އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
12 ސެޕްޓެންބަރު 2025
ގޮންޖެހުމުގެ މައިދާނަށް ފިރުޢައުނު ނުކުތީ ކޮޅުނެތްކޮޅަށް ޒީނަތްތެރިވެ ބޮޑާކަމާ އެކު މޭފުއްޕައިލައިގެންނެވެ. އޭނާގެ [މޮޅު] ސިހުރުވެރީން މޫސާގެފާނުގެ [ސިހުރު] ނައްތައިލުމަށް ޓަކައި ތައްޔާރުވެގެން ތިބި ވަގުތުގައެވެ. އެއީ މިޞްރުގެ އާދަކާދަ ބުނާ [ޒީނަތުގެ ދުވަސް]އެވެ. ފިރުޢައުނު މަތިހަށިނެގުމާ އެކު ބުނީ [މިހިރަ ދެރަ ނިކަމެތި މޫސާގެފާނަށް ވުރެ ތިމަން މާމޮޅެވެ. އޭނާއީ، ދައްކާވާހަކަ ބަޔާންކޮށްދިނުމާ ގާތް ވެސް ނުކުރެވޭ މީހެކެވެ.] މޫސާގެފާނުގެ އަތްޕުޅުން އޭނާ ބަލިވާނޭކަމަކަށް އޭނާގެ ހިތަކަށް ވެސް ނާރައެވެ. ނަން މަޝްހޫރު ސިޙުރުވެރީން މޫސާގެފާނު ބަލިކޮށް މައިދާނަށް ވައްޓައިލާނެކަމަށް އޭނާ ޔަގީންކުރިއެވެ. މިޞްރުގެ ބޮޑުންނާއި އާންމު ރައްޔިތުންގެ ކުރިމަތީގައި މޫސާގެފާނު ބަލިކޮށް މައިދާނަށް ވައްޓައިލައި އެކަލޭގެފާނުގެ ނަންފުޅު ފުހެލެވޭނެކަމަށް ލަފާކުރިއެވެ.
ޙައްޤާއި ބާޠިލުގެ ކުރިމަތިލުން ފެށުމުގެ ކުރީން ފިރުޢައުނުގެ ސިޙުރުވެރީން އޭނާގެ ގާތަށް ދިޔައެވެ. އެ މީހުން މޮޅުވާނޭކަމާ މެދަކު އެއްވެސް ޝައްކެއް އެ މީހުންގެ ހިތަކު ނުވެއެވެ. އެ މީހުންނަކީ މިޞްރުގައި އެންމެ ތަޖުރިބާކާރު އެންމެ މޮޅެތި ސާޙިރުންނެވެ. އެ މައިދާނުގައި އެ މީހުން ފަދަ ބަޔަކު ދުނިޔޭގައި ވެސް ނުތިބޭނެކަމަށް އެ މީހުން ޤަބޫލުކުރިއެވެ. އެ މީހުންނަށް ފިރުޢައުނު ދޭން ވަޢުދުވި މަޤާމުތަކާއި ޖާހާއި އަރިސްކަމާއި އިނާމުތައް އަވަހަށް ލިބޭނެކަމަށް އުންމީދުކުރިއެވެ. މޫސާގެފާނު [ނޮކް އައުޓް]އަކުން އިސްޓޭޖު މައްޗަށް ވައްޓައިލައި މުބާރާތް ވަރަށް އަވަހަށް ނިންމައިލެވޭނެކަމަށް އެ މީހުން ފިރުޢައުނަށް ކަށަވަރުކޮށްދިނެވެ.
