ad_banner
ޤުރްއާނުގެ އާޔަތަކާއި ސައެންސީ ހޯދުމެއްގެ މައްޗަށް ނަޒަރެއް (2)

އަލްއުސްތާޒު އަޙުމަދު މާޖިދު

14 އޮކްޓޯބަރު 2025

ޞަދޫމް ހަލާކުވެ ދިޔަ ގޮތް އިސްލާމީ ތާރީޚުން އެނގޭން އޮތް ގޮތާއި 2021ވަނަ އަހަރު ސައެންސްވެރީން ހެދި ދިރާސާއަކުން ދެއްކި ގޮތާ ތަފާތެއް ނެތެވެ. ސުބްޙާނަﷲއެވެ! ޤުރުއާނުގެ ތެދުކަމާއެވެ!

(ނުނިމި އޮތް ބައި. އިއްޔެގެ ނޫހާ ގުޅޭ)

މުހިންމު ދެތިން ވާހަކަ

ދެން އޮތީ، މި މައުޟޫޢުގައި އަޅުގަނޑު މި ދެއްކި ވާހަކަތަކާ ގުޅިގެން ފާހަގަކޮށްލާންޖެހޭ ދެތިން ނުކުތާއެވެ.

ފުރަތަމަ ކަމަކަށް، ޞަދޫމް ހަލާކުކުރެއްވި ގޮތާ މެދު ކީރިތި ޤުރްއާނުގައި ދެން ބަޔާންކުރައްވައިފައިވާ ބަސްފުޅުތައް ވެސް، ގިނިހިލައެއް ވެއްޓޭ ޙާލަތުގައި ކަންތައް ވާނޭ ގޮތާ ދިމާވެއެވެ. ޙިޖްރު ސޫރަތުގެ 73ވަނަ އާޔަތުގައި އޮންނަނީ، އިރު އެރި ވަގުތު ޞަދޫމުގެ އަހުލުވެރީންގެ ހަލާކެއްގެ ގޮތުގައި ގަދަފަދަ އަޑެއް އައިކަމަށެވެ. 74ވަނަ އާޔަތުގައި އޮންނަނީ، އެބައިމީހުންގެ މައްޗަށް އަލިފާނުން ދޮންވެފައި ވާ މަށީގެ ހިލަތައް ފޮނުއްވިކަމުގައެވެ. ކީރިތި ޤުރްއާނުގެ ޢިލްމުގެ އެންމެ އަސާސީ ބައިތަކުގެ ތެރެޔަށް ވެދެވަޑައިގެން ތިއްބެވި ބެއިފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މި ބާވަތުގެ ތާރީޚީ ހާދިސާތަކުގެ ވާހަކަ ގެންނެވުމުގައި، ކީރިތި ޤުރްއާނުގެ މަންހަޖަކީ ހާދިސާގެ ހުރިހައި ތަފްޞީލުތަކެއް ދެއްވުމެއް ނޫނެވެ. ހާދިސާގެ ވާޤިޢީ ރިވާޔަތެއް ދެއްވުމެއްނޫނެވެ. ފާހަގަކުރެވޭ ކަމަކީ ޞަދޫމުގެ އަހުލުވެރީންގެ ނަޒަރުން އެ ހާދިސާގެ އެންމެ މުހިންމު ދެ ވާޤިޢާގެ ވާހަކަ ކީރިތި ޤުރްއާނުގައި ކުރުކޮށް ގެންނަވައިފައިވާކަމެވެ. އެއުރެން ރެއިގަނޑުގެ ނިދީގެ ތެރޭގައި ޣާފިލުވެފައި ތިއްބައި، ފަތިސް ވެގެން އައި ވަގުތު ފުރަތަމަ ގިނިހިލަ ގޮވި އަޑު އިވުނީއެވެ. ޝައްކެއް ނެތް ގޮތުގައި އެ އަޑު ވާނީ ކަންފަތްތަކަށް ނުކުޅަދާނަ، ހިތްތައް ބިރުން ރޫރޫއަޅުވައިލާ ފަދަ، ފުރާނަތަކަށް ދާންދެން ސިހިގެން އެނބުރިއެނބުރިގެންދާ ފަދަ ގަދަފަދަ އަދި ބިރުވެރި އަޑަކަށެވެ. ދެން އެއުރެންނަށް ނިދީގެ ޣަފުލަތުން ހެއިލެވިގެން، ސިހުމާއި ބިރުވެރިކަމުގައި ތެޅެމުންފޮޅެމުން ނުކުމެވުނު ތަނަކަށް ނުކުމެ ބަލައިލާ އިރު، ފެންނާނީ ހުރިހައި ދިމާޔަކުން އެއުރެންގެ މައްޗަށް އަންނަ އަލިފާނުގެ އަނގުރުގަނޑުގަނޑު ފަދަ މަށްޓާއި ހިލަ ފަދަ ތަކެއްޗެވެ. މި ދެ ކަންތައް ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައި އެވަނީ ނުހަނު ކުރުކޮށް، އެކަމަކު ނުހަނު ފުރިހަމަކޮށެވެ.

