Advertisement

ބޮޑު ތިލަދުންމަތީ ދިއްދޫ: އުންމީދީ ރަށެއް

02 Dec 2023 | 17:07
ހއ. ދިއްދޫ: މިއީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. (ގޫގްލް ފޮޓޯ)

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ދިއްދޫ ހިމެނެނީ މުޅި ތިލަދުންމަތީގައި ވެސް ކުޅުދުއްފުށި ފިޔަވައި ދެން އެންމެ މީހުން ގިނަ ރަށުގެ ގޮތުގައެވެ. އެ ރަށުގެ ރަޖިސްޓަރީގައި މިހާރު 4600 ވަރަކަށް މީހުން އެބަ ތިއްބެވެ. މި ރަށަކީ ސުލްޙަވެރި ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. މި ކަން އެނގެނީ ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ ތެރެއިން އެންމެ ކުށް މަދު 10 ރަށުގެ ތެރޭގައި ޖެހިޖެހިގެން އެތައް އަހަރެއް ވަންދެން މި ރަށް ހިމެނިފައިވާތީއެވެ. ރާއްޖޭގައި ފެތުރިފައިވާ އަމަލުވާތަކެތީގެ މައްސަލަ، އެއް ގޮތަކަށް ވެސް މި ރަށުގައި ނެތީމައެވެ.

ރާއްޖޭގެ އެހެން ރަށްރަށް ފަދައިން މި ރަށް ވެސް އިދާރީ ގޮތުން މިހާރު ހިންގައި ބަލަހައްޓަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރަށު ކައުންސިލުންނެވެ. އެއީ ދިއްދޫ ކައުންސިލެވެ. ނަމަވެސް މުޅި އަތޮޅުގެ ކައުންސިލްތައް ވިލަރެއްކުރުމުގެ ޒިންމާއާ މަތިވެފައިވާ ހއ. އަތޮޅު ކައުންސިލްގެ އިދާރާ ވެސް ހުންނަނީ މި ރަށުގައެވެ. އެހެންކަމުން ދިއްދޫ ހިމެނެނީ އަތޮޅުގެ ވެރިކަންކުރާ ރަށުގެ ގޮތުގައެވެ.

ތަޢުލީމީ ގޮތުން ބަލާ އިރު، މުޅި އަތޮޅުގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާ ހުންނަނީ މި ރަށުގައެވެ. އެއީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މި މަރުކަޒުގައި ތުއްތުކުދީންގެ ތަޢުލީމު (ފައުންޑޭޝަން އެޑިޔުކޭޝަން)އާއި ފަށާތަޢުލީމާއި ސާނަވީތަޢުލީމާއި މަތީސާނަވީތަޢުލީމު ވެސް ފޯރުކޮށްދެމުން ގެންދެއެވެ. މިހާރު ހާހެއްހައި ދަރިވަރުން ކިޔަވަމުން ގެންދާ މި މަރުކަޒުން ތަޢުލީމު ޙާޞިލުކޮށްފައިވާ ދަރިވަރުން ދައުލަތުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވިއެވެ.

ދިއްދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރަށް މި ރަށުގައި ޕްރީ ސްކޫލެއް ވެސް ހިންގައެވެ. އަދި މި ރަށުގައި އިމާރާތްކުރެވެމުންދާ ޖޫނިއަރ ކޮލެޖަކީ ވެސް ރަށުގެ އަދި އަތޮޅުގެ ތަޢުލީމަށް ކުރެވޭ އިތުރު އުންމީދެކެވެ. މި ތަން ޢިމާރާތްކުރަމުން ގެންދަނީ ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އެ ކުދީން ކިޔަވާ ދުވަސްވަރު ބޯހިޔާވަހިކަން ވެސް ދޭ ގޮތަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދިވެހިރާއްޖެ އަދި ހއ. އަތޮޅު: ގޫގުލުން ނަގައިފައިވާ ޗާޓެއް.<br>

