ad_banner
ފުރަތަމަ ސަފުގައި ނަމާދުކުރުން ވަރަށް މުހިންމު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

24 އޮކްޓޯބަރު 2025

ދުބާއީ ސިޓީގައި ކުރެވުނު ހުކުރު ނަމާދުގެ ޖަމާޢަތެއް.

ތާބިޢީންގެ އިސްވާރެއްކަމުގައިވާ ސަޢީދު ބުނުލްމުސައްޔަބު - رحمه الله –އަކީ ފަންސާސް އަހަރު ވަންދެން އެންމެ ނަމާދެއް ނާޅުއްވައި، ފުރަތަމަ ސަފުގައި ނަމާދުކުރެއްވި އިސްލާން ދީނަށް އިޚުލާޞްތެރި ޢާލިމެކެވެ.  

ޙިލްޔަތުލްއައުލިޔާއި ފޮތުގައި، ފޮތުގެ މުޞައްނިފު އަލްއަޞްފަޙާނީ ވިދާޅުވިއެވެ. ސަޢީދު ބުނުލްމުސައްޔަބި ވިދާޅުވިއެވެ. [ނަމާދުގެ ފުރަތަމަ ތަކުބީރު މަށަށް ފާއިތުވެގެން ނުދާތާ ފަންސާސް އަހަރުވެއްޖެއެވެ. ނަމާދުގައި މީހެއްގެ ފުއްކިބައަށް ބަލައިނުލާތާ  ފަންސާސް އަހަރުވެއްޖެއެވެ.]   

އެކަލޭގެފާނު މި ގޮތަށް ޢަމަލުކުރައްވައިފައިވަނީ ކީއްވެގެންހެއްޔެވެ؟ މި ކަމަށް އެކަލޭގެފާނަށް ހިތްވަރުދިނީ ކޮން އެއްޗެއްހެއްޔެވެ؟ ފުރަތަ ސަފުގައި ނަމާދުކުރުމުން އިތުރުވެގެންދަނީ ކޮން ކަމެއްހެއްޔެވެ؟

ސަވާބާއި ދަރުމަ ބޮޑުވުން

އަލްއިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި ނަމާދުގައި ސަފުތައް ތަރްތީބުކުރުމާއި ފުރަތަމަ ސަފުގެ މާތްކަމާއި ފުރަތަމަ ސަފުން ޖާގަލިބޭތޯ ވާދަކުރުމާ ބެހޭގޮތުން ވަކި ބާބެއް ލިއުއްވައިފައި ވެއެވެ. މި ބާބުގައި ކީރިތި ރަސޫލާ eގެ އެތައް ޙަދީސްފުޅުތަކެއް ގެންނަވައިފައި ވެއެވެ. މީގެ ތެރެއިން އެއް ޙަދީސް ބަސްފުޅެއްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لَاسْتَهَمُوا [1] - ބަންގިއާއި ފުރަތަމަ ސަފުގައިވާ ސަވާބާއި ދަރުމައިގެ މިންވަރު މީސްތަކުންނަށް އެނގޭ ނަމަ، އަދި ގުރުއަތުލައިގެން މެނުވީ އެ ސަފުން ތަންކޮޅެއް ނުލިބޭ ނަމަ، އެބައިމީހުން ގުރުއަތުލައިގެން ވިޔަސް ތަންކޮޅެއް ލިބޭތޯ ބަލާނެއެވެ.))

ފުރަތަމަ ސަފަކީ މަލާއިކަތުންގެ ސަފުތައް ފަދަ ސަފެއް

ކައު ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީސްކުރެއްވިއެވެ. ((اَلصَّفُّ المُقدَّمُ على مثْلِ صَفِّ الملائكةِ، ولو تَعلمونَ فَضيلتَه لَابْتدرتُموه[2] - އެންމެ ކުރީ ސަފަކީ މަލާއިކަތް ބޭކަލުންގެ ސަފާ އެއް ފަދަ ސަފެކެވެ. މި ސަފުގެ މާތްކަން ތިޔަބައިމީހުންނަށް އެނގޭ ނަމަ، މި ސަފުން ތަންކޮޅެއް ހޯދުމަށް ތިޔަބައިމީހުން ވާދަކުރާނޫއެވެ.))  މަލާއިކަތް ބޭކަލުންގެ ސަފާ އެއްފަދަ ސަފެކޭ ޙަދީސްކުރެއްވުމުން އެނގެނީ އެއީ ﷲގެ ރަޙުމަތާ ގާތް ސަފެއްކަމެވެ. އެއީ ފުރިހަމަ ސަފެއްކަމެވެ. މި ސަފުގެ މާތްކަން އެނގޭނަމައޭ ޙަދީސްކުރެއްވުމުން އެނގެނީ ސަވާބާއި ދަރުމައިގެ ބޮޑުކަމެވެ. އެއީ މީސްތަކުންނަށް މި ސަފު ހޯދުމަށް ހިތްވަރުދޭ ބަސްފުޅެކެވެ.

