ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
19 އޮކްޓޯބަރު 2025
އެމެރިކާ ޑޮލަރަށް އިރުއޮއްސެނީއެވެ!
1944ވަނަ އަހަރު ތަސައްވުރުކޮށްލާށެވެ. ގުޅިފައިވާ އިއްތިހާދުގެ، 44 ޤައުމެއްގެ މަންދޫބުން އެއްވެ ތިބީ، ނިއު ހެމްޝަޔަރގެ ބްރެޓަން ވުޑްސްގައި ހުންނަ މައުންޓް ވޮޝިންޓަން ހޮޓަލުގެ މާލަމެއްގައެވެ. އެ މީހުން، އެ މާލަމުގެ ތެރޭގައި ތިބީ، ކުރިއަށް އޮތް 80 އަހަރަށް ދުނިޔޭގެ އިޤުތިސާދު ބައްޓަންކުރާނެ ނިންމުމެއް ނިންމުމަށެވެ. ދުނިޔޭގެ މާލީ ސުޕަރ ޕަވަރެއްގެ ގޮތުގައި، ދެ ޤަރުނަށް ވުރެ ގިނަ ދުވަހު އޮތުމަށް ފަހު، އިނގިރޭސިވިލާތް ވަނީ ބަނގުރޫޓްވުމުގެ މަގުމަތީގައެވެ. އިނގިރޭސިވިލާތުގެ ޤައުމީ ދަރަނި ވަނީ އެ ޤައުމުގެ ހަތަވިވަރަށް ވުރެ %249 މަތީގައެވެ. ފަނާކުރަނިވި ދެ ބޮޑު ހަނގުރާމައަށް ފަހު، އެއް ޒަމާނެއްގައި ދުނިޔޭގެ އެއްގަމާއި ކަނޑުގައި ވެރިކަންކުރަމުން އައި، އިނގިރޭސި އަމްބަރާޠޫރިއްޔަތު އޮތީ މާލީ ގޮތުން ހުސް ތޮށިގަނޑަކަށް ވެފައެވެ. އެ މާލަމުގައި ތިބި އެންމެންނަށް ވެސް އެ ކަން އެނގެއެވެ. އެހެންކަމުން، ތާރީޚުގައި ވަރަށް މަދު ފަހަރަކު ނޫނީ ހިނގައިފައިނުވާ ކަމެއް، އެ މީހުން ކުރިއެވެ. އެ މީހުން، ޢާލަމީ ރިޒާވް ކަރަންސީގެ ދަރަޖަ، އެއް އަމްބަރާޠޫރިއްޔަތުން އަނެއް އަމްބަރާޠޫރިއްޔަތަށް ބަދަލުކޮށް، އިނގިރޭސި ޕައުންޑުގެ ބަދަލުގައި އެމެރިކާ ޑޮލަރަށް ބަދަލުކުރިއެވެ. އެކަމަކު، އެއީ ހަމައެކަނި މާލީ ބަދަލުކުރުމެއް ނޫނެވެ. އެއީ ފަސް ޤަރުނަށް ވުރެ ގިނަ ދުވަހު ތަކުރާރުވަމުން އަންނަ ޕެޓަރންއެއްގެ ދެމެހެއްޓުމެކެވެ. އެރުމާއި، އެންމެ އުސް ކުންނަށް ވާސިލުވުމާއި، އިތުރަށް ފުޅާކުރުމާއި، އަދި ވެއްޓުން ލަފާކޮށްދޭ ވަށަރޮނގެކެވެ. ދުނިޔޭގެ ކޮންމެ ރިޒާވް ކަރަންސީއެއް ވެސް ވަނީ، ހަމަ ޙަޔާތުގެ މި ވަށަރޮނގަށް ތަބާވެފައެވެ. އަދި މިއަދު، އެމެރިކާ ޑޮލަރު ދައްކަމުން އެ ދަނީ، ހަމަ އެ އިންޒާރުގެ ނިޝާންތަކެވެ. އެއީ ހަމަ ކުރީގެ ކޮންމެ ވެއްޓުމެއްގެ ކުރީން ވެސް ފެނުނު ނިޝާންތަކެވެ.
