ad_banner
މައުލިދުއްނަބަވީގެ ޒިކުރާ އައުކުރުން – ކޮން ދުވަހަކު؟

އައްޝައިޚު އިބްރާހީމް އަޙުމަދު

4 ސެޕްޓެންބަރު 2025

މައުލިދުއްރަސޫލު ފާހަގަކުރުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ޚާއްޞަ ގޮތެއްގައި ކުރާ ކަމެކެވެ.

ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހަކާ މެދު ޢިލްމުވެރީން އިޚުތިލާފުވެފައި ވެއެވެ. އެހެންނަމަވެސް އެ ކަމުގައި ހެއްކާއި ޤަރީނާއާ އެކު ޢިލްމުވެރީން އެއްބަސްވާ ޙަޤީޤީ ކަންތައްތަކެއް ވެސް ވެއެވެ. އަދި އެ ކަންކަމަކީ އެ ކަންކަމުން ނުވަތަ އެއިން ދޫކޮށްނުލެވޭނެ ޙަޤީޤަތްތަކެކެވެ. އެހެންކަމުން ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހެއް ދެނެގަތުމަށް ޓަކައި މި ދެންނެވި ބައިތަކަށް ބުރަވެ ގޮތެއް ނިންމުން ޢިލްމުވެރިން ދިރާސާކުރެއްވުމުގައި ބެއްލެވިއެވެ.

އެ ގޮތުން އެއް އަސާސަކީ ޢާމުލްފީލާ ގުޅުވުމެވެ. އަނެއް ކަމަކީ ޢާއްމުލްފީލުގެ ރަބީޢުލްއައްވަލުމަހާ ގުޅުވުމެވެ. އަދި އަނެއް ކަމަކީ ހަފުތާގެ ދުވަސްތަކުން ހޯމަދުވަހާ ގުޅުވުމެވެ. މި ތިން އަސާސަކީ ޢީލްމީ ހެކި އޭގެ މައްޗަށް ބިނާވާ އަދި މާތް ރަސޫލާ ގެ ޙަދީޘުން އެޔަށް ބާރުލިބިދޭ އަސާސްތަކެކެވެ. އެހެންވެ އެ ބައިތަކުގެ އަލީގައި މި ކަމުގައި ގޮތެއް ކަނޑައެޅުމަށް ޢިލްމުވެރީން ދައްކަވާ ވާހަކަތަކަށް ބަލައިލުން މުހިންމެވެ.

ކީރިތިރަސޫލާ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ ހޯމަ ދުވަހެއްގައެވެ. އެއީ ޢާއްމުލްފީލޭ ކިޔުނު އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12ވަނަ ދުވަހުގައިކަމަށް މަޝްހޫރުވެފައި ވެއެވެ. އެއީ ފީލުބާގައިގެ މީހުން ގެފުޅުމުގުރަން އައި އަހަރުގައެވެ.[1] ކީރިތިރަސޫލާ ދުނިޔެއަށް ވަޑައިގަތުމާއި އެބައިމީހުން އައުމާ ދެމެދު 55 ރޭ ވެގެން ދިޔަކަމަށް އައްޠަބަޤާތުލްކުބްރާގައި އިބްނު ސަޢުދު ބަޔާންކުރައްވައިފައި ވެއެވެ. ފީލުބާގައިގެ މީހުން އައީ މުޙައްރަމްމަހުގެ ފުރަތަމަ 15 ހާ ހިސާބުގައެވެ. އެކަމަކު މި ޒަމާނުގެ ފަލަކީ ހިސާބުތަކުން ސާބިތުވަނީ އެއީ ޢާއްމުލްފީލޭ ކިޔުނު އަހަރުގެ ރަބީޢުލްއައްވަލުމަހުގެ 9 ވަނަ ދުވަސްކަމުގައެވެ.[2]

ކީރިތިރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހޯމަ ދުވަހެއްގައިކަމާ މެދަކު ޢިލްމުވެރީންގެ މެދުގައި އެއްވެސް އިޚުތިލާފެއް ނުވެއެވެ.[3] މި ކަމާ މެދު ކީރިތިރަސޫލާ ގެ އަރިހުން އިބްނު ޢައްބާސް ރިވާކުރައްވައިފައި ވެއެވެ.  وُلِدَ رَسُوْلُ الله صَلَّى اللهُ عَلَيْهِ وَسَلَّم يَوْمَ الإثنَيْنِ وَاسْتُنْبِئَ يَوْمَ الْإِثنْيْنِ وَخَرَجَ مُهَاجِرًامِنْ مَكَّة َإِلىَ الْمَدِ يْنَةِ يَوْمَ الإثنَيْنِ، وَقَدِمَ الْمَدِ يْنَةِ يَوْمَ الْإِثْنَيْنِ، وَتُوُفِّيَ يَوْمَ الْإِثْنَيْن، ورفعِ الحجَر الأَسْوَد يَوْمَ الْإِثْنَيْن[4] މާނައީ:" ކީރިތިރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހޯމަދުވަހެއްގައެވެ. އަދި އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނީ ވެސް ހޯމަދުވަހެއްގައެވެ. އަދި އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖްރަކުރެއްވުމަށް ނުކުމެވަޑައިގަތީ ވެސް ހޯމަ ދުވަހެއްގައެވެ. އަދި އެކަލޭގެފާނު މަދީނާއަށް އަރައިވަޑައިގަތީ ވެސް ހޯމަ ދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީ ވެސް ހޯމަ ދުވަހެއްގައެވެ. އަދި ޙަޖަރުލްއަސްވަދު އުފުއްލަވާނީ ހޯމަދުވަހެއްގައެވެ."

رَسُولُ الله ދުނިޔެއަށް ވަޑައިގަތް ދުވަހަކާ މެދު އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން ޤަތާދާގެ އަރިހުން ރިވާވެފައިވާ މި ރިވާޔަތް ވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. عَنْ أَبِيْ قَتَادَة الْأَنْصَارِيْ رَضِيَ اللهُ عَنه – أَنَّ أَعْرَابِيًّا قَالَ : يَا رَسُول الله ِ مَا تَقُول عَن صَوْمِ يَوْمِ الْإِثْنَيْنِ فقَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّم ذَاكَ يَوْم وُلِدتُ فِيْهِ ، وَيَوْم بُعِثْتُ أَوْ أنُزِل عَلَيَّ فِيْهِ[5] މާނައީ: "އަބީ ޤަތާދާގެ އަރިހުން ރިވާވެފައި ވެއެވެ. އަޢުރާބީންގެ މީހަކު ހޯމަ ދުވަހުގައި ރޯދަހިފުމާ މެދު ރަސޫލުﷲ ގެ އަރިހުގައި ސުވާލުދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެ ދުވަހަކީ ތިމަންކަލޭގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަހެވެ. އަދި ރަސޫލުކަމާއިގެން ފޮނުއްވެވުނީ ނުވަތަ ތިމަންކަލޭގެފާނުގެ މައްޗަށް ޤުރްއާން ބާވައިލައްވާން ފެށުނީ އެ ދުވަހު ގައެވެ." އަދިވެސް މި ކަމަށް ދަލީލުކުރާ އެހެން ބަސްފުޅެއްގައި ވެއެވެ. رُوِيَ عَبْدُ اللهِ بُنُ عُمَر عَن كُرَيْبٍ عَن ابُنُ عَبَّاس وُلِدَ رَسُوْلُ الله صَلَّى اللهُ عَلَيْهِ وَسَلَّم يَوْمَ الإثنَيْنِ، وَتُوُفِّيَ يَوْمَ الْإِثْنَيْن[6] މާނައީ: "އިބްނު ޢައްބާސްގެ އަރިހުން ކުރައިބު ރިވާކުރައްވާކަމަށް ޢަބްދުﷲ ބުނު ޢުމަރު ރިވާކުރެއްވިއެވެ. ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހޯމަ ދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީވެސް ހޯމަ ދުވަހެއްގައެވެ."