ދެވަނަ ކަމަކަށް، ﷲ ސުބުޙާނަހޫ ވަ ތަޢާލާ ޞަދޫމު ހަލާކުކުރެއްވުމުގެ މައިގަނޑު ސަބަބަކީ، އެ މީހުން އިންސާނުންގެ ތެރެއަށް ގެނައި ބިރުވެރި އަދި ނުބައި ވަބާއެވެ. ޖިންސީ ގުޅުންތަކުގައި އެއްވެސް ކަހަލަ އަޚުލާޤީ ހަމަތަކަކަށް އަދި މިޢުޔާރުތަކަކަށް ތަބަޢަވުމެއް ނެތި، ޖަނަވާރުގެ ދަރަޖަޔަށް ވުރެ ވެސް ދަށު ދަރަޖަޔަކަށް ވެއްޓި، އެއް ޖިންސުން ގުޅުންހިންގުން ޢާންމުކުރި ކުރުމެވެ. ޞަދޫމަކީ ދުނިޔޭގެ ފުރަތަމަ "އެލްޖީބީޓީ ރައިޓްސް" މުޖުތަމަޢެވެ! އެންމެ ފުރަތަމަ "ރެއިންބޯވ ކޮމިޔުނިޓީ"އެވެ! އެހެނީ، ކީރިތި ޤުރްއާނުން ސާބިތުވާ ގޮތުގައި، އެއް ޖިންސުގެ ގުޅުމުގެ ނުބައިނުލަފާ ޖަރީމާ އިންސާނުންގެ ތެރޭގައި ތަޢާރަފުކުރި ބަޔަކީ ޞަދޫމުގެ އަހުލުވެރީންނެވެ. ސޫރަތުލްޢަންކަބޫތުގެ 28ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވައިފައިވަނީ، ޞަދޫމުގެ މީހުންނަކީ އެއުރެންގެ ކުރީން އެއްވެސް ބަޔަކު ނުކުރާ ޒާތުގެ ފާޙިޝް ޢަމަލެއް ތަޢާރަފުކުރި ބަޔެއްކަމަށެވެ. ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގައި އެ އާޔަތް މާނަކުރައްވައިފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ. "އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ހިނދު (ހަނދުމަ ކުރާށެވެ!) ހަމަ ކަށަވަރުން، ތިޔަބައިމީހުން ތިޔަ ކުރާ ފާޙިޝް ކަންތައްތަކަކީ، ޢާލަމްތަކުގެ ތެރެއިން އެކަކު ވެސް މީގެ ކުރީން ކޮށްފައި ނުވާ ކަންތައްތަކެކެވެ."

