ad_banner
ޙަރުބީ ކާފިރުންނަކީ ކޮން ބަޔެއް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

11 އޮކްޓޯބަރު 2025

މިއަދުގެ ޔަހޫދީންނަކީ ވެސް ކާފިރުންނެވެ.

މި ނޫހުގައި އަޅުގަނޑު ލިޔުނު މަގާލަކަށް ކޮމެންޓު ކުރެއްވި ބޭފުޅަކު ކުރެއްވި ސުވާލަކަށް އެ ކޮމެންޓުގައި ޖަވާބު އެރުވޭ ގޮތް ހަމަޖެހިފައި ނުވާތީ އެ ސުވާލަށް ޖަވާބު އަރުވާން މިއަދު ގަސްތުކޮށްލީއެވެ. އެ ބޭފުޅަކު ސުވާލުކުރައްވައިފައިވަނީ "ކާފަރުންގެ ނަމަށް، ޣައިރުމުސްލިމުން، ނުވަތަ ހަރުބީ ކާފަރުން ނުވަތަ ޔަހޫދީންގެ ނަން އިތުރުވާ ސަބަބަކީ ކޮބައިތޯ"އެވެ. އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އެއީ ހަމަ އިޚުލާޞްތެރިކަމާ އެކު އޮޅުންފިލުވުމުގެ ބޭނުމުގައި ކޮށްލެއްވި ސުވާލެއްހެންނެވެ. އެހެންކަމުން އަޅުގަނޑަށް އެނގި ހުރި މިންވަރަކުން ޖަވާބު އަރުވާނަމެވެ. ކަމެއް އޮޅުންފިލުވާން މީހަކާ ސުވާލެއް ކުރެވިއްޖެ ނަމަ އެ މީހަކު ދަންނަ ގޮތަކަށް ޖަވާބުދިނުމަކީ އަޅުގަނޑުމެން ކުޑަ އިރު ދަސްކުރި އަޚުލާޤު ޢިލްމުގައި މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ.

ކާފަރުން (އަޅުގަނޑު ކިޔައި އުޅެނީ ކާފިރުން)ނަކީ މުއުމިނުން ނޫން އެހެން އެންމެންނެވެ. ﷲއަށް އީމާންނުވާ މީހުންނެވެ. ﷲއާއި މަލާއިކަތުންނާއި ރަސޫލުބޭކަލުންނާއި، ﷲ ބާވައިލެއްވި ފޮތްތަކަށާއި އާޚިރަތްދުވަހާއި، ﷲގެ މިންވަރުފުޅަށް އީމާންނުވާ މީހުންނެވެ. އެ ކޮމެންޓުކުރެއްވި ބޭފުޅަކު އަދި އެއް ނަމެއް ހަނދުމަފުޅު ނެތިގެން ހިމަނުއްވައިފައެއް ނުވެއެވެ. އެއީ މުޝްރިކުންނަކީ ކޮބައިތޯއެވެ؟

މުޝްރިކުންނަކީ ﷲއަށް ޝަރީކުކުރާ މީހުންނެވެ. އަޅުކަންކުރުމުގައި ނުވަތަ އެހެން ގޮތަކުން ވެސް ﷲއާ އެހެން ފަރާތެއް ބައިވެރިކުރާ ނަމަ އެއީ މުޝްރިކުންނެވެ. އެ މީހުން ވެސް ވާނީ ކާފިރުންނަށެވެ. ޣައިރުމުސްލިމުންނަކީ މުސްލިމު ނޫން މީހުންނެވެ. އިނގިރޭސި ބަހުން ކިޔާ ނޮން-މުސްލިމްގެ މާނައިގައި ކިޔާ ނަމެކެވެ. އެއީ ވެސް ކާފިރުންނެވެ. އެހެނީ ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީއިސްލާމް ދީނެވެ. އެހެންކަމުން އިސްލާމަކަށް – މުސްލިމަކަށް – ނުވާ އެންމެންވާނީ ވެސް ކާފިރުންނަށެވެ.