ދިއްދޫއަކީ ތަޢުލީމާއި އަދަބިއްޔާތަށް ވެސް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ޒުވާން ވާހަކަ ލިޔުންތެރީންނާއި ވާހަކަދެއްކުންތެރީން މި ރަށު ރައްޔިތުންގެ ތެރޭގައި އެބަ ތިއްބެވިއެވެ. އަތޮޅު ކައުންސިލުން ވެސް ދިވެހިބަހަށް ޚާއްޞަ އިސްކަމެއް ދެއްވާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އަތޮޅު ކައުންސިލްގެ ލޯގޯގައި ވެސް ހުރީ ދިވެހިބަހުން ނަން ލިޔެ ސަގާފީ ނިޝާނެއް ހިމަނައިފައެވެ. މީގެ އިތުރަށް އަތޮޅު ކައުންސިލްގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ޓަކައި އެ ކައުންސިލުން އަބަދު ވެސް ޚާއްޞަ އިސްކަމެއް ދެއްވައެވެ.  ދިވެހިބަހުގެ ގަވާއިދާއި ހަމަތަކަށް މުވައްޒަފުން އަހުވެރިކުރުވުމަށް ޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް  ދިވެހިބަހުގެ އެކެޑަމީއާ ގުޅިވަޑައިގެން މިހާރު ވެސް ކުރިއަށް އެބަ ގެންދަވައެވެ. ނޮވެންބަރު 30ގައި ފެށުނު މި ތަމްރީނު ޕުރޮގްރާމް މިރޭ (އާދީއްތަ ވިލޭރޭ) ނިމޭނެކަމަށް މަޢުލޫމާތު ލިބެއެވެ. މި ޕްރޮގްރާމުގައި ކައުންސިލްގެ ހުރިހާ މުވައްޒަފުންގެ އިތުރަށް އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤާއި ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙަންމަދު އަސްލަމާއި ހުރިހާ ވެރީން ވެސް ޝައުޤުވެރިކަމާއެކު ބައިވެރިވެވަޑައިގަންނަވާކަމަށް "ފަރަގު" ޓީމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާން ވަޑައިގެން ތިއްބެވީ މި ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހޯއްދަވައިގެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންކަމަށް ދިވެހިބަހުގެ އެކެޑަމީއިން މަޢުލޫމާތު ލިބިފައިވެއެވެ.

އަތޮޅު ކައުންސިލްގެ އިސް ވެރީންނާއި މުވައްޒަފުން (ޝަރަފުވެރި މެހުމާނާއި ދެ ދާރިސުންނާއެކު): ފުރަތަމަ ބަރީގައި އިށީނދެވަޑައިގެން (ކަނާތުން ވާތަށް): 1. ސީނިއަރ ކައުންސިލް އެގްޒެކަޓިވް ޝަފީޤު، 2. އަތޮޅުކައުންސިލްގެ ރައީސް މޫސާ ޝަފީޤު، 3. ދާރިސް ޢަޒީޒު ޖަމާލު، 4. ޝަރަފުވެރި މެހުމާނު، އުތީމު އާދަމް ޢަބްދުއްރަޙުމާން، 5. ދާރިސް ޝާހިދު ޙަލީމް، 6. ސެކްރެޓަރީ ޖެނެރަލް އަސްލަމް، 7. ރިޓަޔާރޑް: އަޙުމަދު ނަޞީރު، 8. ކައުންސިލް އެގްޒެކަޓިވް އަސްމާ<br>

މި ރަށުގައި ހުރި ދިއްދޫ އަތޮޅު ހޮސްޕިޓަލަކީ 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީ މުއައްސަސާއެކެވެ. މި ވަގުތު 22 ޑޮކްޓަރުންނާއި 37 ނަރުހުން އެ ހޮސްޕިޓަލުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވެއެވެ. ހޮސްޕިޓަލުގެ ނަންބޯޑަށް ބަލައިލުމުން ވެސް މި ރަށު  ރައްޔިތުން ދިވެހިބަހަށް އިސްކަންދެއްވާ މިންވަރު އަޅުގަނޑަށް ދޭހަވިއެވެ. އެހެން އިދާރާތަކާ ޚިލާފަށް ހޮސްޕިޓަލުގެ ލޯގޯއަކީ އަޅުގަނޑަށް ވަރަށް ހިތްގައިމު ލޯގޯއެއްކަމަށް ވިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ ނަންބޯޑު (ލޯގޯއާ އެކު): މިއީ ވަރަށް ހިތްގައިމު ދިވެހި ވަންތަ ލޯގޯއެކެވެ.<br>

މީގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ވެސް މި ރަށުގައި ހިންގަމުން ގެންދާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އަދި މިނޫނަސް ދައުލަތުގެ ވަރަށް ގިނަ އިދާރާތަކުގެ ގޮފިތައް މި ރަށުގައި އެބަ ހުށްޓެވެ.

