އައްޝައިޚު އިބްރާހީމް އަޙުމަދު
16 އޮކްޓޯބަރު 2025
ފިޤުހަކީ ޝަރީޢާގެ ޢަމަލީޙުކުމްތައް ތަފުސީލީ ދަލީލުތަކުން އިސްޠިންބާޠިކޮށް ދެނެގަތުމެވެ.
(2025 ސެޕުޓެންބަރު 24ގެ ޢަދަދާ ގުޅޭ)
1- އިރުމަތީގެ ވެރިކަމުގެ ނިޒާމު: މިއީ ކޮމިއުނިސްޓް ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ނިޒާމެވެ. މީގައި ސިޔާސީ ފަރާތް ތަމްސީލުކުރާނީ ކާރލް މާކުސްގެ ތިއަރީގައި ބަޔާންކޮށްފައިވާ ފަންތިތަކުގެ އަރައިރުންވުންތަކާއި މަސައްކަތުމީހުންގެ (ޕްރޮލިޓްރިއޭޓުންގެ) ފަންތީގެ އަރައިރުންތަކެވެ. މި އަރައިރުންވުންތައް ގުޅިފައިވާނީ ބުރުގުވާޒީންގެ ފަންތިއާ އަރައިރުންވުމާއެވެ. ދެން މި ބައިމީހުން އެ މީހުންގެ މައްޗަށް ކާމިޔާބު ހޯދައި ބުރުގުވާޒީންގެ ކިބައިން ވެރިކަން އަތުލައެވެ. އަދި އެޔާ އެކު ފަރުދަކަށް ލިބިފައި އޮންނަ ބިންކޮޅު މިލްކުކުރުމުގެ ބާރު ނައްތައިލައި އުވައިލައެވެ. އަދި ތަފާތު އެ ތައް ދަރަޖައެއްގެ ޓެކުސް ލާޒިމު ކުރެއެވެ. އަދި މިލްކުކުރުމާއި ވާރުތަވުމުގެ ޙައްޤު އުވާލައެވެ. އަދި މި ނިޒާމުން ބޭރު މީހުންނާއި އަދި ހިޖުރަކޮށްގެން ތިބޭ މީހުންގެ މުދަލުގެ މައްޗަށް ގަދަކަމުން ވެރިވެގަނެއެވެ. އަދި މިއާ އެކު އުފެއްދުންތެރިކަމާއި ދަނޑުވެރިކަމާއި މަސައްކަތްތަކުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަމަހަމަކަމާ އެކު ދައުލަތުގެ ދައުރު އިތުރުވެގެންދެއެވެ. އަދި ރަށްފުށާއި ސިޓީތަކުގެ ދިރިއުޅުމުގެ ފެންވަރުގެ ދިރިއުޅުމުގެ ތަފާތު ނައްތައިލައެވެ. އަދި މުޖުތަމަޢަށް ހިލޭ ތަޢުލީމު ފޯރުކޮށްދެވެއެވެ. ފަންތިތަކުގެ މެދުގައި އޮންނަ މިއަރައިރުންވުންތަކުގެ ސަބަބުން ޑިކްޓޭޓަރ އުޞޫލުތަކުގެ މަރުޙަލާއަކަށް މުޖުތަމަޢު ގެންދެއެވެ. މި ޑިކްޓޭޓަރުންގެ ނިމުމަކަށް އޮތީ ފަންތިތައް އުވައިލުމެވެ. އޭރުން މުޖުތަމަޢުގައި ފަންތިއެއް ނުއޮންނާނެއެވެ. އޭރުން ދައުލަތުގެ ސިޔާސަތަކަށްވާނީ މުޖުތަމަޢުން ފަންތިތައް ފުހެ ނައްތައިލުމެވެ. އޭރުން މުޅި ތާނގައި އެންމެ ފަހުން އޮންނާނީ މަސައްކަތު މީހުންގެ ފަންތި އެކަންޏެވެ. މި ހިސާބުން ވެރިކަމެއްގެ ބޭނުން މުޖުތަމަޢަކަށް ނުއޮންނާނެއެވެ. އެހެންވީމާ ދައުލަތް ފަނޑުވެގެން ހިނގައިދާނެއެވެ. އެހެންކަމުން މާކުސްގެ އަރިހުގައި ދައުލަތަކީ އެއްފަންތިއަކުން އަނެއްފަންތިއަކަށް ވެރިވެގަތުމެވެ. މިހެންވުމުން މުޖުތަމަޢުން ފަންތިތައް ނެތިގޮސް ދައުލަތް ފޮރުވިގެން ދިޔުން ނޫން ގޮތެއް ނުއޮންނާނެއެވެ.
