ad_banner
ރާއްޖޭގެ ފުރަތަމަ ޤާނޫނީ ކުލިނިކު – އިސްލާމީ ޔުނިވަރސިޓީގެ އާ މޭލުގަލެއް

ހުސައިން ނައުޝާދު

3 އޮކްޓޯބަރު 2025

ވަކީރުކަމުގެ ނަމޫނާ ތަމްރީނު ޙަރަކާތެްގެ ތެރެއިން

ރާއްޖޭގެ ދަރިވަރުންގެ ތެރެއިން ޝަރީޢާ ނުވަތަ އިސްލާމީ ތަޢުލީމު ނުވަތަ މި ފަދަ ދާއިރާއަކުން ބޭރުގެ ޔުނިވަރސިޓީއަކުން އެންމެ ދަށް މިނަށް ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ވެސް އިތުރު ތަމްރީނެއް ނެތި، ދީނީ ތަޤުރީރުކުރުމާއި ވަޢުޡުބުނުމާއި ދީނީ ނަސޭހަތްދިނުމާއި އަދި ގިނަ ފަހަރަށް ފަތުވާދިނުމަކީ ވެސް (ފެންނަ ފެނުމުގައި) ހުއްދަ އޮންނަ ކަމެއްކަމަށް ބެލެވެއެވެ. މި ފަދަ ދަރިވަރުން، ޢިލްމުވެރީންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ތަންމިނަށް އޮންނަނީ ހުޅުވައިލެވިފައެވެ. އެ ފަދަ ދަރިވަރުންނަށް ލިބިފައިވާ މަދު ޢިލްމެއް ދިވެހިބަހުން ރަނގަޅަށް ހުށަހެޅުމުގެ ގާބިލުކަން ލިބިފައި ނެތަސް މައްސަލައެއް ނެތެވެ. އަދި ދީނީ ނަސޭހަތްދިނުމާއި ވަޢުޡުބުނުމާއި، ދީނީ ތަޤުރީރުކުރުމާއި، ފަތުވާދިނުމާއި ދަރުސްދިނުމާއި މި ހުރިހައި ކަމެއްގެ ވެސް ބެލެވެނީ އެއް ދަރަޖައެއްގައިކަމަށް ފެނެއެވެ.

ނަމަވެސް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ދަސްވެނިވާ ދަރިވަރުންނަކަށް މި ފުރުސަތެއް ނޯވެއެވެ. މީގެ ތެރޭގައި ކިތަންމެ މޮޅު ދަރިވަރުން ތިއްބަސް ވެހެވެ. މިއީ ޢަދުލުވެރިކަމާ އެކު ގިންތިކޮށް ދަރަޖަކޮށް ހަމަހަމަ ގޮތެއްގައި ހުއްދަ ދެވޭން ޖެހޭނެ ދާއިރާއެއްކަމަށް ފެނެއެވެ. އަދި ވަކި ޚާއްޞަ ތަމްރީނެއް ދެވި އިންތިޙާނުކުރެވޭން ޖެހޭ ދާއިރާއެއްކަމަށް ވެސް ފެނެއެވެ.

މި ކަން ކޮންމެ ގޮތަކަށް އޮތަސް ރާއްޖެއާއި ރާއްޖޭން ބޭރުން ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ޢަމަލީ މައިދާނުގައި ޙަރަކާތްތެރިވުމަށް ޓަކައި ވަކި ކަހަލަ ތަމްރީނެއް ހޯދައި ވަކި ކަހަލަ ސަނަދެއް ޙާޞިލުކުރާންޖެހެއެވެ. މިއީ ޤާނޫނީ ވަކީލުންގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި ރަނގަޅު ކަމަކަށް ވެދާނެއެވެ. މި ތަމްރީނު ލިބޭނެ ފުރުޞަތުތައް ވަރަށް މަދެވެ. އެހެންނަމަވެސް މި ތަމްރީނު ހޯދައިގެން ނޫނީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ފުރުސަތެއް ނުލިބެއެވެ.

