ad_banner
މުސްކުޅިކަމުގެ ނިޢުމަތް (1)

އޒ. އިބްރާހީމް ރަޝީދު މޫސާ

1 އޮކްޓޯބަރު 2025

މުސްކުޅިކަމަކީ ނިޢުމަތެކެވ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ނިޢުމަތްތަކުގެ ތެރޭގައި މުސްކުޅިވުން ލެއްވުން ވެއެވެ. އޭނާ ހޭއަރައި ތައްޔާރުވުމަށް ޓަކައެވެ. އޭނާގެ ފަތުގެ އެންމެ ފަހު ޞަފުޙާކޮޅު ރިވެތިކުރުމަށް ފުރުޞަތު ތަނަވަސްވާތީއެވެ. އޭނާގެ އެންމެ ފަހުގެ ނޭވާތަކުގެ ވަސް މީރުކުރުމަށް ޓަކައެވެ. ރަސޫލު الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أَعْذَرَ اللَّهُ إلى امْرِئٍ أخَّرَ أجَلَهُ، حتّى بَلَّغَهُ سِتِّينَ سَنَةً  - އޭނާގެ ޢުމުރުން ފަސްދޮޅަސް އަހަރުވަންދެން  އޭނާގެ އަޖަލު ފަސްކޮށްދެއްވި މީހާއަށް ﷲގެ ޙަޟުރަތުގައި ދެއްކޭނެ ބަހާނައެއް ލިބިގެންނުވެއެވެ.)) 

އިންސާނާ ފިލުވަން މަސައްކަތްކުރާ މުސްކުޅިކަމުގެ ޠަބީޢީ ޢަލާމާތްތަކަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. މުސްކުޅިކަމާ ހަމައަށް ވާޞިލުވުމަކީ އަދި އެކަމުގެ އިޙްސާސް ތިބާއަށް ކުރެވެން ފެށުމަކީ ތިބާއަށް ބަދަލުތަކެއް ގެނުވައި ތިބާ މި ދުނިޔެއަށް ޒާހިދުކުރުވާނެ ކަމެކެވެ. އެއީ ﷲގެ ޙަޟްރަތުގައި ވާ އެއްޗަކަށް ތިބާ ޝައުޤުވެރިކުރުވާނެ ކަމެކެވެ. ފަނާވެދަނިވި އޮފުތަކަށް ހިތްކިޔުން ކަނޑުވައި ދެމި އޮންނަނިވި ދުނިޔެއަށް ހިތްކިޔުއްވާނެ ކަމެކެވެ.

އެންމެ ފުރަތަމަ ތިބާގެ ގާތަށް އަންނާނީ ނުރައިގެ އިންޒާރެވެ. ތިބާއަށް ފެންނާނީ ތިބާގެ ގައިގެ ރީތި ހަންތައް ރޫޖެހެމުންދާ މަންޒަރެވެ. ތިބާގެ ފެނުމާއި އިވުން ކޮށިވަމުންދާތަނެވެ. އެއަށް ފަހު، ތިބާއަށް ކުރެވޭނީ ތިބާގެ ހަށިގަނޑުގެ ބާރު ކަފާސްވަމުންދާކަމުގެ އިޙްސާސެވެ. ތިބާ ހެއްދެވީ މި ފަނާވެދަނިވި ދުނިޔެއަށް ނޫންކަން ދެނެގަތުމަށް ޓަކައެވެ. ތިބާއަށް އެނބުރި ދާން ޖެހޭނީ ﷲގެ ޙަޟުރަތަށް ކަން އަންގަވައިދެއްވުމަށް ޓަކައެވެ.

