އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
8 ނޮވެންބަރު 2025
ދިވެހިރާއްޖޭގައި ދިވެހިބަސް ކިޔަވައިދޭން ނައްޞު (ޓެކުސްޓު) ފޮތެއްގެ ގޮތުގައި ފުރަތަމަ ލިޔުނު ފޮތް
ކޮލަމް ހަމަ (46): މާނަ އެއް ގޮތޭ ހީވިޔަސް ކޮންމެ ދެ ލަފުޒެއްގެ މާނައިގައި ވެސް ތަފާތެއް ހުރެއެވެ.
ކޮންމެ ބަހެއްގައި ވެސް އެއް ކަހަލަ މާނަތައް ދޭހަވާ، ނުވަތަ ކައިރި މާނަތައް ހުންނަ، ގިނަ ލަފުޒުތައް (synonyms) ހުރެއެވެ. ނަމަވެސް އެއް މާނަ ދޭހަވިޔަސް ދެ ލަފުޒެއް ނަމަ ބޭނުންކުރާ ސިޔާގާއި މާނައިގައި ކުދިކުދި ތަފާތު ހުންނާނެކަމަށް ބަހުގެ ޢިލްމު ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ. މިސާލަކަށް ރީތި، ހިތްގައިމު، ނަޔާ، ޗާލު ފަދަ ލަފުޒުތަކުން އެއް ކަހަލަ މާނަތަކެއް ދޭހަވި ކަމުގައި ވިޔަސް "ރީތި" ބޭނުންކުރާ ކޮންމެ ތަނެއްގައި "ހިތްގައިމު" ބޭނުންކޮށްގެން ކަމަކުނުދާނެއެވެ. ވަރަށް ހިތްގައިމު ދަތުރެކޭ ބުނާންވެގެން އެއީ "ވަރަށް ރީތި ދަތުރެކޭ" ބުނެގެން ކަމަކުނުދާނެ ނޫންތޯއެވެ!
މި ގޮތުގެ މަތީން ދިވެހިބަހުގެ އަކުރުތައްކަމުގައިވާ "އަދި"އާއި "އާއި" މި ދެ އަކުރަކީ "ގުޅުވާ އަކުރު"ކަމަށް ގަވާއިދު ފޮތުގައި އޮތުމުގެ މާނައަކީ "އާއި" ބޭނުންކުރާ ކޮންމެ މަގާމެއްގައި "އަދި" ބޭނުންކުރުމުން ފުދޭނެ ވާހަކައެއްނޫނެވެ. އަންނަނިވި ދެ މިސާލަށް ނަޒަރެއް ދެމާތޯއެވެ!
(1) ރައީސުލްޖުމްހޫރިއްޔާއާއި ސިފައިންގެ އެންމެމަތީވެރިޔާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
(2) ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ފުރަތަމަ ޖުމުލައިން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާއާއި ސިފައިންގެ އެންމެ މަތީވެރިޔާއަކީ ދެ ބޭފުޅެއްކަމާއި އެ ދެ ބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތްކަމެވެ. ދެވަނަ ޖުމުލައިގެ މާނަ ތަފާތެވެ. ދެވަނަ ޖުމުލައިން ދޭހަވަނީ އެ ދެ މަގާމުގައި ހުންނަވަނީ އެއް ބޭފުޅެއްކަމާއި އެ މަނިކުފާނު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތްކަމެވެ.
މިއަދު އަޅުގަނޑު މި ނަކަލުކޮށްލާ ޖުމުލައަކީ މި ދެންނެވި ފަދަ ޖުމުލައެކެވެ. އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޖުމުލައެކެވެ. އެ ޖުމުލައަކީ "މިއަދު މޮނީޓަރިން ހާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދޫ އަދި މ. މުލައްއެވެ." މިއީއެވެ. މި ޖުމުލަ ރަނގަޅެއް ނޫނެވެ. ރަނގަޅުނުވީ ދެ ސަބަބަކާ ހުރެއެވެ.
