ad_banner
ކީރިތި ޤުރްއާނުގެ ޢަދަދީ މުޢުޖިޒާތަށް ބަލައިލުން (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

20 އޯގަސްޓް 2025

ޤުރުއާނަކީ އޭގެ ޒާތުގައި ވަރަށް ބޮޑު މުޢުޖިޒާތެކެވެ.

(2025 އޮގަސްޓު 13ވަނަ ޢަދަދާ ގުޅޭ)

މި ބަސްފުޅުތަކުން އެނގެނީ ޤުރްއާނުގެ ނައްޞުތަކުގެ ދަލާލަތުގެ އިންތައް ދެނެވޮޑިގަންނަވަނީ ﷲ ތަޢާލާކަމެވެ. މި އިންތައް އިންސާނާއަށް އެނގޭނީ ޤިޔާމަތްދުވަހުންކަމެވެ.

ކީރިތި ޤުރްއާނުގެ އިޢުޖާޒީ ބައެއް ދަލާލަތްތަކުން އަޅުގަނޑުމެންގެ ޖީލަށް ހާމަކޮށްދެއްވައިފައިވާ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ. މި އިޢުޖާޒުގެ ހުރިހާ ދިސަތަކެއް ދެނެވޮޑިގަންނަވަނީ މާތްﷲއެވެ.

 ކީރިތި ޤުރްއާނުގައިވާ ކޮންމެ  ކަލިމައަކަށް ބަލައިލިޔަސް އެ ކަލިމަ ޢަދަދުތަކަކާ ގުޅިފައިވާ ތަން ފެނެއެވެ. މި ކަލިމައިގެ އަކުރުތަކުގެ ޢަދަދުތަކާ އެހެން ކަލިމަތަކުގެ ޢަދަދުތަކާ ގުޅިފައިވާ ތަން ފެނެއެވެ. ޙިސާބިއްޔާތުގެ ބަދަހި ގެތުމަކުންނެވެ. ކައުނީ އެތައް ޙަޤީޤަތްތަކަކާ އެކު ގެތިގެންނެވެ.

1-        އަޅުގަނޑުމެންނަށް މިއަދު އެނގޭ ގޮތުގައި އަޅުގަނޑުމެން މި ދިރިއުޅޭ ބިން އިރުގެ ވަށައިގެން އެނބުރޭއިރު އޭގެ އަމިއްލަ ނަފްސުގެ ވަށައިގެން އަހަރަކު 365 ބުރު ޖަހައެވެ. ކީރިތި ޤުރްއާނުގައި (يوم  - ދުވަސް) 365 ފަހަރު ވާރިދުވެފައިވެއެވެ. ދުވަސް މި ޢަދަދަށް ތަކުރާރުވެފައިވުމަކީ މި ޙަޤީޤަތް  ދަލާލަތުކޮށްދޭ ކަމެކެވެ.

2-        އަޅުގަނޑުމެންނަށް މިއަދު އެނގޭގޮތުގައި ހަނދު ބިމުގެ ވަށައިގެން ދައުރުކުރާ އިރު މި ހަނދަށް 12 ވަށަލައެއް ވެއެވެ. ކީރިތި ޤުރްއާނުގައި (شهر – މަސް) 12 ފަހަރު ތަކުރާރުވުމަކީ އަހަރެއްގައި 12 މަސް ވާ ކަމަށް ދަލާލަތުކުރާ ކަމެކެވެ. 

3-        ކީރިތި ޤުރްއާނުގައި އައިސްފައިވާ (البحرالبريبساً : ކަނޑު ، އެއްގަމު ، ހިކިފަސްތަން) މި ކަލިމަތަކަށް ބަލާ އިރު، މި ކަލިމަތައް ތަކުރާރުވެފައިވާ ޢަދަދާއި މި ބިމުގައި ފެނާއި ހިކިފަސްތަން އޮތް މިންވަރާ ގުޅިފައިވާ ނިސްބަތަށް ދަލާލަތު ލިބެއެވެ.  البر މި ކަލިމަ ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ. އެހެނަސް يبساً އައިސްފައިވަނީ ހަމަ އެންމެ ފަހަރަކުއެވެ. މި ދެ ކަލިމައިގެ ޖުމްއަކީ 12+ 1= 13 އެވެ. البحر  މި ކަލިމަ ތަކުރާރުވެފައިވަނީ 32 ފަހަރުއެވެ. ވީމާ މި ތިން ކަލިމައިގެ ޖުމްއަކީ 13+32 = 45 އެވެ. ވީމާ ހިކިފަސްތަނުގެ (އެއްގަމުގެ) ނިސްބަތަކީ، 45/13 = 29 % އެވެ. ފެނުގެ ނިސްބަތަކީ ، 45/32= 71 % އެވެ. 

4-         (الدنيا- ދުނިޔެ) މި ކަލިމަ ޤުރްއާނުގައި 115 ފަހަރު ތަކުރާރުވެފައި ވެއެވެ. އަދި (الآخرة – އާޚިރަތް) މި ކަލިމަ ޤުރްއާނުގައި 115 ފަހަރު ތަކުރާރުވެފައި ވެއެވެ.