އާނއެކެވެ! އެއީ ނިޢުމަތެކެވެ. އިންސާނާ މި ދުނިޔޭގައި ޒުވާންކަން މަތީ އުޅެ ޒުވާންކަން މަތީ މަރުވެދާ ނަމަ، އޭނާ ހައްދުފަހަނަޅައިދާނެކަން ކަށަވަރެވެ. އޭނާ އަނިޔާވެރިވާނެކަން ކަށަވަރެވެ.އޭނާ ޣާފިލުވެ އާޚިރަތުގެ ދަތުރަށް ތައްޔާރެއް ނުވާނެތެވެ. މާތް ﷲ މުސްކުޅިވުން ލެއްވީ ނިޢުމަތަކަށެވެ. ކީރިތި ރަސޫލާގެ އިސްވެދިޔަ ބަސްފުޅަށް ބަލައިލަމާ ހިނގާށެވެ!އިސްވެ ބަޔާންކުރި ޙަދީސާ ބެހޭގޮތުން އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި އެ ބަސްފުޅުން އެނގެނީ އޭނާއަށް ހެޔޮ ޢަމަލުތަކާ ދުރުގައި ހުރުމަށް އެއްވެސް ޢުޒުރެއްނެތް ކަމެވެ. އޭނާއަށް މިވަނީ ފުދޭ ވަރެއްގެ ދިގު ޢުމުރެއް ދެއްވައިފައެވެ. މި އަޅާގެ އަޖަލު ދިގުކޮށްދެއްވައިފި ނަމަ  އިބަރަސްކަލާނގެ އަމުރުކުރެއްވި ކަންތައްތައް އަޅާ ކުރާނަމޭ ބުނުމަށް އޭނާއަށް އެއްވެސް ޢުޒުރެއް ނެތެވެ. ﷲ މިވަނީ އޭނާއަށް ފަސްދޮޅަސް އަހަރު ދެއްވައިފައެވެ. އެހެންވީމާ އޭނާއަށް އޮތީ ﷲގެ ޙަޟްރަތާ ކުރިމަތިލުމެވެ. އިސްތިޣްފާރުކޮށް ތައުބާވުމެވެ. މިއިން އެނގެނީ މާތް ﷲ އިންސާނާއަށް ބަހަނާ ދެއްކުމަށް އެއްވެސް ފުރްޞަތެއް ނުދެއްވާނެކަމެވެ. މާތް ﷲ އެއްވެސް އަޅަކަށް ޙުއްޖަތަކާ ނުލައި އަދަބު ނުދެއްވާނެ ކަމެވެ. އިބްނު ބައްޠާލު ވިދާޅުވިއެވެ. " ފަސްދޮޅަސް އަހަރަކީ ޢުޒުރު ދެއްކުން ނިމޭ ހިސާބެވެ. އެ ހިސާބުން އޭނާ އެ ވަނީ ހަތިޔާރު ބަހައްޓަން ޖެހޭ ހިސާބަށް ވާޞިލުވެފައެވެ. އޭނާ އެވަނީ ތައުބާވުމާއި ﷲގެ ޙަޟްރަތަށް ރުޖޫޢަވުމާއި ބިރުވެތިވާން ޖެހޭ ޢުމުރަށް ފޯރައިފައެވެ. މިއީ މާތް ﷲ ގެ އޯގާވަންތަކަން ބޮޑުކަމުގެ ދަލީލެކެވެ. އެކަލާނގެ އިންސާނާއަށް ތަފާތު ގޮތްގޮތަށް ތަފާތު ވަސީލަތްތަކުން ﷲގެ ޙަޟްރަތަށް ގެންނެވުމަށް ވާގިވެރިވެވޮޑިގަންނަވައެވެ. ޣަފްލަތްތެރިކަމުގެ ޙާލަތުން ސަމާލުކަމުގެ ޙާލަތަށް އެބަ ގެންދަވައެވެ. އޭނާއަށް ޢުޒުރުތައް އެބަ ދައްކަވައެވެ. އިންސާނާގެ ޠަބީޢަތުގައި ދުނިޔެދެކެ ލޯބިވުމާއި ދުނިޔޭގެ ދަޅަތަކަށް ހެއްލުންތެރިވުން ވިޔަސް މާތްﷲ އަންގަވަނީ ހަވާނަފްސާ ދެކޮޅަށް ޖިހާދުކުރުމަށެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލޭށެވެ! ތިބާގެ މައިންބަފައިން ސުވަރުގެއިން ނެރެލި ގޮތަށް ތިބާ ސުވަރުގެ ވަނަނުދިނުމަށް އިބްލީސް މަސައްކަތްކުރާނެތެވެ.

  ރަސޫލާގެ މި ޙަދީސްފުޅުން އެނގެނީ ފަސްދޮޅަސް އަހަރުވުމަކީ އަޖަލުގެ ރޮނގާ ހަމައަށް ދެވުމެވެ. ކީރިތި ރަސޫލާގެ އެހެން ބަސްފުޅެއްގައި މި ކަން ކަށަވަރުކޮށްދެއްވައިފައި ވެއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((أعمارُ أمَّتي ما بينَ الستينَ إلى السبعينَ وأقلُّهم مَنْ يجوزُ ذلِكَ  -ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ޢުމުރުތައް ވަނީ ފަސްދޮޅަހާއި ހަތްދިހައާ ދެމެދުގައެވެ. އަދި މި ޢުމުރު ފަހަނަޅައިދާނީ މަދު ބަޔެކެވެ.))

