ad_banner
ކެޝޫނަޓަކީ ވިހަ އެއްޗެއްކަން އެނގިވަޑައިނުގަތީތާ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 ސެޕްޓެންބަރު 2025

ކެޝޫ އާފަލު: ކެޝޫމަދު ނަގަނީ މި މޭވާގެ ފުލުގައި އެ އޮންނަ ބައިންނެވެ.

ރޯކޮށް ހުންނަ ކެޝޫގައި ޔުރުޝިއޯލް (urushiol) ނަމަކަށް ކިޔާ ވިހަ މާއްދާއެއް އެކުލެވޭކަން ގިނަ ބަޔަކަށް ނޭނގި އޮވެދާނެއެވެ. ނަމަވެސް މިއީ ހަގީގަތެކެވެ. އެހެންކަމުން ކެޝޫގެ މަދު (ކެޝޫނަޓު) ވިއްކުމަށް ޓަކައި އުފައްދާ މީހުން (ކުންފުނިތަކުން) އެއް ފަހަރު ނުވަތަ ދެ ފަހަރު ނަމަވެސް އެ މަދު ބަންދުކުރުމުގެ ކުރީން ދަވާނެއެވެ. (ރޯސްޓުކުރާނެއެވެ.)

ކެޝޫ މަދަކީ މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު އަދި އެހާމެ މަގުބޫލު މަދެކެވެ. ސަބަބަކީ އެއީ ވަރަށް ކަނާދީ މަދެކެވެ. މީގެ އިތުރަށް އެ މަދުގައި ޞިއްޙީ ވަރަށް ގިނަ ފައިދާތަކެއް ވެސް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ހަކުރު ކޮންޓުރޯލުކުރުމާއި (ގޯސް) ކޮލެސްޓްރޯލް (LDL) ދަށްކުރުން ވެސް ހިމެނެއެވެ. މީގެ އިތުރަށް [ކެޝޫނަޓު]އަކީ އަނގައަށް ވެސް ވަރަށް މީރު މަދެކެވެ. އެހެންކަމުން ވަރަށް ގިނަ މީހުން މި މަދު ކައި ހަދައެވެ. އަދި މި މަދުން ކިރީމާއި ބަޓަރާއި ސޫޕާއި އައިސްކިރިމާއި ސޯސް ފަދަ ތަކެތި ވެސް ހަދައި އުޅެއެވެ.

ކަން މިހެން އޮތްކަމަށް ވިޔަސް ބަޔެއް ޙާލަތުގައި އެ މަދު ކެއުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން ގިނަ ބަޔަކަށް ނޭނގެއެވެ. މިއީ ހަމަ އާދައިގެ ސައްކެޔޮ ގަސް ކަހަލަ ގަހެއްގައި އަޅާ އާދާޔާ ޚިލާފު މޭވާއަކުން ނަގާ މަދެކެވެ. އެހެން މަދާ ޚިލާފަށް މި މޭވާއަކީ ޕިއަރ ވައްތަރަކަށް ހުންނަ ރަތް ނުވަތަ ރީދޫ ކުލައިގެ ވަކެކެވެ. މި މޭވާގެ ފުލުން (ތަނޑު ހުންނަ ކޮޅު ނޫން އަނެއްކޮޅުން) މި މަދު ހުންނަނީ ބޭރަށް ނުކުމެފައެވެ. މި މޭވާ ދޮންވެ ފައްކާވެ، ގަސްދޮށަށް ވެއްޓުމުން ވިޔަފާރީގެ ބޭނުމަށް ޓަކައި ކެޝޫނަޓު އުފައްދާ މީހުން އެ ބައި ނައްޓައިލައިގެން ނާށިގަނޑު (ބޭރު ތޮށިގަނޑު) ނައްޓައިލައިގެން މަދުތައް ނަގަނީއެވެ. ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ކެޝޫވަކެކެވެ. އޭގެ ފުލުގައި އެ ވަނީ ކެޝޫނަޓެވެ.

މި މޭވާގެ ނުރައްކާތެރިކަން އެނގިވަޑައިނުގެން ރޯ ކެޝޫއެއް (އިނގިރޭސި ބަހުން ކެޝޫ އެޕްލް) ގެ މަދު، (ކެޝޫނަޓު) ފަރީއްކުޅުއްވާން ބޭފުޅަކު އުޅުއްވުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުންތަކެއް ލިބިވަޑައިގެންފިއެވެ.

