ad_banner
ސުންނަތުގެ އަލީގައި ފަލަވުމާ ދުރަށް (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

22 އޮކްޓޯބަރު 2025

ބަލަވުމަކީ ޞިއްޙީ ވަރަށް ގިނަ ނުރައްކަލަށް ހުށަހެޅޭ ކަމެކެވެ.

(2025 އޮކްޓޫބަރު 13ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ރޯދަ ހިފުން:

ރޯދަހިފާ މީހުންނަށް ލިބޭ މާނަވީ ގިނަގުނަ ސަވާބާއި ދަރުމައިގެ އިތުރަށް ރޯދައިގެ ސަބަބުން ޞިއްޙީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަން، ކަމާ ބެހޭ ތަޖުރިބާކާރުން ވަޑައިގަންނަވަނީ ހާމަކުރައްވަމުންނެވެ. އިނގިރޭސިވިލާތުގެ ޞިއްޙަތާ ބެހޭ ދާއިރާއިން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ޓަކައި ރަމަޟާން މަހުގެ ރޯދައަކީ ވަރަށް ނަމޫނާ ތަމްރީނެކެވެ. ރޯދަހިފުމުގެ ސަބަބުން ތިމާ ދުންފަތާ ދުރުހެލިވުމަށް މަގުދައްކައެވެ.

1-  ލޭގެ ކްލޮސްޓްރޯލުގެ ނިސްބަތް ދަށަށް ދިޔުން: އެކުވެރި އަރަބި އިމާރާތުގެ ހިތުގެ ޑަކްޓަރުންގެ ޓީމަކުން ކުރި ދިރާސާތަކެއް ބުނާގޮތުގައި ރޯދައިގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު ދަށަށް ދެއެވެ. އޭގެ މާނައަކީ ކްލޮސްޓްރޯލް ދަށަށް ދެއެވެ.ކްލޮސްޓްރޯލް ދަށަށް ދިޔުމަކީ ހިތުގެ ހިނގުމަށާއި ލޭ ނާރުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ.

2-    ކާ ހިތްވުން ކުޑަކުރުން: އިންސާނާ ފަލަވެ ބަނޑުލަނީ އޭނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކައި ހަދާތީއެވެ. ކާބޯތަކެތި މަދުވުމުން މަޢިދާ ހަނިވެ ދެމުން ކުޑަވެގެން ދެއެވެ. މި ކަމުގެ ސަބަބުން މަދު އެތިކޮޅަކުން ބަނޑު ފުރެއެވެ. ދުޅަހެޔޮ ގޮތަކަށް ކެއިންބުއިން އިންތިޒާމު ކުރަން ބޭނުންވާ މީހާ އާދަކޮށް ރޯދަހިފުމުން އެކަމަށް ތަމްރީނު ލިބެއެވެ.

3-  ހަށިގަނޑު ވިހަތަކުން ސާފުވުން: ކާބޯތަކެތީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތައް ހަށިގަނޑުން ބޭރަށް ލުމަށް ޓަކައި ރޯދައަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ.  ރޯދަވެރިޔާ ދުވާލުގެ ވަގުތުތަކުގައި ނުކައި ނުބޮއި ހުރުމުގެ ސަބަބުން މި ވިހަތައް ހަށިގަނޑުން ނެތިގެން ދެއެވެ. ރޯދައިގެ ސަބަބުން ރޯދަވެރިއާއަށް ހައިހޫނުކަން ލިބުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ޓަކައި ހަށިގަނޑުގައި ރައްކައުކުރެވިފައި ހުންނަ ސަރުބީތައް އަންދަން ފަށައެވެ. މި ސަރުބީގެތެރޭގައި ހުންނަ ވިހަތަކުން ބައެއް ވެސް އަނދައިގެންދެއެވެ.

