ad_banner
ދޮގާއި މަކަރާއި ހީލަތުގެ ދެލީން ލިޔެ، ޝާއިޢުކުރާ އިންސާނީ ޙައްޤުތަކުގެ ރިޕޯޓު

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

25 އޯގަސްޓް 2025

އެމެރިކާގެ ދޮގު ރިޕޯޓު

އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަމުގައި، އެހެން މީހުންގެ މައްޗަށް ޙުކުމްކުރުމުގެ ޙައްޤު އެމެރިކާއަށް ދިނީ ކާކުހެއްޔެވެ؟ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދުނިޔޭގެ ހުރިހައި ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ބެލެންސް ޝީޓާ ބެހޭ ގޮތުން ކޮންމެ އަހަރަކު ވެސް ތުހުމަތުގެ ރިޕޯޓުތައް ލިޔެ ޝާއިޢުކުރެއެވެ. އެ ރިޕޯޓްތަކަކީ ދުނިޔޭގެ އެއްވެސް ދައުލަތަކުން އަދި ޢާލަމީ އެއްވެސް ޖަމުޢިއްޔާއަކުން ބަލައިގަންނަ ރިޕޯޓެއް ނޫނެވެ. އަދި އެއީ އެކުވެރި ދައުލަތްތަކުގެ، ހައިކޮމިޝަން ފޯރ ހިއުމަން ރައިޓްސް (އެޗްސީޑީއެޗް) ނުވަތަ، އެ ޖަމިއްޔާގެ ޚާއްސަ ރެޕަޓުއާރއިން، އެ ރިޕޯޓަށް ބިނާކޮށް ދުނިޔޭގައި ރަނގަޅު ނުރަނގަޅު ވަކިކޮށް ޕޮއިންޓުދީ ހަދާ އެއްޗެއްވެސްނޫނެވެ.

އެކަމަކު، ޢާލަމީ ފަނޑިޔާރެއްގެ ދައުރު އަދާކުރާން ވޮޝިންގޓަނަށް އެންގީ ކާކުހެއްޔެވެ؟ އަދި މި ހުރިހައި ކަމަކަށް ވުރެ އެންމެ ބޮޑުކަމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ބޮޑެތި ޖަރީމާތައް ހިންގާއިރު ވެސް، ޚުދު އެމެރިކާއަށް، ނުވަތަ އެމެރިކާގެ ގާތް އެކުވެރިންގެ މައްޗަށް މި ފަދަ ރިޕޯޓްތައް ލިޔެ ޝާއިޢުނުކުރެވެނީ ކީއްވެގެންހެއްޔެވެ؟ އަދި އެމެރިކާއާއި، އެމެރިކާގެ ބައިވެރީން ހިންގާ ޖަރީމާތަކަށް، އެމީހުން ޖަވާބުދާރީނުކުރެވެނީ ކީއްވެގެންހެއްޔެވެ؟

އެމެރިކާއިން އެންމެފަހުން ނެރުނު، 2024ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކުގެ ރިޕޯޓުގައި އެމެރިކާގެ މުނާފިޤުކަން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވެއެވެ. އިޒުރޭލާ ބެހޭ ގޮތުން ލިޔެފައިވާ ބާބުގައި، ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ، އިޒުރޭލުގެ ސަރަޙައްދުތަކެއްކަމަށާއި އަދި އިހުތިލާލީ ބާރެއްގެ ގޮތުގައި އިޒުރޭލުގެ މަސްއޫލިއްޔަތެއް އޮންނާންޖެހޭކަމަށް ބުނެ ލިޔެފައިވާ ބަޔަކީ، އުޑު ބަޅުކުރެއްވި ހިސާބުގައި ބަޔަކު ލިޔެފައިވާނޭ އެންމެ ލަދުޙަޔާތް ކުޑަ އެންމެ ހުތުރުކަން ބޮޑު ވާޤިއާއެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގައި އެމެރިކާއަކީ އެ ކަމަށް ވާގިދޭ އަދި އެ ޖަރީމާގެ ފުރިހަމަ ބައިވެރިއެއްކަމުގެ ކުނި ވަސް، މި ރިޕޯޓުން ދުވައެވެ. މި ރިޕޯޓުގައި އިސްރާއީލުގެ ދައްޖާލީ މޫނުމަތި ރީތިކުރުމަށް ޓަކައި ނުލިޔަނީ ކޮން ވާހަކައެއްހެއްޔެވެ؟ މި ރިޕޯޓުގައި އާޚިރުގައި މަޒުލޫމުން ކުށްވެރިންނަށްވެ، ޒާލިމުންނަކީ އެއްވެސް ކުށެއްނުކުރާ މަޢުސޫމު ބަޔަކަށް ވަނީ ހަދައިފައެވެ.