ދެން އޮތީ ހަރުބީ ކާފަރުންގެ ވާހަކައެވެ. މިއީ ކާފިރުންގެ މުޅީން އެހެން ދަރަޖައެކެވެ. ހަގީގަތުގައި ހަރުބީ ކާފިރުން ނޫން މީހުންނާ ދުނިޔަވީ މުޢާމަލާތުކޮށް އެކުވެރިކަމާ އެކު އުޅެވިދާނެއެވެ. ނަމަވެސް ހަރުބީ ކާފަރުނާ އެކުވެރިއެއްނުވެވޭނެއެވެ. އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ވެސް ކުރާންޖެހޭނެއެވެ. އެހެނީ ހަރުބީ ކަފަރުންނަކީ  މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ ކާފިރުންނެވެ. ނުވަތަ މުސްލިމުންނާ ޢަދާވާތްތެރިވެގެން އުޅޭ ކާފިރުންނެވެ. މި ފަދަ މީހުންނާ ހަނގުރާމަކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ނެތަސް އެ ފަދަ ކާފިރުންނާ ގުޅުން ބޭއްވުމަކީ ހުއްދަ ކަމެއް ނޫނެވެ.

ދެން ސުވާލުކުރައްވައިފައިވަނީ [ޔަހޫދީން]ނަކީ ކޮން ބަޔެއްތޯއެވެ؟ ހަގީގަތުގައި އަސްލު ޔަހޫދީންނަކީ މޫސާގެފާނުގެ ގައުމަށް ނިސްބަތްވާ މީހުންނެވެ. އެއީ ޝަކުވާ ގިނަ ބަޔެކެވެ. އެ ކަމަކު އެ ޒަމާނުގައި އެއީ ކާފިރުންނެއް ނޫނެވެ.

މިހާރު ޔަހޫދީންނޭ ކިޔަނީ މޫސާގެފާނަށް ނިސްބަތްކޮށް ތައުރާތު ބަދަލުކޮށްގެން ދީނެއްކަމަށް ހަދައިގެން ބައިގަނޑަކަށެވެ. އެއީ [ޖޫ]އެވެ. މި މީހުން އެންމެ ގިނައިން އުޅެނީ ފަލަސްތީނު ބިންތައް ފޭރި ގަނެގެން އެތާގެ ބޮޑު ބައެއްގައި [އިސްރާއީލް] ނަމަކަށް ކިޔާ ދައުލަތެއް ހަދައިގެން އުޅޭ މީހުންނެވެ. އެއީ ވެސް ކާފިރުންނެވެ. ސަބަބަކީ އެ މީހުންއިސްލާމް ދީން ގަބޫލނުކުރާތީއެވެ. އެއީ ޙަރުބީ ކާފަރުންނޭ ވެސް ބުނެވިދާނެއެވެ. ސަބަބަކީ އަބަދުވެސް މުސްލިމުންނާ ދިމާކުރާ ބަޔަކީ އެ ބައިމީހުންކަމަށްވާތީއެވެ.

އެންމެ ކުރު ޖަވާބަކީ ﷲއަށް އީމާންނުވާ އެންމެންނަކީ ކާފިރުންނެވެ. މުސްލިމުން ނޫން އެހެން ދީންތައް ހަދައިގެން އެ ދީންތަކަށް އުޅޭ މީހުންނަށް [ޣައިރުމުސްލިމުން]ނޭ ކިޔައެވެ. އެ މީހުން ވެސް ގުނޭނީ ކާފިރުންގެ ތެރެއިންނެވެ. މި ބާވަތުގެ މީހުންނާ ދުނިޔަވީ މުޢާމަލާތުކޮށް އެކުވެރިކަން ބާއްވައި ހެދުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް އެންމެ ނުރައްކާތެރި ވައްތަރަކީ ޙަރުބީ ކާފަރުންނެވެ. އެއީ މުސްލިމުންނާ ޢަދާވާތްތެރިކަން ބާއްވާ، ނުވަތަ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ ކާފިރުންނެވެ. މިއަދު ޔަހޫދީން ވެސް ހިމެނޭނީ މި ގިންތީގައިކަމަށް އަޅުގަނޑު ދެކެމެވެ.

އާންމު ގޮތެއްގައި [ކާފިރު]އާއި [މުޝްރިކު] މި ދެ މަފުހޫމަކީ ދީނީ ސިޔާގުގައި ބޭނުންކުރާ ދެ މަފުހޫމެކެވެ. [ޣައިރުމުސްލިމު] ބޭނުންކޮށް އުޅެނީ އާންމު ގޮތެއްގައި ދުނިޔަވީ މުޢާމަލާތުގެ ސިޔާގުގައެވެ. (ވަﷲ އަޢުލަމް)

ކޮމެންޓު