ad_banner
ޔޫކުރޭނާއި ރޫސީންނާ ދެމެދު ހިނގާ ކުރިމަތިލުންތަކުގެ އެންމެ ފަހުގެ އަދާހަމަތައް

އަބާ މުޙަންމަދު

24 އޯގަސްޓް 2025

ރޫސީތެޔޮ މަރުކަޒެއްގައި ރޯވެފައި: މިހާރު ނިއްވައިލެވިފައިވާކަމަށް ރޫސީވިލާތުން ބުނޭ

ތަޅައިފޮޅުން

ޔޫކްރޭންގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގައި އޮންނަ ރޫސިން ޔާރާއި، ވޮލޮޑިމިރިވްކާއާއި ކަޓެރިނިވްކާގެ އާބާދީތައް ރަޝިޔާ ސިފައިން ކޮންޓުރޯލުކޮށްފައިވާކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން އިއްޔެ ވަނީ ބުނެފައެވެ.

ހަންގޭރީއާއި ސްލޮވާކިއާއަށް ރަޝިޔާއިން ތެޔޮ ފޯރުކޮށްދިނުން • ރަޝިޔާގެ ތެލުގެ މަރުކަޒަކަށް ޔޫކްރޭންގެ ޑުރޯނު ހަމަލާއެއްދިނުމުގެ ސަބަބުން މަދުވެގެން ފަސް ވަރަކަށް ދުވަހަށް މެދުކަނޑައިލާންޖެހިދާނެކަމަށް ހަންގޭރީއާއި ސްލޮވާކިއާގެ އޮފިޝަލުން ބުނެފައިވެއެވެ. ޔޫކްރޭނުން ދިން ހަމަލާއަކީ މި ހަފުތާގައި ރަޝިޔާއިން ތެޔޮ ފޯރުކޮށްދިނުން މި ދެގައުމަށް މެދުކަނޑައިލި ދެވަނަ ފަހަރެވެ.

ރޫސީވިލާތުން ވިލާތުގެ ގައުމުތަކަށް ތެޔޮ ބޭރުކުރާ ޑްރޫޒްބާ ތެޔޮ ހޮޅިއަޅައިފައި އޮންނަ، ރަޝިޔާގެ ބްރައިއަންސްކް ސަރަހައްދުގެ އުނެޗާގައި ހުންނަ ތެޔޮ މަރުކަޒެއްގައި ޔޫކްރޭންގެ މިސައިލާއި ޑުރޯނު ހަމަލާތަކުގެ ސަބަބުން، އަލިފާން ރޯވިކަމަށާއި އެ އަލިފާން ނިއްވައިލެވިފައިވާކަމަށް ސަރަހައްދީ ގަވަރުނަރު އެލެގްޒެންޑަރ ބޮގޯމާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ސުލްހައިގެ ވާހަކަތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރޫސީ ރައީސާ އެކު ބޭއްވި ބައްދަލުވުމުން މާޔޫސްވެފައެވެ. އެހެންކަމުން ދެ ހަފުތާ ތެރޭގައި ޔޫކުރޭނު މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގައި ކުރިއެރުންތަކެއް ނުލިބިއްޖެ ނަމަ، ރޫސީވިލާތަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ޓުރަންޕު ދީފައިވާ އިންޒާރު ހުކުރު ދުވަހު ވަނީ އަލުން ތަކުރާރުކޮށްފައެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ "ހުރިހާ ކަމަކަށް ނޫނެކޭ" ބުނެފައިކަމަށް ތުހުމަތުކުރައްވައި، ޕޫޓިނާއި ޔޫކުރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ އެކީ ސަމިޓެއް ބާއްވާން ތާވަލުކުރެވިފައި ނެތްކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ހުކުރުދުވަހު ވަނީ ވިދާޅުވެފައެވެ.

އެކަމަކު ލަވްރޯވް ވިދާޅުވީ ޒެލެންސްކީއާ އެކު ބައްދަލުވުމެއް ބާއްވައި ޑީލެއްހެދުމަކީ ކުރެވިދާނެ ކަމެއްކަމަށާއި، އެއީ އެފަދަ ބައްދަލުވުމަކަށް އެކަށީގެންވާ އެޖެންޑާއެއް އޮތް ނަމަކަމަށެވެ.

އަނެއްކޮޅުން ޒެލެންސްކީ ވަނީ އޭނާއާއި ޕޫޓިނާ ދެމެދު ބައްދަލުވުމެއް ނުބޭއްވޭނެ ހުރިހައި މަސައްކަތެއް ރޫސީވިލާތުން ކުރާކަމަށް ތުހުމަތުކޮށް، ރޫސީވިލާތަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އާކޮށް ވަރުގަދަކުރުމަށް ޔޫކުރޭނުގެ އެކުވެރީންނަށް ގޮވައިލައިފައެވެ.

ދެ ލަފުޒެއްގެ މާނަ:

އަދާހަމަ ނ.   (1) އެއްޗަކާ ނުވަތަ ކަމަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު.

ޑީލު   ނ.   ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

ކޮމެންޓު