5-        (جنّات  - ސުވަރުގެ) މި ކަލިމައާއި މި ކަލިމައިގެ އޮފި ކަލިމަތައް ޤުރްއާނުގައި 77 ފަހަރު ތަކުރާރުވެފައިވާ އިރު (جهنم - ޖަހަންނަމަ) މި ކަލިމައާއި މި ކަލިމައިގެ އޮފި ކަލިމަތައް ވެސް ތަކުރާރުވެފައި ވަނީ ހަމަ މި ޢަދަދަށެވެ. 

6-        الملائكة މި ކަލިމަ ކީރިތި ޤުރްއާނުގައި ތަކުރާރުވެފައިވަނީ 68 ފަހަރުއެވެ. الشيطان މި ކަލިމަ ވެސް ތަކުރާރުވެފައިވަނީ ހަމަ 68 ފަހަރުއެވެ. الملائكة މި ކަލިމައާއި މި ކަލިމައިން އައިސްފައިވާ ކަލިމަތައް ތަކުރާރުވެފައިވަނީ 88 ފަހަރުއެވެ. ހަމައެފަދައިން الشيطان މި ކަލިމައާއި މި ކަލިމައިން އައިސްފައިވާ ކަލިމަތައް ތަކުރާރުވެފައިވަނީ 88 ފަހަރުއެވެ.

7-        الإيمان މި ކަލިމަ ޤުރްއާނުގައި ތަކުރާރުވެފައިވަނީ 17 ފަހަރުއެވެ. މި ކަލިމައިގެ އިދި ކަލިމަ الكفر ތަކުރާރުވެފައިވަނީ ހަމަ 17 ފަހަރުއެވެ.

8-         (الطيب – ރަނގަޅު ޢަމަލު) މި ކަލިމަ ޤުރްއާނުގައި 7 ފަހަރު ތަކުރާރުވެފައިވާއިރު މި ކަލިމައިގެ އިދިކަލިމަ (الخبيث – ނުބައި ޢަމަލު) ވެސް ތަކުރާރުވެފައިވަނީ ހަމަ 7 ފަހަރުއެވެ.

9-         (الرشد –ހިދާޔަތުގެ ސާފު އަލިމަގު) މި ކަލިމަ ތަކުރާރުވެފައިވަނީ 3 ފަހަރުއެވެ. މި ކަލިމައިގެ އިދިކަލިމަ (الغّي – ޟަލާލަތުގެ އަނދިރިމަގު) ތަކުރާރުވެފައިވަނީ ވެސް ހަމަ 3 ފަހަރުއެވެ. 

މިއިން އެނގެނީ ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ކޮންމެ ކަލިމައެއް ތަކުރާރުވެފައިވަނީ މުޠްލަޤު ޙިކުމަތަކަށް ޓަކައެވެ. މި ޙިކުމަތް ﷲ ނޫން އެހެން އެއްވެސް ފަރާތަކަށް ނޭނގެތެވެ. އަދި ކުރިމަގުގައި ވެސް ނޭނގޭނެތެވެ. އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވެ ކުރިއަރަމުންދިޔަ ވަރަކަށް މި ކަލިމަތައް ތަކުރާރުވެފައިވާ ޙިކުމަތުގެ ތެރެއިން އިތުރު އެތިކޮޅުކޮޅު އެނގިގެންދާނެތެވެ. މިސާލަކަށް ޢިލްމީގޮތުންނާއި ސައެންސީ ގޮތުން ބިމުގައިވާ ފެނާއި ހިކިފަސް ސަރަޙައްދުގެ މިންވަރު ނޭނގޭނަމަ އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުގައި މި ނިސްބަތް ބަޔާންކުރައްވައިފައިވާ ކަން ދެނެއެއް ނުގަނެވޭނެއެވެ. 

ބައެއް ކަލިމަތަކުގެ ޖުމްލައަށް ބަލައިލުން

ކީރިތި ޤުރްއާނުގައި އައިސްފައިވާ ބައެއް ކަލިމަތަކުގެ ޖުމްލައާ މެދު ބަލައިލަމާހިނގާށެވެ! މި ޖުމްލައިން  އަސްލު މަސްއަލައިގެ ޖައުހަރު އަޅުގަނޑުމެންނަށް އެނގޭނެއެވެ.

މިސާލަކަށް މި އަންނަ ދެ އާޔަތަށް ބަލަމާހިނގާށެވެ!

1-    ((لَا يَسْتَأْذِنُكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أَن يُجَاهِدُوا بِأَمْوَالِهِمْ وَأَنفُسِهِمْ ۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ  (1) - اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރުމުން އެއްކިބާވެތިބުމަށް ކަލޭގެފާނުގެ އަރިހުން إذن އަކަށް ނޭދޭނެތެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) މި އާޔަތުގައި އޮތީ 14 ކަލިމައެވެ. ނުވަތަ ލަފުޒެވެ.

