އަބާ މުޙަންމަދު
2 ސެޕްޓެންބަރު 2025
ތާރީޚީ ގޮތުން ބަލާ އިރު، ގޭގެ ދޮރުމަތީގައި (އުއްބައްތިއެއް ނުވަތަ މި ފަދަ އެހެން އެއްޗެއް ނަމަވެސް) ދިއްލައިފައި ބެހެއްޓުމުގެ މާނައަކީ ކޮންމެވެސް ބަޔަކު ގޭގައި އިނބަގެ އިންތިޒާރުގައި ތިބިކަމެވެ. އަދި އޭގެ އެއް މާނައަކީ ދަތުރެއް ނިންމައިލުމަށް ފަހު އެނބުރި އައިސް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެކަމެވެ.
މި ޒަމާނުގައި ވެސް ޢަމަލީ ގޮތުން ބަލާ އިރު، ގޭގެ ބޭރުގައި ހުންނަ ބޮކިތައް ދިއްލައިފައި ބެހެއްޓުމުގެ ޢަމަލީ ފައިދާތަކެއް ވެސް އެބަ ހުއްޓެވެ.
ގޯތިގެދޮރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ތަޖުރިބާކާރެއްކަމަށްވާ ސާރާ ހާޝްބާރގަރ ވިދާޅުވާ ގޮތުގައި ވިސްނުންތެރިކަމާ އެކު ބޭރުގައި ބޮކި ހަރުކޮށްފައި ހުރުމަކީ ގެޔަށް ވަންނަ ދޮރާއި މުހިންމު އެހެން ތަންތަންކަމަށްވާ ގަރާޖު ފަދަ ތަންތަނަށް ވަންނާން ފަސޭހަވާނޭ ކަމެކެވެ.
އެހެންނަމަވެސް، ރޭގަނޑު ނިދާ ގަޑީގައި ބޭރު ބޮކިތައް ދިއްލައިފައި ހުރުމަކީ ގޯތިގެދޮރާއި އަމިއްލަ ޒާތީ ކަންކަމާއި އަދި ތިމާވެށީގެ ގޮތުން ބެލިއަސް އެއީ ރައްކާތެރި ކަމެއްނޫނެވެ.
އެހެންކަމުން ގޭގެ ބޭރު ބޮކިތައް ނިދާގަޑިގައި (ބޭނުމެއް ނެތި) ދިއްލައިފައި ބެހެއްޓުމަކީ އެއް ގޮތަކުން ބެލިޔަސް ބޭނުންތެރި ކަމެއް ނޫނެވެ.
މި ގޮތަށް ރޭގަނޑު ބޭރު ބޮކިތައް ދިއްލައިފައި ބެހެއްޓުމުން ލިބޭ އެތައް ބައިވަރު ގެއްލުންތަކެއްގެ ވާހަކަ މި ދާއިރާގެ ތަޖުރިބާކާރުން ލިޔެފައި ހުރެއެވެ. އެ ކަންކަމުގެ ތެރެއިން ކުޑަ މިންވަރެއް ބަޔާންކޮށްލާނަމެވެ.
ހަކަތަ އިސްރާފުވުން
ގޭގެ ބޭރުވެށީގެ ތަޖުރިބާކާރެއްކަމަށްވާ ޑޭން ސްޓައުޕާ ވިދާޅުވާ ގޮތުގައި ނިދާ ގަޑީގައި ބޭރު ބޮކި ދިއްލައިފައި ބެހެއްޓުމަކީ ވަރަށް ބޮޑު އިސްރާފެކެވެ. ރޭގަނޑުގެ އަނދިރީގައި ގެއަށް މީހަކު އަންނާން ބޭނުންވާ ދަނޑިވަޅެއްގައި ނޫނީ ބޭރު ބޮކި ދިއްލައިފައި ބެހެއްޓުމުގެ ހަމަ އެއްވެސް ބޭނުމެއް ނެތެވެ. ކޮންމެ ގެޔަކުން މި ފަދަ ކަންކަމަށް ސަމާލުކަން ދީފި ނަމަ، އެ ގެޔެއްގައި ކަރަންޓަން ކުރާން ޖެހޭ ހޭދަ ކުޑަވުމުގެ އިތުރަށް މުޅި މުޖުތަމަޢަށް ފޯރުކޮށްދޭ ކަރަންޓު ޚިދުމަތަށް ލުޔެއް ލިބޭނެ ކަމެކެވެ. އޭގެ ސަބަބުން ކަރަންޓު ކަނޑައިގެން ދިޔުމުގެ މައްސަލައަށް ވެސް ޙައްލެއް ލިބޭނެއެވެ. އެހެނީ ބޮޑު މުޖުތަމަޢެއްގެ ހުރިހައި ގެޔެއްގެ ބޭރުގައި ހުންނަ ބޮކިތައް ނިއްވައިލުމަކީ ކަރަންޓުދޭ އިންޖީނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމެކެވެ.