ފުރަތަމަ ސަފުގައި ނަމާދުކުރާ މީހުންނަށް ރަޙުމަތްލެއްވުމަށް މަލާއިކަތުން ދުޢާކުރެއްވުން

ފުރަތަމަ ސަފުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެއީ ﷲގެ ރަޙުމަތް ބާވައިލައްވާ ސަފެކެވެ. މީގެ އިތުރަށް އެއީ މި ސަފުގައި ނަމާދުކުރާ މީހުންނަށް ރަޙުމަތްލެއްވުމަށް މަލާއިކަތުން އެދިވަޑައިގެން ދުޢާކުރައްވާ ސަފެކެވެ. މާތްﷲ ރުއްސުންލެއްވި އައްނުޢުމާން ބުނު ބަޝީރު ވިދާޅުވިއެވެ. ނަބިއްޔާ  صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވި އަޑުފުޅު އަހުރެން އެހީމެވެ. ((إِنَّ اللهَ عَزَّ وَجَلَّ، وَمَلَائِكَتَهُ يُصَلُّونَ عَلَى ‌الصَّفِّ ‌الْأَوَّلِ أَوِ الصُّفُوفِ الْأُولَى[3] ހަމަކަށަވަރުން ﷲ ޢައްޒަ ވަ ޖައްލަ ފުރަތަމަ ސަފުގެ ނުވަތަ ފުރަތަމަ ސަފުތަކުގެ މީހުންނަށް ރަޙުމަތްލައްވަތެވެ. އަދި ރަޙުމަތްލެއްވުމަށް އެކަލާނގެ މަލާއިކަތުން ދުޢާކުރައްވަތެވެ.))

މާތް ﷲ ރަޙުމަތްލެއްވުމުގެ މާނައަކީ މަތިވެރިވެގެންވާ މަޖިލިސްތަކުގައި މާތް ﷲ އެ މީހުންނަށް ތާރީފުގެ ބަސް ވަޙީކުރެއްވުމެވެ. މަލާއިކަތުންގެ ދުޢާގެ މާނައަކީ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވުމަށާއި އެބައިމީހުންނަށް ރަޙުމަތްލެއްވުމަށް އެދިވަޑައިގެން ދުޢާކުރެއްވުމެވެ. އަލްބުޚާރީއާއި މުސްލިމު ރިވާކުރައްވައިފައިވާ ބަސްފުޅެއް ބުނާ ގޮތުގައި މިސްކިތުގައި އެ މީހަކު ނަމާދުކުރި ތާނގައި އިންހައި އިރަކު މަލާއިކަތްބޭކަލުން އެ މީހަކަށް ރަޙުމަތްލެއްވުމަށް އެދިވަޑައިގެން ﷲއަށް ދުޢާކުރައްވާނެއެވެ.

ފުރަތަމަ ސަފުގައި ޖަމާޢަތުގައި ނަމާދުކުރާ މީހުންނަށް ފާފަފުއްސަވާދެއްވުމަށް ނަބިއްޔާ އެދިވަޑައިގަތުން

ރަސޫލުﷲ صلى الله عليه وسلم  ފުރަތަމަ ސަފުގެ މީހުންނަށް ތިން ފަހަރު އެއާ ޖެހުނު ސަފުގެ މީހުންނަށް އެއް ފަހަރު ފާފަފުއްސަވައިދެއްވުމަށް ދުޢާކުރެއްވިއެވެ.[4]

އެންމެ ރަނގަޅު ސަފު

އެންމެ ރަނގަޅު ސަފާއި އެންމެ ނުބައި ސަފު ބަޔާންކޮށްދެއްވައި ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا، وَشَرُّهَا آخِرُهَا، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا، وَشَرُّهَا أَوَّلُهَا[5] -ފިރިހެނުންގެ އެންމެ ރަނގަޅު ސަފުތަކަކީ އެންމެ ކުރީ ސަފުތަކެވެ. އެމީހުންގެ އެންމެ ނުބައި ސަފުތަކަކީ އެންމެ ފަހަތު ސަފުތަކެވެ. އަންހެނުންގެ އެންމެ ރަނގަޅު ސަފުތަކަކީ އެންމެ ފަހަތު ސަފުތަކެވެ. އެންމެ ނުބައި ސަފުތަކަކީ އެންމެ ކުރީ ސަފުތަކެވެ.)) ނަވަވީގެފާނު ވިދާޅުވާ ގޮތުގައި މިއީ ފިރިހެނުންނާއި އަންހެނުން އެއް ތަނެއްގައި ނަމާދުކުރާ ނަމައެވެ. އަންހެނުން ނަމާދުކުރުމަށް މިސްކިތުގައި ޚާއްޞަ ބައެއް ހަދައިފައިވާ ނަމަ އެ ކަނބަލުންގެ ވެސް އެންމެ ރަނގަޅު ސަފުތަކަކަށް ވާނީ އެންމެ ކުރީ ސަފުތަކެވެ. އެންމެ ނުބައި ސަފުގެ މާނައަކީ ސަވާބު ކުޑަ ވާހަކައެވެ.  

މި ހުރިހައި ބަސްފުޅުތަކަކުން ވެސް އެނގެނީ ނަމާދު އޭގެ ވަގުތުތަކުގައި ކުރުމުގެ މުހިންމުކަމެވެ. ނަމާދަށް މިސްކިތަށް ގަޑިނުޖެހި ދިޔުމުގެ ސަވާބުގެ ބޮޑުކަމެވެ. މަސައްކަތަށް ގަޑިޖެހިގެން ދިޔުމުން ވާ ގޮތާ މެދު ވިސްނައިލައްވާށެވެ!  

 

ބައެއް ލަފުޒުގެ މާނަ:

އިސްވާރު    ނ.    (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ.

 

މަރުޖާ:

[1] - أخرجه البخاري (٢٦٨٩)، ومسلم (٤٣٧

[2]  - أخرجه أبو داود (٥٥٤)، والنسائي (٨٤٣)، وأحمد (٢١٢٦٥)

[3]  -  أخرجه أحمد (١٨٣٦٤) والبزار (٣٢٢٤)، والطبراني (٢١/١١٥) (١٣٣

[4]  - أخرجه ابن ماجه (996)، وأحمد (17141)

[5]   أخرجه البزار (٥١٩٤) والضياء في ((الأحاديث المختارة)) (٢٠٨)  وعبدالرزاق في ((المصنف)) (٥١١٠) والبيهقي  (٥٣٩٥) 

ކޮމެންޓު