2- ޑިކްޓޭޓަރ ނިޒާމު: މިއީ ޑީމޮކްރަސީ އުޞޫލުގެ އިދިކޮޅެވެ. މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ވަކިފަރުދަކަށް ވެރިކަން ހިންގުމަށް ދީފައިވާ ބާރުގެ މައްޗަށް އެކުލެވޭ ނިޒާމެވެ. އެހެންވީމާ ވަކި ކަމެއް ނިންމުމަށް ރައްޔިތުންގެ އެއްވެސް ބަހެއް ނުއޮންނާއެވެ. ޑިކްޓޭޓަރޝިޕެއް ބިނާވާނީ ވެރިޔާގެ ހުނަރާއި ޝަޚުޞީ ނުފޫޒުގެ ތެރެއިން ލައިފައި އެހެން ޕާޓީތަކާއި ޢަސްކަރީ ފަރާތްތަކަށް ބާރުފޯރުވުމެވެ.
އިސްލާމީ ސިޔާސީ ނިޒާމަކީ މިއިން އެއްވެސް ގޮތެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫނެވެ. އެންމެ ބޮޑު ކުށަކީ ޢިލްމީ މަހެފިލްތަކާއި ސިޔާސީ ޖަމާޢަތްތަކުގައި މި ކަންކަން މިގޮތަށް ބުނެ އުޅުމެވެ. އޭރު މި ބުނެވެނީ އިސްލާމް ދީނަކީ ޑީމޮކްރަސީގެ ދީނެއްކަމަށެވެ. ދުނިޔޭގައި ކޮމިއުނިސްޓުންގެ ގޮތްތައް ފެތުރުމަށް މަސައްކަތްކުރި މީހުން ބުނަމުން ދިޔައީ ކޮމިއުނިސްޓު މި ޖަމާޢަތުގެ އަހުލުވެރީންނަކީ އިސްލާމީ ސިޔާސަތުގެ އާ ނިޒާމަކުން އުފަންވި ބަޔެއްކަމަށެވެ. މި ފަދައިން ވާހަކަދައްކައި އުޅޭ މީހުންނަކީ އިސްލާމްދީން ރަނގަޅަށް ދިރާސާކޮށް އުނގެނިގެން ތިބި މީހުންނެއް ނޫނެވެ. އަދި ސިޔާސީ ނިޒާމުގެ ފުރިހަމަ ގޮތްތައް ފުރިހަމަ ޤަވާޢިދަކާއި އުޞޫލެއްގެ މައްޗަށް ބިނާކުރި ބަޔެއް ވެސް ނޫނެވެ.
ޔަޤީނުންވެސް އެ ގެނީ އިސްލާމްދީނާއި ޑިމޮކްރަސީއަކީ ސަބަބަކުން ނުވަތަ ނަސަބަކުން ގުޅިފައިވާ ދެއެތިކަމުގައި ނުވާކަމެވެ. އެހެންވީމާ އިސްލާމް ދީނުގައި ޑިމޮކްރަސީއެއްނުވާނެއެވެ. އެހެނީ ޑިމޮކްރަސީއިން މީސްތަކުންގެ މެދުގައި ވެރިކަން ހިންގުމަށް ﷲ ކަނޑައެޅުއްވި ޙައްޤު ދުރުކޮށްލައެވެ. އޭގައި ބުނާ ގޮތުން ހުޅަނގުގެ ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ހުރިހައި ބާރެއްގެ އަސާސަކީ ރައްޔިތުންނެވެ. ޚާއްޞަކޮށް ޤާނޫނުތައް އުފަންކުރުމުގެ ބާރެވެ. އެހެންވީމާ އެ ނިޒާމުގައި ޙުކުމްތައް ނެރުމާއި ޤާނޫނުތައް އެކަށައެޅުމުގެ ޙައްޤަކީ ރައްޔިތުންނަށް ޚާލިޞް ޙައްޤެކެވެ. ކަންކަމަށް އަމުރުކުރުމާއި މަނާކުރުމުގެ އެންމެ މަތީ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ޙަލާލުކުރުމާއި ޙަރާމްކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ހުޅަނގުގެ މި ޑިމޮކްރަސީގައި ކަންކަން ކުރެވެނީ ރައްޔިތުންގެ އަޣުލަބިއްޔަތުގެ އަޑުން (ވޯޓުން)ނެވެ. މި ގޮތުން ޒިނޭކުރުން ހުއްދަކުރެވެއެވެ. އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރެވެއެވެ. ރާބުއިމާއި ރާވިއްކުން ހުއްދަކުރެއެވެ. އެހެންނަމަވެސް އިސްލާމްދީނުގައި ވެރިކަމަކީ ހަމައެކަނި އެއްކައުވަންތަ ﷲ ތަޢާލާއަށް އޮތް ކަމެކެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ. إِنِ الْحُكْمُ إِلَّا لِلَّـهِ[1] މާނައީ:" حكم ކުރެއްވުން اللَّهއަށް މެނުވީ ނުވެއެވެ." އަދި ތަޝްރީޢަކީ އެކަލާނގެ ރުބޫބިއްޔަތާ އުލޫހިއްޔަތުގެ ޚަޞާއިޞުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ފަހެ އެކަލާނގެ ވަޙީ ކުރެއްވިއެވެ. أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ ۚ[2]މާނައީ: [ނުވަތަ اللَّه، إذن ދެއްވައިފައިނުވާ دينއެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريكންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟] ޙަލާލު ކަންތައްތަކަކީ ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ ޙަލާލުކުރެއްވި ކަންކަމެވެ. ޙަރާމްކަމަކީ ﷲއާއި އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންކަމެވެ.