          އެހެންނަމަވެސް رسول الله ދުނިޔެއަށް ވަޑައިގެންނެވި މަހަކާއި ތާރީޚަކާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފްތަކެއް ވެއެވެ. އިބްނު އިސްޙާޤު ރިވާކުރައްވަނީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހުގައިކަމަށެވެ. މި ގޮތް ޞައްޙަކުރައްވައި ޑޮކްޓަރ މުޙައްމަދު ބުނު މުޙައްމަދު ބުނު އަބޫ ޝަހްބާ އޭނާގެ ފޮތް السِّيْرَة النَّبَوِيَّة في ضَوْءِالقُرْآن وَالسُّنَّةގައި ބަޔާންކުރައްވައިފައިވަނީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢާމުލްފީލޭ ކިޔުނު އަހަރު ރަބީޢުލްއައްވަލު މަހުގެ 12ވަނައަށް އައި ހޯމަދުވަހުގެ ފަތިސްވަގުތުގައެވެ. އަދި މި ގޮތަކީ އިބްނު އިސްޙާޤު އޭނާގެ ފޮތް السِّيْرَة النَّبَوِيَّةގައި ބަޔާންކުރައްވައިފައިވާ ގޮތެވެ.[7] އިބްނު އިސްޙާޤުގެ މި ރިވާޔަތަށް އެކަލޭގެފާނު ދަލީލު ދައްކަވަނީ އިބްނު ޢައްބާސް ރިވާކުރައްވާ މި ބަސްފުޅެވެ.  وُلِدَ رَسُول الله صَلَّى اللهُ عَلَيْهِ وَسَلَّمَ عَام الفِيْل يَوْم الْإِثْنَيْن ، الثَّانِيْ عَشَر مِن شَهْررَبِيْعِ الْأَوَّل ، وَفِيْه بُعِثَ ، وَفِيْهِ عُرِجَ بِهِ إِلَى السَّمَاءِ، وَفِيْه هَاجَرَ، وَفِيْه مَات[8] މާނައީ: "رسول الله ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢާމުލްފީލޭ ކިޔުނު އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12ވީ ހޯމަދުވަހުގައެވެ. އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުނީ ވެސް އެ ދުވަހުގައެވެ. އަދި އެކަލޭގެފާނު މިޢުރާޖަށް އެރުއްވީ ވެސް އެ ދުވަހުގައެވެ. އަދި އެކަލޭގެފާނު ހިޖުރައަށް ވަޑައިގަތީ ވެސް އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީވެސް އެދުވަހުގައެވެ."  އަލްބިދާޔާ ވައްނިހާޔާގައި އަލްއިމާމު އިބްނުކަޘީރު ލިޔުއްވަނީ މި ދެންނެވި ގޮތަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަޝްހޫރު އަދި ޞައްޙަކަން ބޮޑު ގޮތްކަމުގައެވެ.[9]

ޑޮކްޓަރ މުޙައްމަދު ބުނު މުޙައްމަދު ބުނު އަބޫޝަހްބާ އޭނާގެ ފޮތް السِّيْرَة النَّبَوِيَّة في ضَوْءِالقُرْآن وَالسُّنَّةގައި މި ވާހަކަތައް ބަޔާންކުރެއްވުމަށް ފަހު އެ ފޮތުގެ ހާމިޝިއްޔާގައި ލިޔުއްވައިފައި ވެއެވެ. އިބްނު އިސްޙާޤުގެ މި ރިވާޔަތުގެ އިތުރަށް ބުނެވޭ ގޮތުގައި އެ ދުވަހަކީ ރަބީޢުލްއައްވަލު މަހުގެ ދެވަނަ ދުވަހެވެ. އެހެން ރިވާޔަތެއްގައި ބުނެވެނީ އެއީ ރަބީޢުލްއައްވަލުމަހުގެ ނުވަވަނަ ދުވަސްކަމުގައެވެ. ހަމަ އެ ފަދައިން ރަސޫލާ محمد ދުނިޔެއަށް ވަޑައިގަތް އަހަރު މީލާދީ ގޮތުން ބަޔާންކުރުމުގައި ވެސް މުއައްރިޚުން އިޚްތިލާފު ވެފައި ވެއެވެ. އެއްބަޔަކު ބުނަނީ އެއީ 571 ވަނަ އަހަރުކަމުގައެވެ. މިއީ މިޞްރުގެ ފަލަކީ ޢިލްމުވެރިޔާ މަޙްމޫދު ބާޝާ ވެސް ޞައްޙަކުރައްވާ ގޮތެވެ.[10]

މި ކަމާ މެދު އަލްއިމާމު ވާޤިދީ ރިވާކުރައްވަނީ ކީރިތިރަސޫލާ محمد ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީޢުލްއައްވަލު މަހުގެ ދިހަވަނަ ދުވަހުގައި ކަމަށެވެ. މިއީ އަލްއިމާމު އިބްނު ސަޢުދު އޭނާގެ ފޮތް الطَّبَقَاتُގައި މުޙައްމަދު ބުނު ޢަލީ އަލްބާޤިރުގެ އަރިހުން ރިވާވެފައިވާ ސަނަދަކުން ބަޔާންކުރައްވައިފައިވާ ގޮތެވެ.[11] ކީރިތި ރަސޫލާ محمد ދުނިޔެއަށް ވަޑައިގަތް ދުވަހަކާ މެދު އަބޫމަޢުޝަރު އައްސިންދީ ރިވާކުރައްވަނީ އެއީ ރަބީޢުލްއައްވަލު މަހުގެ ދެވަނައަށް އައި ހޯމަ ވިލޭރޭގައިކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ރަބީޢުލްއައްވަލުމަހުގެ އަށްވަނަ ވިލޭރޭ ކަމުގައެވެ. ނުވަތަ އެއީ އެ މަހުގެ 17 ވަނަ ވިލޭރޭ ކަމުގައެވެ.

