އަބާ މުޙަންމަދު
14 ސެޕްޓެންބަރު 2025
ސިންގަޕޫރުގެ ރަސްމީ ހަތަރު ބަހެއް އޮންނަ އިރު، ރަސްމީ ކަންކަމާއި އިގުތިސާދީ ކަންކަމުގައި އެންމެ ގިނައިން ބޭނުންކުރަނީ އިނގިރޭސިބަހެވެ. ނަމަވެސް ސިންގަޕޫރުގެ ގައުމީ ބަހަކީ މެލޭ ބަސްކަމަށް ސީދާ ގާނޫނު އަސާސީގައި އޮންނާތީ މެލޭ ބަސް ޙިމާޔަތްކުރުމަކީ ސިންގަޕޫރު ސަރުކާރަށް ލާޒިމުކަމެކެވެ.
ޤައުމީ ބަހަކީ މެލޭ ބަސްކަމަށް ވިޔަސް ރަސްމީ ބަހުގެ ގޮތުގައި ޗައިނާގެ މެންޑަރިންބަހާއި ތަމަޅަބަހާއި މެލޭބަހާއި އިނގިރޭސިބަހާއި މި ހަތަރު ބަސް ހިމެނެއެވެ. ސިންގަޕޫރުގެ އަސްލު ވަޒަންވެރީންނަކީ މެލޭ ދަރިކޮޅުގެ މީހުންކަމަށް ވިޔަސް ޗައިނާ ދަރިކޮޅުގެ އާބާދީއަކީ ކުޑަ އާބާދީއެއް ނޫނެވެ. އެހެންކަމުން މެންޑަރިންބަހަށް އިސްކަންދޭން ސިންގަޕޫރަށް ލާޒިމުވެއެވެ. އަނެއްކޮޅުން ދުނިޔޭގައި މެންޑަރިންބަހުން ވާހަދައްކާ މީހުންގެ އާބާދީ ބިލިޔަކަށްވުރެ އިތުރުވެފައިވުމަކީ އެ ބަހަށް އިސްކަންދީގެން ކުރިމަގު އުޖާލާކުރެވޭނެކަމެއްކަމަށް ސިންގަޕޫރު ގަބޫލުކުރެއެވެ. އަދި ސިންގަޕޫރުގައި މެންޑަރިން (ޗައިނާ) ބަހުން މަތީތަޢުލީމު ޙާޞިލުކުރާން އެދޭ ދަރިވަރުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެ ބަހުން ކިޔަވައިދޭ ޕުރޮގްރާމުތަކަށް ބާރުބޮޑުވުމުގެ ސަބަބުން އިތުރު ޕުރޮގްރާމުތައް މެންޑަރީންބަހުން ހިންގާން ސިންގަޕޫރުގެ މަގުބޫލު ގިނަ ޔުނިވަރސިޓީތަކުން ނިންމި ނިންމުމަކީ، އެ ޔުނިވަރުސިޓތަކަށް ފުރުޞަތު އިތުރުވާނެ ކަމެއްކަން ކަށަވަރެވެ. މީގެ އިތުރަށް މަތީ ތަޢުލީމަށް ޓަކައި ޗައިނާއިން ސިންގަޕޫރަށް ދާ ދަރިވަރުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވާނެކަމެއްކަން ކަށަވަރެވެ.
ގާތްގަނޑަކަށް ދިހަ އަހަރު ވަޒީފާގައި އުޅުމަށް ފަހު، މިސް ޖިން ޝީ ވަޒީފާގައި ކުރިއަށް ދިޔުމަށް ޓަކައި މާސްޓާރސް ޑިގްރީ ހާސިލުކުރާންވީ ވަގުތު އަތުވެއްޖެކަމަށް 2020ވަނަ އަހަރު އޭނާ ގަބޫލުކުރިއެވެ.
އެހެންނަމަވެސް ދާއިމީ ވަޒީފާއެއްގައި އުޅެމުން ބޭރުގެ ގިނަ ޔުނިވަރުސިޓީތަކުން ބޭނުންވާ އިނގިރޭސި ބަހުގެ އިމްތިޙާނުތަކަށް ތައްޔާރުވުމަކީ އުނދަގޫ ކަމެއްކަން އޭނާއަށް އެނގެއެވެ. ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އޭނާގެ ތަދުބީރުތައް އިތުރަށް ލަސްވިއެވެ.
އެކަމަކު ޗައިނާގެ ރައްޔިތެއްކަމަށްވާ މިސް ޖެންޝީ، ކޮވިޑް-19އަށް ފަހު އަލުން މަތީތަޢުލީމުގެ ފުރުޞަތުތައް ހޯދާން މަސައްކަތް ފެށުމުން އެނގުނީ ސިންގަޕޫރުގެ ބައެއް ޔުނިވަރުސިޓީތަކުން މެންޑަރިން ބަހުން ކިޔަވައިދޭ ޕޯސްޓްގްރެޖުއޭޓް ޕުރޮގްރާމްތައް ހުރިކަމެވެ.
