ad_banner
ވިސްނުންތެރިކަމާ ނުލައި މިނިވަންކަން! ހޭލުންތެރިކަމާ ނުލައި ހުޅުވައިލުން!

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

8 ސެޕްޓެންބަރު 2025

މި ޒަމާނަކީ މަފުހޫމުތަކާ މެދު ވިސްނާ ޒަމާނެއްނޫނެވެ. އެހެނަސް މިއަދަކީ ފާޑުފާޑުގެ ޝިޢާރުތަކަށް އަތްތިލަބަޑިޖަހާ ޒަމާނެވެ.

މިނިވަންކަމަކީ ހުރިހާ ކަމަކުން ދުރަށް ދިޔުމަށް ލިބިފައިވާ ސަވާރީއެކެވެ.

ހުޅުވައިލުމަކީ ކޮންމެ ސަތަހައެއްގައި މަތިޖަހާން ގެންގުޅޭ ސަރަފޯހެކެވެ.

ތަޢުލީމީ މަރުކަޒުތަކާއި ދަރުސްގާހުތަކާއި ޔުނިވަރސިޓީތަކުގައި ދަރިވަރުންނަށް ދަސްކޮށްދެވެނީ ކަންކަމުގައި އެ މީހުންގެ ރައުޔު ބުނާށެވެ. އެ ކަމާ މެދު ވިސްނާކަށް ދަސްކޮށެއްނުދެވެއެވެ.  އެ ކުދީންގެ ޖެހިލުންކުޑަކަމަށް ސާބަސްދެމުންނެވެ. އެއީ މާނައެއްނެތް ރައުޔަކަށް ވިޔަސްމެއެވެ. މިއީ މިނިވަންކަންތޯއެވެ؟ ނުވަތަ މިއީ މިނިވަންކަމުގެ މޫނުމައްޗެއް ޖަހައިގެން ފެންނަ ހަލަބޮލިކަމެއްތޯއެވެ؟ އެއް ދުވަހަކު މީހަކު ބުންޏެވެ. "އަހުރެންގެ ދަރިފުޅު ކޮންމެ ކަމަކާ ވެސް ހަދާނީ ދެކޮޅެވެ. މިއީ އޭނާ  ޤަބޫލުކުރާ ގޮތެވެ." އޭނާ ކިޔަވައިތޯ އަޅުގަނޑު އަހައިލީމެވެ. އޭނާ ބުންޏެވެ. ނޫނެކެވެ. އޭނާ ދިރާސާކޮށް ތަޙުލީލުކޮށް ތަންގީދުކުރޭތޯ އަޅުގަނޑު އަހައިލީމެވެ. އޭނާ މިފަހަރު ވެސް ބުނީ ނޫނެކެވެ. އަޅުގަނޑު ބުނީމެވެ. "އެހެންވެއްޖެއްޔާ އެއީ އޭނާ ޤަބޫލުކުރާ ގޮތެއް ނޫނެވެ. އެއީ ގައިންގަޔަށް އަރާ ބައްޔެކެވެ."

މިނިވަންކަމަށް ވިސްނުމެއް ބޭނުމެއް ވާނެއެވެ. އެއީ ފަޅައިގެން އަރާ ޖަޒްބާތެއްނޫނެވެ. ހުޅުވައިލުމަކީ ކުޑަދޮރުތައް ވަކި ގޮތެއް ނުބަލައި ހުޅުވައިލުމެއްނޫނެވެ. އެ ދޮރުތަކުން އެތެރެއަށް ވަންނަ ވައިގެ ސާފުނުސާފުކަމަށް ބަލަންޖެހޭނެއެވެ. "ވިސްނުންތެރިކަމާ ނުލައި މިނިވަންކަމު"ގެ އޮއިވަރުގައި ޖެހުނު ދުނިޔޭގެ އެތައް ގައުމުތަކެއް ވަނީ މުޞީބާތްތަކާ ކުރިމަތިލައިފައެވެ. މި ގައުމުތަކުގެ ޒުވާނުން ވަނީ މަސްތުވާތަކެތީގެ ދެވީގައި ނުވަތަ ހައްދުފަހަނަޅައިދިޔުމުގެ  އަވައިގައި ނުވަތަ އަމިއްލައަށް މަރުވުމުގެ ވަބާގައި ޖެހި އޮޔާގޮސްފައެވެ. އެ މީހުން މިނިވަނުންނަށް ނުވާތީއެއްނޫނެވެ. އެހެނަސް ސަމުގާއަކާ ނުލައި ދޫކޮށްލެވުމުގެ ސަބަބުންނެވެ.