ގޭގެ ވެރީންނަށް ރައްކާތެރިކަމުގެ ނާހަގީގީ އިހުސާސެއް ކޮށްދިނުން.
ގޭގެ ބޭރު އަލިކޮށްފައި ބަހައްޓައިފި ނަމަ، ގެޔަށް ވަގަށް ވަންނަ މީހުންނަށް ހުރަސްއެޅޭނެކަމަށް ބައެއް މީހުން ހީކުރެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ބޭރު އަލިކޮށްފައި ބެހެއްޓުމަކީ "ނޭނގި ނަމަވެސް ވަދެގަންނަ މީހުންނަށް ވަންނާން ފަސޭހަވާނެ ކަމެއްކަމަށެވެ. އޭރުން "ވަންނާން ހުންނަ ދިމަދިމާއަށް ސަމާލުކަންދެން ފަސޭހަވާނެ"ކަމަށް ސަލާމަތީ ތަޖުރިބާކާރެއްކަމަށްވާ ހާޝްބާގަރ ވިދާޅުވެއެވެ.
އަދި ފާހަގަކޮށްލަންޖެހޭ ކަމަކީ ގޭގެ ބޭރު އަލިކޮށްފައި ހުރުމަކީ ގޭގެ ސަލާމަތީ ފިޔަވަޅަކަށް ފުދޭވަރުގެ ކަމެއް ނޫންކަމެވެ. އެއީ އިނބަށް ރައްކާތެރިކަމުގެ ނާހަގީގީ އިހުސާސެއް ކުރެވޭ ކަމެއްކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.
އަވަށްޓެރީންނަށް އުނދަވުން.
ހިތާމައަކީ ރައްކާތެރިކަމުގެ އިހުސާސެއްކޮށްގެން ބޭރުގައި ދިއްލައިފައި ހުންނަ ބޮކިތަކުގެ ސަބަބުން ހަމަނިދި ހޯދާން އުޅޭ އިރު އަވަށްޓެރިޔާގެ ނިދާކޮޓަރިއަށް އަލިއެޅުމަކީ އެކަށީގެންވާ ކަމެކެވެ. އަވަށްޓެރިޔާގެ ގެއަށް މާބޮޑަށް އިނބަގެ ގެއިން އަލި ވަދެގެން އަވަށް ޓެރިއާއަށް ނިދާން އުނދަގޫވެދާނެތީ އިނބަގެ ފަރާތުން އަވައްޓެރިޔާއަށް އުނދަގޫވިޔަނުދިނުމަށް ޓަކައި އިނބަގެ ގޭގެ ބޭރު ބޮކިތައް ނިއްވައިލާން ވިސްނާށެވެ. އޭރުން އެ ކަމަށް ޓަކައި އެމީހުން ދުލުން ޝުކުރު އަދާނުކުރިޔަސް ހިތުން ޝުކުރު އަދާކުރާނެއެވެ.
ގޯސް އިޝާރާތެއް ދިނުން:
މުޅި ރޭގަނޑު ގޭގެ ބޭރު ދިއްލައިފައި ބެހެއްޓުމަކީ ވަގުންނަށް ކުރިމަތިވެދާނެ އުނދަގުލެއްކަމަށް ހީވެދާނެއެވެ. ނަމަވެސް ފަތިހު، އަދި އިރުއަރަންދެން ބޭރު ބޮކިތައް ދިއްލާފައި ހުރުމުން އެ ދެވެނީ ގޯސް ސިގުނަލެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެމީހުން ހީކުރާނީ އެއްވެސް މީހަކު ގޭގައި ނޫޅޭކަމަށް ވެދާނެއެވެ.
ގިނަ ފަހަރަށް ބޭރު ދިއްލައިފައި ހުރުމަކީ ގޭގެ މީހުން ދުރުގައި ތިބިކަމުގެ އިޝާރާތެއް ކަމަށާއި، އަނދިރި، ހަމަހިމޭން ސަރަހައްދެއްގައި ހުންނަ މި ފަދަ އައްޔަކީ ވަގުންނަށް މަގުދައްކައިދޭން ހުންނަ އައްޔެއް ފަދަ އެއްޗަކަށް ވެދާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.
