ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
9 ސެޕްޓެންބަރު 2025
2012ވަނަ އަހަރު ބާޣީންގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ސަހަރެއްގައި ބޮމެއް ގޮއްވައިލައި ދެ ނޫސްވެރިޔަކު މަރުވި މައްސަލައިގައި، މިހާރު ވެރިކަމުން ދުރުކޮށްފައިވާ ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލްއަސަދާއި، ކުރީގެ އިސް ހަ އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރު، ފަރަންސޭސި ޝަރުޢީ އިދާރާތަކުން ނެރެފައިވާކަމަށް، މިދިޔަ އަންގާރަ ދުވަހު ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ ދަ ސަންޑޭ ޓައިމްސްގައި މަސައްކަތްކުރާ އެމެރިކާގެ ޢުމުރުން 56 އަހަރުގެ މާރީ ކޮލްވިން އާއި، ފަރަންސޭސި ފޮޓޯގްރާފަރު ޢުމުރުން 28 އަހަރުގެ ރެމީ އޮޗްލިކް، މަރުވީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، ސީރިއާގެ އިރުމަތީ ސަހަރެއްކަމަށްވާ ހިމްސްގައި ބޮމެއް ގޮއްވައިލުމާ ގުޅިގެންނެވެ.
މި ލިއުމަކީ ފަހަރެއްގައިވެސް ބައްޝާރުލް އަސަދަކީ ރަނގަޅު މީހެއްތޯ ނުވަތަ ނޫންތޯ ބަޔާންކުރުމަށް ލިޔާ ލިޔުމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ ހުޅަނގުގެ ވަކިފަރާތަކަށް ޖެހިފައިވާ، ދައްޖާލީ، ބޭއިންސާފު ޢަދުލުގެ ނިޒާމު ހާމަކުރުމަށް ލިޔާ ލިޔުމެކެވެ.
އިޒުރޭލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހައި ތަނަށް 278އަށް ވުރެ ގިނަ ނޫސްވެރީންނާއި، މީޑިއާގައި މަސައްކަތްކުރާ މީހުން ވަނީ މަރައިލައިފައެވެ. މަރުވި ނޫސްވެރީންގެ ތެރޭގައި ގިނައީ ފަލަސްޠީނުގެ ރައްޔިތުންނެވެ. އެކަމަކު، ދުނިޔޭގެ އެއްވެސް ގައުމަކުން، މި ނޫސްވެރީންގެ މަރުގެ ޒިންމާ އުފުލާންޖެހޭ، އިޒުރޭލުގެ ޝައިޠާނީ ބޮޑުވަޒީރާއި، އިޒުރޭލުގެ އެއްވެސް އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއްނުނެރެއެވެ. ފަހަރެއްގައި، އެހެން އެ ވަނީ މަރުވި ގިނަ ނޫސްވެރިންނަކީ މުސްލިމުންކަމަށް ވީމާކަމަށް ވެސް ވެދާނެއެވެ.
[40 ގައުމެއްގެ ކޯލިޝަނަކާ އެކު، އެމެރިކާ އިސްވެ އޮވެ ޢިރާޤާ ދެކޮޅަށް ހަނގުރާމަކޮށް، ޞައްދާމް ޙުސެއިން ވެރިކަމުން ދުރުކުރާން ނިންމުމަކީ، އިނގިރޭސި ބޮޑުވަޒީރެއްގެ ގޮތުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި އަހުރެން ނިންމި އެންމެ އުނދަގޫ، އެންމެ މުހިންމު، އަދި އެންމެ ވޭންދެނިވި ނިންމުމެވެ. އެ ނިންމުމަށްޓަކައި، މިއަދު އަޅުގަނޑު އެއްވެސް އިސްތިސްނާއެއް ނެތި، އަދި ބަހަނާއަކާ ނުލައި، ފުރިހަމައަށް ޒިންމާ އުފުލަމެވެ. ހަނގުރާމައާ ގުޅިގެން އަހުރެމެންގެ ޤައުމުގެ ގިނަ ބަޔެއްގެ މެދުގައި އުފެދުނު ބައިބައިވުން އަހުރެން ފާހަގަކުރަމެވެ. ވަކިން ޚާއްޞަގޮތެއްގައި، ޢިރާޤުގައި ލޯބިވާ މީހުން ގެއްލުނު މީހުންގެ ހިތާމައާއި ތަކުލީފުތައް، ފުންކޮށް އަދި އިޚުލާސްތެރިކަމާ އެކު، އަހުރެންނަށް އިޙުސާސްކުރެވެއެވެ. އެއީ ބަސްތަކަކުން ފުރިހަމައަށް ބަޔާންކުރެވޭނޭ ކަމެއްނޫނެވެ. އޭގެ ތެރޭގައި، އަހުރެމެންގެ ހަތިޔާރު އެޅި ސިފައިންނާއި، އެހެން ޤައުމުތަކުގެ ހަތިޔާރުއެޅި ސިފައިންނާއި އަދި ޢިރާޤު މީހުން ހިމެނެއެވެ. ހަނގުރާމައަށް ދިއުމުގެ ކުރިން، ހެދި އިންޓެލިޖެންޓް އެސެސްމަންޓުތައް ވެގެން ދިޔައީ ގޯސް އެއްޗަކަށެވެ. އޭގެ ފަހުން ކުރިމަތިވި ކަންތައްތައް ވެގެން ދިޔައީ، އަހުރެމެން ހީކުރި ވަރަށް ވުރެ ވެސް ޢަދާވާތްތެރިކަން ބޮޑު، އަދި ހުއްޓުމެއްނެތި ކުރިއަށްދާ ބޮޑު ލޭއޮހޮރުވުމަކަށެވެ.]
މަތީގައި އެ ވަނީ، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ، ޢިރާޤު ހަނގުރާމައިގެ ފަހުން ދައްކައިފައިވާ ވާހަކައެވެ. ޓޯނީ ބްލެއަރވަނީ ލައިވް ޓީވީގައި، އޭނާގެ ބައިވެރިވުމާ އެކު، ޢިރާޤުގައި ކެމިކަލް ހަތިޔާރު ހުރިކަމަށް ބުނެ ދޮގު މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ތައްޔާރުކޮށް، ސައްދާމު ޙުސެއިންގެ ވެރިކަން ވައްޓައިލައި، ސައްދާމު އަވަހާރަކޮށްލިކަމަށް އިޢުތިރާފުވެފައެވެ. އަދި އޭނާ ވަނީ ޢިރާޤުގެ ކުށެއް ނެތް އެތައް ލައްކަ ބަޔަކު ވެސް މަރައިފައެވެ.
އޭނާގެ މި އިޢުތިރާފުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އެއްވެސް ޤައުމަކުން، ޓޯނީ ބްލެއަރ ނުވަތަ އެމެރިކާގެ ކުރީގެ ރައީސު ޖޯޖް ޑަބްލިއު ބުޝް ހައްޔަރުކުރުމުގެ އަމުރެއް ނުނެރެއެވެ. އަދި ޢިރާޤުގެ ކުށެއް ނެތް މަޢުސޫމް އެތައް ލައްކަ މީހުން ޤަތުލުކުރުމުގެ ކުށުގައި ޝަރީޢަތެއް ވެސް ނުހިންގައެވެ. އަދި، އެ ދެ މުޖުރިމުން، ޢަދާލަތުގެ ބައިނަލްއަޤުވާމީ ކޯޓު ނުވަތަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ހަނގުރާމައާ ބެހޭ ޓްރައިބިއުނަލަކަށް ވެސް ނުގެންދެއެވެ. އެކަމަކު، ބާޣީންގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ ހިމުސްގައި ބޮމެއް ގޮއްވާލައިގެން ފަރަންސޭސި ދެ ނޫސްވެރިޔަކު މަރުވުމުން، ބައްޝާރުލްއަސަދާއި، އޭނާގެ ސަރުކާރުގެ އިސް އޮފިސަރުންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރު ނެރެ، ޝަރީޢަތް ހިންގަނީއެވެ. މިއީ އެމެރިކާއާއި ހުޅަނގުގެ ހަމައާއި، އިންސާފެވެ. ދުނިޔޭގައި ހިނގަނީ ޖަންގަލީގެ ޤާނޫނެވެ. ހަމައާއި އިންސާފަކީ ބާރުގަދަ މީހާގެ އެއްޗެކެވެ.