ad_banner
އެމެރިކާ ޑޮލަރަށް އިރުއޮއްސުން (3)

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

23 އޮކްޓޯބަރު 2025

2025) އޮކުޓޫބަރު 21ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ދުނިޔޭގެ މާލީ ބާޒާރުގައި ޕައުންޑުން ކުރަމުން އައި ރަސްކަމުގެ ރިޔާސަތު ޑޮލަރާއި ހަވާލުކޮށް، ރަސްމީކޮށް އެ ކަން އިޢުލާނު ކުރިއެވެ. އޭގެ ފަހުން ފާއިތުވި 25 އަހަރު، ދުނިޔޭގެ ރިޒާވް ކަރަންސީގެ ގޮތުގައި، އެމެރިކާ ޑޮލަރުން ރަސްކަންކުރަމުން އައިސް، 1971ވަނަ އަހަރު އޭރުގެ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން، ޑޮލަރުން ރަނަށް ބަރޯސާވި، ބަރޯސާވުން ބަދަލުކުރިއެވެ. އެކަމަކު، ރަނުގެ މިޢުޔާރު ނެތިގެން ދިޔަކަމުގައި ވިޔަސް ޑޮލަރުގެ އާރާއި، ބާރާއި، އަދި މަގާމު ނެތިގެނެއް ނުދިޔައެވެ. ރަނުގެ ބަދަލުގައި، އެ މީހުން ހޯދީ މުޅިން އައު މިޢުޔާރެއްކަމަށްވާ ތެލެވެ. 1973ވަނަ އަހަރު އޯޕެކްގެ ޤައުމުތަކަށް ކުރިމަތިވި ތެލުގެ ދަތިކަމަށް ފަހު، އެމެރިކާއިން ވަނީ ސަޢޫދީ އަރަބިއްޔާއާ އެކު އިސްތިރާޖީ އެއްބަސްވުމެއް ހަދައިފައެވެ. އެމެރިކާގެ އަސްކަރީ ޙިމާޔަތުގެ ބަދަލުގައި، ސަޢޫދީއިން ތެލުގެ އަގު ކަނޑައަޅައި، ތެޔޮ ވިއްކާނީ ހަމައެކަނި އެމެރިކާ ޑޮލަރަށްކަމަށް ދެ ޤައުމުން އެއްބަސްވިއެވެ. 1975ވަނަ އަހަރު އޯޕެކްގެ ހުރިހައި މެންބަރު ޤައުމުތަކުން ވެސް، އެ ގޮތަށް އެއްބަސްވެ ޑޮލަރަށް ތެޔޮ ވިއްކާން ފެށިއެވެ. އެ ހިސާބުން ޕެޓްރޯ ޑޮލަރުގެ ނިޒާމު އުފެދުނެވެ. އެހެނީ ކޮންމެ ޤައުމަކަށް ވެސް ތެޔޮ ބޭނުންވެއެވެ. އަދި ތެޔޮ ގަތުމަށް ޓަކައި ކޮންމެ ޤައުމަކަށް ވެސް ޑޮލަރު ބޭނުންވެއެވެ. 