އެމެރިކާގެ މި ރަސްމީ ލިޔުމުގައި، ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ބަޔާންކޮށްފައިވާކަމަށް، އެމެރިކާއިން ދަޢުވާކުރާ އިރު، ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ނަސްލުހޭދުއާއި، ލާއިންސާނީ އަނިޔާވެރިކަމުގެ ވާހަކަ ވަނީ ގަސްތުގައި ފޮރުވައިފައެވެ. 2023ވަނަ އަހަރުގެ އޮކުޓޫބަރު މަހުން ފެށިގެން 2024ވަނަ އަހަރުގެ ނިޔަލަށް ގިނަ ޢަދަދެއްގެ ކުޑަކުދީންނާއި، އަންހެނުން ހިމެނޭ ގޮތަށް އިސްރާއީލުން މަރައިލައިފައިވާ 62،000 ފަލަސްތީނު މީހުންގެ ވާހަކައެއް، އެ ރިޕޯޓަކު ނެތެވެ. މި ހިނދުން މި ހިނދަށް ވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއިންވެސް (އ.ދ) މިހާރު ވަނީ ގަބޫލުކޮށްފައެވެ.

ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުން ގަސްތުގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ފަލަސްޠީނު މީހުން ކާބޯތަކެއްޗާއި، ބޯފެނާއި، އަދި ބޭހުން މަހުރޫމުކުރުމަށް ހިންގާ އަނިޔާވެރި ޖަރީމާއާ މެދު އެއްވެސް އެއްޗެއް، އެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. ބައިނަލްއަޤުވާމީ ޢަދާލަތުގެ މަޙުކަމާއިން ބެންޖަމިން ނަތަންޔާހޫއާއި ޔޯއާވް ގަލަންޓު ހައްޔަރުކުރުމަށް ނެރުނު އަމުރާއި، ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާއި ދެކޮޅަށް ހިންގައިފައިވާ އަދި ހިންގަމުން ގެންދާ ޖަރީމާތަކާއި، ބަނޑުހައި ހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި، ބައިނަލްއަޤުވާމީ ޢަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީވުމަށް ގޮވައިލައިފައިވާ ގޮވައިލުމާ މެދު މި ރިޕޯޓް އޮތީ ކަނުވެފައެވެ. ވޮޝިންޓަނުގެ އިސްތިރާޖީން ދެކޭ ގޮތުގައި އިންސާނީ ޙައްޤުތަކާއި ޚިލާފުވެފައިވާ ފަރާތްތަކަކީ ހަމާސްއާއި ހިޒުބު اللهއެވެ. ޣައްޒާއާއި، ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސާއި، ލުބުނާނާއި، ސީރިޔާއާއި، ޔަމަނާއި އަދި އީރާނުގައި އިޒުރޭލުން ހިންގި ޖަރީމާތަކުގެ އެއްވެސް ވާހަކައެއް އެ ރިޕޯޓަކު ނެތެވެ. މެދުއިރުމަތީގައިވާ އެމެރިކާގެ 51ވަނަ ވިލާޔަތް ކަމަށްވާ، ޝައިޠާނީ އިސްރާއީލާ ޖެހުމުން، އެމެރިކާނުންގެ ލޮލުގެ ފެނުން ގެއްލި ދެލޯ ކަނުވެ، ކަންފަތް ބީރުވެ، ދުލުގައި ގޮތްޖެހި ކުއްލިއަކަށް ދޫ ބަންދުވެއެވެ. އަދި މި ލަދުވެތި ރިޕޯޓު ލިޔުނު، ބޮޑާ ކިބުރުވެރި ލިޔުންތެރީންގެ ޝައިޠާނީ ސިކުނޑިތަކުގައި، ފަލަސްޠީނީންނާއި އެހެން ޢަރަބިންނަކީ އިންސާނުންގެ ގޮތުގައި ގިންތިކުރެވިފައި ވެސް ނުވެއެވެ. އެހެންކަމުން، އެމެރިކާގެ އިންސާނީ ހައްޤުތަކުގެ މިންގަނޑުތަކުގައި ޢަރަބީންނާއި އެހެނިހެން މުސްލިމުންނަކީ އިންސާނުންގެ ތެރޭގައި ހިމެނޭ ބަޔެއް ނޫނެވެ. މިއީ ޑިމޮކްރެސީއާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެމެރިކާގެ ފެންވަރެވެ. އެކަމަކު، އަހުރެމެން މި ތިބެނީ އެ މީހުންގެ ފިޔަވަޅުމަތީން، ކައުންޓަރ ޓެރަރިޒަމް ފަދަ އިދާރާތައް ހަދައިގެން އެ މީހުން ދައްކާ މަގުން ހިނގާށެވެ. މިއީ ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ!

