ad_banner
"ފަރަގު" މީހުން (6): މީހުންގެ ފަރަގު އެނގެނީ އަޅައިކިޔައިލީމައެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

5 ސެޕްޓެންބަރު 2025

ޙަސަން ޒަހީނު (ކ)ގެ "އަޅުގަނޑުގެ ދޭހަ ފޮތް 2" ޙަމްދޫނު ޢަބްދުﷲ ޙަމީދު (ވ) ނެރެދެއްވަނީ

އާދަޔާ ޚިލާފު ޚިދުމަތްތައް ކުރައްވައި ދުނިޔެ ދޫކުރައްވައިފައިވާ ބޭފުޅުންނާއި ދުނިޔޭގެ މަޝްހޫރު ޝަޚުޞިއްޔަތުންނާއި ރާއްޖޭގެ ޝަރަފުވެރި ޚިދުމަތްތެރީންގެ ވާހަކަ މި ކޮލަމުގައި އެބަ ގެނެސްދެމެވެ. މިއަދުގެ ޝަޚުޞިއްޔަތަކީ މި ކޮލަމުގައި ހުޅަހަށައިދެވިފައިވާ ވަރަށް ޚާއްޞަ ޝަޚުޞިއްޔަތެއްގެ އަރިހުގައި ވަޒީފާ އަދާކުރައްވައި ދަރިވަރުވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ވަޒީފާގައި ދެއްކެވި ކަށަވެތިކަމެއްގެ ސަބަބުން ވަޒީފާގެ ކުރިއެރުންތައް ހޯއްދަވައި، ތަޢުލީމީ ކާމިޔާތައް ހޯއްދަވައިފައިވާ ޒުވާނަކު ކިޔަވާކުދީންނަށް ޓަކައި ލިޔުއްވި ދެވަނަ ދޭހަ ފޮތް ދާދިފަހުން ރަސްމީކޮށް ވަނީ ނެރުއްވައިފައެވެ. އެ ފޮތް ނެރެދެއްވީ، މިއަދުގެ ޝަޚުޞިއްޔަތު އެ ބޭފުޅަކު ނަމޫނާއަކަށް ބައްލަވާ ޢިއްޒަތްތެރިއެކެވެ. އެ ވާހަކަ އަޅުގަނޑުމެން މީޑިއާއިން ކިޔައިފީމުއެވެ.

މިއަދު މި ދަންނަވާން އުޅެނީ ކޮން ބޭފުޅެއްކަން މިހާރު އެނގިވަޑައިގެންފާނެއެވެ. އާދޭހެވެ! މިއަދު މި ހުށަހަޅަނީ މ. މުލަކު ޝަބުނަމީގޭ އަލްއުސްތާޒު ޙަސަން ޒަހީނުގެ ވާހަކައެވެ.

ސާނަވީ ތަޢުލީމަށް ފަހު ނޫސްވެރިކަމުގެ އަސާސީ ކޯހެއް ފުރިހަމަކުރެއްވުމަށް ފަހު ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރައްވާން ފެއްޓެވީ ލިޔުންތެރިކަމަށް ހުރި ޝައުގެއްގެ ސަބަބުންނެވެ. "މިއަދު" ނޫހުގައި ޚަބަރާއި މަގާލު ލިޔުއްވައިގެން އެ ދާއިރާއަށް ނުކުމެވަޑައިގަތަސް ފަހުން ވަނީ އަމިއްލަފުޅު ޓީވީ ޕްރޮގަރާމުތައް ހައްދަވައި ހުށަހަޅުއްވައިފައެވެ. "ސަން" އޮންލައިނުގައި ކޮލަމްނިސްޓެއްގެ ގޮތުން މަގުބޫލު ކޮލަމްތަކެއް ލިޔުއްވައިފައިވެއެވެ. މީގެ އިތުރަށް [ޖަޒީރާ] އާއި 'އުދަރެސް'އަށް ވެސް މަގުބޫލު ލިޔުންތަކެއް ލިޔުއްވައިފައިވެއެވެ. އަދި "ލިޔުންތެރީންގެ ގުޅުން" ޖަމުޢިއްޔާގެ އޮންލައިން މަޖައްލާ [ލިޔުންތެރީން]ގައި ލިޔުއްވަމުން ގެންދެވުމަކުން ޒަހީންގެ ލިޔުންތެރިކަމުގެ އަލައެއް ނުކެނޑުނެވެ. އެހެންކަމުން ދެން ނިންމެވީ [ޒަހީން] (www.zaheen.info)ގެ ނަމުގައި އަމިއްލަ ވެބްސައިޓެއް ހިންގަވައިގެން އަމިއްލަފުޅު ލިޔުންތައް ޢާންމުކުރައްވާށެވެ. މި ވެބްސައިޓުގެ ނަން 'ދިހުން'އަށް ބަދަލުކުރައްވައި ސަރުކާރުގައި ރަޖިސްޓަރީކުރައްވައިގެން މުޅީން އަމިއްލަ ނޫހެއްގެ ގޮތުގައި ހިންގެވިއެވެ.