މި މަސްނޫޢީ ޢާލަމީ މުޠާލިބާގެ ސަބަބުން އެމެރިކާއަށް ބޮޑެތި ޑެފިސިޓްތައް ހިންގުމުގެ ފުރުސަތު ލިބުނެވެ. އަދި އޭގެ ސަބަބުން އެހެން ޤައުމުތަކުގެ ފައިސާ އަގު ވައްޓައިލައި، އިޤްތިޞާދު ފުނޑުފުނޑުކޮށްލުމުގެ ފުރުސަތު ވެސް އެމެރިކާއަށް ލިބުނެވެ. އެތައް ދަހަރެއް ވަންދެން ޑޮލަރުން ދަމަހައްޓަމުން އަންނަ ބާރާއި ނުފޫޒާ މެދު، އެއްވެސް މީހަކު ސުވާލެއް ނުއުފައްދައެވެ. އެމެރިކާގެ ބާރުގެ އެންމެ އުސް ކުންނުގައި 2000ވަނަ އަހަރު، ދުނިޔޭގެ ބޭރު ފައިސާގެ ރިޒާވްގެ %70 ހިފެހެއްޓިފައިވަނީ އެމެރިކާ ޑޮލަރުގައެވެ. އެކަމަކު، މިހާރު ޢަދަދުތައް އަންނަނީ ބަދަލުވަމުންނެވެ. 2024ވަނަ އަހަރު އެ ޢަދަދު ވަނީ %57.8 އަށް ދަށަށް ވެއްޓިފައެވެ. އެމެރިކާގެ ޓްރެޜަރީ ހޯލްޑިންގްސްގެ ބޭރުގެ ވުނޭރުންގެ ޙިއްސާ، 2008ވަނަ އަހަރުގެ މާލީ ދަތިކަމުގެ ތެރޭގައި %50އަށް ވުރެ މަތީގައި ހުރި އިރު، 2025ވަނަ އަހަރުގެ ކުރީކޮޅު، އެ ޢަދަދު ވަނީ އެންމެ %30އަށް ދަށްވެފައެވެ.

ޑީޑޮލަރައިޒޭޝަން ނުވަތަ ޑޮލަރު ބޭނުންކުރުން މަދުކުރުމުގެ ހަނގުރާމަ ދަނީ ހަލުވި ވަމުންނެވެ. ބްރިކްސްގެ ޤައުމުތައްކަމަށްވާ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާގެ އިތުރަށް މިސްރާއި އިތިއޮޕިއާއާއި، އިންޑޮނޭޝިއާއާއި، ޔޫ.އޭ.އީއާއި އީރާން އެކުގައި މަސައްކަތް ކުރަމުން ދަނީ ޑޮލަރު މުޅިން އެއްފަރާތް ކޮށް، ވިޔަފާރި ކުރާނެ، މާލީ ނިޒާމުތަކެއް ބިނާކުރާށެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ބްރިކްސްގެ ދިހަ މެމްބަރަކާއި، 13 ޕާޓްނަރު ޤައުމުތަކުން ދަނީ މަރުކަޒީ ބޭންކުގެ ޑިޖިޓަލް ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގާނޭ، ބްރިކްސް ބްރިޖް ޕޭމަންޓް ނެޓްވޯކް ތަރައްގީ ކުރަމުންނެވެ. މީގެ އިތުރުން އެމެރިކާގެ އަމިއްލަ ބެލެންސް ޝީޓަށް ވެސް ވަނީ ދަތިތަކެއް ކުރިމަތިވެއެވެ. 06 މާރިޗް 2025 ގެ ނިޔަލަށް، އެމެރިކާގެ އާންމު ދަރަނި ވަނީ 29 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައިފައެވެ. އަދި، އިންޓަރ ގަވަރމެންޓަލް ހޯލްޑިންގްސްގެ އިތުރު 7.4 ޓްރިލިއަން ޑޮލަރުގެ ދަރަންޏާއެކު، އެމެރިކާގެ ޖުމްލަ ދަރަނި ހުރީ 36.4 ޓްރިލިއަން ޑޮލަރުގައެވެ. އެއީ، އެމެރިކާގެ ހަތަވިވަރުގެ %124 އެވެ. އެހެންކަމުން، އަނެއްކާވެސް މިފެންނަނީ އަމްބަރާޠޫރިއްޔަތެއްގެ ވެއްޓުމުގެ ނިޝާންތަކެވެ. ޕޯޗުގީޒާއި، ސްޕެއިނާއި، ލަންދޭސީންނާއި އަދި އިނގިރޭސިވިލާތާއި، މި ހުރިހާ އެންމެންވެސް 78 އަހަރާއި 220 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ހަމަ މި މަގަށް ތަބާވެ، ނެތި ފަނާވެގެން ގޮސްފައިވެއެވެ. ދުނިޔޭގެ ކޮންމެ ރިޒާވް ކަރަންސީއެއްގެ އެވްރެޖް ޢުމުރަކީ ގާތްގަނޑަކަށް 95 އަހަރެވެ. އަހުރެމެން މިހާރު ތަޖުރިބާ ކުރަމުން މިދަނީ ތާރީޚީ މި ބޮޑު ބަދަލުގެ މަރުހަލާތަކާއި ނިޝާންތަކެވެ. ކޮންމެ ރިޒާވް ކަރަންސީއެއް ވެސް އުފުލި، އޭގެ އެންމެ އުސް ކުންނަށް ވާސިލުވެ، ހައްދެއްނެތް މިންވަރަށް ފުޅާކުރުމާއި އަދި ވެއްޓުން، މި ހަތަރު މަރުހަލާ ފާއިތުވެއެވެ. މި ހަތަރު މަރުހަލާގެ ތެރެއިން، އެމެރިކާ ޑޮލަރު މިހާރު ވަނީ ހަތަރުވަނަ މަރުހަލާގައެވެ.

