ad_banner
ތާރީޚުގެ އަނދަވަޅުތައް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

17 އޮކްޓޯބަރު 2025

ތާރީޚު ބުނަނީ [އަހުރެންގެ ވާހަކަތައް ލިޔުމުގެ ކުރީން އަހުރެން ދެނެގަންނާށެވެ.]

ތާރީޚަކީ ހަމައެކަނި ހުޅުވިފައިވާ ފޮތެއްނޫނެވެ. އެއީ ކަފިކަފިވެފައިވާ މަގުތައް ގިނަ ވާދީއެކެވެ. އަނދަވަޅުތަކާއި ދަންތުރަތަކުން ފުރިފައިވާ މާޙައުލެކެވެ. ކަށިތައް ގިނަ ކުބުރުފަލެކެވެ.

ރަނގަޅަށް ލޯ ނުހުޅުވައި މި ތަނަށް ވަދެއްޖެ ނަމަ، އެ ތަނުން ނުކުމެވޭނީ ވަހުމުތަކުން ނަފްސު ބަރުކޮށްގެންނެވެ. ޙިކުމަތްތަކުން ހިތް ހުސްކޮށްގެންނެވެ.

ތާރީޚު ކިޔާ ކޮންމެ މީހަކަށް އެއެއް ދޭހައެއް ނުވާނެތެވެ. ދޭހަވި ކޮންމެ މީހަކަށް އެއެއް  ނުވިސްނޭނެތެވެ. ވިސްނުނު ކޮންމެ މީހަކަށް އޭގެ ދަންތުރަތަކުންނާއި އަނދަވަޅުތަކުން ނަޖާއެއް ނުވެވޭނެތެވެ.

ތާރީޚުގެ ބޮޑެތި އަނދަވަޅުތަކުގެ ތެރޭގައި ހިމެނޭ ބައެއް އަނދަވަޅުތަކަށް ބަލައިލަމާތޯއެވެ!

1-     ޙަދިސާތަކުން އަންތަރީސްވުން: ގިނަ ބަޔަކު އަވަދިނެތިވަނީ ހިނގި ކަންތައްތަކުގެ ތެރެއަށް ވަދެގެންނެވެ. އެ ކަންކަން ހިނގީ ކީއްވެގެންތޯއެއް ނުބަލައެވެ. އެއިން ކަމެއް އަލުން ހިނގައިފާނޭތީއެއް ނުވިސްނައެވެ.

              i.       ޤާދްސިއްޔާ ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ނަޞްރާ މެދު އަޖައިބުވެ އަންތަރީސްވެއެވެ. މި ހަނގުރާމައަށް ޓަކައި ނަފްސުތައް ތައްޔާރުކުރެވުނު ގޮތް ދިރާސާއެއް ނުކުރެއެވެ.

            ii.        އަންދަލުސް ފަތަޙަވުމުން އެ ކަމަށް ޅެންތައް ހަދައި ލަވަތައް ކިޔެވެ. އެ ބިން ފަތަޙަކުރެވުނު ގޮތާ މެދު ފިކުރެއްނުކުރެއެވެ. އެ ބިން ގެއްލިގެން ދިޔަ ގޮތާ މެދަކު ނުވިސްނައެވެ.

          iii.        ޞަލާޙުއްދީނުލްއައްޔޫބީގެ ޒިކުރާ އައުކުރެތެވެ. އިސްލާމީ މި ބަޠަލަށް ހަނގުރާމައިގެ މައިދާނުގައި ނަޞްރު ލިބިވަޑައިގަތުމުގެ ކުރީން ނަޞްރު ހޯއްދެވުމަށް ޓަކައި ބޭނުންވާ ސަބަބުތައް ކާމިޔާބުކުރެއްވި ގޮތަކަށް ނުބަލައެވެ. ކަންތައްތައް ހިނގާ ސަބަބުތަކަށް ނުބަލައި ހިނގާ ކަންތައްތަކަށް ބެލުމަކީ ކުޅިބެލުމެކެވެ. އެ ކަންތައްތައް ދަރުހަކަށް ނުވާނެތެވެ.

