ad_banner
ސުންނަތުގެ އަލީގައި ފަލަވުމާ ދުރަށް (1)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

13 އޮކްޓޯބަރު 2025

ފަލަވުމަކީ ވަރަށް ގިނަ ބަލިތަކަށް މީހާ ހުށަހެޅޭ ކަމެކެވެ.

މިއަދުގެ ދިރާސާތަކާއި ހޯދުންތައް ކަށަވަރުކޮށްދޭ ގޮތުގައި ހަށިގަނޑު ހިސާބަށް ވުރެ ބޮޑަށް ފަލަވުމަކީ  ދުޅަހެޔޮކަން ގެއްލި ހަކުރުބަލި ޖެހުން، ނާރުތައް ހަރުވުން، ލޭހިނގުން މައްޗަށްދިއުން ފަދަ ބަލިތަކަށް މީހާ ހާސާކޮށްފާނެ ކަމެކެވެ. ﷲ ތަޢާލާގެ މި ބަސްފުޅު ((وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ [1]-  އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!)ގެ ތެރެއަށް މި ކަން ވެސް ވަންނާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ހަށިގަނޑު ފަލަވުމަކީ މީހާގެ ބުރުސޫރަ ރީތިކަން މަތީ ބަހައްޓައިދޭނެ ކަމެއް ވެސް ނޫނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކައު ރަސޫލާ ގެ ބަސްފުޅު ((إنَّ اللَّهَ جَمِيلٌ يُحِبُّ الجَمالَ[2] - ހަމަކަށަވަރުން ﷲއަކީ ރިވެތި ސިފަފުޅުތަކުގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރިވެތިކަމަށް ލޯބިކުރައްވަތެވެ.))ގެ ތެރޭގައި ހުރިހާ ބާވަތެއްގެ ރިވެތި ކަމެއް – މާއްދީއާއި މާނަވީ ރިވެތިކަން -  ހިމެނެއެވެ.

މީގެއިތުރަށް އިސްކޮޅާ ރޫފަ ގުޅޭ ގޮތަށް ހަށިގަނޑު މެދުމިންވަރުގައި ބެހެއްޓުމަކީ މީހާގެ ބާރު ވެސް ވަރުގަދަކޮށްދޭނެ ކަމެކެވެ. ލޮބުވެތި ރަސޫލާ  ﷺ  ޙަދީސްކުރެއްވި ބަސްފުޅު (( الْمُؤْمِنُ القَوِيُّ خَيْرٌ وَأَحَبُّ إلى اللهِ مِنَ المُؤْمِنِ الضَّعِيفِ [3]- ﷲގެ ޙަޟްރަތުގައި ނިކަމެތި މުއުމިނާއަށް ވުރެ ބާރުގަދަ މުއުމިނާގެ ލޮބުވެތިކަމާއި ހެޔޮކަން ބޮޑުވެގެން ވެއެވެ.)) ހަނދާނަށް ގެންނަމާހެއްޔެވެ!

ހަށިގަނޑުގެ ބަރުދަން ލުއިވުމަކީ ކީރތި ރަސޫލާ އެ ބަޔަކަށް މަލާމާތްކުރައްވައިފައިވާ މީހުންގެ ގިންތީން ބޭރުވެވޭނެ ކަމެކެވެ. ލޮބުވެތި ރަސޫލާ  ޙަދީސްކުރެއްވިއެވެ. ((إنَّ بَعْدَكُمْ قَوْمًا يَشْهَدُونَ ولا يُسْتَشْهَدُونَ، ويَخُونُونَ ولا يُؤْتَمَنُونَ، ويَنْذُرُونَ ولا يَفُونَ، ويَظْهَرُ فِيهِمُ السِّمَنُ [4]  - ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހުން އަންނަ ބަޔަކު ކަންކަން ދެކެފައި ހެކިބަސް އަދާނުކުރާނެތެވެ. އަމާނާތްތަކަށް ޚިޔާނަތްތެރިވެ، އަމާނާތްތައް އަދައެއްނުކުރާނެތެވެ. އަދި ނަދުރުބުނެ ނަދުރުތަކެއް ނުފުއްދާނެތެވެ. އަދި އެބައިމީހުންގެ ތެރެއިން ހަށިގަނޑު ފަލަވުން ފެންނާނެތެވެ.))