އެކަމަކު މިފަދަ ބަދަލުތަކަކީ އެއް ރެއަކުން، ދެ ރެއަކުން އަންނާނޭ ބަދަލުތަކެއް ނޫނެވެ. އިނގިރޭސިވިލާތް ވެއްޓުމުގެ މަރުހަލާގައި ދިހަވަރަކަށް އަހަރު ހޭދަވިއެވެ. އެމެރިކާ ޑޮލަރުން، ދުނިޔޭގެ ރިޒާވް ކަރަންސީގެ ދައުރު އަދާކުރާތާ، މިހާރު 81 އަހަރު ވެއްޖެއެވެ. ބްރިކްސް ފުޅާވުމާއި، ޕެޓްރޯޑޮލަރ އެއްބަސްވުންތައް މަދުވުމާއި، 130 ގައުމެއްގައި 900 އަސްކަރީ މަރުކަޒު ޤާއިމުކޮށްގެން ޚަރަދުކުރުމުގެ ސަބަބުން، އެމެރިކާގެ މާލިއްޔާ އޮތީ ހުސް ތޮށިގަނޑަކަށް ވެފައެވެ. މިއަދު އެމެރިކާގެ ދަރަނި ވަނީ، އެ ޤައުމުގެ ހަތަވިވަރަށް ވުރެ %124 މަތީގައެވެ. މެދުއިރުމަތީގައި ކުރި ހަނގުރާމަތަކަށް އެކަނިވެސް، އެމެރިކާއިން 8 ޓްރިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

ބާކީ ހުރީ ހަމައެކަނި ސުވާލުތަކެކެވެ. މި ބަދަލު އަންނާނީ ކިހައި އަވަހަކަށްތޯއާއި، އަންނާން އޮތް ރިޒާވް ކަރަންސީގެ ދައުރު އަދާކުރާނީ ކޮން ފައިސާއަކުންތޯއާއި، ދުނިޔޭގެ މާލީ ނިޒާމު ކުރިއަށްގެންދާނީ ކޮން ބަޔެއްތޯއެވެ؟ އިނގިރޭސިވިލާތް ވެއްޓުނުހެން މަޑުމަޑުން ވެއްޓޭނީހެއްޔެވެ؟ ނުވަތަ ލަންދޭސީން ވެއްޓުނުހެން ކުއްލިއަކަށް ވެއްޓޭނީހެއްޔެވެ؟ ކުރިއެކޭ އެއް ގޮތަށް، ދެން ވެސް އުފެދޭނީ ޔުނިޕޯލަރ ބާރެއް، ނުވަތަ މަލްޓިޕޯލަރ ބާރުތަކެއްހެއްޔެވެ؟ ދުނިޔޭގެ ރިޒާވް ކަރަންސީގެ ގޮތުގައި، އެއް ކަރަންސީއަށް ވުރެ ގިނަ ކަރަންސީ ވެދާނެބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް އަށެއްކަ އަހަރު ތެރޭގައި ލިބޭނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. (ނިމުނީ)

ކޮމެންޓު