ad_banner
ސުވަރުގެ: ތަޤުވާވެރީންގެ ގޮވަތި

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

5 ސެޕްޓެންބަރު 2025

ސުވަރުގޭގެ ފުރިހަމަކަން ނުވަތަ އެ ތާނގެ ސިފަތައް މަޚުލޫޤަކަށް ޚިޔާލަށް ގެނާން އެނގޭ ވަރަށް ވުރެ މާ ފުރިހަމަ ވާނެއެވެ.

ސުވަރުގެއަކީ ﷲގެ އަޅުންގެ ތެރެއިން އާޚިރަތްދުވަހުގައި ރަޙުމަތްލައްވާ އަޅުންނަށް ރަޙްމަތްލެއްވުމަށް ޓަކައި ބިނާކުރައްވައިފައިވާ ނިޢުމަތެކެވެ. އެއީ ނަބީބޭކަލުންނަށާއި ޞިއްދީޤުންނަށާއި ޝަހީދުންނަށާއި ޞާލިހުންނަށް  އާޚިރަތްދުވަހުން ނިޢުމަތްލެއްވުމަށް ޓަކައި ބިނާކުރައްވައިފައިވާ ޞުލްޙައިގެ ގޮވައްޗެވެ. ދާރުއްސަލާމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. }لَهُمْ دَارُ ٱلسَّلَٰمِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا۟ يَعْمَلُونَ [1]- އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އަމާންކަމުގެ ގޮވަތި (ކަމުގައިވާ ސުވަރުގެ) އެއުރެންނަށް ހުށްޓެވެ. އަދި އެކަލާނގެއީ، އެއުރެން ކޮށްއުޅުނު عملތަކުގެ ސަބަބުން، އެއުރެންނަށް نصر ދެއްވާ، ވާގިދެއްވާ ރަސްކަލާނގެއެވެ.{

 މާތް ﷲ ސުވަރުގޭގައި އެކަލާނގެ އަޅުންނަށް ބިނާކޮށްދެއްވާ ގަނޑުވަރުތަކުގެ ދަށުން އާރުތައް ހިނގައެވެ.  މި ގަނޑުވަރުތައް ބިނާކޮށްދެއްވައިފައިވަނީ  ރަނާއި ރިހީގެ ގަލުންނެވެ. ފާރުގައި ޖައްސަވައިފައި ވަނީ  ވަސްގަދަ ކަސްތޫރީގެ ސިމެންތިއެވެ. ބަނޑުގަލަކީ ރަންމުތާއި ޔާޤޫތެވެ. ވެއްޔަކީ ކުކުމެވެ. މި ގަނޑުވަރުތަކުގައި ހުންނަ ފޭލިގެކޮޅުތައް ހައްދަވައިފައިވަނީ ބޮޑެތި މުތީތަކުންނެވެ. އެއީ ވިދައިބަބުޅާ ނޫރެކެވެ. އެ ތާނގައި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދީން، ސުވަރުގެވަންތަ ވެރީންގެ ޚިދްމަތުގައި ބުރުޖަހާނެތެވެ.  ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގައި ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ. މި ރާ ބުއިމުގެ ސަބަބުން އެބައިމީހުންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއް ވެސް ނުމެލިބޭނޭމެއެވެ. އަދި އެބައިމީހުން ބޭނުން ގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.  އަދި އެބައިމީހުން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ. އަދި ކަޅިރަވަ ރީތި، ޙޫރުލްޢީނުން ތިބޭނެއެވެ. އެއީ ރައްކާތެރިކުރައްވައިފައިވާ ރަންމުތްތަކަކާ އެއް ފަދަވެގެންވާ ބައެކެވެ. އެއީ  ފިރީން ދެކެ ލޯބިވާ، އެއްފުރާގެ ބިކުރުވެރި ބަޔެކެވެ.

ސުވަރުގޭގެ އަހުލުވެރީން ވަނީ ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.  ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. އަދި ފެތުރިގެންވާ ހިޔަލުގައެވެ. އަދި އަބަދަށް އޮހިއޮހި ހުންނަ ފެން، އެބައިމީހުންނަށް ލިބޭނެއެވެ.  އަދި ގިނަގުނަވެގެންވާ މޭވާތައް ވެސް މެއެވެ. އެއީ ހުސްވުމެއް ނުވާ، އަދި މަނާވުމެއް ނުވާ މޭވާއެވެ.  އެބައިމީހުން ތިބޭނީ އުފުލިގެންވާ ދާންތަކުގައެވެ.  