ކުށްވެރި އަދި ފާފަވެރި ޤައުމުތަކުގެ މައްޗަށް ވެސް ޢާމްމުކޮށް ކީރިތިވަންތަ ﷲ ނުފޮނުއްވަވާ ބާވަތުގެ ގަދަފަދަ ޢަޛާބެއް ޞަދޫމުގެ އަހުލުވެރީންގެ މައްޗަށް ފޮނުއްވެވި ސަބަބަކީ މިއީކަމަށް ބެލެވެއެވެ. އާދެ، އެ ފަދަ މުޑުދާރު، އެ ފަދަ ނުބައި، އެ ފަދަ ވަޙުޝީ، އަދި އެ ފަދަ ދަށުދަރަޖައިގެ ފާފައެއް އިންސާނުންގެ ތެރެޔަށް ތަޢާރަފުކުރި ބަޔަކީ އެއުރެންކަމަށް ވުމެވެ. އިންސާނީ ނަސްލުގައި މި ނުބައި ފާފައިގެ "ވައިރަސް" އިންދި ނުބައި ބަޔަކީ އެއުރެންކަމަށް ވުމެވެ. އާދޭހެވެ! ކީރިތިވަންތަ ﷲގެ ޔަދުޤުދުރަތްޕުޅުން ސޫރަކުރައްވައި، އެކަލާނގެ ފުމެލެއްވުމުގެ ވަސީލަތުން ރޫޙާއި ފުރާނައަޅުއްވައި، އެންމެހައި ދިރުންތަކުގެ މައްޗަށް މާތްކުރައްވައި ޙުރުމަތްތެރިކުރެއްވި އިންސާނާ، ޞަދޫމު ޤައުމުގައި ވެއްޓިގެން ދިޔައީ ފާޙިޝްކަމާއި ނުބައިނުލަފާކަމުގެ ފައިތަޅާޔަށެވެ. ވަޙުޝިއްޔަތުގެ އަނދިރިކަމާއި ޠުލުސްމާތުގެ އެންމެ ބިރުވެރި ހޯހަނާއަށެވެ. ޞަދޫމީންނަކީ ﷲ ތަޢާލާ އިންސާނާއަށް ދެއްވި ސާފު އަދި ޠާހިރު ފިޠުރަތުގެ އެންމެ އަސާސީ އެއް ސިފައަށް ޙަމަލާދިން ބަޔެކެވެ. އެ ފިޠުރަތު ޚަރާބުކުރާން ދިމާކޮށް، އެ ފިޠުރަތުން ލެއި އޮހޮރުވައިލި ބަޔެކެވެ. އެ ފިޠުރަތާ މުޅީން އަރައިރުންވާ ބިރުވެރި ވަޙުޝިއްޔަތެއްގެ ބަލި އިންސާނީ ނަސްލަށް ގެނައި ބަޔެކެވެ. އެ ވަޙުޝިއްޔަތުގެ ތެރޭގައި، އެއުރެން އިންސާނާގެ ހަށިގަނޑުގައި އުފެދޭ ނަޖިސް އެ ހަށިގަނޑުން ބޭރުވުމަށް ޓަކައި ލެއްވެވި ގުނަވަނެއް، ޖިންސީ އެދުންވެރިކަމާއި ޣަރީޒާތައް ފުއްދައިގަތުމުގެ ގުނަވަނެއްކަމަށް ހަދައިގަތެވެ. އަންހެނަކާއި ފިރިހެނަކު، ސާފުޠާހިރު ލޯތްބާއި އޯގާވެރިކަމުގެ ތަރަހައިގައި، ﷲ ރުއްސެވި ހެޔޮ ގޮތުގައި ގުޅިގެންދާ ދިޔުމުން އިންސާނީ ނަސްލު ދެމިއޮތުމުގެ ޙުރުމަތްތެރި ގުޅުމަށް މަލާމާތްކޮށް، އިންސާނީ ޠަބީޢަތާ މުޅީން ޚިލާފަށް އެދުންފުއްދުމުގެ މަގަށް ދިޔައެވެ. އަޅުގަނޑުމެންގެ މާތް ބަފައިކަލުނަށަވި އާދަމް ޢަލައިހިއްޞަލާތު ވައްސަލާމާއި އަޅުގަނޑުމެންގެ މާތް މައިކަނބަލުނަށަވި ޙައްވާ ޢަލައިހައްޞަލާތު ވައްސަލާމާ ދެ ކަނބަލުންގެ ދެމެދުގައި އޮތް މާތް، މަތިވެރި، އަދި މުޤައްދަސް ޒަވާޖީ ގުޅުމުގެ ރިވެލިވުމެއްކަމުގައިވާ ކައިވަނީގެ މާތް ގުޅުމުގެ ބަދަލުގައި، އެއް ޖިންސުގެ ދެ މީހުން އެދުންވެރިކަމާއިގެން އެކަކު އަނެކެއްގެ މައްޗަށް ޖެހިގަންނަ ނުބައި ފަކުރުގެ ވަސީލަތުން އިންސާނީ ނަސްލު ނިކަމެތިކުރިއެވެ. ސައެންސީ ނަޒަރަކުން އަޅުގަނޑުމެން މި ކަމުގެ ތެރެޔަށް ތަޙުޤީޤީ ފުން ނަޒަރުތަކެއް ހިންގައިލައިފިއްޔާ، އޭގެ ފަހުން ދުނިޔޭގައި އެއް ޖިންސުން ގުޅުން ހިންގުމަށް އެދުންވެރިވުމުގެ ބައްޔާ އެކު، "އުފަން ވާ" މީހުންތަކެއް ތިބެންޏާ އެ ތިބޭ ތިބުމުގެ ސަބަބަކީ ޞަދޫމީން އިންދި ވައިރަސްކަން ސާބިތުވުމަކީ ވެސް ހަމަ މުމްކިން ކަމެކެވެ. އެހެންކަމުން، މުޅި އިންސާނީ ނަސްލުގެ ނިސްބަތުގައި ޞަދޫމީން ތަޢާރަފުކުރި އެ ނުބައި ފާފައާއި ބިރުވެރި ޖަރީމާގެ ބަދަލުގައި، އިލާހީ އަމުރުފުޅުން އެ މީހުންނަށް ޙައްޤު ޢަޛާބު ދެއްވެވީއެވެ.