އެ ރިޕޯޓުގައި، ވަރަށް މުބްހަމުކޮށް، ނޫސްވެރިކަމުގެ މިނިވަންކަން އިޒުރޭލުގައި ހަނިކުރެވިފައިވާ ވާހަކަ ބަޔާންކޮށްފައިވާ އިރު، ޣައްޒާއަކީ މިނިވަން ނޫސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައި އޮތް އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި އެއް ތަނެވެ. މީގެ އިތުރަށް، އިސްރާއީލުން މަރައިލި 200 އަށް ވުރެ ގިނަ ނޫސްވެރިންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. ފަހަރެއްގައި، ވޮޝިންޓަންގެ ބިއުރޯކްރެޓުން ދެކޭ ގޮތުގައި ފަލަސްޠީނުގެ ނޫސްވެރީންނަކީ ހައިވާނުންކަމަށް ވެސް ވެދާނެއެވެ. އެ މުޑުދާރު ރިޕޯޓުގައި، ރައިން ކޯރުގެ އައްސޭރިފަށުން ފަލަސްޠީނަށް އެތެރެކުރި ޔަހޫދީންގެ ތެރެއިން ބައެއް މީހުން، ސުވާލުއުފެދޭ ގޮތަށް، ގަވާއިދާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ އިރު، 21ވަނަ ގަރުނުގައި، ދުނިޔޭގެ ކުރިމަތީގައި ފަލަސްޠީނުގެ ރަށްވެހީން ހައްޔަރުކޮށް، އެކި ތަންތަނަށް ބަދަލުކޮށް، ޝަރީއަތެއް ނެތި ޖަލަށްލައި، އަދި އަނިޔާދީ މަރައިލި އެތައް ހާސް ފަލަސްތީނުގެ މީހުންގެ ވާހަކައެއް ނެތެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިސްރާއީލުން ދީފައިވާކަމަށް ބުނެފައިވާ އިރު، އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުހޭދު ނޫސްވެރިންނަށް ފެނި، އެ ކަންކަން ރިޕޯޓްކޮށްފާނެތީ، ބައިނަލްއަޤުވާމީ ނޫސްވެރިން ޣައްޒާއަށް ވަނުން، އިޒުރޭލުން ވަނީ މަނާކޮށްފައެވެ.

އެކަމަކު، ޙަޤީޤަތް އެންމެންނަށް އެނގެއެވެ. އަދި ޙަޤީޤަތް ވަނީ ލިޔެވި ރައްކާކުރެވިފައެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގެ 94 އިންސައްތަ ހޮސްޕިޓަލްތައް ވަނީ ހަލާކުކޮށް ބޮޑެތި ގެއްލުންތައް ދީފައެވެ. ޣައްޒާގެ ޢިމާރާތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ، ސުންނާފަތިވެފައެވެ. 10،000އަށް ވުރެ ގިނަ ޔަތީމު ކުދީން، ތަޢުލީމާއި، ބޭސްފަރުވާއާއި، ކާނާއިން މަހުރޫމްވެ، ދިރިއުޅެމުން ދަނީ ފޭލިގެތަކުގައެވެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، އިންސާނީ އެހީގެ މަސައްކަތްކުރާ މީހުންގެ ތެރެއިން އެތައް ބަޔަކު، ޑިއުޓީ އަދާކުރަމުން ދަނިކޮށް، ބޮންއަޅައި މަރައިލައިފައިވެއެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ރިޕޯޓެއްކަމަށް، ދަޢުވާކުރާ ރިޕޯޓެއްގައި، މި ވާހަކަތަކާ މެދު، ނޭނގޭކަމަށް ހެދިގެން ތިބޭނީ ކިހިނެއްހެއްޔެވެ؟