ޖުމުލަ ރަނގަޅު ނުވި ފުރަތަމަ ސަބަބަކީ ދެ ރަށް ގުޅުވައިގެން ޖުމުލައިގައި ގެނައުމަށް ޓަކައި ލިޔުންތެރިޔާ ބޭނުންފުޅުކުރައްވައިފައިވަނީ އެ ޙާލަތާ ގުޅޭ [އަކުރަކަށް]ނުވާކަމެވެ. މި ތާނގައި ލިޔުންތެރިޔާ ބޭނުންފުޅުވަނީ ދެ ރަށެއްގެ ވާހަކަ "ގުޅުވައިގެން" ގެންނަވާށެވެ. މި ޙާލަތުގައި ބޭނުންކުރާން ރަނގަޅުވާނީ އަޅުގަނޑު ކުރީން ބަޔާންކުރި ދެވަނަ މިސާލުގައިވާ "އާއި"އެވެ. "އަދި"އެއް ނޫނެވެ.
މި ޖުމުލަ ރަނގަޅު ނުވި ދެވަނަ ސަބަބަކީ އަލިފު ސުކުނަށް ނިމިފައިއެވާ ލަފުޒު "މުލައް" މި ނަމާއި ޖުމުލަ ނިންމާ އަކުރު ކަމުގައިވާ "އެވެ" މެހިފައި ނުވަތަ ގުޅިފައި ނެތުމެވެ. ދިވެހިބަހުގެ ހަމައަކީ އެފަދަ ލަފުޒުގެ ފަހަތަށް އެ ފަދަ އަކުރެއް ގުޅުވާ ނަމަ އަލިފު ސުކުނުގެ ބަދަލުގައި ކާފެއްގައި ފިލިޖެހުމެވެ. މިސާލަކީ: ރުއް – ރުކެއް، ރުކާއި، ރުކަކީ، ރުކުން، ރުކަށް، ރުކެވެ. މުލައް- މުލަކެއް، މުލަކާއި، މުލަކަކީ، މުލަކުން، މުލަކަށް، މުލަކެވެ.
މި ދެ މިސާލަށް ބަލާ އިރު އަލިފު ނުކުނަށް ނިމިފައި އޮންނަ ލަފުޒެއްގެ ފަހަތަށް "އެވެ" ގުޅާ ނަމަ، އެ ލަފުޒުގެ އަލިފު ސުކުން ކާފަކަށް ބަދަލުވުމާއެކު "އެވެ" މި އަކުރުގެ އަލިފު އުނިކޮށް އަލިފުގައި އޮތް ފިލި ކާފުގައި ޖެހެނީއެވެ.
އިސްވެ ދެންނެވި ހަމަތަކާއި އުޞޫލުތަކާއި މިސާލުތަކަށް ބަލާ އިރު، ނޫހުން އަޅުގަނޑު ނަކަލުކުރި ޖުމުލަ އޮންނާންވީ ރަނގަޅު ގޮތް މި ދަންނަވައިލަނީއެވެ. [މިއަދު މޮނީޓަރިން ޙާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދޫއާއި މ. މުލަކެވެ.] މި ގޮތަށެވެ. ނުވަތަ [މިއަދު މޮނީޓަރިން ޙާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދުވާއި މ. މުލަކެވެ.]
ދެވަނަ ގޮތުގައި [ކިނބިދޫ]ގެ ފަހަތަށް [އާއި] ގުޅުމުން ވާވުގައި ފިލިޖަހައިގެން މަހައިލީ [ދޫ] (ރަށް)ގެ އަޞްލަކީ "ދުވް"ކަމަށް ވާތީއެވެ. މި ދެ ގޮތް ވެސް ރަނގަޅުކަމުގައި ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ބަހުގެ ޠަބީޢަތާ އެންމެ ގުޅެނީ ފަހުން ދެންނެވި ގޮތެވެ. ދުލަށް ފަސޭހައީ ވެސް އެ ގޮތެވެ.
