އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
29 ސެޕްޓެންބަރު 2025
ތ. ގުރައިދޫ: ކަންޑަރާ ބިމުން ގުޅައިލެވި ދެ ފަހަރެއްގެ މަތީން ބިންހިއްކައިފައި.
ކޮޅުމަޑުލު ގުރައިދޫ އެހެން ރަށްރަށާ ތާފަތުތޯއެވެ؟ މި ސުވާލު އަޅުގަނޑާ މީހަކު ކޮށްފި ނަމަ، ޖެހިލުމެއް ނެތި ވަރަށް އަވަހަށް ދަންނަވާނީ އާދޭހެވެ! ވަރަށް ބޮޑަށެވެ. ފަހަރެއްގައި މި ތަފާތު ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ޚުދު އެ ރަށު ރައްޔިތުންނަށް ވެސް މި ކަން ފާހަގަނުކުރެވި އޮވެދާނެއެވެ. އަޅުގަނޑަކީ ރާއްޖޭގެ މަދު ދެތިން ރަށެއް ފިޔަވައި ހަމަ ހުރިހައި ރަށަކަށް ދަތުރުކުރުމުގެ ނަސީބު ލިބިފައިވާ މީހަކަށްވާތީ މި ތަފާތު ފާހަގަކުރެވުނީއެވެ. އަދި ވަކީން ޚާއްޞަކޮށް ހަތަރު އަހަރެއް ހައި ދުވަހު، އެ ރަށުގައި އުޅެލުމުގެ ފުރުޞަތު ލިބިފައިވާތީ އެ ކަން ވަރަށް ގާތުން ދެނެގަނެވުނީއެވެ.
ގާތްގަނޑަކަށް 84 ހެކްޓަރުގެ ބިމެއް މިހާރު ލިބިފައިވާ ތ. އަތޮޅު ގުރައިދޫ އޮންނަނީ މާލެއާ ގާތްގަނޑަކަށް 206 ކިލޯމީޓަރު ދުރުގައެވެ. ޖޯގުރަފީ ގޮތުން ބަލާއިރު، އެ ރަށް އޮތީ އުތުރު ޢަރުޟުން ''30 '19° 2ގައެވެ. އަދި އިރުމަކީ ޠޫލުން ''9 '1973° ގައެވެ. ގުރައިދޫ ކަނޑަކީ، ކަނޑު ދަތުރުފަތުރުކުރާ މީހުން ހައްދުންމައްޗަށް ދާން އެންމެ އާންމުކޮށް ނުކުންނަ ކަނޑުއޮޅިއެވެ. އެ ރަށާއި ހައްދުންމައްޗާ ދެމެދު އޮންނަނީ ހައްދޫކަނޑެވެ. (މި ކަނޑަށް މި ފަހަކަށް އައިސް [ވޭމަންޑޫ ކަނޑޭ] ލިޔެކިޔައި އެބަ އުޅެއެވެ. އެއީ ތާރީޚީ ގޮތުން ވަރަށް ބޮޑު އޮޅުވައިލުމެކެވެ. ހަގީގަތުގައި ވޭމަންޑޫ ކަނޑަކީ، ގުރައިދޫ ކަނޑު ފަދައިން، ހައްދޫކަނޑަށް ނުކުންނަ ކަނޑުއޮޅިއަކަށް ކިޔާ ނަމެކެވެ.)
ތ. ގުރައިދޫގައި، ރަށުގެ އާބާދީ ބޮޑުވެ، އިތުރަށް ބިން ބޭނުންވުމުން، އެ ރަށު ފަޅުތެރޭގައި އޮންނަ [ކަންޑަރު]ކިޔާ ރަށަކާ އެ މީހުން އަމިއްލައަށް ބުރިޖަކުން ގުޅައިލިއެވެ. ސަރުކާރުގެ އެހީއެއް ނުހޯދައި އަމިއްލައަށެވެ. ރައްޔިތުންގެ ޚަރަދުގައެވެ. ފަހުން އެ ރަށް ގުރައިދުއާ ބިމުން ގުޅައިލެވުނެވެ. ގުރައިދޫގެ ބިމުގެ އަސްލު ބޮޑުމިނަކީ 34 ހެކްޓަރުކަމަށް ވިޔަސް 2014 ހައި ތާނގައި އެ ރަށަށް 47 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރުކުރެވުނެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެ ފަހަރު 60 ހެކްޓަރުގެ ބިން އިތުރުކުރެވުނެވެ. ނަމަވެސް ގުރައިދޫ ކައުންސިލްގެ ރައީސް ތައުފީޤު ޢަލީ ވިދާޅުވަނީ އެ ފަހަރު އިތުރުކުރެވުނީ 45 ހެކްޓަރުގެ ބިންކަމަށެވެ. ކޮންމެއަކަސް 45 ހެކްޓަރަށް ވުރެ ކުޑަ ނޫން މިންވަރަކަށް ހިއްކައިގެން ގުރައިދޫއަށް ބިން އިތުރުކުރެވުނެވެ. މީގެ އިތުރަށް މި ހިނގާ 2025ވަނަ އަހަރު އިތުރު 13 ހެކްޓަރުގެ ބިން އެ ރަށަށް ހިއްކައިގެން އިތުރުކުރެވުނެވެ. އިތުރު ހަތް ހެކްޓަރުގެ ބިން ހިއްކާން މިހާރު ސަރުކާރުން ވަނީ ކަނޑައަޅުއްވައިފައެވެ.