މާތް ﷲ ރަޙްމަތްލެއްވި އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި ފަލަވުމުން ބުރަހެލިވާނެއެވެ. މި ކަމުގެ ސަބަބުން އަޅުކަންތަކުގައި ކަންނެތްވުން އިތުރުވާނެއެވެ.

މަންޠިޤު ޢިލްމުގެ މަޝްހޫރު މަރްޖައެއް ކަމުގައިވާ އަލްމިރްޤާތުގައި އިބްނުލް ޤާޟީ ވިދާޅުވެފައިވާ ގޮތުގައި ފަލަވަނީ ކެއުމަށާއި ނިދުމަށާއި މަޖާކުރުމަށް ވަގުތު ހޭދަކުރުން ގިނަވީމައެވެ. އެ ފަދަ މީހުން ހަށިގަނޑަށް ބޭނުންވާ ވަރަށް ކަސްރަތެއް ނުކުރާނެއެވެ. އަދި އެފަދަ މީހުން އަޅުކަންތަކުގައި ކަންނެތްވާނެއެވެ.

މި ޙަދީސްފުޅު  ޝަރަޙަކުރެއްވި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޠަބީޢީ ގޮތުން ފަލަ މީހުން މި ބަސްފުޅުގެ ދަށަކަށް ނުވަންނާނެއެވެ.

ކާފިރު ފަލަ މީހާ ނުވަތަ ފާޖިރު ފަލަ މީހާގެ ޢަމަލުތައް ޤިޔާމަތް ދުވަހުން ކިރޭ އިރު އޭނާއަށް އޭނާގެ ފަލަކަން ފެނި އަޖައިބުވާނެއެވެ. ރަސޫލުﷲ ޙަދީސްކުރެއްވިއެވެ. ((إِنَّهُ لَيَأْتِي الرَّجُلُ الْعَظِيمُ السَّمِينُ يَوْمَ الْقِيَامَةِ لَا يَزِنُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ  وَقَالَ اقْرَءُوا: فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا[5]  - ހަމަކަށަވަރުން ޤިޔާމަތްދުވަހުން ބިޔަ ފަލަ މީހާ ގެނެވޭނެތެވެ. ﷲގެ ޙަޟުރަތުގައި މަދިރިއެއްގެ ފިޔަގަނޑުގެ ބަރުދަން ވެސް އޭނާއަށް ލިބިގެން ނުވާނެތެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ފަހެ ތިޔަބައިމީހުން ﷲގެ ބަސްފުޅު: فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَٰمَةِ وَزْنًا[6] - ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ.)) ކިޔާށެވެ!

މާތްﷲ ރަޙްމަތްލެއްވި އަލްޤުރްޠުބީ ވިދާޅުވިއެވެ. [މި ބަސްފުޅުން އެނގެނީ ބޭނުންވާ ވަރަށް ވުރެ ގިނައިން ކެއުން ޙަރާންވާނެކަމެވެ. ކާފިރުން ގިނައިން ކައިހަދާތީ މާތްﷲ ވަނީ އެ މީހުންނަށް މަލާމާތުގެ ބަސް ވަޙީކުރައްވައިފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الأَنْعَامُ وَالنَّارُ مَثْوًى لَهُمْ [7] - އަދި كافرވި މީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، نعم ސޫފި ކައިއުޅޭ ފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ.))

