ad_banner
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަށް ތަޢުރީފު ޙައްޤެވެ.

ހުސައިން ނައުޝާދު

31 އޮކްޓޯބަރު 2025

މަސްޖިދުއްދަޢުވާގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ: ސަރުކާރު.ގޮވް.އެމްވީ)

ދިވެހިރާއްޖޭގެ އިސްލާމީ ޙަޟާރަތު ވަރުގަދަކުރުމުގައި އިއްޔެއަކީ ވަރަށް މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ޙަރަކާތްތެރިކަމާއި ރޭވުންތެރިކަން ވެސް އިއްޔެ ފެނުނުކަމަށް އަޅުގަނޑަށް ދަންނަވާން ކެރިދާނެއެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ފަސް އަހަރު ދުވަހު ރިޔާސީ މި ދައުރު ނިމޭ އިރު ރާއްޖޭގެ ވެރިކަން ކުރާ މި މާލޭގައި ބާ އެއްވެސް މިސްކިތެއް ނުހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީތީއެއް ނޫނެވެ. އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ޓަކައި ވަޒީރުގެ ޙައިސިއްޔަތުން ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދު ކުރައްވާ މަސައްކަތްތަކުގެ އާދަޔާ ޚިލާފު ނަތީޖާ ފެންނަމުންދާތީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއް ގޮތަށް ދިވެހި އިސްލާމީ ޙަޟާރަތު ވަރުގަދަކުރެއްވުމުގެ މަސައްކަތްކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. ޝަހީމު ހަމަޖެއްސެވީ އެއީ ތަޞައްވުރީ އަދި ކަށަވެތި ބޭފުޅެއްކަން އެނގިވަޑައިގެންކަން ޔަގީނެވެ.

އާދޭހެވެ! ޑރ. މުޙަންމަދު ޝަހީމްގެ މި ދައުރުގެ ވަޒީރުކަމުގައި ފާހަގަކޮށްލެވޭ ގިނަ ކަންތައްކެއްކުރައްވައި ގެންދަވަނީ އެ މަނިކުފާނަކީ ގާބިލު ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާއަށް ސާބިތުކޮށްދެއްވަމުންނެވެ. ލިސްޓު ވަރަށް ދިގެވެ. ނަމަވެސް ބައެއް ކަންކަން ދަންނަވައިލާނަމެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އިމާމުވެ ހުކުރުކުރައްވާނޭ އިމާމަކު ނެތިގެން ކައިރި ރަށްރަށުން ޚަޠީބުން ގެންނާން ޖެހިފައި އޮތް އޮތުމަށް ޙައްލު ހޯއްދަވައިދެއްވުމަށް ޓަކައި އެޅުއްވި އިސްތިރާޖީ ފިޔަވަޅެއްގެ ސަބަބުން 500 އަށް ވުރެ ގިނަ ޚަޠީބުން ޒުވާނުންގެ ތެރެއިން އުފައްދަވައި ޚަޠީބުންގެ ދަތިކަން ފިލުއްވައިލެއްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޒަކާތާ ބެހޭ ވަކި ޚާއްޞަ މުއައްސަސާއެއް އުފައްދަވައި ޒަކާތު ފަންޑު ތަރައްގީކުރައްވައި ރާއްޖެއިން ފަގީރުކަން ނައްތަވައިލެއްވުމަށް ޓަކައި އެ ގެންދަވަނީ މަސައްކަތްޕުޅުކުރައްވަމުންނެވެ. ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ލިބިފައިވާ އެޕާޓުމެންޓުތަކަށް ފުރަތަމަ ދައްކާން ޖެހޭ 'ޑައުންޕޭމެންޓް' ނުދެއްކިގެން އެ އެޕާޓުމެންޓް ނުލިބިގެން އުޅޭކަން އެނގިވަޑައިގަތުމާ އެކު، މި ފަދަ 14 މީހަކަށް 'ޑައުންޕޭމެންޓް' ދައްކައިދޭން ނިންމެވިކަން އިއްޔެ ވަނީ ނޫސް ބަޔާކުން އިޢުލާނުކުރައްވައިފައެވެ. މިއިން ކޮންމެ މީހެއްގެ ޑައުންޕޭމަންޓަށް 340000 (ތިންލައްކަ ސާޅީސްހާސް) ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކުރާނެއެވެ.

މުޅި ރާއްޖޭގެ ހުރިހައި އިމާމުން ތާޒާކުރައްވައި ނިންމަވައިފިއެވެ. އިމާމުންނާއި ޚަޠީބުންނަށް މަޢުލޫމާތާއި ތަޖުރިބާ ހޯއްދަވައިދެއްވުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާއާއި މެލޭޝިއާއާއި އިންޑޮނޭޝިއާއާއި ބުރޫނާއީ ދާރުއްސަލާމް ފަދަ އިސްލާމީ ގައުމުތަކަށް ފޮނުއްވައިގެން ތަޖުރިބާއާއި ތަމްރީނު ހޯއްދަވައިދެއްވައިފިއެވެ.

އެތައް ޙާފިޒުންނެއް އުފައްދަވައިދެއްވައިފިއެވެ. ޙާފިޒުންނަށް ދައުލަތުން ދެއްވާ ފައިސާގެ ޢިނާޔަތް ދެގުނަ ބޮޑުކުރައްވައިފިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެރިރާއްޖޭގެ އެންމެ އަގުބޮޑު އެންމެ އިނާމު ބޮޑު، އެންމެ ޝަރަފުވެރި މުބާރާތްކަމުގައި ހައްދަވައިފިއެވެ. މުބާރާތުގެ ވަނަވެރީންނަށް ބޮޑެތި އިނާމުތައް ސަރުކާރުން ކަނޑައަޅުއްވައި ދެއްވާން ފައްޓަވައިފިއެވެ.