2-     ތަޖުރިބާތަކަށް ނުބަލައި ޝަޚުޞިއްޔަތުތައް މާތްކުރުން: ތާރީޚުގެ އެންމެ ފުން އަނދަވަޅަކީ ބޮޑެތި އަބްޠާލުންގެ ފޮޓޯތައް މާތްކުރުމެވެ. މި އަބްޠާލުންގެ މަސައްކަތްޕުޅުތަކާއި ޚިދްމަތްފުޅުތަކުން އުނގެނުމަށް ޓަކައި ވިސްނުން ލެންބުވުމުގެ ބަދަލުގައި އެ ބޭބޭފުޅުންނަށް ބޯތިރިކުރުމެވެ. އޭރުން އެ ބޭބޭފުޅުންގެ ތަޖުރިބާތައް ތަރައްޤީގެ މަންހަޖަކަށްވުމުގެ ބަދަލުގައި ވެގެންދާނީ ޖަޒުބާތީ ބުދުތަކަކަށެވެ. އޭރުން ތާރީޚު ވެގެންދާނީ ފަޚުރުވެރި ދާރުލްއާސާރަކަށެވެ. އަޅުގަނޑުމެން ވާނީ އަލިކަން ދޫކޮށްލައިފައި އޭގެ ހިޔަލުގައި ހިނގާ ބަޔަކަށެވެ. ޞަލާޙުއްދީނުލްއައްޔޫބީ ކިއްލާތައް ހުޅުއްވުމުގެ ކުރީން އުންމަތް ބައްޓަންކުރެއްވިއެވެ.

3-     ތަފާތު ޒަމާންތަކުގެ ހާދިސާތަކަށް ތިލަކޮށް ޤިޔާސްކުރުން: ދާރިސުން ވިދާޅުވާ ގޮތުގައި ޒަމާނީ ފިޤްހީ މަސްއަލަތަކާ މެދު ނުވިސްނައި މިއަދުގެ ބަލިތަކަށް މާޒީގެ ޕްރިސްކްރިޕްޝަންތަކުން ނޫނީ ފަރުވާނުދެވޭނެކަން ޤަބޫލުކުރުމަކީ  އެންމެ ކުށް އެއް ވިސްނުމެވެ. ވެށްޓަށާއި ސަބަބަށާއި ހިރާސަށް ބަލައި މާޒީގައި އަޅައިފައިވާ ފިޔަވަޅުތައް، ޙާލަތު ބަދަލުވުމުން އަދިވެސް ރަނގަޅުވާނޭކަމަށް ދުށުމަކީ ވަރަށް ނުރަނގަޅު ކަމެކެވެ. މި ޒަމާނުގެ ތައުގީދީ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި އެރިސްޓޯ ޒަމާނުގެ ވިސްނުން ބޭނުންކޮށްގެން ޤިޔާސްކުރުމަކީ މިސްރާބު އޮޅިގެންހިނގައިދާނެ ކަމެކެވެ. އޭރުން އަޅުގަނޑުމެންނަށް މާޒީގެ ޙިކުމަތަކުން ފައިދާއެއް ނުލިބޭނެއެވެ. އަދި މިއަދު ބިނާކުރުމަށް ޓަކައި އިޖުތިހާދެއް ވެސް ނުމެކުރެވޭނެއެވެ. އޭރުން އަޅުގަނޑުމެން ތިބޭނީ ދެ ޒަމާނެއްގެ އަސީރުންކަމުގައި ވެފައެވެ. ފަޚުރުވެރިކަމުގެ މަޖިލިސްތަކުގައި މާޒީއާ މެދު ބޮޑާވެފައެވެ. ބިނާކުރުމުގެ މައިދާންތަކުގައި ކުރިއަށް ދިޔުމަށް ނުކުޅެދުންތެރިވެފައެވެ.

4-     ފިލާން ވަންނަ ތަނަކަށް މާޒީވުމާއި ހިސާބުބަލާ ލޯގަނޑަކަށްނުވުން: ބައެއް ފަހަރަށް ހޭލައްވައިލާ މަނާރަކަށް ތާރީޚު ނަހަދައި، ނިދާން ބޯއަޅާ ބާލީހަކަށް  ތާރީޚު ބަދަލުކޮށްލައެވެ. މިއީ ވިސްނައިނުލައި ފިލާ ފިލުމެކެވެ. އެއީ އިތުރަށް ނުކުޅައްދާނެ ކަމެކެވެ.