ތިންވަނަ ވާހަކައެއްގެ ގޮތުގައި އަޅުގަނޑު ދައްކައިލާން ބޭނުންވާ ވާހަކައަކީ، ކާއިނާތު އެ ޤާނޫނުތަކެއްގެ ދަށުން ހިނގާ ޤާނޫނުތަކުގެ ދަށުން ކަމެއް މެދުވެރިވުމުން، އެއީ އިލާހީ ބާރުފުޅާއި އިރާދަފުޅުން، ﷲ ސުބުޙާނަހޫ ވަތަޢާލާ މެދުވެރިކުރެއްވި ކަމެކޭ ނުބުނެވޭނެކަމަށް ބައެއް މީހުން ޤަބޫލުކުރާކުރުމާ މެދު ދަންނަވައިލާން އޮތް ވާހަކައެކެވެ. މި ދެންނެވި ކާއިނާތީ ޤާނޫނުތަކަށް "ސައެންސްގެ ޤާނޫނުތަކޭ" ވެސް ކިޔައެވެ. އިންކާރުކުރާ މީހުންގެ ނަޒަރުގައި، ކަމެއް މެދުވެރިވުމުގެ ސަބަބަކަށް ވާ "ސައެންސީ ޤާނޫނުތަކެއް" ހުރުމަކީ، އެ ކަމުގައި އިލާހެއްގެ އިރާދަފުޅު ނެތްކަމާއި، އެއީ އިލާހެއްގެ ބާރުފުޅަކާ ނުލައި އެ ސައެންސީ ޤާނޫނުތަކުގެ ބާރުގައި ހިނގާ ކަންކަންކަމުގެ ޙުއްޖަތެއް ނުވަތަ ހެއްކެކެވެ. ޞަދޫމަށް ނުވަތަ ތައްލިލް ޙައްމާމު ހަލާކު ވެގެން ދިޔަ ހާދިސާއާ ގުޅޭ ގޮތުން ވެސް، އެ ކަން ހިނގީ ދުނިޔެއާ ދިމާޔަށް އައި ގިނިހިލައެއް އެ ބިމަށް ވެއްޓިގެންކަން ސައެންސީ ގޮތުން ސާބިތުވުމުން، އެ މީހުން ކަނޑައަޅާނީ އެ ކަމުގައި އިލާހެއްގެ އެއްވެސް ދައުރެއް ނެތްކަމަށް ސާބިތުވީ ކަމަށެވެ. އެ މީހުން ބުނާނެތެވެ. "ތިޔައީ އިލާހަކާ ބެހޭ ކަމެއް ނޫނެވެ. ތިޔައީ ސައެންސީ ގޮތުން ހިނގި ހާދިސާއެކެވެ. ތީގެ ސަބަބަކީ ސައެންސުގެ ޤާނޫނުތަކެވެ."

