އަބާ މުޙަންމަދު
26 އޯގަސްޓް 2025
ދިވެހިރާއްޖެއަކީ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2011އިން 2013ވަނަ އަހަރުގެ ނިޔަލަށާއި 2014އިން 2016ވަނަ އަހަރުގެ ނިޔަލަށް އެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. ހަމަ މިފަދައިން 2023ވަނަ އަހަރުން ފެށިގެން 2025ވަނަ އަހަރުގެ ނިޔަލަށް މިހާރު ހިނގަމުންދާ ދައުރުގައި ވެސް ދިވެހިރާއްޖެއަކީ އެ މަޖިލީހުގެ މެންބަރެކެވެ. މީގެ އިތުރަށް ދިވެހިރާއްޖެއިން ވަނީ 2013ވަނަ އަހަރާއި 2023ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމު އަދާކޮށް އެ މަޖިލީހުގެ ދިވެހިރާއްޖޭގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުން ދައްކުވައިދީފައެވެ.
އިއްޔެ އަނެއްކާ މި ޚަބަރު ލިބުނީ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ އަނެއްކާ އިންތިޚާބުވެއްޖެ ކަމަށެވެ.
އާދޭހެވެ! އިއްޔެ ބޭއްވި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ ހޮވިވަޑައިގެންފައެވެ. މި މަޤާމަށް ޑރ. ސަލްމާ ރަޝީދު ނަންފުޅު ހުށައަޅައިފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން، ކައުންސިލްގެ ބިއުރޯގައި އެ ގުރޫޕުގައި ހިމެނޭ ހުރިހާ ޤައުމުތައް ތަމްޞީލުކުރުމަށް ޓަކައެވެ.
މި ކަމުން އަންގައިދެނީ ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ ގައުމުތަކުގައި ޝުހުރަތު ލިބިފައިވާ ފަޚުރުވެރި ގައުމެއްކަމެވެ. މި ކަމަށް ޓަކައި ދާއިމީ ޑރ. ސަލްމާ ރަޝީދަށާއި ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒަށް ތަހުނިޔާ އަރިސްކުރަމެވެ. މި ތަހުނިޔާގައި ޚާރިޖީ ދާއިރާގެ ޚިދުމަތްތެރި މުވައްޒިފުންނާއި ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން ޝާމިލުކުރަމެވެ.
ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއް ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި ބައިނަލްއަގުވާމީ މަންސަތަކުގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަރީޚެއް ތާރީޚެއް އޮތް ޤައުމެކެވެ. ދިވެހިރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ މަސްރަހުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ ތިންވަނަ ފަހަރަށް އިންތިޚާބުވުމުން ދައްކުވައިދެނީ ބައިނަލްއަގުވާމީ މައިދާނުގައި ޚާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ދިވެހިރާއްޖެއަށް އޮތް އިތުބާރާއި ޔަޤީންކަމެވެ.
އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔެ ފަސާދަކުރާ އެމެރިކާއަކީ ދިވެހީން އިންސާނީ ހައްގުތަކާއި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ނަމޫނާއަކަށް ބަލާންޖެހޭ ގައުމެއް ނޫންކަން ދިވެހިރާއްޖެއިން ގަބޫލުކުރާންޖެހެއެވެ. އިންސާނީ ހައްގުތަކޭ ކިޔައިގެން އަދުލު އިންޒާފާއި ޑިމޮކުރެސީއާ ޚިލާފަށް އެމެރިކާއިން ނެރޭ ރިޕޯޓުތަކަށް ދިވެހިރާއްޖެއިން ބަރޯސާވާކަށް ނުޖެހޭކަން ދުނިޔޭގެ ގައުމުތަކުން ދިވެހިރާއްޖެއަށް ކުރާ އިތުބާރުން ހާމަވެއެވެ.
ކޮންމެއަކަސް އިއްޔެގެ އިންތިޚާބުން ހާމަވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިތުބާރު ރާއްޖެއަށް އޮތް މިންވަރެވެ. މި އިތުބާރު ދެމެހެއްޓުމަކީ ދިވެހިރާއްޖެއިން އަދާކުރާންޖެހޭނެ މަސްއޫލިއްޔަތެއްކަން ކަށަވަރެވެ.
ބައެއް ލަފުޒުގެ މާނަ:
މަންސަ ނ. ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު.
މަސްރަހު ނ. ގަސްދުކުރެވޭ މާނަވީ ދާއިރާއެއް.