ޢަބްދުﷲ ސަޢީދު
9 ސެޕްޓެންބަރު 2025
ދެކުނު އިންޑިއާގެ ކެރަލާ ސްޓޭޓްގެ ކަންނަންނޫރު (ކަންނޫރު)ގައި ހުންނަ ސޭންޓް އެންޖެލޯ ބުރުޒަކީ ޕޯޗުގީޒުން އިންޑިއާ ކަނޑަށް އައިސް އެންމެ ފުރަތަމަ ބިނާކުރި އަސްކަރީ ކިއްލާ ނުވަތަ އަސްކަރީ މަރުކަޒެވެ. މި ބުރުޒު މަޝްހޫރުވެފައި ވަނީ ކަންކަންނޫރު ބުރުޒުގެ ނަމުންނެވެ. މިއީ އަރަބި ކަނޑުގެ މޫނުމަތީގައި، އިންޑިއާގެ ދެކުނުގައިވާ ކެރަލާ ސްޓޭޓްގެ މުހިންމު އާސާރީ ސަރަޙައްދެކެވެ.
މީލާދުން 1498ވަނަ އަހަރު، ވާސްކޯ ޑަ ގާމާ އިންޑިއާއަށް ކުރި ޒިޔާރަތުގައި، މިހާރުގެ ކެރަލާގެ ސަރަހައްދެއްގައި ޕޯޗުގީޒުންނަށް ތިބުމުގެ ހުއްދަ އެ ތަނުގެ ކޮލަތިރި ރަސްގެފާނު ދެއްވިއެވެ. އަދި 1505 އޮކްޓޫބަރ 23ގައި މި ރަސްގެފާނު ޕޯޗުގީޒުންނަށް އެ ސަރަޙައްދުގައި ބުރުޒެއް ބިނާކުރުމުގެ ހުއްދަ ދެއްވިއެވެ. މި ބުރުޒު ބިނާކުރުމުގެ މަސައްކަތް ޖެހިގެން އައި ދުވަހު، 1505 އޮކްޓޫބަރު 24ގައި ފެށުނެވެ. ލަކުޑީން ބިނާކުރި މި ބުރުޒުގެ މަސައްކަތް ނިމުނީ 1505 އޮކްޓޫބަރު 30ގައެވެ. މި ބުރުޒު ނުވަތަ އަސްކަރީ ކިއްލާގެ ފުރަތަކަ ފުރަތަމަ ކެޕްޓަނަކީ ލޮރެންކޯ ބްރިޓޯއެވެ. އޭނާގެ ދަށުގައި 150 ޕޯޗުގީޒުން ތިބި އިރު، ކަނޑުމަތީގެ ދެ އުޅަނދު ވެސް އޮތެވެ.
ބުރުޒު ބިނާކޮށް ނިމުމާ އެކު އޭރު އިންޑިއާގައި ޕޯޗުގީޒުންގެ އިސްވެރިޔަކަށް ހުންނެވި އަލްމެއިޑާ "ވައިސްރޯއީ"ގެ މަޤާމު ބޭނުންކުރަން ފެށިއެވެ. އަދި 1507ވަނަ އަހަރު އެ ސަރަޙައްދުގައި ހިލައިން ބުޒުރެއް ބިނާކުރުމުގެ މަސައްކަތް ފެށިއެވެ. އޭރު އިންޑިއާއަކީ ވަކިވަކި ރަށްރަށުގައި ކުދިކުދި ރަސްކަންތައް ހިންގަމުން ދިޔަ ސަރަހައްދެކެވެ. ޤައުމުން ބޭރު ބަޔަކު ވަރުގަދަ އަސްކަރީ ކިއްލާއެއް ގާއިމުކޮށް ސިފައިން ބައިތިއްބައި އެ ސަރަހައްދަށް އަތްގަދަކުރާން ފެށުމުން އެ ކަން ހުއްޓުވާން އިންޑިއާގެ އަސްލު ވަޒަންވެރީން ބޭނުންވިއެވެ. އިންޑިއާގެ ދެ ރަސްކަލެއްކަމަށްވާ، ރަސްގެފާނު ޒަމޮރިންނާއި ކޮލަތިރި ރަސްގެފާނު ކަންނަންނޫރު ހިފުމަށް ހަނގުރާމަކުރިއެވެ. ނަމަވެސް 1507ވަނަ އަހަރު ކަންނަންނޫރު ހިފުމަށް ކުރި މި ހަނގުރާމަ ކާމިޔާބެއް ނުވިއެވެ.
މީލާދުން، 1509ވަނަ އަހަރު ޕޯޗުގީޒުންގެ އައު ގަވަރުނަރުކަމަށް ފޮނުއްވި އަފޮންސޯ ޑި އަލްބުކާކީ އެ މަގާމަށް ހަމަޖެއްސެވުމަށް ކުރީގެ ވައިސްރޯއީ އަލްމެއިޑާ އިންކާރު ކުރައްވައި ދެކޮޅުހެއްދެވިއެވެ. އަދި މި ބުރުޒުގައި އޭނާ ހައްޔަރުކުރިއެވެ. އަފޮންސޯ ދޫކޮށްލީ ހަ މަސް ދުވަސް ފަހުންނެވެ. އޭނާ ގަވަރުނަރުކަމާ ހަވާލުވީ އޮކުޓޫބަރުމަހު 1509ގައި ޕޯޗުގީޒުންގެ ގްރޭންޑް-މާޝަލް ބޮޑު އަސްކަރީ ބާރަކާއެކު އައުމުންނެވެ.
މި ބުރުޒުން ޕޯޗުގީޒުންނަށް ގޯވާ ހިފުމަށާއި މަމްލޫކުންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި ވަރަށް ބޮޑު އެހީތެރިކަމަކަށް ވިއެވެ. މި ދުވަސްވަރު ކަންނަންނޫރުގައި ތިބި ޕޯޗުގީޒުންނަށް އާމްދަނީ ހޯދަމުން އައީ ގޯވާއިން އެހީ ހޯދައިގެންނެވެ.
ޕޯޗުގީޒުންގެ އަތުން 15 ފެބުރުވަރީ 1663 ގައި ޑަޗު މީހުން މި ބުރުޒު ހިފިއެވެ. އެއަށް ފަހު އިތުރު ބުރުޒުތައް ބިނާކޮށް ޕޯޗުގީޒުން ބިނާކުރި އަސްލު ބުރުޒު ވަނީ ތަޅައިލައިފައެވެ. ޑަޗު މީހުން މި ބުރުޒު 1772ގައި އަރަކަލް ރަދުން އަލީ ރާޖާއަށް ވިއްކައިލިއެވެ. އަދި 1790ގައި އިނގިރޭސީން މި ބުރުޒު ހިފައި، 1947އާ ހަމައަށް މަލަބާރުގައި އެ މީހުންގެ މައި އަސްކަރީ މަރުކަޒުގެ ގޮތުގައި މި ބުރުޒު ބޭނުންކުރިއެވެ. މި ބުރުޒަކީ [އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާ]ގެ ދަށުން ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ ގައުމީ ތަރިކައެކެވެ.