މިހާރު އުމުރުން 35 އަހަރުގެ މިސް ޖިން ޝީ، ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރުސިޓީ އޮފް ސިންގަޕޫރު (އެންޔޫއެސް)އާއި ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަރުސިޓީ (އެންޓީޔޫ)އަށް ވެސް ކުރިމަތިލިއެވެ. އެންމެ ފަހުން އެންޓީޔޫގެ [އެގްޒެކެޓިވް މާސްޓަރ އޮފް ސައިންސް]އިން މެނޭޖަރިއަލް އިކޮނޮމިކްސް ޕުރޮގްރާމްގައި މެންޑަރިން ބަހުން ކިޔަވާން ނަންނޯޓުކުރިއެވެ. ކިޔަވާން ފެށީ މި އަހަރުގެ މާރިޗު މަހުގައެވެ.
މީގެ ދިހަ އަހަރު ކުރިން ޗޮންގްޗިންގް ޔުނިވަރުސިޓީން އަންޑަގްރެޖުއޭޓް ކޯސް ފުރިހަމަކުރި އިރު، އޭނާގެ ގިނަ އެކުވެރީން އުންމީދުކުރީ އެމެރިކާ ނުވަތަ ޔޫރަޕުގައި އިތުރު ތައުލީމު ހާސިލުކުރުމަށެވެ. މިއަދު އެންޓީޔޫގައި އޭނާގެ ގިނަ ކްލާސް ކުދިންނަކީ ސީދާ ފުރަތަމަ ޑިގްރީ ހާސިލުކުރުމަށްފަހު ޕޯސްޓްގްރެޖުއޭޓް ކިޔެވުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ސިންގަޕޫރު ދެކޭ ޗައިނާގެ ދަރިވަރުން ކަމަށް އޭނާ ބުންޏެވެ.
[އެ ހުރިހައި ކުދީންނަށް ވަރަށް ކަމުދޭ ސިންގަޕޫރު. އަޅުގަނޑަށް ހީވަނީ އެއީ ވޭތުވެ ދިޔަ މަދު އަހަރުތަކުގައި ސިންގަޕޫރުގެ އިގްތިސާދު ވަރަށް ރަނގަޅަށް ކުރިއަށް ގޮސްފައިވާތީ ކަމަށް.] މިސް ޖިން ބުންޏެވެ.
[މީގެ ދިހަ އަހަރު ކުރީން އެމެރިކާއާއި ޔޫރަޕުގެ ކުރިއެރުން ވަރަށް ރަނގަޅު. އެހެންވީމާ އެންމެން ވެސް އެ ތަންތަނަށް ދާން ބޭނުންވި. މިހާރު، އަޅުގަނޑުމެން ސިންގަޕޫރަށް އަންނާން ބޭނުންވަނީ އިގްތިސާދު ރަނގަޅަށް ކުރިއަށްދާތީއާއި ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުގެ ޔުނިވަރުސިޓީތަކަށް ވެސް ވަދެވޭނެ ގޮތް އޮތީމާ. އެއީ ވެސް ކުރިއަރަމުން އަންނަ ސަރަހައްދެއް. އެހެންވީމާ މި ތަނުގައި ވަޒީފާގެ އިތުރު ފުރުސަތުތައް ވެސް އެބަހުރި.]
ދާދި ފަހުން ޗައިނާގެ ތަޢުލީމީ ވުޒާރާއާއި ބެއިޖިންގައި ހުންނަ [ތިންކް ޓޭންކް ސެންޓަރ ފޮރ ޗައިނާ އެންޑް ގްލޯބަލައިޒޭޝަން]ގެ ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާގެ ދަރިވަރުން އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތަށް ފަހު ދެވަނައަށް ސިންގަޕޫރު ކަނޑައަޅައިފައިވާ ކަމަށެވެ.
މެންޑަރިން ބަހުން މަތީ ތަޢުލީމު ހާސިލުކުރާން އެދެ ދަރިވަރުން ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ ސިންގަޕޫރުގެ ޔުނިވަރުސިޓީތަކުން ގެންދަނީ މެންޑަރިން ކިޔަވައިދޭ ޕޯސްޓްގްރެޖުއޭޓް ޕުރޮގްރާމްތައް އިތުރަށް ތައާރަފުކުރަމުންނެވެ. މިއީ ސިންގަޕޫރުގެ މަތީތަޢުލީމުގެ މުއައްސަސާތަކަށް އޮތް ރަނގަޅު ބާޒާރެއްކަމަށް ފާހަގަކުރެވިގެންނެވެ.
އެންޓީޔޫ އާއި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރުސިޓީ (އެސްއެމްޔޫ)އާއި ސިންގަޕޫރު ޔުނިވަރުސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިން (އެސްޔޫޓީޑީ)އާއި ސިންގަޕޫރު ޔުނިވަރުސިޓީ އޮފް ސޯޝަލް ސައިންސަސް (އެސްޔޫއެސްއެސް) ފަދަ ޔުނިވަރުސިޓީތަކުގައި މިހާރު މެންޑަރިން ބަހުން ކިޔަވައިދޭ މަތީތަޢުލީމުގެ ކޯސްތައް އިތުރުކުރާން ފަށައިފިއެވެ.