ޒީނަތުގެ ދުވަހުގައި ކުޅިބެލުމަށް ޓަކައި އެތައް ހާސް ބަޔަކު އެއްވެ ޖަމާވެފައިވާ މައިދާނަށް ސިޙުރުވެރީން ވެސް ފޭބީ ފިރުޢައުނު ފަދައިން ފޮނިކަމާއި ބޮޑާކަމާ އެކުގައެވެ. އެ މީހުން ދަންނަ ގޮތުގައި މޫސާގެފާނަކީ ސިޙުރުގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭކަލެއްނޫނެވެ. އެ ކަލޭގެފާނަކީ އެ މަސައްކަތުގައި އުޅުއްވި ބޭކަލެއް ނޫނެވެ. އެ މީހުން ހީކުރީ މަދު މިނެޓުކޮޅެއްގެ ތެރޭގައި މި ކުޅިސަމާ ނިންމައިލެވިދާނެކަމަށެވެ. ފިރޢައުނަށާއި އޭނާގެ އާލުންނަށް ނަޞްރު ލިބިގެންނެވެ. މޫސާގެފާނާއި ނިކަމެތި ބަނީއިސްރާއީލުން އިތުރަށް ބަލިކަށިވެ ޤަދަރުވެއްޓިގެންނެވެ.
ފިރުޢައުނުގެ ސިޙުރުވެރީންގެ ބާރުވެރިކަމާއި ފިރުޢައުނު ނޫން ކަލާނގެއެއްވާކަމަށް ދަޢުވާކުރާ މީހާ ބަލިވާ ތަން ދުށުމަށް އެއްވެ ތިބި އެތައްއެތައް ހާސް ބަޔަކު ހަމަހިމޭންކަމުގައި ކަރުދަމައިގެން ކުޅި ބަލާން ތިއްބެވެ. އެ ހިނދު މޫސާގެފާނު އެ ކަލޭގެފާނުގެ އަސާކޮޅު ބިންމައްޗަށް އެއްލައިލެއްވުމުން ޙަޤީޤީ ބިރުވެރި ހަރުފައަކަށް އެ ދަނޑިބުރި ބަދަލުވިއެވެ. މި ހަރުފަ ދުވެފައި ގޮސް ފިރުޢައުނުގެ ސިޙުރުވެރީންގެ ޚިޔާލާތުން އުފެއްދި ފުލޯކު ހަރުފަތައް ކާން ފަށައިފިއެވެ. އެ މީހުންނަށް މޫސާގެފާނުގެ މި ކަމަކީ ސިޙުރެއް ނޫންކަން ކަށަވަރުވިއެވެ. އެއީ ސިޙުރުވެރީން ދަންނަ ކަމެއްނޫންކަން އެނގުނެވެ. އެއީ ސިޙުރުވެރީންގެ ދުނިޔެ ދަންނަ ކަމެއް ނޫންކަން ވެސް އެނގުނެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ދުނޔޭގެ އިންސާނުންނަށް ވެސް އެނގޭނޭ ކަމެއް ނޫންކަމަށް ބުންޏެވެ.
ފަޚުރުއްރާޒީ އެ ކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވިއެވެ. [މާތް ﷲގެ އަމުރުފުޅަށް މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވުމުން މި އަސާ ސިޙުރުވެރީން ހެދި ތަކެތި ކައި، ދިރުވައިލިއެވެ. އެބައިމީހުން ހެދި އެއްޗެއްސަކީ ޖާދޫގަރުންގެ މަކަރުތަކެކެވެ. އެތައް ގޮތަކުން ބަލާ އިރު މޫސާގެފާނު މި ގެންނެވި ކަމަކީ އިންސާނަކަށް ކުރެވޭނެ ކަމެއްނޫނެވެ. ފުރަތަމަ ކަމަކި ހަރުފަ ޙަރަކާތްތެރިވަމުން ދިޔަ ގޮތެވެ. އެއީ ލޮލަށް އޮޅުވައިލުމެއްނޫނެވެ. ދެވަނަ ކަމަކީ މި ހަރުފައިގެ ކަށިތަކާއި ބަނޑެވެ. މި ކަމަކީ ވެސް އޮޅުވައިލެވޭނެ ކަމެއްނޫނެވެ. ތިންވަނަ ކަމަކީ މި ހަރުފައިގެ ގުނަވަންތަކެވެ. ދެ ލޮލާއި އަނގައާއި ނޭފަތުގެ ދެ ނޯށެވެ. މިއީ ވެސް އޮޅުވައިލެވޭނެ ކަންކަމެއްނޫނެވެ. ހަތަރުވަނަ ކަމަކީ ފިރުޢައުނުގެ ސިޙުރުވެރީންނާއި ޖާދޫގަރުން އުކިހައި އެއްޗެހި މީތި ކައި ދިރުވައިލުމެވެ. އެއީ ވަރަށް ބައިވަރު އެއްޗެއްސެވެ. ފަސްވަނަ ކަމަކީ މި ހަރުފަ ކުޑަކުޑަ ދަނޑިބުރިއަކަށް އަލުން ބަދަލުވުމެވެ. އެއަށް ފަހު މާތް ﷲ އެންގެވިއެވެ. އެއީ ޖާދޫގަރުންގެ މަކަރެކެވެ. މި ބަސްފުޅުތަކުގެ މާނައަކީ [އޭ މޫސާގެފާނޭވެ! ކަލޭގެފާނުގެ އަތްޕުޅުގައި ތިޔަ އޮތީ އިލާހީ މުޢުޖިޒާތެކެވެ. އެ މީހުންގެ އަތުގައި އޮތީ ބާޠިލު އޮޅުވައިލުންތަކެކެވެ.]