     މަފުހޫމުތައް ތަޢާރުފުކޮށްދޭން ވަނީ ޖެހިފައެވެ. މިނިވަންކަމަކީ ޒިންމާއެއްކަން ވަނީ ދަސްކޮށްދޭންޖެހިފައެވެ. މަގުމައްޗަށް ނުކުމެ މީހުންގެ ފަހަތުން ދުވުމަކީ މިނިވަންކަމެއްނޫނެވެ. މީހުންގެ އަބުރާބެހުމަކީ މިނިވަންކަމެއްނޫނެވެ. މީހުންނަށް މަލާމާތްކުރުމަކީ މިނިވަންކަމެއްނޫނެވެ.

ހުޅުވިގަތުމަކީ އަމިއްލަ ޝަޚުޞިއްޔަތު ގިރުވައިލުމެއްނޫނެވެ. އެހެނަސް އެއީ މި ޝަޚްޞިއްތު ރިވެތިކުރުމެވެ. މިއަދުގެ ޖީލަށް ބޭނުންވަނީ ހަމައެކަނި މިނިވަންކަމެއްނޫނެވެ. އޭގެ ފަލްސަފާ ވެސް އުނގަންނައިދޭން އެބަޖެހެއެވެ. އެހެން މީހުންނަށް އުދަނގޫކުރުމަކީ މިނިވަންކަމެއްނޫނެވެ. މުޖުތަމަޢަށް ހުޅުވިފައި އޮތުން ބޭނުންވެއެވެ. އެހެނަސް މި ހުޅުވައިލުން މިނެދޭނެ ސިކުނޑިއަކަށް ވެސް ބޭނުންވެއެވެ.

މިނިވަންވެގަތުމުގެ ކުރީން މިނިވަންކަމާ މެދު ވިސްނާ މީހާއަށް ސަލާމަތްކަމާއި ނަޖާވުން ލިބޭނެތެވެ. ނުވިސްނައި މިނިވަންވެގަންނަ މީހާ ވެއްޓޭނީ އައު އަޅުވެތިކަމެއްގެ ތެރެއަށެވެ. އެއް ދުވަހަކު އުސްތާޒަކު ޔުނިވަރސިޓީއެއްގައި އޭނާގެ ދަރިވަރުންކޮޅަކާ ސުވާލުކުރިއެވެ. މިނިވަންކަމާއި ލަގަނެއްނުލައި ދޫކޮށްލުމާ މި ދެ ކަމުގެ ތަފާތަކީ ކޮބައިހެއްޔެވެ؟ މި ކުދީންގެ ޖަވާބަކީ "މިނިވަންކަމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް އަޅުގަނޑުމެންނަށް ކުރެވުމެވެ." އުސްތާޒު ވިދާޅުވިއެވެ. "މި ޖަވާބު ނުބައޭ ބުނެވޭނީ ކޮން އިރަކުންހެއްޔެވެ؟ އެ ކުދީން ބުންޏެވެ. "ސަރުކާރުން ނުވަތަ ބަރުލަމާނުން ނުވަތަ ޤާޟީ ނުބައޭ ބުނީމައެވެ." މި ހިސާބުން މި ކުދީންގެ ވިސްނުން އަދި ގިތިކަން އުސްތާޒަށް އެނގިވަޑައިގެންފިއެވެ.