މުއުމިނާ އެބައިމީހުންނާ އެއްވައްތަރުވެގަންނަ ނަމަ އަދި ހުރިހާ ޙާލަތްތަކެއްގައްޔާއި ޒަމާންތަކެއްގައި އެ މީހުންނަށް ލިބެމުންދާ ދުންޔަވީ އަރާމުތައް ލިބެމުންދާ ނަމަ އީމާންކަމުގެ ޙަޤީޤަތެއް ކޮބައިހެއްޔެވެ؟ އިސްލާމްދީނުގެ ވާޖިބުތައް އަދާކުރާނީ ކިހިނެއްހެއްޔެވެ؟ ކެއުމާއި ބުއިން ގިނަކޮށްފި ނަމަ އޭނާ ދުނިޔެއަށް ދަހިވެތިވުން އިތުރުވެދާނެއެވެ. ރޭގަނޑު ކަންނެތްވެ ނިދި ގިނަވެދާނެއެވެ. އޭނާ ދުވާލު އުޅޭނީ އާވާރާވެގެންނެވެ. ރޭގަނޑު އޮންނާނީ ނިދި ބަރުކައިފައެވެ.][8]

ފަލަވުމާ ދުރުހެލިވުމަށް ޓަކައި ކުރެވިދާނެ ބައެއް  ކަންތައްތައް

1-    ކެއިންބުއިމުގެ ވައްޓަފާޅިއާއި ސުލޫކިއްޔާތަށް ބަދަލުގެނައުން: الله تعالى ވަޙީކުރެއްވިއެވެ. ((وَكُلُوا وَاشْرَبُوا وَلا تُسْرِفُوا إِنَّهُ لا يُحِبُّ الْمُسْرِفِينَ[9] - އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسرافކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.))

2-    رَسُول اللَّهِ ﷺ ޙަދީސްކުރެއްވިއެވެ. ((مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ بِحَسْبِ ابْنِ آدَمَ أُكُلَاتٌ يُقِمْنَ صُلْبَهُ ؛ فَإِنْ كَانَ لَا مَحَالَةَ: فَثُلُثٌ لِطَعَامِهِ، وَثُلُثٌ لِشَرَابِهِ، وَثُلُثٌ لِنَفَسِهِ[10] -އާދަމުގެދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ކަންވާރެއް ނުފުރަތެވެ.އޭނާގެ މައިކަށި ކޮއްޅަށް ބަހައްޓާދޭނެ ސުވާކޮޅެއް އޭނާއަށް ފުދިގެން ވެއެވެ. ފަހެ އެހެން ގޮތެއް  ނެތިއްޖެނަމަ އޭނާގެ ކެއުމަށް ތިން ބައިކުޅަ އެއްބަޔެވެ. އަދި އޭނާގެ ބުއިމަށް ތިން ބައިކުޅަ އެއްބައެވެ. އަދި އޭނާ ނޭވާލުމަށް ތިން ބައިކުޅަ އެއްބައެވެ.))

3-    ސުވާ ކުޑަކުރުން:  މާތްﷲ ރުއްސުންލެއްވި ކަޢުބު ބުނު މާލިކުގެފާނު އަރިހުން ރިވާވެގެންވެއެވެ.  ((كان رسولُ اللهِ صلّى اللهُ عليه وسلَّم يأكُلُ بثلاثِ أصابعَ ثمَّ يلعَقُهنَّ [11]- ރަސޫލާ ފަރިއްކުޅުއްވީ ތިން އިނގިލިފުޅުންނެވެ. އެއަށް ފަހު މި އިނގިލިފުޅުތަކުގައި  ދޫފުޅުލެއްވިއެވެ.)) ތިން އިނގިލިން ނެގޭ ސުވާ ވަރަށް ކުޑަވާނެއެވެ.އޭރުން މި ސުވާ ރަނގަޅަށް ހެފޭނެއެވެ. ކާއެއްޗެހި ރަނގަޅަށް ހެފުމަކީ އެއިން ހަށިގަނޑަށް ލިބޭ ފައިދާ  ބޮޑުވާނެ ކަމެކެވެ.

4-    ރޭގަނޑު ކައިގެން ވަގުތުން ނުނިދުން . ވަރުގަދައަށް ކައިގެން ނިދަން އޮށޯތުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޤަދީމީ ޒަމާނުގައި ވެސް ޑަކްޓަރުން ވިދާޅުވެފައިވެއެވެ. އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ރޭގަނޑު ކައިގެން ކުޑަކޮށް ހިނގައިލަން ޖެހޭނެއެވެ. ރޭގަނޑު ކައިގެން ވަގުތުން ނިދުމަކީ ގޮހޮރުން ދިލަނަގާނެ ކަމެކެވެ.

