޑިޔާ ކައިރީ ބައިންދާފައި މީރާ އެ ދާ ތާކަށް ގޮސް އަންނަނީ އެތައް އިރެއްވާ ފަހުންނެވެ. އެއް ދުވަހަކު އެ ކަން ބެލި ބެލުމުން އެނގުނީ މީރާ ދަނީ ގެސްޓްހައުސްއަށް ފިރެހެނަކާ އެކީގައެވެ.
[މީރާ. އޭނާއަށް ދޭންޖެހޭ ފައިސާދީ.] މީރާ އަވަސްއަވަހަށް ތެދުވެގެން ގޮސް އައީ ސިޓީއުރައެއް ހިފައިގެންނެވެ. އަދި އެ މީހާއަށް ސިޓީ އުރަދިނުމުން އެމީހާ ހިނގައްޖެއެވެ.
[ރަމީޒު ކީއްކުރާން ކޮން ބޭނުމެއްގައި އައިޝާއަށް މާބޮނޑި ދިނީ. އައިޝާއާ ރަމީޒު ކޮންގުޅުމެއް އޮންނަނީ.] ޖަމީލާ ފުރަތަމަ ވެސް އަހަންވާ ސުވާލު އެހުމުން ރަމީޒު ކަންބޮޑުވެއްޖެއެވެ. އެހެންނަމަވެސް އެ ވަގުތު ރަމީޒު ހުރީ ރުޅިގަދަވެފައެވެ. މީރާގެ މަކަރުވެރިކަމުގެ ތަންފުކެއް އަޑުއިވުމުންނެވެ.
[އެއްވެސް ގުޅުމެއް ނެތް. މީރާ ބުނެގެން މާބޮނޑި ހިފައިގެން ދެ ފަހަރު އެ ކޮޓަރީގެ ދޮރުމަތީ ހުރިން. މީރާ ބުނެފައި އޮތީ މީރާ ބުނާ ގޮތް ނުހަދައިފިއްޔާ މި ގެއިން ބޭރުކޮށްލާނަމޭ. އަދި މީރާ ބުނެގެން އައިޝާއާ ވާހަކަ ދެއްކޭތޯ ވެސް މަސައްކަތްކުރިން. އައިޝާ ނުދެއްކި ވާހަކައެއް. ދެ މާބޮނޑި އައިޝާއަކަށް ނުދެން. އެއީ ފޮޓޯނަގާން މީރާ ކުރިކަމެއް.] ޖަމީލާ ރުޅިވެރި ނަޒަރަކުން މީރާއާ ދިމާއަށް ބަލައިލިއެވެ. މާޒިން އަނގަމަތީ އަތްއެޅީ މީރާގެ ނުބައިކަން އެނގުމުންނެވެ. އައިޝާގެ ކުށެއްނެތި އައިޝާގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވިއްޖެއެވެ.
[މީރާ އެ ކަން ކުރި ސަބަބު މާޒިނަށް ނޭނގުނަސް މަންމައަށް އެނގޭ. މި ފަހަކަށް އައިސް މީރާ ބޭނުންވަނީ ރަމީޒު މިގެއިން ނެރެން. އެހެންވެ އައިޝާއާ ރަމީޒާ ގުޅުވައި ވާހަކަދެއްކޭނެ ކޮންމެވެސް ގޮތެއް ހޯދީ. އޭރުން އައިޝާ މި ގެއިން ފޮނުވައިލައިފައި ރަމީޒު ކައިރީން ވެސް ދުރުވުން މީރާގެ މަޤްސަދަކީ. އޭގެ ކުރީން މި ގޭގެ ނޯކަރުން އަހަރެންގެ ލޯ ހުޅުވައިދީފި. އައިޝާއޭ ކިޔައިގެން ކުރީން މީރާ ކޮންމެ ވާހަކައެއް ދެއްކީމާ ވެސް އަހަރެން ގަބޫލުކުރިން. މިހާރު އަހަރެން ގަބޫލެއް ނުކުރާނަން. އައިޝާއަށް އިންސާފު ހޯދައިދޭން ނިކުތީ އައިޝާ އުޅޭނޫޅޭ ގޮތް ވެސް ބަލައިފައި. އަހަރެންގެ އުފަންދަރިއަށް ވުރެ ހުރިހާ ގޮތަކުން ވެސް ޅީދަރިފުޅު ރަނގަޅު. ވަޒީފާގައި އުޅެމުން އަހަރެން ބަލިވެ އޮތް ދުވަސްތަކުގައި އަހަރެން ބެލީ އައިޝާ. މީރާ އުޅުނީ އުޅޭނެ ގޮތަކަށް.] ޖަމީލާގެ ވާހަކައިން މާޒިން ދެރަވެއްޖެއެވެ.
އައިޝާއާ ދިމާއަށް ކިޔުނު އެއްޗެހި ވެސް ހިތަށްއަރައި ލަދުގަނެއްޖެއެވެ. އިންސާފުން އެއްކިބާވެ މީހަކު ބުނާ އެއްޗެއް ގަބޫލުކުރި އިރު ހަގީގަތް ބަލައިނުލެވުނީތީ މާޒިން ލަދުން އިސްޖަހައިލިއެވެ. އެ ވަގުތު ޖަމީލާ މާޒިނަށް ގޮވައިލައިފައި އައިޝާ ގޮވައިގެން ކޮޓަރިއަށް ދާން އެދުނެވެ. މާޒިން މަޢާފަށް އެދި އައިޝާ ގޮވައިގެން ކޮޓަރިއަށް ހިނގައްޖެއެވެ.
"މަންމާ އަހަރެން ދެން މިގެއިން ދަނީ. މީރާއާ އެކުގައި ނޫޅެވޭނެކަން އަހަންނަށް އެނގިއްޖެ. މީރާ އޭނާގެ ދުނިޔޭގައި އުޅެން ފުރުޞަތު ދޭން ބޭނުން." ރަމީޒު ވެސް ހިނގައްޖެއެވެ.
ހަމަ އެވަގުތު ނަޒުވާއަށް ޖަމީލާ އެންގީ ރަށަށް ދިއުމަށް ތައްޔާރުވުމަށެވެ. ނަޒުވާ ބިރުން ހުރެ ގޮސް ފުރާން ތައްޔާރުވެއްޖެއެވެ. ގޭތެރޭގައި ހަމަހިމޭންކަން ފެތުރިއްޖެއެވެ. މީރާ ކަންބޮޑުވެ ދެރަވެގެން މަންމަގެ ގާތުން މަޢާފަށް އެދުނެވެ.
[މީރާއަށް މަޢާފް ޙައްގެއް ނޫން. މީގެ ފަހުން މީރާ އެއްވެސް ދަތުރަކު ރަށުން ބޭރަށް ގޮސްގެން ނުވާނެ.] ޖަމީލާގެ ވާހަކައިން މީރާ ވަރަށް ދެރަވިއެވެ. އެހެން ނޫނީ މީރާއާ އެއް ކޮޅަށް ހުންނަ މަންމަ މިއަދު އައިޝާގެ ކޮޅަށް ވަކާލާތު ކޮށްފިއެވެ.
އިންސާފު ލިބެންވީ ފަރާތްތަކަށް އިންސާފު ލިބިއްޖެއެވެ. ޖަމީލާ ގޮސް މާޒިނާ ވާހަކަދެއްކިއެވެ. އައިޝާއަށް އިންސާފު ހޯދައިދިނީތީ މަންމައަށް މާޒިން ޝުކުރުއަދާކުރިއެވެ. (ނިމުނީ)