4-  ދުވާލު ހަތަރުދަމު ނުކައިނުބޮއި ހުރުމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމްގެ ކުރުންތެރިކަން އިތުރުވެގެން ދެއެވެ. މީގެ މާނައަކީ ކާބޯތަކެތީގައި ހުންނަ ކާނާގެ ޢުންޞުރުތައް ހަށިގަނޑުން ދަމާ ބައި އިތުރުވުމެވެ. މި ކަމުގެ ސަބަބުން އެޑިޕޮނެކްޝަން) adiponection) ހޯމޯން އިތުރުވެއެވެ. އެޑިޕޯނެކްޓިން ހޯމޯނަކީ ލޭގެ ގުލުކޯޒުގެ މިންވަރު ރަނގަޅުކޮށްދީ ސަރުބީ ނައްތައިލުމަށް އެހީވެދޭ ހޯމޯނެކެވެ.

މުސްލިމު އިންސާނާ ދުޅަހެޔޮކަން މަތީ ދެމިހުރުމަށް ޓަކައި ރަމަޟާންމަހުގެ އިތުރަށް އެހެން މަސްތަކުގައި ވެސް ގަވާއިދުން ރޯދަހިފުމަށް ބާރުއަޅުއްވައިފައި ވެއެވެ. އާދަކޮށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުރޯދަ ހިފުމަކީ ސުންނަތެކެވެ. މީގެ އިތުރަށް މެދުފޮއި ދުވަސްތަކުގައި (ނުވަތަ الأيام البيضގައި) ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަބޫ ދާވޫދާއި އައްނަސާއީއާއި އިބްނު މާޖާއާއި އަޙްމަދު ރިވާކުރައްވާފައިވާ ގޮތުގައި ((كَانَ رَسُول اللَّهِ يَأْمُرُنَا أَنْ نَصُومَ الْبِيضَ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَ خمسَ عَشرَةَ وَقال: هن كهيئة الدّهرِ[1] ރަސޫލުﷲގެފާނު އަހުރެމެންނަށް ބީޟުގެ ދުވަސްތަކުގައި 13,14,15 މި ތިންދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެއީ މުޅި އަހަރު ރޯދަހިފުމެވެ.)) މި ކަން އިތުރަށް ސާފުކޮށްދެއްވަމުން ޙަދީސްކުރެއްވިއެވެ. ((صِيَامُ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ صِيَامُ الدَّهْرِ[2] – ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަކީ މުޅި އަހަރު ރޯދަހިފުމެވެ.)) ޢަރަބި މަހުގެ 13، 14، 15 ވަނަ ދުވަހު ރޯދަ ހިފުމަކީ ރަސޫލުﷲގެފާނު އެ ކަމަށް ވަރަށް ސަމާލުކަން ދެއްވި ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((كان النبيُّ  لا يُفطِرُ أيّامَ البِيضِ في حضَرٍ ولا سفَرٍ [3] - ނަބިއްޔާ e ރަށުގައި ހުންނަވާ އިރުގައި ވެސް އަދި ދަތުރުފުޅުމަތީގައި ވެސް މެދުފޮއި ދުވަސްތަކުގައި (ނުވަތަ الأيام البيضގައި) ރޯދަފުޅުހިއްޕެވިއެވެ.))

މާތް ﷲ ރުއްސުންލެވި އުއްމުލްމުއުމީން ޙަފްޞަތުގެފާނު ވިދާޅުވެފައިވާ ގޮތުގައި ރަސޫލާ صلّى الله عليه وسلم ހަތަރު ކަމެއް ދޫކޮށްނުލައްވައި ކުރެއްވިއެވެ. އޭގެތެރޭގައި މެދުފޮއި ރޯދަ ހިމެނެއެވެ. ހަމަ މި ފަދަ ގޮތަކަށް ޢާއިޝަތުގެފާނު ވެސް ވިދާޅުވެފައި ވެއެވެ.

މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގައި ވެއެވެ. (( صُوْمُوا تَصِحُّوا[4] – މާނައީ : ތިޔަބައިމީހުން ރޯދަ ހިފާށެވެ! އޭރުން ތިޔަބައިމީހުން ދުޅަހެޔޮ ވާނެއެވެ. )) މި ބަސްފުޅުގެ ތެދުކަން މިއަދު މި އޮތީ ޔަޤީންވެ ކަށަވަރުވެފައެވެ.

