ހުސައިން ނައުޝާދު
1 ނޮވެންބަރު 2025
ސިނގިރެޓުގައި ހިމެނޭ ވިހަ ބައެއް މާއްދާތައް ދައްކުވައިދޭ ކުރެހުމެއް
މި މަގާލު މި ޝާއިޢުކުރަނީ ތާރީޚީ ވަގުތެއްގައެވެ. އާދޭހެވެ! 2025 ނޮވެންބަރު ފުރަތަމަ ދުވަހު 00:00އިން ފެށިގެން ގާނޫނު ނަންބަރު 2025/6 (ގާނޫނު ނަންބަރު: 2010/15 (ދުންފަތް ކޮންޓުރޯލުކުރުމާ ބެހޭ ގާނޫން)އަށް ދެވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު)އަށް ޢަމަލުކުރާން ފެށުނީއެވެ. މި ގާނޫނަށް މި ވަގުތުން ފެށިގެން ޢަމަލުކުރާން ފެށުމާ އެކު ޢުމުރުން 18 އަހަރުން ދަށުގެ ހުރިހައި ކުދީންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވީއެވެ. މި ގާނޫނުގައި ވާ ގޮތުން 2007 ޖަނަވަރީ 1ގައި ނުވަތަ އޭގެ ފަހުން އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެންނުވާނެކަމަށް ޞަރީޙަކޮށް ބަޔާންކޮށްފައި އޮވެއެވެ. އަދި މި ގިންތީގެ އެއްވެސް ކުއްޖަކު ނުވަތަ ޢުމުރުން 21 އަހަރު ނުވާ އެއްވެސް މީހަކު ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތެއްގައި ބައިވެރިވެގެން ވެސް ބައިވެރިކޮށްގެންވެސްނުވާނެކަމަށް އެ ގާނޫނުގައި އޮވެއެވެ. އެހެންކަމުން މިއީ ތާރީޚީ ވަގުތުކޮޅެކެވެ. މި ކަން ތާރީޚީ ކަމަކަށް ވަނީ މިއީ ޖީލުތަކަކަށް ދުންފަތް މަނާކުރުމުގެ ފިޔަވަޅުއެޅި (ޖެނެރޭޝަން ބޭން) ފުރަތަމަ ގައުމުކަމަށްވާތީއެވެ. މި ފިޔަވަޅުގެ ސަބަބުން ދިވެހިރާއްޖެ ތާރީޚުގެ ތެރެއަށް ވަނީތީއެވެ. އެހެންކަމުން މި ތާރީޚީ އަދި ހިތްވަރުގަދަ ފިޔަވަޅުއެޅުއްވިކަމަށް ޓަކައި، ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ތަހުނިޔާއާއި ޝުކުރު ދަންނަވަމެވެ.
މި ގޮތަށް ނިންމަވައި ގާނޫނަށް މި އިސްލާހު ފޮނުއްވީ ސަރުކާރުގެ ފަރާތުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުންނެވެ. ފާސްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުންނެވެ. ގާނޫނު ތަޞްދީގުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް މި ޝުކުރުދެންނެވީ މިހެންވެގެންނެވެ.
ހަގީގަތުގައި މިއީ އުނދަގޫފުޅު ނިންމެވުމެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ވަލިއްޔުލްއަމުރު، އިންގިލާބަކުން މަގާމުން ޢަޒުލުކުރި އެއް ސަބަބަކީ ވެސް ދުންފަތް އެކީއެކަށް މަނާކުރެއްވުމެވެ. އެ ފަހަރު ވެސް ޖީލުތަކަކަށް އެ ކަން މަނާކުރެއްވި ނަމަ، އެހައި ބޮޑު ނޭދެވޭ އަސަރެއް ނުކުރީސްކަން ނޭނގެއެވެ.
ދުންފަތް މަނާކުރުމަކީ ދުނިޔޭގެ ހަމަ ހުރިހައި ގައުމަކުން ވެސް ކުރާން ބޭނުން ކަމެކެވެ. އެ ކަމަށް ގައުމުތަކުން މަސައްކަތްކުރޭވެސްމެއެވެ. ނަމަވެސް ނިންމުމެއް ނިންމާން ނުކެރެނީ ސިޔާސީ ފިއްތުންތަކުގެ ސަބަބުންނެވެ. މިހެން ދިމާވަނީ ދުންފަތުގެ ވިޔަފާރީން ބޮޑެތި ނަފާ ހޯދަމުން ގެންދާ ބޮޑެތި ވިޔަފާރިވެރީންނާއި ވުނޭރުންގެ ނުފޫޒުގެ ސަބަބުންނެވެ. ކުއްލިއަކަށް މުޅީން ހުރިހައި ޖީލަކަށް، މުޅިއާބާދީއަށް، ދުންފަތް މަނާކޮށްފި ނަމަ، ދުންފަތުގެ ވިޔަފާރިކޮށްގެން ދިރިއުޅުން ކުރިއަށް ގެންދާ ބޮޑެތި ކުންފުނިތައް ބަނގުރޫޓުވާނެއެވެ. އެ މީހުން ސަރުކާރާ ދެކޮޅަށް ތެދުވާނެއެވެ.
