ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
6 ސެޕްޓެންބަރު 2025
އެއީ އަހުރެން ބުނި އެއްޗެއް ނޫނެވެ. އެއީ އިޒުރޭލުން ބުނެފައިވާ އެއްޗެކެވެ. ފީފާ ވޯލްޑް ކަޕުގެ ކޮލިފައިން މެޗުތަކުން ލިބޭ ހުރިހާ ފައިސާއެއް، ޣައްޒާގެ ކުޑަކުދީންނަށް ދޭން ނިންމައިފައިވާކަމަށް ނޯވޭއިން ވަނީ އިޢުލާންކޮށްފައެވެ. މި ކަމާ ގުޅިގެން އިޒުރޭލުން ވަނީ، ނޯވޭއާއި ފީފާއަށް އިންޒާރުދީފައެވެ.
ނޯވޭއިން، ފައިސާ ދޭން ނިންމައިފައިވަނީ، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާ މެދުވެރިކޮށެވެ. އެހެންކަމުން، އެ ފައިސާއަކީ ގެއްލިގެންދާނޭ އެއްޗެއް ނޫނެވެ. މި ކަން މި ގޮތަށް ކުރިއަށް ގެންދިއުމަށް ހުއްދަދިންކަމަށް ބުނެ، އިޒުރޭލުން މިހާރު ދަނީ ނޯވޭއަށް އިންޒާރުދީ، ފީފާއަށް ބިރުދައްކަމުންނެވެ. އަދި އިޒުރޭލުން ބުނާ ގޮތުގައި، އެ ފައިސާ ފަލަސްޠީނުގެ ކުޑަކުދީންނަށް ދިނުމުގެ ބަދަލުގައި ދޭންޖެހޭނީ، އޮކްޓޯބަރު ހަތްވަނަ ދުވަހުގެ ޝިކާރައަކަށް ވެފައިވާ ރަހީނުކުރެވުނު ސަހުޔޫނީންގެ ޢާއިލާތަކަށެވެ. މި ކަމުގެ ސަބަބުން، ނޯވޭ، މިހާރު ވެފައިވަނީ ސާމީ ދަރިކޮޅާ ދެކޮޅު ނުވަތަ އެންޓިސެމިޓިކް އަދި އިރުހާބިއްޔަތަށް ތާއީދުކުރާ ޤައުމަކަށެވެ. އަދި ފީފާއިން އެ ކަމަށް ހުއްދަދިނުމުން، މިހާރު ފީފާއަކީ ވެސް، ސާމީ ދަރިކޮޅާ ދެކޮޅު ޖަމިއްޔާއެއްކަމުގައި އިޒުރޭލުގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި، ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުން ބޮޑުވެ، ނޯވޭއިން ވަނީ އިޒުރޭލުގެ އެންމެ ބޮޑު 11 ކުންފުންޏަކަށް ވުނަކޮށްފައިވާ، އެ ޤައުމުގެ ފައިސާތައް ނަގައިފައެވެ. އަދި ނޯވޭއިން ވަނީ، އެ ފައިސާ ބޭނުންކުރުމުގެ ބަދަލުގައި، ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ ކުދީންނަށް، އެ ފައިސާތައް ހަދިޔާކުރާން ނިންމައިފައެވެ. އަނެއްކޮޅުން ފީފާއިން އެއްވެސް ޖަވާބެއް ދީފައިނުވާ އިރު، ފީފާއިން މި މައްސަލައިގައި އިޒުރޭލަށް ރައްދުނުދިނުން އެކަށީގެންވެއެވެ.
ކޮންމެއަކަސް، މި މައްސަލައިގައި ދެން އެންމެ އަވަހަށް އަޑުއިވޭނީ، ނޯވޭއަކީ ސަހުޔޫނީންނަށް މީގެ 3000 އަހަރު ކުރީން ދެއްވުމަށް މާތްކަލާނގެ ވަޢުދުކުރައްވައިފައިވާ ބިމެއްކަމުގެ އަޑުތައްކަމަށް ވެދާނެއެވެ. އަދި ވޯލްޑުކަޕު ކޮލިފައިނުން ލިބޭ ހުރިހައި ފައިސާއަކީ ވެސް، މީގެ 3000 އަހަރު ކުރީން، ސަހުޔޫނީންނަށް ދެއްވުމަށް، މާތްކަލާނގެ ވަޢުދުކުރައްވައިފައިވާ ފައިސާއަކަށްވެސް ވެދާނެއެވެ. އަދި ފަހަރެއްގައި، ފީފާއަކީ ސާމީ ދަރިކޮޅާ ދެކޮޅު ޖަމުޢިއްޔާއަކަށްވުމުން، އިޒުރޭލުން ފީފާގެ މައި މަރުކަޒަށް ބޮންއަޅައި ސުންނާފަތި ވެސް ކޮށްލައިފާނެއެވެ. ކޮންމެއަކަސް، އިޒުރޭލޭ މިކިޔާ ހަރުފަ، މިހާރު އެ އުޅެނީ އަމިއްލައަށް ނަގުލުގައި ދަތްއަޅައިގެން ކެއުމުގައެވެ. ﷲގެ އިރާދަފުޅާ އެކު ދާދި އަވަހަށް އަމިއްލައަށް، އަމިއްލަ ނަފުސު ކައި ހުސްކޮށްލާނެއެވެ. އަދި އެ ދުވަހަކުން، ދުނިޔެއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެއެވެ.
ދީލަތިކަމާއި، އިންސާފާއި، ހަމަހަމަކަމާއި، އޯގާތެރިކަމަށް ބަލާ އިރު، ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ރަނގަޅު އެއް ޤައުމަކީ ނޯވޭއެވެ. ނޯވޭއިން، އިޒުރޭލުގެ ކުންފުނިތަކުގައި ވުނަކޮށްފައިވާ ހުރިހައި ފައިސާއެއް ނެގުމަކީ، ނޯވޭއިން އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި، ސިހުޔޫނީން ދައްކާ ބިރަކަށް ފަހަތަށްނުޖެހޭނެކަމުގެ ހެތްކެކެވެ.
ފަލަސްޠީނުގެ ވަށައިގެން ތިބި ޢަރަބި މުނާފިޤުންނަށް ވުރެ، ހުޅަނގުގެ ޣައިރު މުސްލިމުން ވެސް މާ ރަނގަޅެވެ. މުސްލިމުންގެ ނަމުގައި މުސްލިމުންގެ ބިންތަކާއި، ޤުދުރަތީ މުއްސަދިކަމުގެ މައްޗަށް ވެރިވެގެން ތިބި، ޢަރަބި އިމާރާތާއި، ސުޢޫދީ ޢަރަބިއްޔާއާއި، ސޫރިއާއާއި، އުރުދުން ފަދަ ޤައުމުތަކުގެ މުނާފިޤު ވެރީން، އެ ގެންދަނީ ފަލަސްޠީނުގެ މުސްލިމުން ކަތިލުމަށް ޓަކައި، ހަތިޔާރާއި ފައިސާއިން، އިޒުރޭލަށް ހުއްޓުމެއް ނެތި އެހީވަމުންނެވެ. ޙަގީގަތުގައި ފަލަސްޠީނު މިނިވަންކުރެވޭނީ، އިސްލާމީ ޤައުމުތަކުގެ މުނާފިޤު ވެރީންގެ ކިބައިން، އެ ޤައުމުތައް މިނިވަންކުރެވިގެންނެވެ.