ފަލަވުމުން ސަލާމަތްވުމަށް ޓަކައި ޠަބީޢީ މަގުތައް ބަންދުވެއްޖެނަމަ ލާޠަބީޢީ އެތައް ވަސީލަތްތަކެއް މިއަދު ވަނީ އީޖާދުކޮށްފައެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

1-    ކީޓޯ ޑައެޓް (Ketogenic Diet) ވެއެވެ. މި ނިޒާމުގައި ބޭނުންކުރަނީ ސަރުބީ ގިނަ ކާބޯހައިޑްރޭޓް މަދު ކާ އެއްޗެއްސެވެ. މި ގޮތަށް ކެއުމުގެ ނިޒާމު ބަދަލުކޮށްލުމުން އޭނާ ކީޓޯޒިޒް(Ketosis) ޙާލަތަށް  ދާނެއެވެ. މި ޙާލަތަށް ދިޔުމުން ހަށިގަނޑު ހަކަތަ ހޯދުމަށް ޓަކައި ކާބޯހައިޑްރޭޓްސް އެންދުމުގެ ބަދަލުގައި އަންދާނީ ސަރުބީއެވެ.މި ގޮތަށް ކެއުން ބަދަލުކޮށްލާ މީހާ ހަނޑުލާއި ގޮދަނާއި ޒުވާރީގެ ބާވަތްތަކާއި ހަކުރު ގިނަ މޭވާތަކާއި ސްޓާޗް ގިނަ ތަރުކާރީ ކެއުން ހުއްޓައިލަން ޖެހޭނެއެވެ.  

2-        މޭބިސްކަދުރު ޑައެޓް: މި ނިޒާމުގައި މޭބިސްކަދުރު ވަރަށް ގިނައިން ކާން ވާނެއެވެ. އެހެން ބާވަތްތައް ކެއުން ހުއްޓައިލަންޖެހޭނެއެވެ. މިއީ  ރަހަ މީރު ޑައެޓަކަށް ވާތީ ގިނަ ބަޔަކު މި ކަމަށް ކުރިމަތިލައެވެ.

3-        މެދުމިން ޑައެޓް: މި ޑައެޓްގައި ހިމެނެނީ ޒައިތޫނި ތެލާއި ތަރުކާރީއާއި ކަޑުމަހާއި ގޮވާމުގެ ބާވަތްތަކެވެ.

4-        ކެލޮރީ މަދު ޑައެޓް (Low-Calorie Diet): މި ނަޒާމުގައި ބޭނުންކުރަނީ  ކަނާދު ހުރި ދުޅަ ހެޔޮ މަދު ކާއެތިކޮޅެކެވެ.

5-        ތަރުކާރީ ޑައެޓް (Vegetarian/Vegan): މި ގޮތަށް ޑައެޓްކުރާއިރު ކާނީ ހަމަ އެކަނި ތަރުކާރީއެވެ. އެއްވެސް ބާވަތެއްގެ މަހެއް ނުކާނެއެވެ.

ޒަމާނީ ފަނިއްޔާތުގެ ދަށުން

ޒަމާނީ ސައެންސާއި ބޭސްވެރިކަމާއި ފަންނިއްޔާތުގެ ވަސީލަތްތަކުން ފަލަވުމާއި މަސްޖެހުމުގެ ބަލިން ސަލާމަތްވުމަށް ޓަކައި އެތައް ވަސީލަތްތަކަކާއި ގޮތްތަކެއް ވަނީ އީޖާދުކޮށްފައެވެ. ނަމަވެސް މިއީ ވަރަށް އަގުބޮޑު އަދި ބުރަ ތަރީގާތަކެކެވެ. އަޅުގަނޑުގެ މައިދާނަކަށް ނުވާތީ އިތުރު ތަފްޞީލަކަށް ނުގޮސް މި ފަދަ  ބައެއް ފަރުވާތަކާއި އޮޕަރޭޝަންތަކުގެ ނަންތައް ދަންނަވައިލާނަމެވެ.