މިހާރު އާބާދީގައި 2270 މީހުން ދިރިއުޅޭ މި ރަށަށް ޞިއްޙީ ޚިދުމަތް ތަރައްގީކުރާން ބޭނުންވި ހިނދު، ރައްޔިތުންގެ ޚަރަދުގައި އެ މީހުން އަމިއްލައަށް ޞިއްޙީ މަރުކަޒެއްގެ ދެބުރި ޢިމާރާތެއް ބިނާކޮށް، ރައްޔިތުންގެ ޚަރަދުގައި ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނެސް ޚިދުމަތްދޭން ފެށިއެވެ. ދޮޅު އަހަރެއްހައި ދުވަހު މި ތަން ހިންގުމަށް ފަހު، ފަހުން ސަރުކާރާ ޙަވާލުކުރީއެވެ. މިހާރު ހޮސްޕިޓަކަކަށް ބަދަލުވުމުގެ މަގުމަތީގައިވާ ޞިއްޙީ މަރުކަޒުގެ ފެށުމަކީ މި ދެންނެވީއެވެ.
ރައްޔިތުން ޕްރީ ސްކޫލުގެ ޚިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚަރަދުގައި ރައްޔިތުން ހިންގިއެވެ. އަދި އެ ރަށުގައި ހުންނަ އަތޮޅު މަދަރުސާއަށް ކުތުބުޚާނާއެއްގެ ޚިދުމަތް ބޭނުންވި ހިނދު، ހަމަ ބެލެނިވެރީންނާއި ރައްޔިތުންގެ ޚަރަދުގައި ދެ ބުރި ޢިމާރާތެއް ސަރުކާރާ ނުބެހި ބިނާކުރިއެވެ.
މި މަގާލު ވިދާޅުވާ ބޭފުޅުންގެ ހިތްޕުޅުގައި ދެން އުފެދިދާނެ ސުވާލަކީ އެ ރަށު ރައްޔިތުން އެހައި ގިނައި ފައިސާ ހޯދަނީ ކިހިނެއްހެއްޔެވެ؟ އާދޭހެވެ! ހިތްޕުޅުގައި ތިޔަ ސުވާލު އުފެދިދާނެއެވެ. މި ދެންނެވި ދުވަސްވަރަކީ ރަށުގެ ހިންގުމުގެ މުޅި ބާރުވެރިކަން ރައްޔިތުންނަށް ނުލިބޭ ރަށު އޮފީހުގެ ޒަމާނެވެ. އޭރަކު ރަށު ކައުންސިލުތަކެއް ނޫފެދެއެވެ. ރަށުގެ އިޚުތިޞާސްގައި ހިމެނޭ ބިމާއި ފަޅުރަށްރަށާއި ފަޅު ފަރުގެ މިލްކުވެރިކަމެއް ރަށު އޮފީހަކަށް އޭރަކު ނޯވެއެވެ. އެހެންވީމާ، އާމްދަނީ ލިބޭން އޮންނާނީ ހަމައެކަނި ދައުލަތުގެ ބަޖެޓުން އަތޮޅު އޮފީހަށް ކަނޑައަޅުއްވާ ބައިން ގުރައިދޫ ރަށު އޮފީހަށް ދެއްވާ ފައިސާއެއްތާއެވެ.
ތެދުފުޅެކެވެ. ތިޔަ ކަން އޮތީ ތިޔަ ބީދައިންނެވެ. ނަމަވެސް ގުރައިދޫ ރައްޔިތުންނަކީ ވަޠަނީ ބަޔެކެވެ. އިޖުތިމާޢީ ކުރިއެރުމާއި ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ބަޔެކެވެ. ހުރިހައި ކަމެއް ސަރުކާރުން ކޮށްދެއްވަންދެން މަޑުން ތިބުމަކީ އެ މީހުން (ހަމަ ގައިމު ވެސް އޭރު) ގަބޫލުކުރާ ފަލްސަފާއެއް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި އެ މީހުން ފެށީ ވިޔަފާރިއެވެ. ގުރައިދޫ ރައްޔިތުންގެ އިސްޓޯރުގެ ނަމުގައެވެ. ބޮޑު ފިހާރައެވެ. ރަށަށް ބޭނުންވާ ހުރިހައި މުދަލެއް އެންމެ ހެޔޮ އަގުގައި އެ ފިހާރައިން ގަންނާން ލިބޭން ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން، އެ ރަށު ރައްޔިތުންގެ އިތުރަށް ކައިރި ރަށްރަށުގެ ރައްޔިތުން ވިޔަފާރިކުރާ ހަބަކަށް ގުރައިދޫ ބަދަލުވިއެވެ.