ޑިމޮކްރަސީގެ ބެލެހެއްޓުމުގެ ދަށުން އުފަންވި މިނިވަންކަމުގެ ނަމުގައި ފަސާދައާއި ބަރަހަނާ ކޮށް އުޅެވޭނެ ތަންތަން އުފަންވިއެވެ. އެހެންވީމާ ޕާކުތަކާއި މަގުތަކަކީ ހުރިހައި ހަޑިމުޑުދާރުކަމަކާއި ފާޙިޝް ޢަމަލު ހިންގާ ތަންތަނަށް ބަދަލުވިއެވެ. އެމެރިކާގައި ނެރެވުނު ތަފާސްހިސާބަކުން ދައްކަނީ އެމެރިކާގައި ގަޑިއެއްގެ އިރުގެ ތެރޭގައި 78 އަންހެނުން ރޭޕުކުރެވޭކަމަށެވެ. އަދި ހަމަ އެހެންމެ މި ފަދަ ބައެއް މުޖުތަމަޢުތަކުގައި ފިރިހެނުންނާއި ފިރިހެނުންނާ ކާވެނިކުރެވެއެވެ. އަދި މިނިވަންކަމުގެ ނަމުގައި އެއްވެސް ބިރެއް ޖެހިލުމެއްނެތި ބައެއްމީހުން އޭނާގެ ކާފިރުކަން އަދި އިލްޙާދީ ފިކުރު އިޢުލާނުކޮށް ﷲއާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް އުޅެއެވެ. އެހެންކަމުން ހުޅަނގުގެ ޑިމޮކްރަސީއަކީ ސިޔާސީ ފަޟީޙަތާއި އަޚްލާޤީ އަދި މާލީ ފަޟީޙަތްތަކުގެ ހެތްކެކެވެ. އަދި އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރުވެރިކަމުގެ ހެއްކެކެވެ. މިސާލަކަށް ހުޅަނގުގެ މުޖުތަމަޢުގެ ތެރޭގައި އޮތް ބޮސްނިޔާ ހެޒުގޮވީނާގެ އެތައް ހާސް މުސްލިމު ރައްޔިތުން އެއްވެސް ކުށަކާ ނުލައި ޤަތުލުކުރިއިރު މިނިވަންކަމާއި ޢަދުލުވެރިކަމާއި ހަމަހަމަކަމާއި އެމީހުން އެ ބުނާ އިންސާނީ ޙައްޤު ކޮބައިހެއްޔެވެ؟ އަދި ޑިމޮކްރަސީގެ އަޑުއުފުލާ ހުޅަނގުގެ ބޮޑެތި ދައުލަތްތައް ކޮބައިހެއްޔެވެ؟
ހުޅަނގުގެ ޑިމޮކްރަސީގެ އުޞޫލުތަކަށް ބަލާ ނަމަ ބުނެވޭން އޮތީ އިސްލާމް ދީނާއި ހުޅަނގުގެ މި ޑިމޮކްރަސީއާ އެއްވެސް ގޮތަކުން ގުޅުމެއް ނެތްކަމަށެވެ. މީގައި އެންމެ ޢަޖާއިބުކަމަކީ އިސްލާމީ ސިޔާސީ ބައެއް ވެރީން ހުޅަނގުގެ ޑިމޮކްރަސީއަށް ގޮވައިލާކަމެވެ. އެ ފަދަ އެކަކު ގޮވައިލައިފައި ވެއެވެ. އިސްލާމްދީން ހުޅަނގުގެ ޑިމޮކްރަސީއާއި ދެކޮޅޭ ޔަޤީންކަމާ އެކު ތިޔަ ބުނަނީ ކީއްވެހެއްޔެވެ؟ "އެއީ ބޮޑު ދޮގެކެވެ. ފަހެ ތިމަންމެން މުސްލިމުންނަކީ އެންމެ ފުރަތަމަ ޑިމޮކްރަސީއަށް ގޮވައިލި މީހުންނެވެ. އަދި ޑިމޮކްރަސީގެ އުޞޫލު ތަޠުބީޤުކުރީ ވެސް ފުރަތަމަ އަހަރެމެންނެވެ. އަދި އެ ކަން އަހަރެމެން މަރުވަންދެން ވެސް ދަމަހައްޓާނަމެވެ."