ދަވައިފައި ހުރި ކެޝޫ މަދު

މެލޭޝިއާގައި ކުރު ތަމްރީނުކޯހެއް ފުރިހަމަކުރައްވާން ދާދިފަހުން (މި މަހުގެ ތެރޭގައި) ވަޑައިގަތް ބޭފުޅަކަށް އޭނާ ހުންނެވި ޢިމާރާތް [އިންސްތީތޫތު ލަހިތާން އިސްލާމް މެލޭޝިއާ] (އިލިމް)ގެ ސީ ބްލޮކުގެ ބޭރުގައި ހުންނަ ކެޝޫ ގަހަކުން ވެއްޓިފައި އޮތް [ކެޝޫ އާފަލެއް] ފެނިވަޑައިގެން އަނގަފުޅަށް ލައްވައިގެން ފަރީއްކުޅުއްވާން އުޅުއްވުނީއެވެ. ވަގުތުން އޭގެ (ވިހައިގެ) އަސަރު އެ ބޭފުޅެއްގެ ހަށިކޮޅަށް ކޮށްފިއެވެ. ނަސީބަކުން މާ ގިނަ އިރުތަކެއް ނުވެ އެ ކަން އިޙުސާސްކުރެއްވިގެން ކޮޓަރިއަށް ވަޑައިގެން އޯމޯއާއި ޝޭމްޕޫއާއި އޭތިމީތި ލައްވައިގެން އަނގަފުޅު ދޮންނެވީއެވެ. އަދި އަސްލު އާފަލާއި އެހެން މޭވާ ފަރީއްކުޅުއްވީއެވެ. ނަސީބަކުން ހަށިކޮޅަށް މާ ނުރައްކާތެރި ގެއްލުމެއް ލިބިވަޑައިނުގަތަސް އަނގަފުޅާއި ތުންފަތްޕުޅު ދުޅަވެ، ފިހުނީއެވެ. މި ބޭފުޅަކު މާލެވަޑައިގަންނަވާ އިރު ވެސް މި ޒަޚަމުގެ އަސަރު ތުންފަތްޕުޅުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ.

ކެޝޫ އާފަލުގައި ހުންނަ ވިހައިގެ ސަބަބުން އަނގަފިހުމާއި ދުޅަވުމާއި ކެހުން ވެސް މެދުވެރިވެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ބާޒާރުން ގަންނާން ލިބޭ ކެޝޫނަޓު ރޯކޮށް ހުންނަކަމަށް ފެނުނަސް އެ ހުންނަނީ ގަދަ ހޫނެއްގައި އުއްސައިފައެވެ. (އިސްޓީމުކޮށްފައެވެ.) ނުވަތަ ދަވައިފައެވެ. (ރޯސްޓުކޮށްފައެވެ.)

މެލޭޝިއާގެ ސެލަންގޯރ ވިލާޔާގެ ބަންގީ އަވަށުގައި ހުންނަ އިސްލާމީ ތަމްރީނުދޭ މަރުކަޒު (އިލީމް)ގެ އިމާރާތް ތިން ބުލޮކަކަށް ހުންނަ އިރު، ސީ ބްލޮކުގެ ބޭރުގައި (އަދި ގޯތީގެ އެކި ހިސާބުގައި) ސައްކޭލާއި ކެޝޫގަހާއި އަނބުގަހާއި ރަންބުސްތާނު ގަސް ހުރެއެވެ. އެހެންކަމުން މި ފަދަ ގަސްގަހުގައި މޭވާއަޅާއި ބަރާވެފައި ހުންނަ ތަން ފެނުމަކީ ދިވެހީންނަށް ވަރަށް ޝައުގުވެރި ކަމެކެވެ. އަދި ސީދާ އަސްލު ގަހުން ވެއްޓިފައި އޮންނަ މޭވާއަކުން ކެޝޫމަދެއް ކައިލެވުމުގެ އުފާ ލިބިގަނެވުމަކީ ވަރަށް މުހިންމު ތަޖުރިބާއަކަށް ވާނެތާއެވެ. ނަމަވެސް ފެންނަ ހުރިހައި އެއްޗެއްގައި އަނގަޖަހާކަށް ނުވާނެކަން މި ހާދިސާއިން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. 

ކޮންމެއަކަސް ކެޝޫނަޓަކީ ވިހަ އެއްޗެއްކަން އެ ބޭފުޅަކަށް އެނގިވަޑައިނުގަތީތާއެވެ. އެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަށް މި ކަން މި އެނގިވަޑައިގަތީ ވެސް މި ހާދިސާއާ ގުޅިގެންނެވެ. ބައެއް ކަންކަމުގެ ރަނގަޅާއި ނުބައި އެނގެނީ ތަޖުރިބާގެ ތެރެއިންނެވެ.

މި މަގާލުގައި ބޭނުންކޮށްފައި ހުރި ބައެއް ލަފުޒުގެ މާނަ:

ކަނާދީ      ނއ.  (1) ކަނާދު ހުންނަ (2) ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ ގިނަ އުންސުރު އެކުލެވޭ. nutritional

އުއްސުން     މ.    (1) ހަނޑުލުފުށް ނުވަތަ ގޮނދަންފުށް މޮޑެފައި އެފުށްގަނޑު އާވީން ނޫނީ ފެނުކައްކައިގެން ހިސާބަކަށް ރޯފިލުވުން. (2) ސީދާ ފެނުގެ ތެރެއަށް ނުލައި އާވީން ރޯފިލުވުން. steam

މަދު        ނ.    ބައެއް ބާވަތުގެ އޮށުގެ ތެރޭގައި އޮންނަ މަޑުބައި. nut

ޒަޚަމު       ނ.    (1) ކެނޑިގެން ނުވަތަ މެށިގެން ހަށިގަނޑުން ހަލާކުވާ ތަން. injury (2) ލިބޭ ދެރައެއްގެ ސަބަބުން ކުރާ ހިތި އަސަރު. wound

ކޮމެންޓު