ދިއްދޫއަކީ ކުރީން މަސްވެރި އާބާދީއެއް އޮތް އަދި މިހާރު ވެސް މަސްވެރިކަންކުރާ މުރާލި މަދު ބަޔަކު ދިރިއުޅޭ ތަޢުލީމީ ރަށެކެވެ. ކުރީ ޒަމާނުގައި މި ރަށުގައި ތިރީހާ ކައިރި ކުރާ އަދަދަކަށް މަސްދޯނި ފަހަރު ހުށްޓެވެ. ނަމަވެސް އެހެން މަސައްކަތްތަކަށާއި ވަޒީފާގެ ބާޒާރަށާއި އެހެން ސިނާޢަތްތަކަށް މީހުން ޝައުޤުވެރިވުމުގެ ސަބަބުން މި ރަށުގައި މިހާރު މަހަށް ދަނީ މަދު ދޯންޏެއްކަން ހިތާމައާއެކު ފާހަގަކޮށްލަމެވެ.

ބުނެވޭ ގޮތުގައި 19ވަނަ ގަރުނުގެ ކުރީން ދިއްދޫއަކީ ފަޅުރަށެކެވެ. ހއ. އަތޮޅުގައި ކުރީން އަތޮޅުވެރިކަން ކުރެއްވި، އުތީމު އާދަމް ޢަބްދުއްރަޙުމާން ވިދާޅުވާ ގޮތުގައި "ދިއްދޫ"އަކީ ކުރީގެ ތިލަދޫއޭ ކިޔާ ރަށުގެ ދިއްދޫ ރުއްގަނޑެވެ. މިހާރު ވެސް ތިލަދޫ ސަރަހައްދު އެބަ އޮތެވެ. އެ ހިސާބަށް ތިލަދޫ އަވަށޭ ކިޔައެވެ. ހަގީގަތުގައި ތިލަދުންމަތި މި ނަން ނިސްބަތް މި ވަނީ ތިލަދުވަށެވެ. އެއީ މިއަދުގެ ދިއްދޫގެ ބައެކެވެ. އިހު ޒަމާނުގައި މި ރަށް ބަލަހައްޓަނީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރުގެ ފަރާތުންނެވެ. މިއީ އެ ގަނޑުވަރަށް އޮންނަ ފަޅުރަށެކެވެ. 19ވަނަ ގަރުނުގެ ތެރޭގައި ދިއްދޫގައި މީހުން އާބާދުވިކަމަށް ބެލެވެނީ އިންޑިއާގެ މަލާބާރީން ދޮނަކުޅި ހިފުމުގެ ސަބަބުން ނުވަތަ އިންޑިއާގެ ކަނޑުފޭރޭ މީހުންގެ އުނދަގޫ ބޮޑުވެގެން އެ ރަށުން ފައިބައިގެން އައި ރައްޔިތުން ދިއްދޫއަށް ބަދަލުވި ހިސާބުންނެވެ.

ތާރީޚީ ގޮތުން ދިއްދޫ ފާހަގަކުރެވޭ ޚާއްޞަ އެހެންކަމެއް ވެސް އެބަ އޮތެވެ. އެއީ މުޙަންމަދު އަމީން ދީދީގެ ދައުރުގައި އުފެދުނު "ބޮޑުތިލަދުންމަތީ ގަޑުބަޑު"ގައި ބައިވެރި ނުވެ ދައުލަތަށް ވަފާތެރިކަން މަތީ އޮތް ރަށެއްގެ ގޮތުންނެވެ. އެހެންވީމާ ކުރީ ޒަމާނުގައި ވެސް ދިއްދޫ ރައްޔިތުންނަކީ ދައުލަތަށް ވަރަށް ވަފާތެރި ބަޔެއްކަން ސާބިތުވެއެވެ.