ކުރިއަށް ހުރި ކަންތައްތައް ދެނެގަތުމަށް ޓަކައި އަހުރެމެންނަށް ޖެހޭނީ 1450 ވަނަ އަހަރާ ހަމައަށް ފަހަތަށް ދާށެވެ. ޕޯޗުގީޒް ރިއާލު ވެގެން ދިޔައީ ދުނިޔޭގެ ފުރަތަމަ ޙަޤީޤީ ރިޒާވް ކަރަންސީއަށެވެ. ގާތްގަނޑަކަށް 80 އަހަރު ވަންދެން ދުނިޔޭގެ ވިޔަފާރީގެ މައްޗަށް ޕޯޗުގަލުން ވެރިކަންކުރިއެވެ. އެއީ ނަސީބެއް ނޫނެވެ. ޕޯޗުގަލުން ވަނީ އެފްރިކާއާއި އޭޝިއާއި އެމެރިކާއަށް ކަނޑު މަގުން ދަތުރުފަތުރުކުރުމުގެ އާ މަގުތައް، ނިޔަމިކަމުގެ ބޭނުން ކޮށްގެން ހޯދައި، ދަތުރުފަތުރާއި، ދުނިޔޭގެ ވިޔަފާރިއަށް އިންޤިލާބެއް ގެނެސްދީފައެވެ. 1453ވަނަ އަހަރު، އުސްމާނީ ޚިލާފަތުން ޤުސްޠަންޠީނިއާ ފަތަޙަކުރުމާ ގުޅިގެން، ކުރީގެ ހަވާދުގެ މަގު ނުވަތަ ސްޕައިސް ރޫޓް، އުސްމާނީ ޚިލާފަތުން ބަންދުކުރިއެވެ. އެއާ ވިދިގެން ޕޯޗުގަލުން އެފްރިކާ ބައްރު ވަށައިލައިފައި ދަތުރުކޮށް، ދަތުރުފަތުރުކުރުމުގެ ޒަމާނީ އައު މަގެއް ހޯދިއެވެ. އަދި ޕޯރޗްގަލްގެ ލިޒްބަން ވެގެން ދިޔައީ ވިޔަފާރީގެ ދުނިޔޭގެ މަރުކަޒަށެވެ. ވިލާތުން ފެށިގެން އޭޝިއާއާ ހަމައަށް ބައްރުތަކުގެ ޤައުމުތަކުން ޕޯޗުގީޒް ރިއާލް ބަލައިގަތެވެ. ޕޯޗްގީޒު އަމްބަރާޠޫރިއްޔަތުގެ އެންމެ އުސް ކުންނުގައި، އެފްރިކާއާއި، އިންޑިއާއާއި، ސްރީލަންކާއާއި، ދިވެހިރާއްޖެއާއި، މެލޭޝިއާއާއި، ޖަޕާނާއި މަކާއޯ މެދުވެރިކޮށް ޗައިނާއާ ހަމައަށް ވަނީ ފެތުރިފައެވެ. އެކަމަކު އަބަދު ވެސް ކާމިޔާބީގެ ސަބަބުން ނުބެލެހެއްޓޭ މިންވަރަށް ފުޅާވެ، ހަތަރު ބައްރެއްގައި އަސްކަރީ މަރުކަޒުތައް ހަދައިގެން ބަލަހައްޓާން ޖެހުމުން، ޕޯޗުގަލްގެ ޚަޒާނާ ހުސްވިއެވެ. އަދި ލަންދޭސީންނާއި، އިނގިރޭސިންނާއި އަދި ފަރަންސޭސިންގެ ވާދަވެރިކަން އިތުރަށް ވަރުގަދަވެގެންދިޔައެވެ. އެއަށްފަހު، 1530ގެ އަހަރުތަކުގައި ރަސްކަމަށް އިސްކުރާނޭ ވަލީއަހުދަކު ކަނޑައެޅުމުގައި ކުރިމަތިވި ހަމަނުޖެހުންތަކުގެ ސަބަބުން ރަސްކަމުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. އަދި 1580ވަނަ އަހަރު ސްޕޭނުން، ޕޯޗުގަލް ހިފުމަށް ފަހު، ޕޯޗްގަލަކީ އައިބީރިއަން އިއްތިހާދުގެ ބައެއްކަމަށް ހެދިއެވެ. ޕޯޗުގަލްގެ ރިއާލް 80 އަހަރު ވަންދެން ދުނިޔޭގެ ވިޔަފާރީގައި ވެރިކަން ކުރުމަށް ފަހު، ޕޯޗްގަލްގެ ރިއާލް ނެތިގެން ދިޔައީއެވެ. އަދި އޭގެ ބަދަލުގައި ސްޕެއިންގެ ރިހި ފައިސާ، ޢާލަމީ ރިޒާވް ކަރަންސީގެ ދަރަޖަ ހޯދިއެވެ.