ފިރުޢައުނުގެ ކުޅިސަމާ ފެށުނީ އޭނާގެ ޖާދޫގަރުންގެ ވައުތައް އުކާން ފެށުމުންނެވެ. ސިޙުރުވެރީން ބުންޏެވެ. އޭ މޫސާގެފާނޭވެ! ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެން ނޫނިއްޔާ ފުރަތަމަ އެއްލާ މީހުންކަމުގައިވާނީ ތިމަންމެންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލި ހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ. ފަހެ، މޫސާގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ. ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. [ކަލޭގެފާނު ބިރުފުޅުނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބު ލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ. މާތް ﷲ މޫސާގެފާނަށް އެކަލޭގެފާނު އަސާކޮޅު އެއްލަވައިލެއްވުމަށް އަމުރުފުޅުކުރެއްވިއެވެ. މޫސާގެފާނު މި އަސާކޮޅު އެއްލަވއިލެއްވުމުން ނަތީޖާ މުޅީން އެ ފުށް މި ފުށަށް ޖެހިގެން ހިނގައްޖެއެވެ. ހަމައެކަނި ފިރުޢައުނު ބަލިވީއަކީއެއްނޫނެވެ. ފިރުޢައުނު މޫސާގެފާނާ ކުރިމަތިލުމަށް ގެނައި ސިޙުރުވެރީން ފިރުޢައުނަކީ ކަލާނގެ ނޫންކަމަށް ބުނެ ޢާލަމުތަކުގެ ވެރިރަސްކަލާނގެއަށް އީމާންވީއެވެ. ޖާދޫގަރުން ސަޖިދައަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. ހާރޫނުގެފާނާއި، މޫސާގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާންވެއްޖައީމުއެވެ.
މި މަންޒަރަކީ އިންސާނާގެ ދުންޔަވީ ޢާލާމުގައި ރޭވުނު މަންޒަރެއްނޫނެވެ. މިއީ ސަމާވީ އިލާހީ ރޭއްވެވުމެކެވެ. ﷲ ތަޢާލާގެ އިލާހީ ރޭއްވެވުމެއް މި ބިމުގެ އަހުލުވެރީންނަށް ދެއްކެވީއެވެ. މިއީ އަނިޔާވެރީންނަށާއި މުޖުރިމުންނަށް ދެއްވި އިންޒާރެކެވެ. އިލާހީ ބިރުވެރި މި މަންޒަރުން ފިރުޢައުނު ޢިބްރަތް ޙާޞިލެއްނުކުރިއެވެ. އޭނާގެ ބޯޑާކަމާއި ރުޅި އިތުރުވީއެވެ. އެ މީހުން އެހައި އަވަހަށް ބަލިވީތީއެވެ. އެއަށް ވުރެ ބޮޑު ކަމަކަށްވީ އެ މީހުން މޫސާގެފާނާއި ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއަށް އީމާންވުމެވެ. ފިރުޢައުނުގެ ކިބައިން ހުއްދަ ނުހޯދައި އިސްލާންވުމެވެ.