ރާއްޖޭގެ ހުރިހައި ސިޓީތަކާއި ބޮޑެތި އާބާދީތަކުގައި އިސްލާމީ މަރުކަޒުތަކާއި ވަޤުފު ޢިމާރާތްތައް ބިނާކުރައްވަނީއެވެ. މި ފަދަ ޢިމާރާތްތައް ބިނާކުރުމަށް ޓަކައި އިސްލާމީ ޝަރީޢާ ހުއްދަކުރާ އުޞޫލުގެ ތެރެއިން ބޭންކު އޮފް މޯލްޑިވްސްގެ މާލީ އެހީތެރިކަން ހޯއްދެވުމުގެ ފަހުމުނާމާއެއްގައި އިއްޔެ ވަނީ ސޮއިކުރައްވައިފައެވެ.

މަސްޖިދުއްދަޢުވާގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އިއްޔެ އަޅުއްވައިދެއްވަނީ (ފޮޓޯ: ސަރުކާރު.ގޮވް.އެމްވީ)

މާލޭގައި ހުރި ބާ ހުރިހައި މިސްކިތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމަށް ޓަކައި ހިންގަވާ ޕްރޮގްރާމުގެ ދަށުން މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި ހުރި ވަގުތީ މިސްކިތުގެ ބަދަލުގައި އަލަށް ތަރައްގީކުރައްވާން ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި އިސްލާމީ ދަޢުވަތުގެ މަރުކަޒުގެ ބިންގާ އިއްޔެއަޅުއްވައިފިއެވެ. މި މިސްކިތުގެ މުހިންމުކަމުން މި މިސްކިތާއި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

'މަސްޖިދުއްދައުވާ'ގެ ނަމުގައި ބިނާކުރައްވާ މި މިސްކިތުގައި 1250 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ފިރިހެނުން ނަމާދުކުރާ ސަރަހައްދާއި ވުޟޫކުރާ ސަރަޙައްދާއި ފާޚަނާތަކުގެ އިތުރަށް އަންހެނުން ނަމާދު ކުރާ ބަޔަކާއި އިއުތިކާފަށް ތިބޭ ސަރަޙައްދަކާއި 150 މީހުންގެ ޖާގައިގެ ޖަލްސާކުރާ މާލަމަކާއި، ސްމާޓް ކުލާސް ކޮޓަރިތަކާއި ކުތުބުޚާނާއަކާއި އިދާރީ އޮފީހެއް ވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި މިސްކިތުގެ މަސައްކަތް މި އަންނަ ރޯދަމަސް ދޫކޮށް ދެން އަންނަ ރޯދަމަހަކަށް ނިންމައިލެއްވޭތޯ މަސައްކަތްކުރައްވާކަމަށް އިއްޔެ ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ނޫނަސް އެތައް މިސްކިތަކާއި ވަޤުފު ޢިމާރާތްތައް މާލޭ ސަރަހައްދާއި އަތޮޅުތަކުގައި ގާއިމުކުރެވެމުން އެބަދެއެވެ.

ތެދުފުޅެކެވެ! މިއީ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން، އެ މަނިކުފާނު ބޭނުންފުޅުވެގެން ހިނގަމުންދާ ޙަރަކާތްތަކެކެވެ. ނަމަވެސް މި ކަންކަން މިހައި ކާމިޔާބުކަމާ އެކު ކުރިއަށް މި ދަނީ ވަޒީރު ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދުގެ ސަމަކާރައާއި ކުރުންތެރިކަމާއި ކަށަވެތިކަމުގެ ސަބަބުންކަމަށް ޤަބޫލުކުރާން ޖެހެއެވެ. އެހެންކަމުން އެ މަނިކުފާނަށް ޝުކުރާއި ތަޢުރީފު ޙައްޤެވެ.

ބައެއް ލަފުޒުގެ މާނަ:

ކަށަވެތިކަން   ނ.    (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު. commitment

ކުރުންތެރިކަން މ.    ނަތީޖާ ހާސިލުކުރަނިވި ގޮތެއްގައި އިންތިޒާމާއި ހަލުވިކަމާއެކު މަސައްކަތްކުރުމުގެ ގާބިލުކަން. efficiency

މުއައްސަސާ   ނ.    އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފައި ހުންނަ އިދާރާ. institution

ސަމަކާރަ    ނ.    ކުޑަ ހޭދަޔަކުން ރަނގަޅު ނަތީޖާ ނެރުމުގެ ގާބިލުކަން. efficiency

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު އަޙްމަދު
2 ނޮވެންބަރު 2025 04:04
ޝައްކެއްވެސް ނެތްގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކީ ކުރިންވެސް ހިންގުންތެރި ބޭފުޅެއް، މިއަދު އެ ގެންދަވަނީ އެ ހިންގުންތެރިކަން އިތުރު ގުނަތަކަކަށް އުފުއްލަވަމުން. މިސްކިތްތަކާ އިސްލާމީ މަރުކަޒުތައް ބިނާކުރެއްވުމުގެ އިތުރުން، ޚާއްޞަގޮތެއްގައި އިމާމުންނަށް ޢިލްމީ ކުރިއެރުމާއި، ބޭރު ކަރަކަރައިން އެ ހޯއްދަވައި ދެއްވާ ފުރުޞަތުތައް ވަރަށް ބޮޑަށް ފާހަގަ ކުރަން. މަސައްކަތްޕުޅުގައި ކުރިއެރުމާއި ބަރަކާތް ލައްވާށި! އާމީން