ad_banner
ނަވާރަ ބިލިއަން ޑޮލަރުގެ ވައިގެ ދިފާޢީ ނިޒާމު – ހިމޭންކޮށްލީ އެންމެ ފިތަކަށް ފިތައިލައިގެން.

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

13 ސެޕްޓެންބަރު 2025

އެމެރިކާއާއި އިސްރާއީލުގެ ހަގީގީ ގުޅުން މުސްލިމުންނަށް ނޭނގޭކަމީ ހިތަމަހުރި ކަމެކެވެ.

ޤަޠަރުގެ 19 ބިލިއަން ޑޮލަރުގެ ވައިގެ ދިފާޢީ ނިޒާމުތައް، އެންމެ ބޭނުންވީ ވަގުތު މަސައްކަތްނުކުރީ ކީއްވެގެންހެއްޔެވެ؟ ހުޅަނގުގެ ޤައުމުތަކުން، އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ގަތުމަކީ، ޤައުމުގެ ދިފާޢީ ބާރު ފޫއަޅުވައިނުލެވޭނެކަމުގެ ޔަޤީންކަން ލިބިދޭ ކަމެއްނޫނެވެ. ގިނަ ފަހަރަށް، އެއީ ޤައުމުގެ ފައިސާ ބޭކާރުކުރުންކަން ޤަޠަރުގެ ހާދިސާއިން ސާބިތުވެއެވެ. ޤަތަރު ސަރުކާރުން، އެ ޤައުމުގެ ވައިގެ ސަރަޙައްދު ދިފާޢުކުރުމަށް ޓަކައި، ދުނިޔޭގެ އެންމެ ޒަމާނީ، ވައިގެ ދިފާއީ ހަތަރު ނިޒާމެއް (އެއަރ ޑިފެންސް ސިސްޓަމް) ގަނެފައިވެއެވެ. އޭގެތެރޭގައި، އެމެރިކާގެ [ޕެޓްރިއޮޓް ޕީ.އޭ.ސީ-3]އާއި، [ތާޑް އައްޑަނަ]އާއި، ނޯވޭގެ [ނާސަމްސް-2]އާއި [އިނގިރޭސި ރޭޕިއާ]އާއި، ފްރާންސް-ޖަރުމަނުގެ ރޯލެންޑް ހިމެނެއެވެ. މި ނިޒާމުތައް ގަތުމާއި، ބެލެހެއްޓުމާއި، މީހުން ތަމްރީނުކުރުމަށް ޖުމްލަ 19 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ޤަޠަރުން ޚަރަދުކޮށްފައިވެއެވެ. އެކަމަކު، ހައިރާންވާ ކަމަކީ، މި ހުރިހައި ނިޒާމުތަކަކީ، އެންމެ ބޭނުންވީ ވަގުތު، ބޭކާރު ނިޒާމުތަކަކަށްވީކަމެވެ. ބުނެވޭ ގޮތުގައި އަދި ގަބޫލުކުރެވޭ ގޮތުގައި މި ހުރިހައި ނިޒާމެއް ބޭނުންނުކުރެވޭ ގޮތް ހަދައިލީ (ޑިއެކްޓިވޭޓް ކޮށްލީ) އެންމެ ފިތަކަށް ފިތައިލައިގެންނެވެ.

އާދޭހެވެ! ދުނިޔޭގައިވާ އެމެރިކާގެ އެންމެބޮޑު އަސްކަރީ މަރުކަޒު ހުރީ ޤަޠަރުގައެވެ. ކުރީން ދެންނެވި އެއަރ ޑިފެންސް ސިސްޓަމްތައް ބަލަހައްޓަނީ އެމެރިކާއިންނެވެ. އިޒުރޭލުން ޤަޠަރަށް ހަމަލާދިނީ ދުރާލައި ރާވައިގެން، އެމެރިކާގެ ރުހުމާ އެކުގައެވެ. އެހެންކަމުން އެއަރ ޑިފެންސް ސިސްޓަމްތައް ޑިއެކްޓިވޭޓްކުރީ އެމެރިކާ ސިފައިންނެވެ.

އޭގެ އިތުރަށް ޢަރަބި އިސްލާމީ އެތައް ޤައުމެއް ހުރަސްކޮށް ޤަޠަރަށް ހަމަލާދިން އިރު، އެ ހުރިހައި ޤައުމުތަކުގެ ވައިގެ ދިފާޢީ ނިޒާމު އޮތީ ފޭލިވެފައިހެއްޔެވެ؟ ނޫނެކެވެ. އިޒުރޭލުގެ ހަނގުރާމަމަތީ ޖެޓްތައް ދަތުރުކޮށްފާއިވާ މިސްރާބަށް ބަލާ އިރު ސަޢޫދީއާއި، އުރުދުނާއި، އަދި ޢަރަބި ޢިމާރާތަށް ވެސް، އެ ބޯޓްތަކުގެ ޙަރަކާތްތައް ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް، ހުރިހައި ކަމެއް ނިމުމުން، ކިނބޫ ކަރުނަ ބާލަމުން، ޤަޠަރަށް ގުޅައިފައި އިޒުރޭލުގެ ޢުދުވާނު (އަނގަބަހުން) ކުށްވެރިކުރީތާއެވެ.

މި ހާދިސާއިން ވަރަށް ހިތި ޙަޤީޤަތެއް ހާމަކޮށްދެއެވެ. ހުޅަނގުން އުފައްދައި، އިސްލާމީ ޤައުމުތަކަށް ވިއްކާ ހަތިޔާރުތަކަކީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ދިފާޢުކޮށްދޭނެ ހަތިޔާރުތަކެއް ނޫންކަމެވެ. އެއީ އަޅުގަނޑުމެންގެ ނާޒުކުކަން އިތުރުކޮށް، އެކަކު އަނެކަކާ ދެކޮޅަށް ބޭނުންކުރާން ވިއްކާ ހަތިޔާރުތަކެއްކަމެވެ. އޭގެ އިތުރަށް ކިތަންމެ ގިނަ ފައިސާއާއި، އަގުބޮޑު ހަދިޔާތަކެއް ދިންކަމުގައި ވިޔަސް، އެމެރިކާގެ ރުހުމާއި، ލޯތްބެއް ނުލިބޭނެއެވެ. އަދި އެމެރިކާއާއި އަދި އިޒުރޭލާއި ދެމެދު އޮންނަ ގުޅުމަކަށް ބުރުލެއްއަރުވައެއްނުލެވޭނެއެވެ.

އެމެރިކާއާއި، އިޒުރޭލާ ދެމެދު އޮންނަ ގުޅުމަކީ ވަގުތީ ފަސޭހައަކަށް ނުވަތަ ވަކި މުޢާމަލާތެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ފުން އީމާންތެރިކަމާއި، ދީނީ ވަކި ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ (ހިތާއި ހިތުގެ) ގުޅުމެކެވެ. ދުވަހަކު ވެސް ބަދަލު ނުވާނޭ ބަދަހި ގުޅުމެކެވެ. ހިތާމައަކީ، އަޅުގަނޑުމެން މުސްލިމުންނަށް، މި އަސާސީ ޙަޤީޤަތް ދެނެގަތުމުގައި އަދިވެސް ނާކާމިޔާބުވެފައިވުމެވެ.

ކޮމެންޓު