މާތްﷲ އަށް އީމާންވުމުގައި މީހެއްގެ ހުއްދައަކަށް ބޭނުމެއްނުވާނެއެވެ. ސިޙުރުވެރީންނަށް ފެނުނު މަންޒަރުތަކުން އެ މީހުންނަށް އެ މީހުން ތިބީ ބާޠިލު މަގުގައިކަން ކަށަވަރުވިއެވެ. އަދި އެ މީހުން މި ބާޠިލު މަގުގައި އެތައް އަހަރުތަކެއް ފާއިތުކޮށްފައިވާތީ އެ ކަމާ ދެރަވިއެވެ. ފިރުޢައުނަށް ތަބާވެވުނީތީއެވެ.
މި މަންޒަރު ފެނުމުން ފިރުޢައުނު [މޮޔަވިއެވެ.] ސިކުނޑި ސުމަކަށް ދިޔައެވެ. އެއީ ޚާއިނުންތަކެއްކަމަށް އިޢުލާންކޮށް ވަގުތުން އެ މީހުން މަރައި ނައްތައިލުމަށް ނިޔާކަނޑައެޅިއެވެ. ޚުދުމުޚުތާރުވެރީންނާއި ޙައްދުފަހަނަޅައި ގޮސްފައިވާ ޙާކިމުންނަކީ އަބަދުވެސް އެ މީހުންނަށް ތާއީދުނުކުރާ މީހުން ޚާއިނުންނަށް ބާޣީންނަށް ނިރުބަވެރީންނަށް ހަދާ ބަޔެކެވެ. ސަރުކާރު ވައްޓައިލާން އުޅުނުކަމުގެ ތުހްމަތުގައެވެ. ފިރުޢައުނު ބުނީ ކީކޭތޯއެވެ؟ [ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑު މީހާކަން ކަށަވަރެވެ.]
މި [ކުށުގެ] ތުހުމަތުގައި ފިރުޢައުނު ނިންމީ ސިޙުރުވެރީން މާތްﷲއަށް އީމާންވީތީ އަދި ފިރުޢައުނަށް ކާފިރުވީތި ގަދަފަދަ ޢުޤޫބާތްދީ މެރުމަށެވެ. ފިރުޢައުން ބުންޏެވެ. [ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން ޞަލީބަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެން ކުރެ ގަދަފަދަ، އަދި ދެމިހުރުން ބޮޑު ޢަޒާބެއް ދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ.]
ސިޙުރުވެރީން ފިރުޢައުނަށް ރައްދުދީ ބުންޏެވެ. [ބަޔާންވެގެންވާ ޙުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށް ވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއް ނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާ ގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ޙަޔާތުގައެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާންވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް މަޖުބޫރުކުޅަ ޖާދޫއާ މެދު، ތިމަންމެންނަށް (ޢަފޫކުރައްވައި) ފާފަފުއްސެވުމަށް ޓަކައެވެ. އަދި اللَّهއީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.]
ފިރުޢައުނުގެ ޖާދޫގަރުން ފިރުޢައުނަށް ޖަވާބުދިން ގޮތަށް ނިކަން ބަލައިބަލާށެވެ! އެ މީހުން ދައްކައިފައި މި ވަނީ އަނިޔާވެރީންގެ ކުރިމަތީގައި ޙައްޤަށް ޓަކައި ސާބިތުވެ ތިބެންޖެހޭ ލާމަސީލު ނަމޫނާއެކެވެ.
މި ތާރީޚީ ޙާދިސާއިން އެނގެނީ މަތިވެރިކަމާއި ނަޞްރު ލިބޭނީ ޙައްޤަށް ކަމެވެ. އިލާހީ ޤާނޫނަށް ބަދަލެއް ނާންނާނެކަމެވެ. ހުރިހައި ޒަމާނެއްގައި ވެސް އަދި ހުރިހައި ތަނެއްގައި ވެސް މަތިވެރިވަމުން ދާނީ ޙައްޤެވެ. ވެއްޓޭނީ އަނިޔާވެރީންނެވެ.