ގޭގެ މަރާމާތަށް ވެސް އުނދަގުލެއް ކުރިމަތިވުން
ކކޮންމެ ބޮއްތެކެއްގެ ވެސް އުމުރަކީ ވަކި ދިގުމިނެކެވެ. ބޭކާރު ގޮތުގައި ބޮކިތައްދިއްލާނަމަ، އެ ބޮކީގެ ޢުމުރު ވަރަށް ބޮޑަށް ކުރުވެއެވެ. އެހެންކަމުން ގޭގެ ބޭރުގައި މަތީގައި ހަރުކޮށްފައި ހުންނަ ބޮކިތައް އަނދައިފި ނަމަ، އެ ބޮކި ބަދަލުކޮށް އާ ބޮތްކެއް ޖެހުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ބޮކީގެ ޢުމުރުގެ މުއްދަތު ގިނަ ދުވަހަށް ބެހެއްޓުމަކީ މި ކަމަށް އުފުއްލާންޖެހޭ ތަކުލީފު ވަރަށް ބޮޑަށް ކުޑަވާނެ ކަމެކެވެ.
ފަނިފަކުސަ ޝައުގުވެރިވުން
ރޭގަނޑު ބޭރުގައި އަލިގަދަވުމަކީ ޕަރުވާނާއާއި އުދުހޭ އެކި ބާވަތުގެ ސޫފިތައް އެ އައްޔަށް ޝައުގުވެރިވާނެ ކަމެއްކަން އިނބަށް ވެސް ރަނގަޅަށް އެނގޭނެކަން ޔަގީނެވެ. "ޚާއްޞަކޮށް އިރުވައި މޫސުމުގެ މެދުތެރޭގައި މުޅި ރޭގަނޑު ބޭރު ދިއްލައިފައި ބެހެއްޓުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ."ސްޓޯޕް ވިދާޅުވިއެވެ. ސަބަބަކީ ދިހަ މޭލުގެ ދާއިރާއެއްގެ ތެރޭގައި އުޅޭ ކޮންމެ ސުތްޕެއް ވެސް އައިސް އިނބަގެ ގެއަށް އައުމުގެ ފުރުޞަތު އޮންނާނެއެވެ. އެ ތަކެތި އިނބަގެ ޢާއިލާގެ މެންބަރުންނަށާއި ގެންގުޅޭ ގުރާ ފަދަ އޮޅު ޖަނަވާރުތަކަށް އުނދަގޫކުރުމަކީ އިނބަ ބޭނުންވާނެ ގޮތެއް ނޫންކަން ކަށަވަރެވެ.
ދިރޭތަކެއްޗަށް ޖަނަވާރުތަކަށް ގެއްލުންލިބި އުޑުމަތީން ތަރި ފެންނަ މިންވަރު މަދުވުން.
އިނބަގެ އޮޅު ޖަނަވާރުތަކާއި ގަސްގަހާގެއްސާއި އެހެނިހެން ދިރުންތައް މި ކާއިނާތުގެ އެކި ޢުންސުރުތައް ހިއްސާކުރާއިރު، އިނބަ ޢަމަލުކުރާ ގޮތުގެ ނަތީޖާއަކީ ވެސް މުހިންމު އެއްޗެކެވެ. "ރޭގަނޑު ބޭރުގެ ބޮކިތައް ދިއްލައިފައި ބެހެއްޓުމަކީ ޖަވާރާއި ދޫނިސޫފާސޫތްޕަށް މާހައުލު އޮޅުންބޮޅުން ބޮޑުވެ، އެ ތަކެތީގެ ޠަބީޢީ ސުލޫކުތަކަށް ބުރޫއަރާ ކަމެއް"ކަމަށް ތަޖުރިބާކާރު ހާޝްބާގަރ ވިދާޅުވެފައިވެއެވެ. މިސާލަކަށް ގިނައިން ދިއްލާފައި ހުންނަ ޕޯޗް ލައިޓްތަކުގެ ސަބަބުން ދޫނިތަކަށް ގުދުރަތީ ގޮތުން ހިޖުރަކުރާ މަގުތަކަށް ބުރޫއަރައި، ވަލު ޖަނަވާރުތަކަށް ގެއްލުން ލިބިދާނެކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ރޭގަނޑު މެދުނުކެނޑި އަލިކުރުމުން އެ ތަކެތީގެ ވަގުތުގެ އިހުސާސް ގޯސްވެ، ވަގުތު ދެނެގަތުމުގެ ނިޒާމަށް ބުރޫއަރައިދާނެއެވެ.
މި ދަންނަވައިލީ ބޭކާރު ގޮތުގައި ގޭގެ ބޭރު ބޮކިތައް ދިއްލައިފައި ހުރުމުން ސީދާ ގޮތެއްގައި އިނބަށް ލިބިދާނެ ގެއްލުންތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން ނިދާންވީމާ ވީހައި ގިނަ ބޮކިތަކެއް ނިއްވައިލުމަކީ ހުރިހައި ގޮތަކުން ވެސް ފައިދާކުރާނެ ކަމެކެވެ.