އިސްލާމްދީނަކީ ދީނަކާއި ދައުލަތެއް
ކޮމިއުނިޒަމާ ޑިމޮކްރަސީގެ ނަމާ ގުޅުވައިގެން އިސްލާމީ ސިޔާސީ ނިޒާމާ މެދު ދޮގު ބުހުތާނެއްކަމުގައި ދެކޭ ބަޔަކު އެބައުޅެއެވެ. އިސްލާމުންކުރެ ހުޅަނގުގެ ޤައުމުތަކުން ތަޢުލީމު ޙާޞިލުކޮށް އެބައިމީހުންގެ ފިކުރުތަކަށް ލެބިފައިވާ ފަރާތްތަކުން އިސްލާމްދީނަކީ ދީނަކާ ދައުލަތެއްކަމަށް އިންކާރުކުރެވެ. ނުވަތަ އިސްލާމްދީން އައީ، ވެރިކަން ހިންގުމުގައި މުޅި އިންސާނިއްޔަތު ގުޅުވައިލާ އުންމަތެއްގެ ގޮތުގައިކަމަށް އިންކާރުކުރެއެވެ. ހުޅަނގުގެ މުޖުތަމަޢުތަކުގައި ދިރިއުޅޭ އެބައިމީހުންގެ އުސްތާޛުންގެ ފިކުރުތަކެކޭ އެބައިމީހުންގެ ފިކުރުތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. މި ފަދަ މީހުން ހީކުރާ ގޮތުގައި ދީނަކީ އިންސާނާއާ އޭނާ ހެއްދެވިފަރާތާ ދެމެދު އޮންނަ ގުޅުމެކެވެ. އެހެންވީމާ އިންސާނުންގެ ތެރޭގައި އޮންނަ އިޖުތިމާޢީ އިޤުތިޞާދީ ސިޔާސީ ޤަޟާއީ ކަންކަމުގެ ތެރެއަށް ދީން ވަދެގެން ނުވާނެއެވެ. ހަމަ އެ ފަދައިން މިބައިމީހުން ބުނަނީ އުންމަތެއް ރަށްވެހިވެ ކުރިއެރުމަށް ޓަކައި ދީނާއި ދައުލަތް ވަކިކުރަންޖެހޭނެކަމުގައެވެ.
އެބައިމީހުން އެހީކުރާ ފަދައިން ކީރިތި ރަސޫލާގެ މައްޗަށް ބާވާލައްވައިފައިވާ މިދީނަކީ އެދީނުގެ ސިޔާސަތާ އިޤްތިޞާދާ އިޖުތިމާޢީ ޙާލަތު ދީނާ ވަކިވެފައިވާ ދީނެއްކަމުގައި ވެގެންނުވާނެއެވެ. އެހެނީ ކީރިތިރަސޫލާގެ މައްޗަށް ބާވައިލެއްވި އިސްލާމްދީނަކީ ޙަޔާތުގެ ހުރިހައި ކަމެއްގައި ޝާމިލުވެފައިވާ ފުރިހަމަ ދީނެކެވެ. ފަހެ އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ [3]މާނައީ: [މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.] އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ. قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ، لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ[4] މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالمތަކުގެ ވެރި اللَّهއަށެވެ. އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފައިވަނީ އެ ގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّةގެ) مسلمން ކުރެ، އެންމެ ފުރަތަމަ މީހާއެވެ.]