ޙިކްމަތްތެރީން ވިދާޅުވާ ގޮތުގައި ޢުމުރުފުރާތައް ހަތަރެކެވެ. ޅަފުރާއާއި ޒުވާންފުރާއާއި ދެވަންފުރާއާއި މުސްކުޅިފުރާއެވެ.  މުސްކުޅިފުރާއަކީ އެންމެ ފަހު ޢުމުރުފުރާއެވެ. ޢާންމުގޮތެއްގައި މި ފުރާ އޮންނާނީ ފަސްދޮޅަހާއި ހަތްދިހައާ ދެމެދުގައެވެ. އެ ފުރާގައި ގައިބާރު ދެރަވެ މީހާއަށް އުނިކަން ލިބެން ފަށާނެއެވެ. ދުޅަހެޔޮކަން ނެތެން ފަށާނެއެވެ. ކުރީގެ ހީވާގިކަމަށް އެނބުރިއެއް ނުދެވޭނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَنْ نُعَمِّرْهُ نُنَكِّسْهُ فِي الْخَلْقِ أَفَلَا يَعْقِلُونَ  - ތިމަންރަސްކަލާނގެ އެމީހެއްގެ عمر ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ دور ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟ ))

މާތް ﷲ އިންސާނާގެ ޙާލަތު ބަދަލުކުރައްވަމުންދާ ގޮތްނިކަން ދެކެބަލާށެވެ! އެއީ މަލެއް ފަދަ މަޚްލޫޤެކެވެ. ފޮޅުމަށް ފަހު ދެން ދާނީ މޯޅިވަމުންނެވެ.އެއަށްފަހު ވެއްޓެނީއެވެ. އިންސާނާގެ ޢުމުރު ދިގުވި ވަރަކަށް އޭނާގެ ބާރު ދާނީ ނިކަމެތިވަމުންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((اللَّهُ الَّذِي خَلَقَكُمْ مِنْ ضَعْفٍ ثُمَّ جَعَلَ مِنْ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنْ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً يَخْلُقُ مَا يَشَاءُ وَهُوَ الْعَلِيمُ الْقَدِيرُ  - ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.)) ﷲގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ  -އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން شك އެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ أصل) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (آدم ގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ مدة އަކަށް رحم ތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި أرذل العمر އަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ.)) މުފައްސިރުން ވިދާޅުވާ ގޮތުގައި މި ބަސްފުޅުގެ މުރާދަކީ މި ގޮވައްޗަކީ ފަނާވެދަނިވި ތަނެއްކަން ބަޔާންކޮށްދެއްވުމެވެ. އެއީ ދާއިމީ ތަނެއްނޫންކަން އެންގެވުމެވެ. އިސްވެ ބަޔާންކުރި ޔާސީން ސޫރަތުގެ 68ވަނަ އާޔަތުގައި ((أَفَلَا يَعْقِلُونَ - ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟ )) މި ގޮތަށް އެންގެވީ އިންސާނުން ހެއްދެވީ އެހެން ގޮވައްޗަކަށް ކަން އެންގެވުމަށެވެ. އެއީ އާޚިރަތްދުވަހެވެ. އެބައިމީހުންނަށް އެ ދުނިޔެއާ ދުރަކަށް ނުދެވޭނެއެވެ. މާތް ﷲ އިންސާނާގެ ޙާލަތު މި ގޮތަށް ބަދަލުކުރައްވަނީ އެކަލާނގެ ނިޔާކުރައްވާ ޙިކްމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މާތް ﷲ އިންސާނާއަށް އޭނާގެ ނިކަމެތިކަން ދައްކަވާންވެގެންނެވެ. ﷲގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަން ދެއްކެވުމަށް ޓަކައެވެ.  (ނުނިމޭ)

 

މަރުޖާ:

[1]  - أخرجه البخاري (٦٤١٩)

[2] -  މިއީ ހިޖްރީ 60 އަހަރެވެ. އެއީ މީލާދީގޮތުންނަމަ ގާތްގަނޑަކަށް 58 އަހަރެވެ.

[3]  - أخرجه الترمذي (٣٥٥٠)، وابن ماجه (٤٢٣٦) الألباني، صحيح الجامع (١٠٧٣) • صحيح )

[4]  - يس: 68

[5]  - الروم: 54

[6]  - الحج: 5

ކޮމެންޓު