ނަމަވެސް، ޢަޤްލީ ނުވަތަ "ރޭޝަނަލް" ވިސްނުމަކުން ވިސްނައިލި ކޮންމެ މީހަކަށް ވެސް ދާދި ފަސޭހައިން އޮޅުން ފިލާނޭ ފަދައިން، މިއީ އެއްވެސް ތާކުންތާކު ނުޖެހޭ، މަންޠިޤީ ނުވަތަ "ލޮޖިކަލް" ވިސްނުމާ މުޅީން ޚިލާފު ޚިޔާލެކެވެ. ޣައިރުޢަޤްލީ ނުވަތަ "އިރޭޝަނަލް" ވިސްނުމެކެވެ. ކާއިނާތުގައި ހިނގާ ކަންކަމަކީ ވަކި ނިޒާމެއްގެ ދަށުން، ވަކި ޤާނޫނުތަކަކާ އެއްގޮތަށް ހިނގާ ކަންތައްތަކެއްކަމަށް ވަންޏާ، އެއީ އިލާހަކު ވޮޑިގެންވާކަމުގެ ވަރުގަދަ ދަލީލެކެވެ. އަދި އެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޤުދުރަތީ ހާދިސާއެއް ހިނގުމުން، އެ ހާދިސާގެ ޙަޤީޤީ އަޞްލު ގުޅެނީ، އެ ޤާނޫނުތައް ލެއްވެވި ފަރާތާއެވެ. ކާއިނާތާއި ކާއިނާތުގައި ވަނިވިހައި ތަކެއްޗާއި ކަންކަމާއި ތަންތަން، އަދި އެންމެހައި ޒަވާހިރުތައް ލެއްވެވީ ﷲ ސުބުޙާނަހޫ ވަތަޢާލާކަމަށްވާ އިރު، ކާއިނާތުގެ ޤާނޫނުތަކުގެ ތެރެއިން، އެ ޤާނޫނުތަކުގެ އަސްބާބުން، ކާއިނާތުގެ ކޮންމެ ކަންކޮޅެއްގައި ކޮންމެ ކަމެއް ހިންގެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެއަށް ލިބިވޮޑިގެން ވެއެވެ. ދުނިޔޭގެ އެއްވެސް ޤައުމަކަށް ގިނިހިލައެއްގެ އަލިފާނުން ޢަޛާބު ދެއްވުމަށް އެކަލާނގެ އިރާދަފުޅުކުރައްވައި ކަނޑައެޅުއްވުމުން، ލަހެއް ފަހެއް ނެތި ކާއިނާތުގެ ޤުދުރަތީ ބާރުތަކާއި ޤާނޫނުތައް އޭގެ ޢާންމު ނިޒާމުގެ ތެރެއިން އެ ކަމަށް މަގުފަހިކުރެއެވެ. ދުނިޔެއާ ދާދި ކައިރީގައި އެކި ދިމަދިމާޔަށް ދަތުރު ކުރަމުން ދާ 25000 އަށް ވުރެ ގިނަ ގިނިހިލައިގެ ތެރެއިން ހިލައެއްގެ މިޞްރާބު ދުނިޔެއާ ދިމާޔަށް އެނބުރުމަށް މެދުވެރި ކުރާ ކޮންމެވެސް ކަމެއް، އެކަލާނގެ ލެއްވެވި ސައެންސީ ޤާނޫނުތަކުގެ ތެރެއިން ހިނގައިދެއެވެ. ދެން އެ ޤާނޫނުތަކުގެ "އިންޓަރޕްލޭ"ގެ ތެރެއިން އެ ކަން ހިނގައިގެން ދެއެވެ. ބަލާ ބަޔަކަށް، ކަން ހިނގައި ދިޔަ ގޮތުގެ ސައެންސީ ސަބަބުތައް ފެންނާން ހުރުމަކީ، އެ ކަމުގެ ފަހަތުގައި ސައެންސާއި ސަބަބުތަކާއި ޠަބީޢީ އަދި ޤުދުރަތީ ޤާނޫނުތަކުގެ ވެރި އިލާހު ވޮޑިގެންނުވާކަމަށް އެއްވެސް ގޮތަކުން ދަލާލަތު ކުރާ ކަމެއްތޯއެވެ؟ އޮޅުމެއް ނެތެވެ! ކަން އޮތީ އެހެންނެއް ނޫނެވެ. އެހެން ޤަބޫލުކުރާ މީހެއްގެ ބުއްދީގެ އުނިކަން، ނުވަތަ އެމީހެއްގެ ތަޢައްޞުބާއި ހިތުގެ ކަނުކަން ހަމަ ބޮޑީއެވެ.