މި ޤަރުނު (ހިޖުރައިން 15ވަނަ ޤަރުނު)ގެ ފެށުމާ ދިމާކޮށް ރާބިޠަތުލްޢާލަމުލްއިސްލާމީއިން އިސްލާމީ ދުނިޔޭގެ ލިޔުންތެރީންގެ މެދުގައި ބޭއްވި ކީރިތިރަސޫލާ ގެ ސީރަތު ލިއުމުގެ މުބާރާތުން އެއްވަނަ ހޯއްދެވި ޞަފިއްޔުއްދީނު މުބާރަކު ޕޫރީ އޭނާގެ ފޮތް الرَّحِيْقُ الْمَخْتُوْمގައި ބަޔާންކުރައްވަނީ ކީރިތިރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢާމުލްފީލޭ ކިޔުނު އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ނުވަވަނަ ދުވަހުގައިކަމަށެވެ.[12] އަދި މި ތާރީޚަށް ބުރަވެވަޑައިގެން އަލްއަޒުހަރު ޔުނިވަރސިޓީގެ އިޢުދާދީ މުޤައްރަރުގައި ހިމެނޭ السِّيْرَة النَّبَوِيَّة ފޮތުގެ އެއްވަނަ ބައިގައި ވެސް މި ގޮތަށް ބަޔާންކޮށްފައި ވެއެވެ. އަދި މިޞްރުގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ فَضِيْلَةُ الشَّيْخُ مُحَمَّدُ الْخُضَرِيْ ބެކް އޭނާގެ ފޮތް نُوْرُالْيَقِيْن فِيْ سِيْرَةِ سَيِّدِ الْمُرْسَلِيْن ގައި ވެސް ބަޔާން ކުރައްވަނީ ރަސޫލާ محمد ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީޢުލްއައްވަލުމަހުގެ ނުވަވަނަ ދުވަހުގައިކަމަށެވެ. އަދި މި ގޮތަކީ މިޞްރުގެ މަޝްހޫރު ފަލަކީ ޢިލްމުވެރިޔާ މަޙްމޫދު ބާޝާ އަލްފަލަކީ އެންމެ ބޮޑަށް ޞައްޙަކުރައްވާ ގޮތެވެ.[13]

މި އިޚުތިލާފުތައް ހުރި ނަމަ ވެސް އިސްލާމީ ދުނިޔޭގައި އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އަދި ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރަނީ ވެސް ރަބީޢުލްއައްވަލުމަހު 12ވަނަ ދުވަހުގައެވެ. (ވަﷲ އަޢުލަމު)

 

މަރުޖާ:

[1]  އިބްރާހީމުލްޢަލީ، ޞަޙީޙުއްސީރަތުއްނަބަވިއްޔާ:  ޞ43

[2]  މުޙައްމަދު ބިން ސަޢުދު، އައްޠަބަޤާތުލްކުބްރާ: ޖ1/ޞ58

[3]  ޢަލީ މުޙައްމަދު އައްޞަލާބީ، އައްސީރަތުއްނަބަވިއްޔާ ޢަރުޟު ވަޤާއިޢު ވަތަޙްލީލު އަޙްދާޘް: ޖ1/ ޞ 60

[4]  ރަވާހު އަޙްމަދު

[5]  މުސްލިމް ބުނުލް ޙައްޖާޖު، ޞަޙީޙު މުސްލިމު: ޙަދީޘް ނަންބަރު 197

[6]  ރަވާހު އަޙްމަދު

[7]  މުޙައްމަދު ބިން މުޙައްމަދު ބިން އަބޫޝަހްބާ، އައްސީރަތުއްނަބަވިއްޔާ ފީޟައުއިލްޤުރްއާނި ވައްސުންނާ: ޖ1/ޞ185

[8]  ރަވާހު އިބްނު އަބީޝައިބާ

[9]  ޢިމާދުއްދީނު އިސްމާޢީލު އިބްނު ކަޘީރު، އައްސީރާ އައްނަބަވިއްޔާ: ޖ1/ޞ206

[10]  މުޙައްމަދު ބިން މުޙައްމަދު ބިން އަބޫޝަހްބާ، އައްސީރަތުއްނަބަވިއްޔާ ފީޟައުއިލްޤުރްއާނި ވައްސުންނާ: ޖ1/ޞ185

[11]  މުޙައްމަދު ބިން ސަޢުދު، އައްޠަބަޤާތުލްކުބްރާ: ޖ1/ޞ58

[12]  ޞަފިއްޔުއްރަޙްމާނު މުބާރަކްޕޫރީ، އައްރަހީޤުލްމަޚްތޫމް: ޞ54

[13]  މުޙައްމަދު އަލް ޚުޟަރީ ބެކް، ނޫރުލްޔަޤީން ފީ ސީރަތި ސައްޔިދިލްމުރުސަލީން: ޖ1/ޞ63

ކޮމެންޓު