ސްޕެއިންގެ ކުރިއެރުން ފެށިގެން ދިޔައީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި ރިހި ފަރުބަދަ ފެނުނު ހިސާބުންނެވެ. ބޮލީވިއާގެ އެންޑީސްގެ މަތީގައި އޮންނަ ޕޮޓޯސީގައި ހުރި، އެ ފަރުބަދަ ފެނުނީ 1545ވަނަ އަހަރުއެވެ. 1575ވަނަ އަހަރާއި 1635ވަނަ އަހަރާ ދެމެދު، ދުނިޔޭގެ ރިހީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އުފެއްދީ، އެ ފަރުބަދައިން ރިހި ނަގައިގެންނެވެ. އަދި، އެ ރިހި ބޭނުންކޮށްގެން ސްޕެއިނުން ފައިސާ ޖަހާން ފެށިއެވެ. އެއާ އެކު، އެ ފައިސާ ފޮތިތައް، ދުނިޔޭގެ ޙަޤީޤީ ރިޒާވް ކަރަންސީގެ ދައުރު އަދާކުރާން ފެށިއެވެ. 16ވަނަ ޤަރުނުން ފެށިގެން 19ވަނަ ޤަރުނާ ހަމައަށް، ސްޕެނިޝް ޑޮލަރަކީ ވިލާތުގެ ޤައުމުތަކުގައި އެންމެ ހަރުދަނާ އަދި އެންމެ އިތުބާރު ކުރެވޭ ފައިސާއަށް ވެގެން ދިޔައެވެ. އަދި 1857ވަނަ އަހަރާ ހަމައަށް، އެމެރިކާގެ ގާނޫނީ ފައިސާގެ ގޮތުގައި ވެސް ބޭނުންކުރީ ސްޕެނިޝް ޑޮލަރެވެ. 1530ވަނަ އަހަރުން ފެށިގެން 1640ވަނަ އަހަރާ ހަމައަށް، ގާތްގަޑަކަށް 110 އަހަރު ވަންދެން، ސްޕޭނުގެ ޑޮލަރު ދުނިޔޭގެ ރިޒާވް ކަރަންސީގެ ދައުރު ދަމަހައްޓައިފައި ވެއެވެ. އެކަމަކު، އަނެއްކާ ވެސް ކުރީން ފާހަގަކުރެވުނު ޢަލާމާތްތައް ފާޅުވާން ފެށިއެވެ. އެއީ ނުބެލެހެއްޓޭ ވަރަށް އިސްތިޢުމާރު ފުޅާކުރުމާއި، ދަރަނި އިންތިހާއަށް ބޮޑުވެގެން ދިއުމެވެ. ޗާލްސް v، އޭނާގެ ދަރިކަލުން ފިލިޕް II ވަނައާ ރިޔާސަތު ހަވާލުކުރީ ދަރަނީގެ ބޮޑު ފަރުބަދައަކާ އެކުގައެވެ. 36 މިލިއަން ޑުކެޓުގެ ބޮޑު ދަރަންޏަކާއި އަދި އިތުރު މިލިއަން ޑުކެޓުގެ އަހަރީ ޑެފިސިޓަކާ އެކުގައެވެ. ފިލިޕް IIގެ ރިޔާސަތުގައި، ސްޕެއިންގެ ލޯނުތަކާ ހުރެ، ހަތަރު ފަހަރެއްގެ މަތީން ސްޕޭނު ބަނގުރޫޓްވިއެވެ. އެއީ 1557އާއި 1560އާއި 1575 އާއި 1596ގައެވެ. އާ ދުނިޔޭގެ ނުވަތަ އެމެރިކާ ބައްރުން ހޯދި ރިހި، ހުއްޓުމެއް ނެތި ބާޒާރަށް ނެރުމުގެ ސަބަބުން ސްޕޭނުގައި އިންފްލޭޝަންގެ ބިޔަ ރާޅުބާނިތަކެއް އުފެދުނެވެ. (ނުނިމޭ)
ލަފުޒެއްގެ މާނަ:
ހަތަވިވަރަ ނ. ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ. (2) ހާސިލުވާ އެއްޗެއް.