2-    (( إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ (2)- (ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދެނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންކަން ކަށަވަރެވެ. އަދި އެއުރެންގެ ހިތްތަކުގައި، شك ހިނގާ މީހުންނެވެ. ފަހެ، އެއުރެންގެ شك ކަމުގެ ތެރޭގައި، އެއުރެން ދެއަތަށް ކިރިކިރި ތިބެތެވެ.)) މި އާޔަތުގައި ވެސް އޮތީ ހަމަ 14 ލަފުޒެވެ. މި ދެ އާޔަތުގައި މި އޮތީ ދެ ބާވަތެއްގެ ބައެއްގެ ވާހަކައެވެ. އެއްބަޔަކީ ﷲއަށް އީމާންވާ  މީހުންނެވެ. އަނެއްބަޔަކީ ﷲއަށް އީމާންނުވާ މީހުންނެވެ.

އިތުރު މިސާލެއް:  الواقعة  ސޫރަތުގެ 27ވަނަ އާޔަތުން 40ވަނަ އާޔަތަށް ބަލައިލަމާ ހިނގާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ فِي سِدْرٍ مَّخْضُودٍ ﴿٢٨﴾‏ وَطَلْحٍ مَّنضُودٍ ﴿٢٩﴾‏ وَظِلٍّ مَّمْدُودٍ ﴿٣٠﴾‏ وَمَاءٍ مَّسْكُوبٍ ﴿٣١﴾‏ وَفَاكِهَةٍ كَثِيرَةٍ ﴿٣٢﴾‏ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴿٣٣﴾‏ وَفُرُشٍ مَّرْفُوعَةٍ ﴿٣٤﴾‏ إِنَّا أَنشَأْنَاهُنَّ إِنشَاءً ﴿٣٥﴾‏ فَجَعَلْنَاهُنَّ أَبْكَارًا ﴿٣٦﴾‏ عُرُبًا أَتْرَابًا ﴿٣٧﴾‏ لِّأَصْحَابِ الْيَمِينِ ﴿٣٨﴾‏ ثُلَّةٌ مِّنَ الْأَوَّلِينَ ﴿٣٩﴾‏ وَثُلَّةٌ مِّنَ الْآخِرِينَ  -ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ (27) (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. (28) ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. (29) އަދި ފެތުރިގެންވާ ހިޔަލުގައެވެ. (30) އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ. (31) އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ. (32) ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ. (33) އަދި އުފުލިގެންވާ ދާންތަކެވެ. (34) ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ. (35) ފަހެ، بِكر ވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ. (36) ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ. (37) ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ. (38) އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ. (39) އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ. )) މި އާޔަތްތަކުގައިއޮތީ 37 ލަފުޒެވެ. މިއީ ކަނާތްފަރާތުގެ މީހުންގެ ވާހަކައެވެ.

ދެން الواقعة ސޫރަތުގެ 41ވަނަ އާޔަތުން ފެށިގެން 48ވަނަ އާޔަތަށް ބަލައިލަމާ ހިނގާށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.  ((وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ ﴿٤١﴾‏ فِي سَمُومٍ وَحَمِيمٍ ﴿٤٢﴾‏ وَظِلٍّ مِّن يَحْمُومٍ ﴿٤٣﴾‏ لَّا بَارِدٍ وَلَا كَرِيمٍ ﴿٤٤﴾‏ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ ﴿٤٥﴾‏ وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ ﴿٤٦﴾‏ وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ ﴿٤٧﴾‏ أَوَآبَاؤُنَا الْأَوَّلُونَ ﴿٤٨﴾ - ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟ (41) (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ. (42) އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ. (43) ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ. (44) ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. (45) އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. (46) އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟ (47) އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟))  މި އާޔަތްތަކުގައިވާ ލަފުޒުތަކުގެ ޢަދަދަކީ ހަމަ 37 އެވެ. އެހެނަސް މިއީ ވާތްފަރާތުގެ މީހުންގެ ވާހަކައެވެ.  (ނުނިމޭ)

 

ބައެއް ލަފުޒުގެ މާނަ:

ދިސަ  ނ.   ދުނިޔޭގެ މިސްރާބުތައް. އަސާސީ ހަތަރު ދިސައަކީ އިރު، އުތުރު، ހުޅަނގު، ދެކުނު، މިއެވެ. ސާނަވީ ދިސަތަކަކީ އިރުއުތުރު، ހުޅަނގުއުތުރު، ހުޅަނގުދެކުނު، އިރުދެކުނު މިއެވެ. (2) މިސްރާބު  direction

ޖީލު   ނ.   (1) އެއްދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (2) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް.

ދަލާލަތު ނ.   (1) ދަލީލުތައް ހެކިތައް (2) ޢަލާމާތްތައް

 

މަރުޖާ

1  - التوبة : 44

2  - التوبة : 45

ކޮމެންޓު