ރައްޔިތުންގެ ތެރެއިން އަންހެނުން އަދި ވަކީން އެހެން ވިޔަފާރިއެއް ފަށައިގެން ތަރައްގީކުރިއެވެ. ރެސްޓޯރަންޓުގެ ޚިދުމަތެވެ. ހުރިހައި ޚިދުމަތެއް ދެމުން ގެންދިޔައީ މުރާލި އަންހެނުންނެވެ. ކާބޯތަކެތީގެ މީރުކަމާއި ޚިދުމަތް ރަނގަޅުކަމުން މިއީ ވެސް ވަރަށް ފައިދާ ހުރި ވިޔަފާރިއަކަށް ވިއެވެ. ކައިރި ރަށްރަށުން [ގުރައިދޫ އަންހެނުންގެ ހޮޓަލުން] ކާ އެއްޗެއްގެ ރަހަ ބަލައިލުމަށް ޓަކައި ޒިޔާރަތްކޮށް އުޅުނެވެ.
އަންހެނުން ރައްޔިތުންގެ ނަމުގައި ވަލަށް ގޮސް ކާށި ހޮވައި އެ ވިއްކައިގެން ވެސް ނަފާ ހޯދިއެވެ. މި ނޫނަސް އާމްދަނީ ލިބޭނެ ކިތަންމެ މަސައްކަތެއް ރައްޔިތުން ކުރިއެވެ.
މި ދެންނެވީ 1990ގެ އަހަރުތަކުން ފެށިގެން އެ ރަށު ރައްޔިތުންގެ ޚިދުމަތް ހުރި ގޮތުގެ ކުޑަ މިސާލެކެވެ. މި ދެންނެވީ އަޅުގަނޑު އަމިއްލައަށް ތަޖުރިބާ ކޮށްގެން ލިޔެފައިވާ ހަގީގީ ވާހަކަތަކެކެވެ. މި މަގާލު ލިޔުމަށް ޓަކައި ގުރައިދޫ މީހެއްގެ ގާތަކުން މަޢުލޫމާތެއް ނުހޯދަމެވެ. މަޢުލޫމާތު ހޯދުނު ނަމަ، މިއަށް ވުރެ މާ ގިނަ ކަންކަން އެ މީހުން ކޮށްފައި ހުރިކަން އަދި ކުރަމުން ގެންދާކަން ހާމަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ އެ މީހުންނަނީ ވަރަށް ޤައުމީ އަދި ވަޠަނީ ފިކުރުގެ ބަޔަކަށް ވާކަމެވެ. އެއީ އެއްބައިވަންތަ، އެކުވެރި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ކޮންމެ ފަރުދަކު ވެސް އެ މީހެއްގެ އަމިއްލަ ކުރިއެރުމަށް މަސައްކުރާ އިރު، އެއަށް ވުރެ ބޮޑަށް މަސައްކަތްކުރަނީ ރަށާއި މުޖުތަމަޢުގެ ކުރިއެރުމަށެވެ.
މި ރޫޙާއި ފޯރި މިހާރު ވެސް އެ މުޖުތަމަޢުން ފެނެއެވެ. ދާދި ފަހުން، މި މި މަހު 25ވަނަ ދުވަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އެ ރަށަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުންގެ އެއްބައިވަންތަކަން ހާމަވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ޓަކައި އެ ރަށުގެ އެންމެ ދެ މީހަކު ފިޔަވައި ހުރިހައި އެންމެން، ކުދިބޮޑު އެންމެން، ހާޒިރުވިއެވެ. މާނައަކީ ރަށުގެ ރައްޔިތުންގެ %99.91 މީހުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙާބާ ދަންނަވައި ސަލާންކުރާން ނުކުތެވެ. ހަމަ އެކަނި ނުކުތީކީ ނޫނެވެ. އިސް ރައްވެހީން ވެސް މާ ކުރީއްސުރެ ތައްޔާރުކޮށްފައިވާ ހެދުން ލައި ޒީނަތްތެރިވެގެން ނުކުމެ – އަންހެނުން ގައުމީ ހެދުންލައި ރަންފައްޓަރުބައި އަޅައިގެން - ތިބީ އުފަލާ އެކުގައެވެ. މީހުން މާ ގިނަ ވެދާނެތީ، އަވައްޓެރި ރަށްރަށުން އެ ވަގުތާ ދިމާކޮށް އެއްވެސް ބަޔަކު ނާންނާން ވެސް އޮތީ އިރުޝާދު ދެވިފައެވެ. އެހެންކަމުން ރައީސުލްޖުމުހޫރިއްޔާއަށް މަރުޙަބާދަންނަވާން އެ ދިގު ސަފުގައި ތިބި އެންމެންނަކީ ހަމައެކަނި ގުރައިދޫ ރައްޔިތުންނެވެ. ކޮޅާއިކޮޅު ނުފެންނަ އެ ސަފުގައި ތިބީ ހަމަ އެކަނި އެ ރަށު މީހުންނެވެ.