މި ގޮތަށް ރަނގަޅު ލަފުޒު ބޭނުންކޮށް ބަހުގެ ހަމަތަކާ އެއް ގޮތަށް ލަފުޒުތައް ބަދަލުކޮށްލުމުން މާނަ ކިހާ ޞަރީޙަތޯއެވެ! އޮޅުންކުޑަ ނޫންތޯއެވެ! މި ޖުމުލައަށް އަޅުގަނޑު މި ގެނައީ ކުޑަކުޑަ ބަދަލެކެވެ. ޢިބާރާތަށް މާބޮޑު ބަދަލެއް ނުގެނެސް ރަނގަޅު ލަފުޒު ބޭނުންކޮށްލީއެވެ. ބަހުގެ ހަމައާއެއް ގޮތަށް މެހޭންޖެހޭ އަކުރުމަހައިލީއެވެ. އެހެން ބަދަލެއް އަޅުގަނޑެއް ނުގެންނަމެވެ.
އާދޭހެވެ! [އާއި] ބޭނުންކުރާން ޖެހޭ ކޮންމެ ތަނެއްގައި [އަދި] މި އަކުރެއް ބޭނުމެއް ނުކުރެވޭނެއެވެ. އަންނަނިވި ދެ ޖުމުލައަށް ބައްލަވާށެވެ!
(1) އަދި މުޅީން ފުރިހަމައެއް ނޫނެވެ.
(2) އަހަރެން އަދި އަންނާނަމެވެ.
މި ދެ ޖުމުލައިގައި ދަށުރޮނގުދަމައިފައި އެވާ [އަދި] މި އަކުރުން [އާއި]ގެ މާނަ ކުޑަކޮށް ވެސް ދޭހަވޭތޯއެވެ. އެހެންކަމުން ދޭދޭ ލަފުޒު ގުޅުވުމަށް ޓަކައި (އިނގިރޭސިބަހުގައި އޮންނަ and ގެ މާނަ ދޭހަކޮށްދިނުމަށް ޓަކައި) ބޭނުންކުރާން ޖެހެނީ [އާއި]ކަން އެބަ ސާބިތުވެއެވެ. [އަދި]އެއް ނޫނެވެ.
މި ވާހަކަ މި ދަންނަވައިލީ ތިޔަ ބޭފުޅުންނަށް މި ހަމަތައް އެނގިވަޑައިނުގަންނަވާނެތީއެއް ނޫނެވެ. އެ ޤާބިލުކަން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާނޭކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ހަމައެކަނި ތިޔަބޭފުޅުންގެ ސަމާލުކަމަށް މި ކަން ގެނައުމަށާއި ހަނދުމަފުޅު އާކޮށްލުމަށް ޓަކައި މި ވާހަކަ ދަންނަވައިލީއެވެ.
އަޅުގަނޑު ލިޔަމުން މި އަންނަ [ކޮލަމް ހަމަ] މި ސިލްސިލާގައި އަޅުގަނޑު ލިޔާ ލިޔުންތަކާ މެދު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅު ދެއްވުމަކީ ވެސް މުހިންމު ކަމެކެވެ. އެއީ މި ފަދަ ކަންކަމާ މެދު އަޅުގަނޑުމެން އެންމެން ވެސް ސަމާލުކަންދީގެން ޢިބާރާތްތައް އިތުރަށް ފުރިހަމަކޮށްލާން އަޅުގަނޑުމެން އެންމެންނަށް ލިބޭ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރަމެވެ. ޚިޔާލުފުޅެއް އޮތް ނަމަ، editor@faragu.mv އަށް ލިޔުއްވާށެވެ!
ލަފުޒެއްގެ މާނަ:
ސިޔާގު ނ. ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު. context