މި ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އިސްނަންގަވައި މުހިންމު ޚިދުމަތެއް ތަޢާރަފުކުރެއްވި ޚަބަރަކީ ޤާނޫނީ ދާއިރާގެ ދަރިވަރުންނަށް ހަމަ ގައިމު ވެސް އުފާވެރި ޚަބަރަކަށް ވާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، ފުރިހމަވުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ޔުނިވަރސިޓީއިން ތަޢާރަފުކުރެއްވި [އައިޔޫއެމް ލީގަލް ކްލިނިކު] މި މަހު ފުރަތަމަ ދުވަހު އިފުތިތާޙުކުރެއްވި ޚަބަރު އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. މިއީ އިސްލާމީ ޔުނިވަރސިޓީއިން ޙާޞިލުކުރެއްވި އާ މޭލުގަލެކެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ ދިވެހިރާއްޖޭގައި ހިންގޭ މި ފަދަ ފުރަތަމަ ކުލިނިކެވެ. އެހެންކަމުން މި ފަދަ މުހިންމު އާ ޚިދުމަތެއް އައިޔޫއެމުން ތަޢާރަފުކުރެއްވިކަމަށް ޓަކައި އެ ޔުނިވަރސިޓީއަށް ތަހުނިޔާ ފޮނުވަމެވެ.

2025 އޮކްޓޫބަރު ފުރަތަމަ ދުވަހު އިފްތިތާޙްކުރެވުނު މި ލީގަލް ކްލިނިކަކީ، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ އެންމެ ފުރަތަމަ ކްލިނިކަށް ވުމުގެ އިތުރަށް މި ކުލިނިކަކީ ޤާނޫނީ ދާއިރާއިން ދަސްވެނިވާ ދަސްވެނީންނަށް ޢަމަލީ މައިދާނަށް ނިކުތުމުގެ ކުރިން ޙާޞިލުކުރާންޖެހޭ ލައިސަންސް ނުވަތަ ހުއްދަ ހޯދުމަށް ޓަކައި އެހެން ގޮތަކަށް ދަންނަވާ ނަމަ، ސެތްފިކެޓް ލައިސެންސިންގ ޕްރޮގަރާމް (ސީއެލްޓީޕީ) [Certificate Licensing Training Program (CLTP)] ފުރިހަމަކުރާން މަގުފަހިކޮށްދިނުމަށްޓަކައި ގާއިމުކުރެވުނު އުންމީދީ ބިނާއެކެވެ. މި ކްލިނިކްގެ ސަބަބުން، ތަޖުރިބާކާރު ޤާނޫނީ ވަކީލުންގެ ބެއްލެވުމުގެ ދަށުން ޤާނޫނީ ދަރިވަރުންނަށް ޢަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، ފުރިހަމަވުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއްކަން ކަށަވަރެވެ. އަދި މިއީ ޤާނޫނީ ފަންނުގެ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުން ގާނޫނީ ވަކީލުކަމުގެ ހުވައިކުރުމުގެ ކުރީން ފުރިހަމަކުރާންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި، ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްފައިވާ ދަރިވަރުންނަށް ލިބޭނެ ފަހި ފުރުޞަތެކެވެ.

އިސްލާމީ ޔުނިވަރސިޓީއިން މި ތަޢާރަފުކުރެއްވި ސީއެލްޓީޕީ ޕްރޮގްރާމްއަކީ ޤާނޫނީ ދާއިރާއަށް ނުކުންނާން ބޭނުންވާ މީހުންނަށް މުހިންމު ޢަމަލީ ހުނަރުތައް ދަސްކޮށްދިނުމަށް ޓަކައި ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ވަނީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު (ބެސްޓް ޕްރެކްޓިސް) އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރެވިފައެވެ. މި ޕްރޮގްރާމްގައި މާއްދީ ގޮތުން ކްލާސްރޫމުގައްޔާއި ދާދިވަރުކޮށް އުނގެނުމުގެ މާހައުލެއް (virtual learning environments) އެއްކޮށްލައިގެން، ޙަޤީޤީ ދުނިޔޭގެ ޤާނޫނީ މަސައްކަތުގެ މާޙައުލު، ހަގީގީ ތަޞައްވުރާ އެކު ތަމްސީލުކޮށްދެވި (ސިމިއުލޭޓްކުރެވި) ތަމްރީނު ލިބިގަންނަ ފަރާތްތަކަށް ޤާނޫނީ ދާއިރާގައި އަރުތަވެރި ކުރިމަގެއް އާރާސްތުކުރުމަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިދެވެއެވެ. އަދި ޓްރެއިނިންގ ޕްރޮގްރާމް ނިމުމުން ދަރިވަރުންނަށް ދަސްވާރުކަމުގެ ސަނަދު (certification of completion of internship) ޙާޞިލުކުރެވޭނެއެވެ.