މީގެ އެއް ހެކި، "ބަޓަރފްލައި އިފްކެޓް"ގެ ޒަވާހިރާ މެދު ވިސްނައި ފިކުރު ކުރުމުން ފެންނާނެއެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ރަށެއްގައި ހުންނަ ކުޑަކުޑަ ގަހެއްގެ ކުރީގައި އިށީނދެގެން އިންނަ ކޮކާލެއް، އުދުހިގަންނަމުން ފިޔަ ޖަހައިލާ ގޮތުން ވައިގެ ތެރޭގައި އުފެދޭ ވައިރާޅުގެ މޯހިރުން އިތުރު ވައިރާޅުތައް އުފެދެމުން، ކޮންމެ ވައިރާޅެއްގެ ފުލުން އަންނަ ވައިރާޅު ކުރީ ވައިރާޅަށް ވުރެ ބޮޑު ވަމުން ވަރުގަދަ ވަމުން ގޮސް، ރާއްޖެއާ އެތައް ސަތޭކަ މޭލެއްގެ ދުރުން، މިސާލަކަށް ދެކުނު އެފްރިކާއާ ހަމައިން، ގަދަ ވައިގެ ބަނޑުން އުފަންވާ ނުހަނު ބޮޑު ޠޫފާނެއްގެ ސިފަ އިޚުތިޔާރުކޮށްފަތެވެ. ދެކުނު އެފުރިކާގައި ތިބޭ ސައެންސްވެރީން އެ ޠޫފާނާ މެދު މޫސުމާ ބެހޭ ޢިލްމުގެ ނަޒަރުން އެ ޢިލްމުގެ އާލަތްތަކާއި ވަސީލަތްތަކުގެ އެހީގައި ބެލުމުން، އެ މީހުންނަށް އެނގޭނީ އެވެނިމިވެނި ދިމާޔަކުން ޖެހުނު ވައި، އެވެނިމިވެނި ހިސާބަކުން ގަދަ ވަޔަކަށް ބަދަލުވެ، އޭގެ ތެރެއިން ވިލާތަކާއި ކަނޑުގެ އޮއިވަރުގެ ޙަރަކާތަށް އެވެނިމިވެނި ބަދަލުތަކެއް އައިސްގެން ޠޫފާނެއް އުފެދުނުކަމެވެ. އެއްކަލަ ކޮކާލާ ބެހޭ އެއްވެސް ކަމެއް އެ މީހުންގެ ހޯދުންތަކަކަށެއް ނުދައްކާނެއެވެ. ނަމަވެސް، ޙަޤީޤަތުގައި މި ޙާލަތުގައި ދެކުނު އެފުރިކާއަށް ޠޫފާނެއް އެރުމުގެ އެންމެ ފުރަތަމަ ސަބަބަކީ އެއްކަލަ ކޮކާލެވެ. އޭގެ ފިޔަޖެހުމެވެ. ފިޔަޖަހައިލި ވަގުތު ކޮކާލުގެ ބޯކޮޅާއި ނިގޫކޮޅާއި ފިޔައިގެ ތަންތަން ހުރި އުސްމިނާއި ކަތިމިނާއި މިޞްރާބުތަކެވެ. މިއިން ކަމަކަށް ކުޑަކުޑަ ބަދަލެއް އައި ކަމުގައި ވިޔަސް، ދެކުނު އެފްރިކާގެ ބަދަލުގައި އެއްކަލަ ޠޫފާން އޮސްޓްރޭލިޔާއަށް އެރުމުގެ އިޙްތިމާލު އޮންނާނެއެވެ. ވީއިރު، ދެކުނު އެފްރިކާއަށް ޠޫފާނެއް ފޮނުއްވެވުމަށް ﷲ އިރާދަފުޅު ކުރެއްވެވުމުން، ރާއްޖޭގެ ގަހެއްގައި އިން އެއްކަލަ ކޮކާލުގެ "ފިޔަޖެހުމަށް" އެކަލާނގެ މިންވަރުފުޅުކުރައްވަވާ ގޮތަކަށް އިރާދަފުޅުކުރެއްވެވުމުން، ސައެންސީ ޤާނޫނުތަކުގެ ތެރެއިން އެ ކަން އޮންނާނީ ހިނގައިފައެވެ! ކަނު ބަޔަކަށް ފެންނާނީ އެ ތަނުގައި ހަމައެކަނި "ސައެންސް"އެވެ! މާއްދީ ލޮލެކޭ އެއް ފަދައިން ރޫޙާނިއްޔަތުގެ ލޯ ވެސް ހުޅުވިފައިވާ ބަޔަކަށް، ކަމުގެ ޙަޤީޤަތާ ހަމަޔަށް ވިސްނުން ފޯރުވައިލާކަށެއް އުނދަގުލެއްނުވާނެއެވެ! އާދޭހެވެ! ގިނިހިލައެއް ވެއްޓުނަސް، ސުނާމީއެއް އެރިޔަސް، ނަގޫރޯޅިއެއް ލައިގަތަސް، މިއިން ހަމަ ކޮންމެ ކަމެއްމެ ހިނގަނީ ﷲގެ ކާއިނާތުގައި ﷲ ލެއްވެވި ކައުނީ ބާރުތަކާއި ޒަވާހިރުތަކާއި ޤާނޫނުތަކާއި ނިޒާމުތައް ހިނގުމަށް އެކަލާނގެ މެދުވެރިކުރައްވާ މަގުމަގުންނެވެ.