2022ގައި ބޭއްވި މަސް ރޭހުގެ ތެރެއިން (ފޮޓޯ: ހއ. އަތޮޅު ކައުންސިލް)<br>

ދިއްދުވަކީ ބިޔަ ގަސްތައް މަދު، ހޫނު ގަދަ ރަށެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ކަމުގެ ސަބަބެއްކަމަށް އެނގިފައިވަނީ އިހު ޒަމާނުގައި ހިޔާދޭ ގަސްގަސް ނުބަހައްޓައި އެ ފަދަ ގަސްތައް ކެނޑުމެވެ. މުޅި ދިއްދޫއަކީ އިހުގައި މަސްވެރިކަމަށް ބިނާވެފައިވާ ރަށެއްކަމަށް ވުމާއެކު، މަސް ހިއްކުމަށް ޓަކައި ގިނައިން އަވި ބޭނުންވާތީއެވެ.

އަތޮޅުގެ ގާތްގަނޑަކަށް މެދެއްހާ ތާނގައި، މާލެއާ 303.5 ކިލޯމީޓަރު (ގާތްގަނޑަކަށް 189 މޭލު) ދުރުގައި އޮންނަ ދިއްދޫއަކީ ސަގާފީ ގޮތުން ލަކްޝަދީބުގެ މަލިކާ ޢާއިލީ ގުޅުން އޮންނަ ރަށެއްކަމަށް ބެލެވެއެވެ. މަލިކުގެ މަޝްހޫރު ކާއެއްޗެއްކަމަށްވާ "ހިތި" ނުވަތަ ހިއްޗާ ބަތަކީ ދިއްދޫގައި ވަރަށް މަޝްހޫރު އެއްޗެކެވެ. މި ހިއްޗަކީ އާންމުކޮށް އަޅުގަނޑުމެން ދަންނަ ބަނބުކޭލު ހިއްޗެއް ނޫނެވެ. ޅަ ގަބުޅި ހިމުންކޮށްގެން ކައްކާ އެއްޗެކެވެ. ކައްކާ ގޮތް އަޅުގަނޑަށް މާ ރަނގަޅަށް ނޭނގުނަސް އެއީ މީރު ލައިގެން ކާ އެއްޗެއްކަން އަޅުގަނޑަށް ތަޖުރިބާކުރެވުނެވެ. މި ނޫނަސް މަލިކަށް ނިސްބަތްވާ ވަރަށް ގިނަ ކާ ތަކެތި މި ރަށުގައި ކުރީން ހަދައި އުޅުނުކަމަށް މަޢުލޫމާތު ލިބުނެވެ. އަދި މަލިކު ބަހުރުވައާއި ދިއްދޫ ބަހުރުވައިގައި އެއް ގޮތް ލަފުޒުތަކެއް ވެސް ހުރެއެވެ. މަލިކަށް ނިސްބަތްވާ ޢާއިލާތައް ވެސް މި ރަށުގައި ހުންނަކަމަށް ވެއެވެ. "މަލިކުގެ"އޭ ކިޔާ ގެޔެއް ވެސް ދިއްދޫގައި ހުންނަކަމަށް އާދަމް ޢަބްދުއަރަޙުމާން މަޢުލޫމާތުދެއްވިއެވެ.

މި ރަށުގެ ބިން ވަނީ ހިއްކައިގެން ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އުތުރުކޮޅުން ހިއްކި ސަރަހައްދުގައި ސަރުކާރުން ބިނާކޮށްދެއްވި ގެތަކުގައި ޒުވާން އާބާދީއެއް ދިރިއުޅެމުން ގެންދާއިރު، އެއާ ކައިރި ހިސާބެއްގައި މީހުން ދިރިއުޅޭ ފުލެޓުތަކެއް ވެސް ބިނާކުރަމުން އެބަގެންދެއެވެ. އެހެންކަމުން މި ރަށަށް ބަލައިލުމުން އުންމީދީ ރަށެއްގެ ގޮތުގައި ސިފަކުރެވޭކަމަށް އަޅުގަނޑު ދަންނަވާ ހިތް ވެއެވެ.

__________________________________

Advertisement

ކޮމެންޓް
ޙާރިސް
ދިއްދޫ އަކީ ރަނގަޅު ރަށެއް
03 Dec 2023
މަރީ
ޝުކުރިއްޔާ! މި ރަށާ ބެހޭ ގޮތުން ނޭނގޭ ބައެއް މަޢުލޫމާތު ވެސް ލިބިއްޖެ. އެހާ ހަގު ރަށެއްކަން. 4000 މީހުން އުޅޭ ރަށެއްކަން. ޝުކުރިއްޔާ! ފަރަގު
04 Dec 2023