ރައީސުލްޖުމުހޫރިއްޔާ ވެސް އެ ކަމާ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހުނުކަން މޫނުފުޅުމަތީން ހާމަވިއެވެ. ގުރައިދޫއަކީ ޑރ. މުޙަންމަދު މުޢިއްޒު ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަމަ ޒިޔާރަތްކުރެއްވި ރަށް ވެސް މެއެވެ. އެއީ އެ މަނިކުފާނުގެ ވަޢުދުފުޅެކެވެ. އެންމެ މަތީ އިންސައްތައަކުން އެ މަނިކުފާނަށް ވޯޓުދެއްވާ ރަށަކަށް އެންމެ ފުރަތަމަ ވަޑައިގަންނަވާނޭކަމުގެ ވަޢުދެވެ. އެންމެ ބޮޑު އިންސައްތައަކުން ރައީސް ޑރ. މުޢިއްޒަށް ވޯޓު ދިނީ ތ. ގުރައިދޫންނެވެ. އެހެންކަމުން އެ ވަޢުދުފުޅު އެ ގޮތަށް ފުރިހަމަކުރެއްވީއެވެ. އެހެންކަމުން އެ ކަން އެ ރަށު ރައްޔިތުން ފަޚުރުވެރިކަމާއި ޝުކުރުވެރިކަމާ އެކު، ގަބޫލުކުރެއެވެ. ގުރައިދޫ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަކީ އިތުރުފުޅު ހައްދަވާނޭ ބޭފުޅެއްނޫނެވެ.
ގުރައިދޫ ރައްޔިތުން ތިބީ އުފަލުންނެވެ. އެ މީހުން އެ މީހުންގެ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޓަކައި މާޒީގައި ކުރި މަސައްކަތުގެ ފޮނި މޭވާ މިއަދު ލިބެމުންދާތީއެވެ. ރަށުގައި ވައިގެ ބަނދަރެއް ހެދެނީއެވެ. މަގުތަކުގައި ތާރުއެޅެނީއެވެ. މަސްވެރީންނަށް ޓަކައި ސިއްހީ ވަސީލަތްތައް ފުރަތަމަ ފަހަރަށް ގާއިމުކުރެވުނީއެވެ. ސިއްޙީ ޚިދުމަތްތައް ފުރިހަމަވަނީއެވެ. އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަށުން ލިބޭ ގޮތަށް ހަމަޖެހެނީއެވެ.
ނަސީބު ދިމާކުރި ގޮތުން ކައުންސިލުގެ ރައީސަކަށް މިހާރު ހުންނެވީ، ތަޢުލީމީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު އިޚުލާސްތެރި ހިންގުންތެރިއެކެވެ. ވީމާ، ރައްޔިތުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ގެންދަވަނީ ވަގުތުންވަގުތައް ދެއްވަމުންނެވެ.
އާދޭހެވެ! ގުރައިދޫ އެހެން ރަށްރަށާ ތަފާތެވެ. އެ ރަށުގެ ރައްޔިތުންނަކީ ނަމޫނާ ބަޔެކެވެ. ގައުމީ ފިކުރުގައި ތިބި ވަޠަނީ ޚިޔާލުގެ އެކުވެރި އެއްބައިވަންތަ ބަޔެކެވެ. އެއީ ރާއްޖޭގެ އެހެން ރަށްރަށުން ޒިޔާރަތްކޮށް ނަމޫނާ ލިބިގަންނާން ރަނގަޅު ރަށެކެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާ އިރު، ދެންނެވޭން އޮތީ ކޮޅުމަޑުލު ގުރައިދޫ އެހެން ރަށްރަށާ ތާފަތުކަމަށެވެ. އެއީ ނަމޫނާ ރަށެކެވެ.
ލަފުޒެއްގެ މާނަ:
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.