5-    ފެނު ކައްކައިފައިވާ ބިސް  ރޭގަނޑު ނުކެއުމަށް އިމާމު ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުގައި ފެނުކެއްކި ބިސް ރޭގަނޑު ކައިގެން މަދު މީހަކު މެނުވީ ސަލާމަތް ވެފައި ނުވެތެވެ.[12] ބިހަކީ ޕްރޮޓީން ގިނަ އެއްޗަކަށް ވާތީ އޭގެ ސަބަބުން ގޮހޮރުގައި ވައިހެދުން އިތުރުވާނެއެވެ.

6-    ކެލޮރީ ގިނައިން ލިބޭ ކާއެއްޗެހި މަދުކޮށް ފަތްޕިލާވެއްޔާއި ތަރުކާރީ ގިނަކުރުމާއި  ހަކުރާއި ކާބޯހައިޑްރޭޓްސް ހުންނަ ބާވަތްތައް (މިސާލަކަށް : ފިޒީ ބުއިންތަކާއި ފޮނި ހެދިކާތައް) ކެއުން މަދުކުރުން

7-    ހެލިފެލިވުން ގިނަކުރުން: ކަމާބެހޭ މާހިރުން ވިދާޅުވަނީ ބާރަށް ހިނގުމާއި ދުވުމާއި ބައިސްކަލު ދުއްވުމަކީ ހިތަށް  ލިބޭ ކަސްރަތެކެވެ. ހިނގައިފާ ތަންތަނަށް ދިޔުން ގިނަކުރުމާއި ދުވާސިޑިއާއި އުފުލާސިޑި ބޭނުންނުކޮށް އާދައިގެ ސިޑީން މައްޗަށް އަރައި ފޭބުން.

8-    ހަށިގަނޑަށް ބޭނުންވާ މިންވަރަށް ރޭގަނޑު ނިދުން. ނިދި މަދުވުމަކީ ހައިހޫނުކަމުގެ ހޯމޯނަށް ނުބައި އަސަރުކުރުވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ކާހިތްވުން އިތުރުވެގެންދާނެއެވެ.

(ނުނިމޭ)

 

މަރުޖާ:

[1]  - البقرة:195

[2]  - أخرجه مسلم ( ٩١  ) والطبراني في ((الأوسط)) (٦٩٠٦)

[3]  -  أخرجه مسلم (٢٦٦٤وابن ماجه (٤١٦٨وأحمد (٨٧٧٧والنسائي في ((السنن الكبرى)) (١٠٤٥٧وأبو نعيم في ((حلية الأولياء)) (١٠/٢٩٦)

[4]  - صحيح البخاري( ٣٦٥٠  )

[5]  - أخرجه البخاري (٤٧٢٩)  و مسلم (٢٧٨٥)

[6]  - الكهف : 105

[7]  - محمد : 12

[8]  - الجامع لأحكام القرآن (11/67)

[9]  - الأعراف : 31.

[10]  -  أخرجه الترمذي (٢٣٨٠) والنسائي في ((السنن الكبرى)) (٦٧٦٩)، وابن ماجه (٣٣٤٩)، وأحمد (١٧١٨٦)

[11]  - أخرجه مسلم (٢٠٣٢) و  أحمد (٢٧١٦٩)، والدارمي (٢٠٧٧)، والطبراني في ((المعجم الكبير)) (١٩/ ٩٨) (١٩٥) وابن حبان (٥٢٥١)

[12] - الكامل3/323

ކޮމެންޓު
ކޮމެންޓުތައް
ކަނޑޫމާ
13 އޮކްޓޯބަރު 2025 16:23
ވަރަށް ފައދާހުރި މައުލޫމާތު އެކުލެވޭ ލިއުމެއް