ކަނީސާތަކުގައި ބޭނުންކުރަމުން ދިޔަ ހަރުކަށި ސިޔާސަތުގެ ސަބަބުންނާ ކަނީސާތަކުގެ ސިޔާސަތާ ނުގުޅޭ ގޮތަށް ޢިލްމުވެރީން ފާޅުކުރަމުން ދިޔަ ޢިލްމީ ޙަޤީޤަތްތަކުގެ ސަބަބުން ހުޅަގުނގައި ދީނާ ދައުލަތް ފުރިހަމައަށް ވަކިކުރިނަމަވެސް ދީނާއި ދައުލަތާ ވަކިކުރުމަކީ އިސްލާމީ އުންމަތަށް އޮތް ކަމެއްނޫނެވެ. ސަބަބަކީ އިސްލާމްދީނަކީ ޢިލްމުގެ އުދަރެސްތަކަށް ލޯހުޅުވާ ދީނެކެވެ. އިސްލާމް ދީނަކީ އާ ހޯދުންތަކާއި ތަރައްޤީއާއި އިންސާނީ ރަށްވެހިކަމުގެ ދީނެވެ. ކީރިތި ޤުރްއާން ބާވައިލެއްވެމުން ދިޔަ ދުވަސްވަރު މީސްތަކުންނަށް ހާމަވެފައި ނުވާ އެތައް ޢިލްމީ ޙަޤީޤަތްތަކެއް ކީރިތި ޤުރްއާނާ ރަސޫލާގެ ސުންނަތުގައި ބަޔާން ވެފައިވެއެވެ. އަދި މި ޒަމާނުގެ ޢިލްމީ ހޯދުންތަކުން މި ކަންކަމުގެ ތެދުކަން މިއަދު ވަނީ ޔަޤީންވެފައެވެ. ފަހެ މާތްﷲ ވަޙީކުރެއްވިއެވެ. وَيَرَى الَّذِينَ أُوتُوا الْعِلْمَ الَّذِي أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ الْحَقَّ وَيَهْدِي إِلَىٰ صِرَاطِ الْعَزِيزِ الْحَمِيدِ[5] މާނައަކީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ حق ބަސްފުޅުކަމުގައި، އެއުރެންނަށް علم ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެ ފޮތް މަގުދައްކަނީ، عزيزވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ. ފަރަންސޭސި ޢިލްމުވެރިޔާ މޮރިސްބޮކާއީ އެކުލަވައިލެއްވި ފޮތް [މުޤައްދަސް ފޮތްތަކާ ޒަމާނީ ޢިލްމާ އަޅައިކިޔުން] މި ފޮތުން ހާމަވި ނަތީޖާއަކީ ތައުރާތާއި އިންޖީލު މި ޒަމާނުގެ ޢިލްމީ ހޯދުންތަކާ އަރައިރުންވާ ކަމުގައެވެ. އެހެންނަމަވެސް ކީރިތި ޤުރްއާނާއި ޒަމާނީ އެއްވެސް ހޯދުމަކާ އަރައިރުންވުމެއް ނުވާކަމުގައެވެ. މިއިން އެނގުނީ ކީރިތި ޤުރްއާނަކީ މީސްތަކުންގެ ބާރުގެ ދަށުން އެ މީހުން އެކުލަވައިލި ފޮތެއް ނޫންކަމުގައެވެ. އެއީ އިންސާނާ ހެއްދެވި ޚާލިޤުވަންތަ ﷲގެ ކަލާމްފުޅުކަމުގައެވެ. އަދި ތައުރާތާއި އިންޖީލު މިއަދު ވަނީ މީސްތަކުން އެޔަށް ބޭނުން ހައި ގޮތެއް ހަދައި އެ ފޮތްތަކުގެ އަޞްލު އޮޅުވައިލައިފައިކަމުގައެވެ.
ދީނާއި ދައުލަތާ ވަކިކުރުމަކީ ފައްޅިއާއި ދައުލަތާ އަރައިރުންވުން އޮތް ނުވަތަ ފައްޅިއާއި ޢިލްމާ އަރައިރުންވުން އޮތް ކްރިސްޓިއަން މުޖުތަމަޢުތަކުގައި ނޫނީ އޮތް ކަމެއް ނޫނެވެ. މިއަރައިރުމުގެ އަޞްލަކީ އެބައިމީހުން ގެންގުޅެމުން ދިޔަ ޤާޢިދާއެއްކަމުގައިވާ [ޤައިޞަރުގެ ބައި ޤައިޞަރަށް ދޭށެވެ. ﷲގެ ބައި ﷲއަށް ދޭށެވެ!] މި ކަމުގެ ސަބަބުން އުފެދިފައިވާ އަރައިރުމެކެވެ. (ނުނިމޭ)