މި ވަރަކުން ވެސް ޒަހީނުގެ ހިތްޕުޅު ހަމައެއް ނުޖެހުނެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނަށް އަމާޒުކުރައްވައިގެން ޢިބްރަތްތެރި ވާހަކަ ލިޔުއްވައި ޢާންމުކުރައްވާން ފެއްޓެވިއެވެ. ޒަހީންގެ ލިޔުއްވުންނަށް ވީހައި ގިނަ ބަޔަކަށް ފަސޭހައިން ކިޔައިލެވޭ ގޮތަށް ހެއްދެވުމަށް ޓަކައި ފޭސްބުކު ޕޭޖެއް ވެސް ވަނީ ހިންގަވައިފައެވެ.

މިއަދުގެ ކިޔަވާކުދީން [ދިވެހި] މާއްދާއަށް ކޮށިކަން އިޙުސާސްކުރެއްވުނު، ހިނދު ދަރިވަރުންގެ ދިވެހިބަހުގެ ދޭހައިގެ ފެންވަރު ރަނގަޅުކުރައްވުމަށް ޓަކައި އެ ދިމާއަށް ލިޔުންތެރިކަން އަމާޒުކުރެއްވީ ދިވެހިބަހަށާއި ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށް ދަރިވަރުންގެ ކުރިއެރުމަށް ދެއްވާ އިސްކަމެއްގެ ސަބަބުންނެވެ. ދަރިވަރުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް އެކި ތަމްރީނުތަކަށް އަމާޒުކުރައްވައިގެން ފެއްޓެވި މި ސިލްސިލާ މަސައްކަތުގެ ދެވަނަ [ދައުރިއްޔާ] ދާދި ފަހުން ވަނީ ޝާއިޢުކުރައްވައި ޢާންމުކުރައްވައިފައެވެ. 

މުލަކަތޮޅު އަތޮޅު ކައުންސިލުން [ފާންތަރި އެވޯޑު] 2017ގައި ހޯއްދަވައިފައިވާ ޙަސަން ޒަހީންއަށް ވަނީ މިއަދު ނޫހުން ދެއްވާ [މިއަދު ކްރިސްޓަލް އެވޯޑް] 2008ގައި ލިބިވަޑައިގެންފައެވެ. މީގެ ކުރީން 2004ވަނަ އަހަރާއި 2007ވަނަ އަހަރު ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަށް ކުޑަކުދީންނަށް ކަމުދާ ގޮތަށް ފޮތް ލިޔުއްވައިގެން ސަރުކާރުން އިނާމު ލިބިވަޑައިގެންފައިވެއެވެ. ވާހަކަދެއްކުންތެރިކަމުގެ 22ވަނަ ޤައުމީ މުބާރާތުން ދެވަނަ ޙާޞިލުކުރައްވައިފައިވާ ޙަސަން ޒަހީން ވަނީ އަދަބީ މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށްދެއްވައިފައެވެ. އެކި އިސްކޫލުތަކަށް އަދަބީ ކޭންޕުތައް ހިންގަވައިދެއްވައިފައެވެ. އަދަބީ މުބާރާތްތަކަށް އެކި އިސްކޫލުތަކުގެ ދަރިވަރުން ތަމްރީނުކުރައްވައިފައެވެ.

2009ވަނަ އަހަރު ޓީވީއެމުން ގެނެސްދިން [ތަރާދު] ޕްރޮގްރާމް ހުށަހަޅުއްވައިދެއްވުމުގެ އިތުރަށް އެ ޕްރޮގްރާމަށް ބޭނުންވި ރިޕޯޓުތައް ލިޔުއްވައިދެއްވީ ވެސް ޙަސަން ޒަހީނެވެ.

އެކި ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ޕާޓުޓައިމް ދާރިސެއްގެ ގޮތުން ކިޔަވައިދެއްވައިފައިވާ ޙަސަން ޒަހީނަކީ ގާނޫނީ ވަކީލެކެވެ. އަދި ކާވެނިކުރައްވާން ބޭނުންފުޅު ބޭފުޅުންނަށް ކާވެނިކޮށްދެއްވާ [ކާވެނީގެ މައުޒޫނެކެވެ.]

މިނިސްޓްރީ އޮފް ޕްލޭނިންގެ އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްގައި އިސް މަގާމުތަކެއް ފުރުއްވައިފައިވާ އަލްއުސްތާޒު ޙަސަން ޒަހީނު ވަނީ، އަދި މިހާރު ވެސް ގެންދަވަނީ ޖުޑިޝަލް ސަރވިސަސް ކޮމިޝަންގައި މުހިންމު މަގާމުތަކެއް އަދާކުރައްވައި އަދި މިހާރު ވެސް އަދާކުރައްވަމުންނެވެ.

ވިލާ ކޮލެޖްގައި ޝަރީޢާއިން ޑިޕްލޮމާއާއި ބްޗްލާރސްއާއި މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވައިފައިވާ ޙަސަންޒަހީނަށް "ފަރަގު" އެދެނީ ޚިދުމަތުގެ ދާއިރާގައި އަދި ވެސް "ފަރަގު"ދައްކަވަމުން ގެންދެވުމުގެ ތައުފީޤު މާތް ﷲ ދެއްކެވުމެވެ.

ކޮމެންޓު