2023ގައި ފުރީޑަމް ހައުސް އިން ނެރުނު ރިޕޯޓެއް ބުނާގޮތުގައި " ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޢަލާމަތް މައްޗަށް ގޮސްފައިވާ ގައުމުތަކުގައި އިލެކްޓްރޯނީ ފުރެއްދުމުގެ މިންވަރު  މައްޗަށް ގޮސްފައިވާކަން އެނގެއެވެ." ތަންގީދީ ވިސްނުމުގެ އަދާތުތައް ލިބިފައިނުވާ ރައްޔިތުން "ފުލޯކު މިނިވަންކަމުގެ ގިރިޓީ"ގެ ސަބަބުން ވަރަށް ފަސޭހައިން ޝިކާރަކުރެވިގެންދެއެވެ. 

ޙަޤީޤީ ނުރައްކަލަކީ މިއީއެވެ. ގިޔަމުތަކަށް މަލާމާތްކުރާ ބަޔަކަށް، ތަބާވާ ބަޔަކަށް، އަދުގެ ޖީލުތައް ބަދަލުވުމެވެ. ވިސްނުމަކާ ނުލައި ކޮޕީކުރާ ބަޔަކަށް ވުމެވެ. އެ މީހުން ހީކުރާ ގޮތުގައި "އަޑު ގަދަކުރުމަކީ" ހެޔޮވިސްނުމެވެ. ގިނަ ބަޔަކު ތަބާވުމަކީ އެ ވިސްނުމުގެ ރަނގަޅުކަން މިނެދޭ ތަރާދެވެ.

މުރައްބީންގެ މަސްއޫލިއްޔަތުގެ ބޮޑުކަން އެނގެނީ މި ހިސާބުންނެވެ. މިނިވަންކަން ހިފެހެއްޓުމެއްނޫނެވެ. މިނިވަންކަމުގެ އިންފާރު ވަކިކޮށްދިނުމެވެ. މިނިވަންކަމުގެ ތެރެއަށް ގެނބިގަތުމުގެ ކުރީން އެ ކަމާ މެދު ވިސްނުމެވެ. ލާބައާއި މަންފާ ހުރި ގޮތް ބެލުމެވެ.

ހުޅުވިގަތުމަކީ އަލިގަދަކަމުން ލޯމަރައިލުމެއްނޫނެވެ. އެހެނަސް އެއީ އިމްތިޙާނެކެވެ. އަޅުގަނޑުމެން ދޮރުތަކުން ވައްދާ އެއްޗެހީން އަޅުގަނޑުމެންގެ ސިކުނޑިތައް ދަނީ އިތުރަށް އަލިވެގެންހެއްޔެވެ؟ ނުވަތަ ސިކުނޑިތަކުގެ މަސައްކަތް ދަނީ ހުއްޓިގެންހެއްޔެވެ؟ އަޅުގަނޑުމެން މިނިވަންކަމާ ދެކޮޅަށް ހަނގުރާމައެއްނުކުރަމުއެވެ. އަޅުގަނޑުމެން މަސައްކަތްކުރާންވީ މި މިނިވަންކަން ފުލޯކުކަމުން ސަލާމަތްކުރެވޭތޯއެވެ؟ އަޅުގަނޑުމެން ހުޅުވައިލުމާ ދެކޮޅެއް ނަހަދަމުއެވެ. އެހެނަސް އަޅުގަނޑުމެން ބޭނުންވަނީ ބީވެގެންދިޔުމުގެ ކުރީން ހިފާނެ ރަނގަޅު އަތަކަށެވެ.

ވިސްނުންތެރިކަމާ ނުލައި މިނިވަންކަމުގެ އަޑު އުފުއްލުމަކީ ދެ މިޔަލީ ކަނޑިއެއް ދެ ފަރާތަށް ހޫރުން ފަދަ ކަމެކެވެ. އެންމެ ފުރަތަމަ ޒަޚަމުވާނީ ތިމާގެ އަމިއްލަ ނަފުސެވެ. އެއަށް ފަހު މުޖުތަމަޢެވެ.

ކޮމެންޓު