މީގެ އިތުރަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއަށް ޚާއްސަކޮށްގެން ޝާއިޢުކުރައްވާން ފައްޓަވައިފައިވާ އައި.ޔޫ.އެމް ޖާރނަލް އޮފް ލޯސް ނުވަތަ (އައި.ޔޫ.އެމް.ޖޮލް) ވެސް، [އައިޔޫއެމް ލީގަލް ކްލިނިކު] އިފުތިތާޙުކުރެއްވި ރަސްމިއްޔާތުގައި އިފްތިތާޙްކުރައްވައިފައިވާކަމަށް ވެސް މަޢުލޫމާތު ލިބިފައި ވެއެވެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ [ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ]އިން ނެރުއްވާ، ދެ ފަށަށް ފަށްޖަހައިފައިވާ (ޑަބަލް ބްލައިންޑެޑް) [ޕިއަރިވިއުޑް] ޤާނޫނީ ޖާނަލެކެވެ. މިއީ އިންޓަރނޭޝަނަލް ޕިއަރ ރިވިއުޑް ޖާނަލެއްގެ ގޮތުގައި ގިންތިކުރެވިގެން، އިނގިރޭސިބަހާއި ދިވެހިބަހުން، އަހަރަކު އެއްފަހަރު ނެރޭ އިލްމީ ދިރާސީ ދައުރިއްޔާއެކެވެ.

މި ފަދަ ޖަރނަލެއް [ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ]ގެ ފަރާތުން ނެރުމުގެ އެންމެ މުހިންމު ބޭނުމެއްކަމަށް އިސްލާމީ ޔުނިވަރސިޓީއިން މަޢުލޫމާތު ލިބިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެކަޑަމީޝަނުންނާއި، ކިޔަވާކުދީންގެ މެދުގައި ދިރާސާކުރުމުގެ ރޫޙް އާލާކޮށް ޢިލްމީ ފެންވަރެއްގައި، ދިރާސާކުރުމުގެ މަންހަޖުތަކާ އެއްގޮތަށް، ލިޔެވިފައިވާ ފެންވަރު ރަނގަޅު ޤާނޫނީ ދާއިރާގެ، ޢިލްމީ ލިޔުންތައް ގިނަކޮށް އެ ފަދަ ޢިލްމީ ލިޔުންތައް ޝާއިޢުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ފެންވަރުގެ މަންސައެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމެވެ. 

 

ބައެއް ލަފުޒުގެ މާނަ:

މަންސަ     ނ.    ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު.  platform

މޭލުގާ      ނ.    ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް. milestone

ދައުރިއްޔާ    ނ.    ކަނޑައަޅައިފައިވާ މުއްދަތެއްގެ ތެރޭގައި ޝާއިއުކުރާ ނޫސްމަޖައްލާ. periodicals

ދަސްވާރު    ނ.    ފަންނީ ދާއިރާއަކުން ފާހެއް ހާސިލުކުރުމަށް ޓަކައި އެ ކަމާ ބެހޭ ތަނެއްގައި ވަކި މުއްދަތަކަށް ތަމްރީނާއި ތަޖުރިބާ ހޯދުމަށް މަސައްކަތްކުރާ ދަރިވަރު. apprentice

ދަސްވެނިވުން  މ.    (1) މަތީ ތަޢުލީމުގެ ކޯހެއް ފުރިހަމަކޮށް ފުރަތަމަ ޑިގުރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ރަސްމީކޮށް ލިބިގަންނަލިބިގަތުން. އާންމު ގޮތެއްގައި މި ފަދަ ސަނަދުތައް ދަސްވެނީންނަށް ހަވާލުކުރެވެނީ ވަރަށް ޚާއްޞަ އިޙުތިފާލެއްގައެވެ. (2) ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން މަތީތަޢުލީމުގެ ކޯހެއް ފުރިހަމަކުރުމުން ކޯހުގައި ހާސިލުކުރާން ކަނޑައެޅި މިންވަރަށް ހާސިލުވެއްޖެކަމަށް ކަނޑައަޅައި އެ ކަމުގެ ސަނަދުދިނުން. graduation

ދަސްވެނި    ނ.    މަތީ ތަޢުލީމުގެ ކޯހެއް ފުރިހަމަކޮށް ފުރަތަމަ ޑިގުރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ މީހާ. graduate

ދާދިވަރު     ނއ.   (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް. virtual

 

ކޮމެންޓު