ދިވެހިރާއްޖެއިން މި ފަހަރު ޖީލުތަކަކަށް ދުންފަތް މަނާކުރެއްވުމުގެ ސިޔާސަތަކީ ޙިކުމަތްތެރިކަމާ އެކު ތަންފީޒުކުރެއްވި ސިޔާސަތެއްކަމަށް ފެނެއެވެ. ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ވެސް އެ މީހުންގެ ދަރީން ދުންފަތުގެ އިސްތިޢުމާލުކުރާކަށް ނޭދޭނެއެވެ. އެހެންކަމުން 18 އަހަރުން ދަށުގެ ކުދީންނަށް ދުންފަތް މަނާކުރުމަކީ ބެލެނިވެރީންގެ ވެސް ތާއީދު އޮންނާނޭ ކަމެއްކަން ކަށަވަރެވެ. މިއަދުގެ ޒުވާނުންނާއި ހަރު މީހުންނާއި ދުވަސްވީ މީހުންގެ ޖީލުތައް ނެތި މުޅި ރާއްޖޭގެ އާބާދީގައި މިއަދުގެ މި ދުންފަތް މަނާކުރި ޖީލުން ފެށިގެން ދަށުގެ ޖީލުތައް އެކަނި އުޅޭ ދުވަސް އަންނަ އިރު ދިވެހިރާއްޖެ ވާނީ ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއަކަށެވެ. އަދި މި ގޮތަށް ޢަމަލުކުރެއްވުމުން ދުންފަތުގެ ވިޔަފާރިކުރާ ވިޔަފާރިވެރީންނަށް ވެސް ޖުމުލަ ގެއްލުމެއް ނުވެ، އެހެން ދިމަދިމާއަށް މަޑުމަޑުން ވިޔަފާރި ފިރުކައިލުމުގެ ފުރުޞަތު ލިބޭނެއެވެ.
މިއަދު މި ވަގުތުން ފެށިގެން ޢަމަލުކުރައްވާން ދިވެހި ދައުލަތުން ފެއްޓެވި ގާނޫނު ނަންބަރު 2025/6 (ގާނޫނު ނަންބަރު: 2010/15 (ދުންފަތް ކޮންޓުރޯލުކުރުމާ ބެހޭ ގާނޫން)އަށް ދެވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު)ގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަޙުގައި، ޚާއްޞަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރުހުމާއި މަގުބޫލުކަން ލިބި ޞިއްޙީ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ލިބޭނެކަން ކަށަވަރެވެ.
ދުންފަތަކީ ގައިންގަޔަށް ނާރާ ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކަށް ވެސް މަގު ފަހިކޮށްދޭ އެއްޗެކެވެ. އަދި އެއީ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނެތް، އަދި އިޖުތިމާޢީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގައުމަށް ގައުމަށް ގެއްލުން ހުރި އެއްޗެއްކަން މިއަދު އެންމެންވެސް ގަބޫލުކުރެއެވެ.
މިއީ ކުރީ ސަރުކާރުތަކުން ވެސް އަޅުއްވާން ބޭނުންފުޅުވި އަދި އެ މަގަށް މަސައްކަތްކުރެއްވި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް އެ ސަރުކާރުތަކަށް އެ ހިތްވަރު ނުލިބުނީއެވެ. އެ ޢަޒުމު ނެތީއެވެ. އެހެންކަމުން މިއަދު ސަރުކާރުން މި އެޅުއްވި ހިތްވަރުގަދަ ފިޔަވަޅަށް ޓަކައި އުފަލާއެކު ޝުކުރުދަންނަވަމެވެ. ރާއްޖޭގެ ހުރިހައި މުދައްރިސުންނާއި ބެލެނިވެރީން ވެސް މި ސިޔާސަތަށް ތާއީދުކުރައްވާނެކަން ކަށަވަރެވެ.