1-        އޮޕަރޭޝަންކޮށްގެން މަޢިދާ ކުޑަކުރުން (Bariatric Surgery):މިއީ ހިސާބަށް ވުރެ ބޮޑަށް ފަލަވުމުގެ ސަބަބުން (  ލޭ މައްޗަށް ދިޔުން،  ހަކުރުބަލި ބޮޑުވުން، ރޭގަނޑު ނިދާފައި އޮންނަ އިރު ނޭވާލުން ހުއްޓުން ފަދަ ބަލިތަކުގެ ސަބަބުން)ކޮންމެހެން ކުރަންޖެހިގެން ކުރާ އޮޕަރޭޝަނެކެވެ.ސުޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީ  ވިދާޅުވާ ގޮތުގައި މި ފަދަ އޮޕަރޭޝަނަކީ ޚަލްޤު ބަދަލުކުރުމެއް ނޫނެވެ. އެހެންކަމުން މިފަދަ އޮޕަރޭޝަންތައް ކުރުން ހުއްދަވާނެއެވެ.[5] 

2-        މަޢިދާ އޮޅުން ) (Sleeve Gastrectomy މި އޮޕރޭޝަނުގައި މަޢިދާއިން 70 ވަރަކަށް އިންސައްތަ ނަގައި މަޢިދާ ކުޑަކުޑަ ހޮޅިއަކަށް ބަދަލުކޮށްލެވެއެވެ.

3-        މަޢިދާގެ މަގު ބަދަލުކުރުން (Gastric Bypass - Roux-en-Y): މި އޮޕެރޭޝަން ގައި މަޢިދާ ކުޑަކޮށް ހިމަގޮހޮރާ ސީދާ ގުޅައިލެވެއެވެ.މި ކަމުގެ ސަބަބުން ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ ކުޑަވެ ، ބޮޑު ބައެއް ގޮހޮރަށް ގޮސް ނަޖިހުގެ ގޮތުގައި ބޭރުވެގެންދާނެއެވެ.

4-        މަޢިދާ ގޮށްޖެހުން (Adjustable Gastric Banding): މި ކަމުގެ ސަބަބުން ވެސް މަޢިދާގެ ވޮލިއުމް ކުޑަކުރެވޭނެއެވެ. ކެވޭ މިންވަރު މަދުވާނެއެވެ.

ޑައެޓް ބޭސް

އޮޕަރޭޝަން ނުކޮށް ބޭސް ކައިގެން ވެސް ޑައެޓް ކުރެވިދާނެއެވެ. މި ކަން ކުރާން ވާނީ ޑަކްޓަރެއްގެ ލަފާ ހޯދައިގެންނެވެ. ބޭސްފިހާރައަކުން އެ ފަދަ ބޭސް ހޯދައިގެން ކެއުމަކީ ރަނގަޅު ކަމެއްނޫނެވެ. މި ފަދަ ބޭސްތަކުގެ ތެރޭގައި ހިމެނޭ ބޭސްތަކަކީ:

·        Semaglutide  މި ބޭހުގެ ވިޔަފާރި ނަމަކީ Ozempic އެވެ.

·        Liraglutide  މި ބޭހުގެ ވިޔަފާރި ނަމަކީ  Saxenda އެވެ.

·        Tirzepatide މި ބޭހުގެ ވިޔަފާރި ނަމަކީ  Mounjaro އެވެ. (ނިމުނީ)

 

މަރުޖާ:

[1]  - أخرجه أبو داود (٢٤٤٩والنسائي (٢٤٣٢وابن ماجه (١٧٠٧وأحمد (٢٠٣٢٠)

[2]  - أخرجه أحمد (١٥٥٩٤والدارمي (١٧٤٧والبزار (٣٣٠١)

[3]  - أخرجه النسائي (٢٣٤٥) واللفظ له، والبزار (٥٠٣٥والضياء في «الأحاديث المختارة» (١٠٠) 

[4]  - أخرجه في «المعجم الأوسط» (٨٣١٢) وأبو نعيم في «الطب النبوي» (١١٣)

[5]  - فتاوى اللجنة الدائمة (25/55)

ކޮމެންޓު