އެމެރިކާގެ، އެ ރިޕޯޓުތަކަކީ އިންސާނީ ޙައްޤުތައް ދިފާއުކޮށްދޭނޭ ވަކިފަރާތަކަށް ނުޖެހޭ، ރިޕޯޓްތަކެއް ނޫނެވެ. މިއީ "އަންކަލް ސޭމުގެ" ޚުދުމުޚުތާރު ވެރިކަމުގެ ފަރާތުން ދުނިޔޭގެ އެހެން ޤައުމުތަކުގެ ބޮލުގައި އިލްޒާމުއެޅުވުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެކެވެ. އަދި ތިމާމެންގެ ޖަރީމާތަކާއި، ތިމާމެންގެ އެކުވެރީންގެ ޖަރީމާތަކުގެ މަތިޖަހައި ހުދުކާފޫރަށް ހަދައިލާ އެއްޗެކެވެ. 2024ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކުގެ ރިޕޯޓަކީ، ޣައްޒާގެ ނަސްލުހޭދުއަށް އެމެރިކާއިން ފޮނުވި ހަތިޔާރާއި، މާލީ އެހީތެރިކަން ފޮރުވުމަށާއި، އެ ޖަރީމާގައި އެމެރިކާގެ ބައިވެރިވުން، ފޮރުވުމަށް ލިޔެފައިވާ ތާކުންތާކު ނުޖެހޭ ރިޕޯޓެކެވެ. އަދި އެއީ، ފާޑުކިޔުންތަކުން އިޒުރޭލު ރައްކާތެރިކޮށް، އެމެރިކާއިން މެދުއިރުމަތި ފަނާކުރުމަށް މާލީގޮތުންނާއި، އަސްކަރީ ގޮތުންނާއި، ޑިޕްލޮމެޓިކް ގޮތުންނާއި އަދި މީޑިއާގެ ބޭނުންކޮށްގެން ކުރަމުންދާ މުޑުދާރު މަސައްކަތް ތަބުރީރުކުރުމަށް ލިޔެފައިވާ ރިޕޯޓެކެވެ. އެމެރިކާއިން ދުނިޔޭގެ ފަނޑިޔާރަކަށް ވެގެން މިފަދަ މުޑުދާރު ރިޕޯޓްތައް ލިޔެ، އާންމުކުރާ އިރު، އެމެރިކާއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެކެވެ.

އިންސާނީ ޙައްގުތަކާ ބެހޭ ގޮތުން ތެދު ރިޕޯޓެއް ލިޔާ ނަމަ، ބުނާން ޖެހޭނީ، ތިމާމެންގެ އެހީތެރިކަމާ އެކު، އިންސާނީ ކާރިސާއަކަށް ޣައްޒާ ހަދައިލައިފައިވާ ވާހަކައެވެ. ޤައުމެއް އެއްކޮށް ބަނޑަށްޖައްސައި، މިސައިލާއި ބޮންއަޅައި ސުންނާފަތިކޮށް، ގޯތި ގެދޮރުން ބޭރުކޮށް، ގިނަ ބަޔަކު ޖަލަށްލައިފައިވާ ވާހަކައެވެ. އެމެރިކާއަކީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ ގައުމެއްނޫނެވެ. އެމެރިކާއަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މުސީބާތެކެވެ. ވީމާ، އެހެން މީހުންގެ މައްޗަށް ޙުކުމްކުރުމުގެ ޙައްޤު އެމެރިކާއަށް ދިނީ ކާކުހެއްޔެވެ؟

 

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު. genocide  

އިލްޒާމު     ނ.    (1) މީހެއްގެ ބޮލުގައި އަޅުވާ ބަދުނާމު. (2) ތުހުމަތު accusation .

މަޒުލޫމު     ނ.    އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ.  victim

ޖަރީމާ      ނ.    ބޮޑެތި ކުށް crime .

ޖަމުއިއްޔާ    ނ.    ވަކި މަގުސަދެއްގައި އެއްބައިވެފައިވާ މީހުންތަކެއްގެ ޖަމާޢަތް. association

ކޮމެންޓު