ފަހުބަސް

އެއް ޖިންސުން ގުޅުން ހިންގުމުގެ މުޑުދާރު، ވަޙުޝީ، އަދި ބިރުވެރި ޖަރީމާއަކީ ޠަބީޢީ ކަމެއްކަމަށާއި، އެކަން ކުރާން ބޭނުން ބަޔަކަށް އަސާސީ އިންސާނީ ޙައްޤެއްގެ ގޮތުގައި އެ ކަންކުރުމުގެ މިނިވަންކަމާއި ފުރުޞަތު ކަށަވަރުކޮށްދޭން ޖެހޭނޭކަމަށާއި، އެ ކަމާ ދެކޮޅުހަދާ ބަޔަކީ "ހޯމޯފޯބިއާ" ޖެހިފައި ތިބި ބަލި މީހުންތަކެއްކަމަށް މިއަދުގެ ދުނިޔޭގައި ދަނީ ވަކާލާތުކުރެވެމުންނެވެ. ޚުދު އަޅުގަނޑުމެންގެ މުސްލިމް ދިވެހިރާއްޖޭގައި ވެސް އެ ނުބައި ގޮވައިލުމުގެ އަޑުތައް ކޮންމެވެސް ވަރަކަށް ނަމަވެސް އެބަ އިވެއެވެ. އެ ފަދަ މީހުންނަށް އޮތް ގޮތަކީ، ސައެންސްގެ އަލީގައި ސާބިތުވަމުންދާ ޙަޤީޤަތްތަކުގެ އެހީ ވެސް ހޯދައިގެން، ރޫޙާނީ ނޫރުގެ އަލިކަން ލިބޭތޯ މަސައްކަތްކުރުމެވެ. އެ ފަދަ ކޮންމެ މީހަކުމެ ހަނދާންކުރާންވީ ކަމަކީ، ޞަދޫމުގެ އެކަކަށް ވެސް އިލާހީ ޙުކުމްފުޅާ ދެކޮޅުނުހެދުނު ފަދައިން، މިއަދުގެ ދުނިޔޭގައި ވެސް، އަދި މާދަމާގެ ދުނިޔޭގައި ވެސް، ﷲގެ ނިޔާފުޅަށް ގޮންޖެހޭނޭ ހަމަ އެކަކު ވެސް ނުހުންނާނޭކަމެވެ. މިއަދު، ޞަދޫމުގެ ބިރުވެރި ކުޅިގަނޑު ފަތުރާ މީހުންނަށް އަދަބުނުދީ، އެ މީހުންނަށް އިނާމުދީ، އެ މީހުން ޙިމާޔަތްކުރަމުންދާ މީހުން ހަނދާންނައްތައިލައިގެން ނުވާނޭ ޙަޤީޤަތަކީ މިއީއެވެ.

_____________________________

(މިއީ 2022 ވަނަ އަހަރު އުސްތާޒު މާޖިދު ލިޔުއްވި ލިޔުއްވުމެކެވެ. އާދަޔާ ޚިލާފު ޢިލްމީ މި ލިޔުއްވުމުގެ މުހިންމުކަމުން ޝާއިޢުކޮށްލީއެވެ.)

ކޮމެންޓު