ސުވަރުގޭގެ އަހުލުވެރީންނަށް ތަފާތު ކެއިންބުއިންތައް ލިބޭނެއެވެ. މި ކެއުންތަކުގެ ސަބަބުން އެ މީހުންގެ ބަނޑުގައި ވައެއް ނުހެދޭނެތެވެ. އެ މީހުން އަރިދަފުހެއް ނާޅާނެތެވެ. އެ މީހުންނަށް ކުޑަކަމުދާކަށް ބޮޑުކަމުދާކަށް ނުޖެހޭނެއެވެ. އެ މީހުންގެ ގައިން ނުކުންނާނީ ކަސްތޫރީގެ ދަލެވެ. މަރުވުމެއް ނެތި ތާއަބަދަށް ދިރި ތިބޭނެތެވެ. ސުވަރުގޭގައި އެ މީހުންނަށް އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއް ލިބިގެންވާނެތެވެ. މި ނިޢުމަތްތަކުގެ އިތުރަށް ސުވަރުގޭގެ އަހުލުވެރިންނަށް ﷲގެ ޒާތުފުޅު ދައްކަވާނެތެވެ. އިތުރު ނިޢުމަތެއް ބޭނުންތޯ މާތްﷲ ސުވާލުކުރައްވާނެތެވެ. އެމީހުން ބޭނުންނޫންކަމަށް ދަންނަވާނެތެވެ.

ސުވަރުގޭގެ ނިޢުމަތްތައް އަދީބުންނަކަށް ޝާޢިރުންނަކަށް ލިޔުންތެރީންނަކަށް ސިފައެއްނުކުރެވޭނެތެވެ. މި ކަން ބަޔާންކޮށްދެއްވައި ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((قَالَ اللَّهُ عز وجل : أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لَا عَيْنٌ رَأَتْ وَلَا أُذُنٌ سَمِعَتْ وَلَا خَطَرَ عَلَى قَلْبِ بَشَرٍ فَاقْرَءُوا إِنْ شِئْتُمْ :{ فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ  - السجدة:17 - ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ޞާލިޙު އަޅުންނަށް މީހެއްގެ ލޮލަކަށް ދުވަހަކު ވެސް ފެނިފައިނުވާ، މީހެއްގެ ކަންފަތަކަށް ދުވަހަކު ވެސް އިވިފައިނުވާ، މީހެއްގެ ހިތަށް ދުވަހަކު ވެސް އަރައިފައިނުވާ ނިޢުމަތްތައް ތިމަންރަސްކަލާނގެ ތައްޔާރުކޮށްދެއްވީމެވެ. ފަހެ ތިޔަބައިމީހުން އެދޭ ނަމަ ﷲގެ މި ބަސްފުޅު ކިޔަވާށެވެ. "ފަހެ، އެއުރެންނަށް ޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفسއަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عملތަކުގެ ޖަޒާއެއްކަމުގައެވެ." ))[2] 

ސުވަރުގޭގެ އަހުލުވެރިން ސުވަރުގެ ވަންނާނީ ފައުޖުފައުޖަށް ބައިބަޔަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ ﴿٧٣﴾‏ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَٰمِلِينَ [3] - އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވިމީހުން، ބައިބަޔަށް ސުވަރުގެޔާދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ! އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އަޅަމެންނަށް އެކަލާނގެ ކުރެއްވި وعد ތެދުކުރެއްވި ރަސްކަލާނގެއެވެ. އަދި އަޅަމެން އެދޭތަނެއްގައި ސުވަރުގޭގައި ތިބުމަށް އެކަލާނގެ އަޅަމެންނަށް ސުވަރުގޭގެ ބިން ވާރުތަކުރެއްވިއެވެ. ފަހެ، ހެޔޮ عمل ކުރާމީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ! ))  

 رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( إنَّ أوَّلَ زُمرَةٍ يدخُلُونَ الجنةَ على صُورةِ القَمَرِ ليلةَ البدْرِ، ثمِّ الّذينَ يلُونهمْ على أشَدِّ كوكَبٍ دُرِّيٍ في السماءِ إضاءةً، لا يَبولُونَ، ولا يَتغوَّطُونَ، ولا يتْفُلُونَ، ولا يَتَمَخَّطُونَ، أمْشاطُهمْ الذَّهبُ، ورشْحُهمُ المِسكُ، ومَجامِرُهمْ الأَلُوَّةُ، وأزواجُهمْ الحُورُ العينُ، أخلاقُهمْ على خُلُقِ رجلٍ واحِدٌ، على صُورةِ أبيهِمْ آدَمَ، سِتُّونَ ذِراعًا في السماءِ. ހަމަކަށަވަރުން އެންމެ ފުރަތަމަ ސުވަރުގެ ވަންނަ ފައުޖުގައި ހިމެނޭ މީހުން ތިބޭނީ ސާދަވިލޭރޭގެ ހަނދެއް ފަދައިން އަލިވެ އުޖާލާވެފައެވެ. ދެން ސުވަރުގެ ވަންނަ ފައުޖުގައި ހިމެނޭ މީހުން ތިބޭނީ އުޑުގައިވާ އެންމެ އަލިގަދަ ގުރަހައާ އެއްގޮތަށް އަލިވެ އުޖާލާވެފައެވެ. އެމީހުންނަށް ކުޑަކަމުދާކަށް އަދި ބޮޑުކަމުދާކަށް ނުޖެހޭނެއެވެ. އަދި ކުޅުޖަހާކަށް އަރިދަފުސް ފޮޅާކަށް ނުމެޖެހޭނެއެވެ.  އެމީހުންގެ ފުނާތައް ރަނެވެ. ގައިގެ ދައު ކަސްތޫރިއެވެ. އަދި އެމީހުންގެ މުޖުމަރާތައް ވަނީ  މޮޅު ބޮކަރުންނެވެ.އެމީހުންގެ އަނބިންނަކީ ޙޫރުލްޢީނުންނެވެ. އެމީހުންގެ ޚަލްޤުކުރެއްވުން އެއްގޮތްވާނެތެވެ. އެމީހުންގެ ބަފާކަލުން އާދަމުގެފާނުގެ ސިފައިގައެވެ. ފަސްދޮޅަސް މުށުގެ އިސްކޮޅުގައެވެ.))