5-     ތާރީޚުގެ ހާދިސާތައް ނައްސިކޮށް ކިޔުން: މިއީ އެންމެ ފުޅައު އަނދަވަޅެވެ. ވިސްނުންތެރީންނާއި ބުއްދިވެރީންގެ ތެރެއިން ބައެއް މީހުން ވެސް  މި އަނދަވަޅަށް ވެއްޓޭ ތަން ފެނެއެވެ. ތާރީޚު ޖެހޭނީ މުދާރަސާކުރާށެވެ. މުޙާކަމާކޮށްގެން ނުވާނެއެވެ. މާޒީގައި ހިނގި ކަމެއް ޝަރީޢަތަށް ގެންދިޔުމުގެ ބޭނުމެއްނެތެވެ. މުއްތަހަމު ކުށްވެރިވިޔަސް ނުވިޔަސް މަސްއަލަ މި ވަނީ ނިމިފައެވެ. ނަތީޖާއަކަށްވަނީ އިޞްލާޙީ މަދަރުސާއެއް ވަޅުލުމެވެ. އެ މަދުރަސާގެ ވެރިޔާ ފިޤްހީ މަސްއަލައެއްގައި އަޅުގަނޑުމެންގެ ރައުޔާ ޚިލާފުވެފައިވާތީއެވެ. ޢާލިމަކު މަރައިލެވެނީއެވެ. އޭނާގެ ޚިޔާލުތައް ކުފުރަށް ހަދައިފައެވެ. އޭރުން އެ ކަން ވާނީ ގައުމުގެ މުއްސަނދިކަން ނަގައިލުމަށެވެ. އިޞްލާޙުގެ އަދާތުތައް ކަނޑުފެއްތުމަށެވެ.

ކޮންމެ ތަޖުރިބާއަކުން ހިފަންވީ ފައިދާހުރި އަދާތުތަކުގައެވެ. 

ޙަޤީޤީ ފިޤުހަކީ ޢަދުއްވެއްގެ ފުށުން ވިޔަސް ރަނގަޅު ސުންނަތް ދިރުވުމެވެ. ލޯބިވާ ޙަބީބެއްގެ ފުށުން އަޔަސް ބިދުޢެއް ނަމަ، ވަޅުލުމެވެ.

ކާރިސާއަކީ ކުށް ހެދުމެއްނޫނެވެ. އެހެނަސް ކާރިސާއަކީ ތާރީޚުގެ ނަމުގައި އެ ކުށް ތަކުރާރުކުރުމެވެ.

ފާތިޙުންގެ މަގުގައި ހިނގަމުންދެވޭކަމަށް ހީކޮށް ވަޅުގަނޑަށް ވެއްޓުމެވެ.

ތާރީޚަކީ ސައްތަތަކުގެ ރައްދުއަޑެވެ.

ތާރީޚު ބުނަނީ [އަހުރެންގެ ވާހަކަތައް ލިޔުމުގެ ކުރީން އަހުރެން ދެނެގަންނާށެވެ.]

 

ބައެއް ލަފުޒުގެ މާނަ:

ރައްދު އަޑު   ނ.    ބާރަށް ގޮވައިލީމާ އެ އަޑު ތަންތާނގައި ޖެހިފައި އެނބުރި އަންނަ އަޑު.

އަނދަވަޅު    ނ.    (1) މީހުނަށް ބޮނޑިދޭން ރާވާ ކެހިވެރިކަމުގެ ރޭވުން. (2) މީހުން ވައްޓައިލުމަށްޓަކައި، ދިގުކޮށް ކޮނެ މަތީން ފަތް އަޅައި، ފަސްލައި މަތި އޮމާންކޮށްފައި ހުންނަ ވަޅު.

އަދާތު      ނ.    މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލާތް.

ދަންތުރަ     ނ.    މީހަކަށް ކެހިދިނުމަށް ޓަކައި ރާވާ ރޭވުން. (2) އެއްގަމުގައި އުޅޭ ބައެއް ކަހަލަ ދިރޭ ތަކެތި ހިފުމަށް ޓަކައި ޖަހާ މަޅިއެއް. މި މަޅި ވަރަށް ގިނަ ގޮތްގޮތަށް ޖަހައެވެ.

 

ކޮމެންޓު