ކައު ރަސޫލާގެ ސުންނަތުން އެނގޭގޮތުގައި ސުވަރުގޭގައި އަށް ދޮރުކޮޅު ހުންނާނެތެވެ. ކޮންމެ ދެ ދޮރުކޮޅެއް ދެމެދުގައި 70 އަހަރުގެ ދުރުމިން ވެއެވެ.[4] މި ދޮރުކޮޅުތަކުގެ ތެރޭގައި އައްރައްޔާން ނަމަކަށް ކިޔާ ޚާއްޞަ ދޮރުކޮޅެއް ވެއެވެ. މިއީ ރޯދަވެރީންނަށް ޚާއްޞަކުރައްވައިފައިވާ ދޮރުކޮޅެކެވެ. ކައު ރަސޫލާ ޙަދީސްކުރައްވައިފައިވާ ގޮތުގައި ނަމާދުގެ އަހުލުވެރީން ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ "بَاب الصَّلَاةِ"އިންނެވެ. ޖިހާދުގެ އަހުލުވެރީންނަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ "بَابِ الْجِهَادِ"އިންނެވެ. ޞަދަޤާތުގެ އަހުލުވެރީންނަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ "بَابِ الصَّدَقَةِ" އިންނެވެ. ރަސޫލާގެ ބަސްފުޅުތަކުން އެނގޭ މި ހުރިހާ ދޮރުކޮޅުތަކަކުން ސުވަރުގެ ވަނުމުގެ ނަސީބު ދެއްވަވާ ބަޔަކު ވެސް ވާނެއެވެ. އަބޫބަކްރުގެފާނަކީ އެފަދަ ބޭކަލެކެވެ.[5]

ސުވަރުގޭގެ ނިޢުމަތްތަކަކީ ދާއިމީ އެއްޗެކެވެ. މި ނިޢުމަތްތައް ހުސްވެގެންނުދާނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((مَّثَلُ ٱلْجَنَّةِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۖ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ أُكُلُهَا دَآئِمٌ وَظِلُّهَا[6]- تقوى ވެރިންނަށް وعدކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާ ވެސް އެފަދައެވެ.))

ސުވަރުގެއަކީ ﷲގެ އެންމެ އަގު ބޮޑު މުދަލެވެ. އެއީ އުންމީދަކުން ގަނެވޭނެ މުދަލެއް ނޫނެވެ. މި މުދާ ގަނެވޭނީ ﷲއަށް އީމާންވެ ﷲ އެންގެވި ގޮތަށް ޞާލިޙު ޢަމަލުތަކުންނެވެ.

އިބްނު ތައިމިއްޔާ ވިދާޅުވިއެވެ." ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލަކީ އީމާންކަމާއި ތަޤުވާއެވެ. ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ތެދުބުނުމާއި އަމާނަތް އަދާކުރުމާއި ޢަހުދަށް ވަފާތެރިވުމާއި މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ރަޙިމުގެ ގުޅުން ވާޞީލުކުރުމާއި އަވަށްޓެރީންނަށް ހެޔޮކޮށް ހިތުމާއި ޔަތީމުންނަށާއި މިސްކީނުންނަށާއި ޖަނަވާރުންނަށް އަޅައިލުން ވެއެވެ."

ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާއި ޒިކުރުކުރުމާއި ދުޢާކުރުމާއި ތިމާގެ އަނބިދަރީން ރަނގަޅަށް ބަލައި ބެލެހެއްޓުން ވެއެވެ. ސުވަރުގޭގެ އަހުލުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ހުރިހާ ކަމެއްގައި ވެސް ޢަދުލުވެރިވުމާއި އެއްވެސް މީހަކަށް ބޭއިންސާފުނުވުން ވެއެވެ.[7]

 

މަރުޖާ:


[2]  - البخاري (3244)، ومسلم (2824)

[3]  - الزمر: 73 - 74

[4]  - المسند (16155)

[5]  - البخاري (3666)، ومسلم (1027)

[6]  - الرعد: 35

[7]  - مجموع الفتاوى ( 10/422).

ކޮމެންޓު